31 މާޗް 2018 - 10:12
ނީސް، ފްރާންސް (މާޗް 31) – އާޖެންޓީނާ އާއި އިންގްލެންޑާ ދެކޮޅަށް އިޓަލީ ކުޅުނު މެޗުގެ ސްކޮޑުން އޭނާ އަށް ޖާގައެއް ހައްގުވި ކަމަށް މާރިއޯ ބަލޮޓެލީ ބުނެފި އެވެ.
އިޓަލީން 2012 ވަނަ އަހަރުގެ ޔޫރޯގެ ފައިނަލަށް ދަތުރުކުރި އިރު މޮޅު ކުޅުމެއް ދެއްކި ބަލޮޓެލީ އަށް 2014 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު އިޓަލީން ޖާގައެއް ނުދެ އެވެ. މި ސީޒަނުގައި ފްރާންސްގެ ނީސް އަށް 30 މެޗުން 22 ގޯލް ޖަހައިދީފައިވާތީ އަލުން އޭނާ އަށް ޖާގަ ދޭނެ ކަމަށް ބެލެވުނަސް އެ ފުރުސަތެއް ނުލިބުނެވެ.
"އަހަރެން ހުރީ އެ ފުރުސަތަށް އުއްމީދުކޮށްގެން. އަހަރެން ދެކޭ ގޮތުގައި އަހަންނަށް ޖާގައެއް ހައްގުވި،" ބަލޮޓެލީ ބުންޏެވެ.
މި އަހަރުގެ ވޯލްޑް ކަޕުން ފުރުސަތު ގެއްލިފައިވާ އިޓަލީގެ ވަގުތީ ކޯޗު ލުއިޖީ ޑި ބިއާޖިއޯ ވަނީ ބަލޮޓެލީގެ ކުޅުން ބަލަމުން އަންނާނެ ކަމަށް ބުނެފަ އެވެ. އެކަމަކު އޭނާ އަށް ޖާގަ ދިނުން ދެން ބިނާވާނީ އަލަށް އަންނަ ކޯޗެއްގެ މައްޗަށް ކަމަށް ލަފާކުރެވެ އެވެ. ދެން ގެންނަން މަސައްކަތްކުރާ ކޯޗުންގެ ތެރޭގައި ރޮބާޓޯ މަންޗިނީ ހިމެނެ އެވެ. މަންޗިނީ އަކީ ބަލޮޓެލީއާ ވަރަށް ގާތް އަދި އަދި ކުރިން އޭނާ އަށް މެންޗެސްޓާ ސިޓީގައި އިރުޝާދު ދީފައިވާ ކޯޗެކެވެ.
އިންޓަ މިލާނާއި މެންޗެސްޓާ ސިޓީ އާއި އޭސީ މިލާން އަދި ލިވަޕޫލަށް ކުޅެފައިވާ ފޯވާޑް ނީސް އަށް ބަދަލުވެ ފެންނަނީ ތަފާތު މީހެއްގެ ގޮތުގަ އެވެ. އެއް ބަޔަކު ދެކޭ ގޮތުގައި އޭނާގެ ކުޅުން ރަނގަޅުވުމުގެ ސަބަބަކީ ކުރިއާ ބަލާއިރު އަހުލާގު ރަނގަޅުވުމެވެ.
"އަހަރެން މިހާރު ކުރިއަށް ވުރެ ހަރުދަނާވެއްޖެ. އެކަމުގެ ޝުކުރު ހައްގުވަނީ އަހަރެންގެ ކުދިންނަށް،" އުމުރުން 27 އަހަރުގެ ބަލޮޓެލީ ބުންޏެވެ.
ނީސްއާ އެކު ބަލޮޓެލީ ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނަށް ފަހު ހަމަވާއިރު އޭނާ އަންނަ ސީޒަނުގައި ޔޫރަޕުގެ ބޮޑު ޓީމަކުން ފެނިދާނެ ކަމަށް ބެލެވެ އެވެ. އެގޮތުން މިލާން، ރޯމާ އަދި އިންޓަ އިން އޭނާ ޝައުގުވެރިވާ ކަމަށް ވާހަކަތައް ދެކެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުޗް
01 April 2018
ދަގަނޑޭ ގެ ބަދަލަކކަށް މިކޮޅަށް އައްނަނަވީނުން؟؟
އަސްލުހާލަތު
31 March 2018
ބަލޯ ދެރަނުވޭ ނިއު އިޓަލީން ޖާގަދޭ ސީނިއަރ ކުޅުންތެރިން ތެރޭގަ ބަލޯ ހިމެނޭނެ..ސަބަބަކީ ސީނިއާ ކުޅުންތެރިން ނަގާއިރުވެސް 30 އަހަރުން ދަށުގެ ކުޅުންތެރިންނަށް މިހާރު ޓާގެޓްކޮށްފަ އޮތީ ނިއު އިޓަލީ ޕޮލިސީގަ
ކަޅޭ
31 March 2018
ކުޅުމަށް ބަލާއިރު ބަލޮޓެލީއައް ސްކޮޑުން އޭނާ އަށް ޖާގައެއް ހައްގުވޭ.