އިންޑިއާގައި ދުއްވާފައި ދިޔަ ރޭލަކުން ބައެއް ނެއްޓުނު މައްސަލާގައި ރޭލްވޭ މުވައްޒަފުންތަކެއް ވަނީ ސަސްޕެންޑްކޮށްފައި.
09 އެޕްރީލް 2018 - 19:58
އޮރިއްސާ (އޭޕްރީލް 9) - އިންޑިއާގައި ދަތުރުކޮށްފައި ދިޔަ ރޭލަކުން ވަކިވި ބައިތަކެއް 11 ކިލޯ މީޓަރު (ހަތް މޭލް) އަށް، އިންޖީނެއް ނެތި ދަތުރުކޮށްފި އެވެ.
އިރުމަތީ އޮރިއްސާ ސްޓޭޓުގައި ހިނގި މި ހާދިސާއާ ގުޅިގެން ހަތް މުވައްޒަފަކު ވަނީ ސަސްޕެންޑްކޮށްފަ އެވެ. ރޭލުން ވަކިވި 22 ބައިގައި 1،000 ޕަސިންޖަރުން ތިއްބެވެ. ރޭލުން ވަކިވެގެން ދިޔަ ބައިތައް ހުއްޓުވީ ރޭލްވޭ ސްޓާފުން ރޭލް ދަގަނޑު މައްޗަށް ގާ އަޅައިގެންނެވެ. ހޮނިހިރު ދުވަހުގެ ރޭ ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
ރޭލުގެ ބައިތައް ވަކިވެގެން ދިޔަ މަންޒަރު ވަނީ ކޮންމެ ވެސް މީހަކު މޯބައިލް ފޯނުން ރެކޯޑްކޮށްފަ އެވެ. ރޭލްވޭ ސްޓޭޝަނެއް ހުރަސްކޮށް، ވަކިވި ބައިތައް ދަތުރުކޮށްފައި ދިޔަ އިރު އެތަނުގައި ތިބި މީހުން ހަޅޭއްލައްވާ މަންޒަރު ފެނެ އެވެ.
އިންޑިއާގައި ދުވާލަކު 22 މިލިއަން މީހުން ރޭލުން ދަތުރުކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy