އޭއެފްސީ ކަޕުގައި އިންޑިއާގެ އައިޒޯލް ކޮޅަށް ދަގަނޑޭ (ވ-3) ގޯލް ޖެހުމުން ނިއުގެ ކުޅުންތެރިން މަރުހަބާ ކިޔަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
03 އެޕްރީލް 2018 - 00:44
ދެ ލަނޑު ޖަހައި އިތުރު ދެ ލަނޑު ޖަހަން މަގުފަހިކޮށްދީގެން އެސްޓީއޯ މާލޭ ލީގުގައި މިރޭ ޔުނައިޓެޑް ވިކްޓަރީ އަތުން 4-1 އިން ނިއު ރޭޑިއަންޓް މޮޅުކޮށްދިނުމަށް ފަހު އެ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އެ މޮޅު ގައުމީ ކޯޗަށް ހަދިޔާކޮށްފި އެވެ.
ފަސޭހަކަމާ އެކު ހޯދި ތިން ޕޮއިންޓާ އެކު ނިއު ވަނީ 10 ޕޮއިންޓް ހަމަކޮށް ތާވަލުގެ އެއް ވަނަ އަށް އަރައިފަ އެވެ. މިރޭ އެންމެ ބޮޑު ތަފާތެއް ދެއްކީ ނޫސްވެރިންގެ ބައްދަލުވުމަކަށް ހާޒިރުނުވުމުން ކަމަށް ބުނެ، ގައުމީ ޓީމުން މިދިޔަ ހަފުތާގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުން ކޯޗު ޕީޓާ ސެގާޓް ފުރުސަތު ނުދިން ދަގަނޑޭ އެވެ.
"އަޅުގަނޑު މި މޮޅު ހަދިޔާކުރާނީ ގައުމީ ކޯޗަށް،" މެޗަށް ފަހު ނޫސްވެރިން ގާތު ދަގަނޑޭ ބުންޏެވެ.
ގައުމީ ޓީމަށް އެތައް ހިދުމަތެއްކޮށްދީފައިވާ ކުޅުންތެރިޔަކު ކުއްލި ގޮތަކަށް ޓީމުން ވަކިކުރި މައްސަލައިގައި ގައުމީ ކޯޗަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. އަނެއްކޮޅުން ކޯޗުގެ ނިންމުމަށް އެއް ބަޔަކު ތާއީދު ވެސް ކުރެ އެވެ.
ޔުނައިޓެޑް ވިކްޓަރީގެ ގޯލްކީޕަރުގެ ޖާޒީގެ ކުލަ އާއި ރެފްރީންގެ ކިޓުގެ ކުލަ އެއްގޮތްވުމުން ޔުނައިޓެޑް ވިކްޓަރީން މައްސަލަ ޖެއްސުމުން މިރޭގެ މެޗު ފެށުން ލަސްވި އެވެ. އެންމެ ފަހުން ރެފްރީންގެ ކިޓުގެ ކުލަ ބަދަލުކޮށްގެން އަރައި މެޗު ފަށައިގެން އަށް މިނެޓު ހިނގިތަނާ ދަނޑުގެ އިރު ދެކުނު ކަނުގެ ބޮކި ދަނޑި ނިވި ކުޅުން މެދުކަނޑާލަން ޖެހުނެވެ. އެކަން ހައްލުކޮށްގެން ކުޅެން ފަށައިގަނެވުނީ 12 ވަރަކަށް މިނެޓު ފަހުންނެވެ.
ނިއު އަށް މެޗުގެ ފުރަތަމަ ދެ ގޯލް ޖަހައިދިނީ ސްޕެއިން ފޯވާޑް ހުއިލެމް މާޓީ މިސުޓެވެ. އޭނާ ފުރަތަމަ ގޯލް ފަސް ވަނަ މިނެޓުގައި ބޮލުން ވައްދާލީ ހިލޭ ޖެހުމަކުން ދަގަނޑޭ ހުރަސްކުރި ބޯޅައަކުންނެވެ. ދެ ވަނަ ލަނޑު 30 ވަނަ މިނެޓުގައި ޖެހީ ދަގަނޑޭ ދިން ބޯޅައެއް ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.
އޭގެ ކުރިން ނިއު އަށް ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. އެގޮތުން 21 ވަނަ މިނެޓުގައި އަފްގާނިސްތާން ޑިފެންޑަރު ޒޯހިބް އިސްލާމް އަމީރީ ކޯނަރަކުން ހުރަސްކުރި ބޯޅަ މާޓީ ބޮލުން ޖެހުމުން ޔުނައިޓެޑް ވިކްޓަރީގެ ގޯލްކީޕަރު ތޮލާލް ހަސަން (ޓޮޕްލަޗް) މަތަކުރި އެވެ. އަދި 22 ވަނަ މިނެޓުގައި ދަގަނޑޭ ދިން ބޯޅައަކަށް އަލީ ފާސިރު (ސެންޓޭ) ހުހަށް އަރަނިކޮށް ވެސް ތޮލާލް އެ ބޯޅަ ސަލާމަތްކުރި އެވެ.
މި ހާފުގެ ފަހުކޮޅު ދަގަނޑޭ އަށް ހުސް ތިން ފުރުސަތެއް ލިބި ބޭކާރުވި އެވެ. އޭނާ 34 ވަނަ މިނެޓުގައި ހުހަށް އަރައި ކީޕަރު ތޮލާލް ކައިރިން ނައްޓާލަން އުޅުނު ވަގުތު ތޮލާލް އެ ބޯޅަ ދިފާއުކުރި އެވެ. އަދި އިތުރު ވަގުތު އަކްރަމް އަބްދުލްގަނީ ނެގި ހުރަހެއް ދަގަނޑޭ އޭރިއާ ތެރެއިން ފޮނުވާލުމުން ވެސް ތޮލާލް ދިފާއުކުރި އެވެ.
ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި ދަގަނޑޭ ވަނީ ނިއުގެ ތިން ވަނަ ގޯލް ޖަހައިފަ އެވެ. ނިއުގެ ސެންޓޭ ފޮނުވާލި ބޯޅައެއް ޔުނައިޓެޑް ވިކްޓަރީގެ ކުޅުންތެރިޔެއްގެ ބްލޮކްވެގެން އައި ގަޑީގައި އޭނާ ވަނީ ބޯޅަ ގޯލަށް ވައްދާލައިފަ އެވެ.
އޭގެ ފަހުން 56 ވަނަ މިނެޓާއި 59 ވަނަ މިނެޓުގައި ދަގަނޑޭ ވަނީ މާޓީ އަށް ރަނގަޅު ދެ ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ފުރަތަމަ ފުރުސަތުގައި އޭނާ ޖެހި ބޯޅަ ގޯލާ އަމާޒުނުވެ ދިޔައިރު ދެ ވަނަ ބޯޅަ ޖެހުމުން އަމާޒުވީ ހުރަސް ދަނޑިއަށެވެ. ނިއުގެ ހަތަރު ވަނަ ލަނޑު ދަގަނޑޭ ޖެހީ 80 ވަނަ މިނެޓުގައި ސެންޓޭ ނެގި ހުރަހަކުން އޭރިއާ ތެރޭ ހުހަށް ހުރެ ގޯލަށް ވައްދާލައިގެންނެވެ.
ޔުނައިޓެޑް ވިކްޓަރީގެ ހަމައެކަނި ލަނޑު 81 ވަނަ މިނެޓުގައި ޖެހީ އެ ޓީމުގެ ކެޕްޓަން އަދި ނިއުގެ ކުރީގެ ފޯވާޑް ހުސެއިން ޝިމާޒް (ކޮކީ) އެވެ. ނިއުގެ ކުޅުންތެރިން އޮފްސައިޑް ކަމަށް ހީކޮށްގެން ތިބި ބޯޅައެއް އައި ވަގުތު ކީޕަރު އިމްރާނަށް ރަނގަޅަށް ސާފުކޮށްނުލެވުމުން ކޮކީ ހޯދައި ވަނީ ގޯލަށް ވައްދާލައިފަ އެވެ.
ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ސަސްޕެންޝަނުގައި ހުރުމުން މިރޭ ޓީމަށް އިރުޝާދުދިން އެސިސްޓަންޓް ކޯޗު އަޝްރަފް ލުތުފީ (ސަމްޕަތު) ބުނީ ކުޅުމާ މެދު އެހާ ހިތްހަމަނުޖެހޭ ކަމަށާއި ލިބުނު ގިނަ ފުރުސަތުތައް ބޭކާރުވެ ފެނިގެން ދިޔައީ ލަސް ކުޅުމެއް ކަމަށެވެ.
"ކަން ދިމާވި ގޮތުން ކަމަށް ވެސް ވެދާނެ (އެހެންވީ). މެޗު ފެށުން ވެސް ޑިލޭވެގެން ދިޔައީ. އޭގެ އިފެކްޓްވެސް ކުރި. އަނެއްކާ ލައިޓް ނިވިގެން ވެސް މެދުކަނޑާލަން ޖެހުނު،" ސަމްޕަތު ބުންޏެވެ.
އޭނާ ބުނީ ނިއު އިން ނުކުންނަނީ ވަރަށް ސީރިއަސް ވެގެން ކަމަށާއި މިފަދަ ކަންކަން ދިމާވަނީ އިންތިޒާމްކުރާ ފަރާތުން ތައްޔާރުނުވާތީ ކަމަށް ވެސް ވެދާނެ ކަމަށެވެ. އަދި އޭނާ ވަނީ ކީޕަރާއި ރެފްރީގެ ކުލަ އެއްގޮތުން ވުމުން އެގޮތުގައި މެޗު ކުރިއަށް ގެންދިޔަނުދޭން ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ނެގި ޑިޒިޝަނަށް މަރުހަބާ ކިޔައިފަ އެވެ.
ނަޒީހު ބުނީ ނިއުގެ ފެންވަރާއި ކުޅުމަށް ބަލާއިރު އޭނާގެ ޓީމަށް މެޗުން ޕޮއިންޓެއް ވެސް ހައްގު ނޫން ކަމަށާއި ޔުނައިޓެޑް ވިކްޓަރީގެ ކުޅުންތެރިން ކުޅުނީ ނިއު އިން ގޯލެއް ޖަހާފާނެތީ އެކަމަށް ބިރުން ތިބެ ކަމަށެވެ. އެކަމަކު ޔުނައިޓެޑް ވިކްޓަރީގެ ކުޅުންތެރިންނަށް ދެ ވަނަ ހާފުގައި ކޮންޓްރޯލް ލިބުނު ވަގުތުތަކުގައި ރަނގަޅު ގޭމެއް ކުޅެލިކަން އޭނާ ފާހަގަކުރި އެވެ.
ފުރަތަމަ ދެ މެޗުން މޮޅުވި ޔުނައިޓެޑް ވިކްޓަރީ ވަނީ މި މެޗުގެ ކުރިން ކުޅުނު މެޗުން ކްލަބް ގްރީންސްޓްރީޓްސް އަތުން 5-0 އިން ބަލިވެފަ އެވެ. އެ ޓީމު އޮތީ ހަ ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ.
"އަދި އެއްވެސް ހާސްކަމެއް ނެތް،" ދެ މެޗުން ބަލިވި ބަލިވުމުން އަރައިގަނެވިދާނެތޯ އެހުމުން އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީހާއަސް
04 April 2018
ކޮބާ އަންހެނުންނާ ކުދިންކޮޅު ނެރެންވީނު ދަގޭގެ ދިފާއުގަ، ބަލަ ބަލާ ތިއްބާ ދަގޭ ތިއޮއްސެނީ، ލަސްނުވަނީސް މިކަންތަށް ރަނގަޅު ކުރުން ނޫންގޮތެއްނެތް، އެހެންނޫނީ މުސްކުޅިވެ ގާގެ ބާރު ދޫވާހިސާބުން ބަލާލާނެ މީހަކުވެސް ނުހުންނާނެ! ވަރަށްސަލާމް.
މޮޑްރިޗް
04 April 2018
ގައުމީޓީމަކީ ނިއުރޭޑިއަންޓެއްނޫން ކުޅުންތެރިން ދަށުވާކަށް...މޮޅަށްކުޅުމާއި މީހާގެ ޑިސިޕްލިންގ އެއީ ދޭއްޗެއް...މިއަދު އަޝްފާގު ދެކެ ގިނަބަޔަކު ފޫހިވީ އޭނަ އަކީ މިގައުމުގެ އުފެދުނު ފުޓްބޯޅަ ލެޖެންޑް ކަމަށްވެހުރެ ހަޑިހޭވީމަ....ޕްރެސްއާވާހަކަދެއްކުމާއި އެޑްވަޓައިޒިންގ އަކީ މިޒަމާނުގެ ފުޓްބޯޅައިގެ އެއްބައި...އެބައި އަޝްފާގު ކިބައިގަ ނެތް....އެއީ މިއަދު އެކަޑަމީ ލެވެލްގަވެސް އޮންނަ ބައެއް....ނިކަން މީހަކު ޗެޓްރީމެން ޖޭޖޭ މެނަށް ބަލާބަލަ....އަޝްފާގަކީ ކޮމްޕްލީޓް ޕްލެއަރއެއް ނޫން....އެކަން އޭނަ ސާބިތުވެސް އެކޮށްދެނީ....މަވެސް ދެރަވޭ އޭނަގެ ސަޕޯޓަރަކަށްވެހުރެ މީތި ލިޔަން އެކަމަކު މަަށަށްވެސް މިވަރު އެގޭތީ ބުނެލީ
ބޯހަލާކުވެ
04 April 2018
ތި އަޟްފާގު މޮޅުކަމުންދޯ ސާފް ޗެމްޕިއަންޟިޕް، އޭސިއަންކަޕް، ވޯލްޑުކަޕް، އަދި ސަރަހަށްދީ ކުލަބު މުބާރާތްތަކުން ދިވެހި ގައުމީޓީމާ ދިވެހި ކުލަބުތަށް މިހާކާމިޔާބީ!!!! ފީފާ ރޭންކިންގަވެސް ކިހާބޮޑު ތަފާތެއް ދައްކާފި، ދިވެހި ގައުމީޓީމުގެ ކުޅޭ މެޗްތަށް ބަލާ ބަޔަކަށް އިނގޭނީ ތިބުނާ މޮޅުމީހާގެ ކުޅުން...
ނަން
04 April 2018
އޭނާގެ ހުނަރު އެބަހުރި، ކުޅުން މޮޅު، ކާމިޔާބުވެސް ހޯދައިފި، އެކަމަކު އޭނާގެ އެހުނަރާއެކު ޒުވާނުންނަށް ދޫކުރާ ލެގަސީއެއްގެ ތެރޭގައި ބަލައިނުގަނެވޭކަހަލަ، ލޯމަރާލާފައި ދޫކޮށް ނުލެވޭވަރުގެ އަޚްލާޤީ ކަންތައްތަކެއް ހުރެގެން މިއުޅެނީ. އޭނާ ހޯދައިދިން ކާމިޔާބުގެ މާނައެއް ނޫން އަޚްލާޤީ އިމުން ބޭރުވުމަކީ. އަޝްފާޤުގެ ހުނަރެއް ނޫން ނަމޫނާއަކީ، އެހުނަރު އޭނާ ހޯދުމުގައި ގެންގުޅު އަޚްލާޤު މުހިއްމީ، އޭނާ އެހާ މޮޅުވީ ކިހިނެއްވެގެންތޯ އަލަށް އަރާ ކުޅުންތެރިން ސުވާލުކުރާނީ، އެސުވާލުގެ ޖަވާބުލިބޭނީ ހަމައެކަނި ދަނޑުމައްޗަކުންނޫން. ދަނޑު ބޭރުންވެސް ލިބެންޖެހޭނެ. އެލިބޭއިރު ރީތިއާދަތަކާ ކޯޗުންނަށް ކުރާ އިޙްތިރާމާ މިހުރިހާ ކަމަކާ އެކުގައި ދިވެހި ޒުވާނުންނަށް އެއިން ފައިދާކުރާނީ. އަޝްފާޤަށްވެސް ގައުމީޓީމަށްވެސް ކާމިޔާބަށް އެދެން. ނަމަވެސް ކުޅިވަރުގެ ޑިސިޕްލިންއާއެކު.
އައްމަޓީ
04 April 2018
ދަގޭ އެހެން ބުނިއްޔާ އޭތި ކަޑަ... ދަގޭގެ ޕްރޮފެޝަނަލްކަން ހިފަހައްޓާނީ ދަގޭ....ދަގޭ އަކީ ރާއްޖޭގަ މިހާތަނަށް އުފެދުނު އެންމެ ތަފާތު ކުޅުންތެރިޔާކަމަށް ގަބޫލު ނުކުރާނީ ފުޓްބޯޅަ ނޭނގޭ އަދި ދަގޭގެ ކުޅުމާމެދު ހަސަދަވެރިވާ މީހަކު......މިހާރު އެކުޅުން ނުދެއްކުމަކީ މައްސަލައެއްނޫން....ޓީމަށް ނުނަގައިގެން އެކަން ބަލައިގަތް ގޮތަށް އެކަން ދޫކޮށްލަންވާނީ ބެލުންތެރިންނާއި، ސަޕޯޓަރުންނާއި، އެޑިސިޝަން އެގޮތައް ނެގި މީހުންނަށް... އެއީ ޕްރޮފެޝަނަލް މީހުންގެ ގޮތަކީ
ޝަފީ
03 April 2018
މުޅި ފުޓުބޯޅަ މުއައްސަސާ އާއި ރާވާހިނގާ ފަރާތްތަކާއި ބޯޅަދަނޑާއި ހުރިހާތަނެއް އޯވަރހޯލްކޮށް އަލުން ރީސެޓްކުރަންފެނޭ. މީޑިއާވެސް ކަމާބެހޭ މުއައްސަސާތައް ތަންކޮޅެއް ބޮޑަށް ޒިންމާދާރު ކުރުވަބަލަ. ކީއްވެ ދަނޑުގެ ބޮކިތައް ނިވުނުވާހަކަ ފަލަ ސުރުހީއަށް ނޭރީ?
ފިއްޓެ
03 April 2018
ބަޔަކު އެބަ ކުޅޭތަ މުބާރާތެއް? އަހަރުމެން ރަށު ސްކޫލުގެ ހައުސް މުބާރާތްވެސް ތިޔަށްވުރެ ފޯރިގަދަވާނެ. ފުރަތަމަ ޑިވިޝަން ޓީމުތަކުގެ މާ ވަރުގަދަ މާލޭލީގެކޯ. ދަނޑުގެ ބޮކިތައް މެޗު މެދުތެރޭން ނިވިފަ, ދަނޑުގެ ކުޅެންއޮންނަ ވިނަގަނޑެކޭ އޮއްވަޅުގޮނޑިއެކޭ އެއްގޮތް, ނުވިތާކަށް ކުޅިބަލާކަށް މީހަކު ނުވަދޭ އަދި ބަލަން ބޭނުންބަޔަކަށް އެންމެ ކުޑަމިނުން ލައިވްކޮށް މެޗުދައްކާލަން ޗެނަލެއްވެސް ހަމަނުޖެއްސޭ ބިކާރީ ލާރި ނެތް ލީގުގަނޑެއް. ތިމާލޭލީގުގެ ފެންވަރު ސަޕޯޓަރުންގެ އަދަދަށް ބަލައިފިއްޔާ އުޅޭނީ ތި ކްލަބް މޯލްޑިވްސް އަށްވުރެ މާ ފަހަތުގަ.
ފައުޒީ
03 April 2018
ދަގަނޑޭ އޮއްސިއްޖެ. ދަގަނޑޭ އަކީ މާޒީ. ރަގަޅު ގޮތުގައި ރިޓައަރ ކުރަން ފެނޭ. އޭރުން މީހުންގެ އިހްތިރާމް ލިބޭނީ. ޒުވާން ކުޅުންތެރިން ފުރުސަތު ދީފަ އަވަހަށް ރިޓައަރ ކުރޭ
މަޖޫރީ
03 April 2018
ކަލޭ ފުޓުބޯޅަ މެޗެއް ބަލާފަ ކޮމެންޓް ކުރުމަށް އިލްތިމާސް ކުރަން
ޢަބުދުﷲ
03 April 2018
إن شاء الله ތި އޮއްސުނު ތަރި މިސީޒަނުގަ މޮޅު ކުޅުންތެރިޔާ މަގާމުވެސް ހޯދާނެ...އާމީން
މަޒް
03 April 2018
ދަގަނޑޭ އެހެން ބުނުމުން ރިވެތި ދިރިއުޅުން އުޅޭ މަތިވެރި ޝަރަފުވެރި އެހާމެ ހުލްގު ހެޔޮ ބޭކަލުން ބުނާނެ ދަގަނޑޭ ގެ އެއްވެސް އަހުލާގެއް ނެތޭ... އަހަރެންނަށް ބުނެވެން އޮތީ ދަގޭ ހަމަ ސާބަހޭ... މިގައުމުގައި ހެޔޮކަމެއް ކޮއްދިން މީހަކަށް ލިބޭނީ ތެޔޮ ހަމެކެވެ.. މި ގައުމުގައި ހުރި ކުޅިވަރުގެ އެންމެ އަގުހުރި ރައޫސުލްމާލް ގެ ދިފާއުގައި ޗުއްޕުވެސް ބުނެލާނެ މީހަކު ނޭތީއެވެ. މީޑިޔާގެ ބައްދަލުވުމަކަށް ނުގޮސްގެން ގައުމީ ކެޕްޓަން އަދި ދިވެހި ފުޓްބޯޅަ ދުއް އެންމެ ހުނަރުވެރި ކުޅުންތެރިޔާ ނަގާ ހޫރާލީ އަޑީގައި ތިބި މަދު ބައެއްގެ ރޭވުމުން.. ތިޔަ ކޯޗުގެ އިރުޝާދުގެ ދަށުން ކުޅޭ އެއްވެސް މެޗެއް ނުބަލާނަމެވެ... އެހެން ގައުމުތަކުގައި ގައުމަށްޓަކައި ހިދުމަތްކޮއްފައި ތިބޭ މީހުންނަށް ހާއްސަ އިނާޔަތްތައް ހުރެއެވެ.. އެންމެ ކުޑަމިނުން މެލޭޝިޔާގައިވެސް ދަގަނޑޭގެ އަގު މާ ބޮޑަށްވެސް ވަޒަންކުރެއެވެ.
ރައީސް ޔާމީން ރުމާލު 2
03 April 2018
ދަގަނޑޭ ނުކުޅުމަކީ ދިވެހި ފުޓުބޯޅައުވުމެއް ނޫން އަދި ދިވެހި ގައުމީ ޓީމު ނެތިދިއުމެއްވެސް ނުން... އަދި ތިބާއާއި އެހެނިހެން ދިވެހިންގެ ދިވެހިވަންތަކަން / ދިވެހިއްޔަތު( ނެޝެނަލް އައިޑެންަތިޓީ ) ނެތިދިއުމެއްވެސް ނޫން.... ވީމާ ހަމަ ވިސްނުމުން ވިސްނާ ޖަޒުބާތުގައި ނުޖެހި ހައްގު މަގަށް ރުޖޫއަ ވެ ދިވެހި ގައުމީޓީމަށް ސަޕޯޓުކުރުމުގައި ދެމިހުރުމަށް އިލްތިމާސްކޮށް ނަސޭހަތްތެރިވަން...
ރަދީފްް
03 April 2018
މެލޭޝިއާގަ ބޭނުން ގޮތަކަށް ނޫޅެވިގެން ދޯ ރާއްޖެ އައީ؟ ދެން؟
މުރޭ
03 April 2018
ތި މޮޅު ހަދިޔާ ކޮށްބަލަ އިމިގްރޭޝަންގެ ފުޓްސަލް ޓީމަށް.
ޕީޓަރ
03 April 2018
އަޅުގނޑު ހަމަ ހައިރާންވޭ ތިމުބާރާތުގަ ތިހިރަ އިނތިޒާމުތަކެއް ފެނިފަ. ޖާޒީބައި އެއްގޮތްވެގެން މެޗު ޑިލޭވެދާނެ, ކުޅެކުޅެހުއްޓާ ދަނޑުގެ ބޮކިތައް ނިވިދާނެ, މެޗެއް ނޫނީ މުބާރާތުގެ އިސްތިހާރެއްވެސް ހެދިފަކާ ނޯންނާނެ, މެޗު ލައިވްކޮށް ބަލާލާނެ ޗެނަލްގަނޑެއް ނޯންނާނެ.. ދެން މިހެންގޮސް ކިޔާނެކަމެއް ނެތް. އަޅެ މިކަހަލަ މުބާރާތްތަށް އިންތިޒާމުކޮށް ހިންގޭވަރުގެ ތަޖުރިބާކާރުން ރާއްޖޭގަ ނެތީތަ މިހާރު? ތިކަމެއް ތި ހިންގާ ބައެއްގެ ސަބަބުން ފުޓުބޯޅަ ދާއިރާގަ އުޅޭ އެންމެންނަށް ތިކަމާހެދި ލަދުގަންނަން ޖެހޭ. ތިދާއިރާގެ މީހުން މިކަމާ މިއަދު އަޑު އުފުލަން ޖެހޭ.