ކުޅިވަރު

ކޮކާކޯލާ ލޯންގް ރަން: ފުރިހަމަ އިވެންޓެއް، "ޝުކުރިއްޔާ ޓީއެފްޖީ"!

ޓީއެފްޖީ ކޮކާކޯލާ ލޯންގް ރަންގެ ފަސް ކިލޯމީޓަރުގެ ރޭހުގެ ބައިވެރިން ރޭސް ފަށަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

20 އެޕްރީލް 2018 - 15:06

3 comments

ފުރަތަމަ ފަހަރަށް ފުލް މެރެތަނެއް ނުވަތަ ހާފް މެރެތަނެއް ފުރިހަމަކުރެވުމުން ލިބުނު އުފަލާ އެކު ބައެއް ދުވުންތެރިން ފިނިޝިން ޕޮއިންޓް ހުރަސްކުރީ ރޮމުންނެވެ. ބައެއް ބައިވެރިން ދުވީ ކުދިންނާ އެކު އާއިލީ ދުވުމެއްގެ ގޮތުގަ އެވެ. އެއް ފުރައިގެ ޒުވާން ކުދިން ހީ ސަކަރާތުގެ ތެރެއިންނެވެ. ޕާސަނަލް ބެސްޓް ރެކޯޑް ހެދުމަށް ސީރިއަސްކަމާ އެކު ދުދި ދުވުންތެރިން ވެސް ތިއްބެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް ޖިމް ހިންގާ އެއް ކުންފުނި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީން) އިން ބޭއްވި ކޮކާކޯލާ ލޯންގް ރަންގެ ހަ ވަނަ އިވެންޓް މިއަދު ހުޅުމާލޭގައި ނިމިގެން ދިޔައީ އެފަދަ އެތައް މަންޒަރުތަކާ އެކު އެވެ.

ޓީއެފްޖީގެ ކޮންމެ އިވެންޓަކަށް ވެސް އޮހޭ ތައުރީފް މިއަދުގެ އިވެންޓާ އެކު ވެސް ތަކުރާރުވި އެވެ. ޓީއެފްޖީން ކުރިން ވެސް ބުނަމުން ދިޔައީ މި ފަހަރުގެ އިވެންޓް ތަފާތު ވާނެ ކަމަށެވެ. އެކަން ވަރަށް ބޮޑަށް ފެނިގެން ދިޔަ އެވެ. އިންތިޒާމް ފުރިހަމަވުމުގެ އިތުރުން ދުވުންތެރިންނަށް ބޭނުންވާނެ ތަފާތު ވަސީލަތްތަކެއް ވަނީ ގާއިމްކޮށްދީފަ އެވެ.

ޓީއެފްޖީ ކޮކާކޯލާ ލޯންގް ރަންގެ ރޭހެއް ނިންމުމަށް ފަހު ބައިވެރިޔަކު އުފާފާޅުކުރަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރޭ މެންދަމު 2:20 ގައި ފެށި އިވެންޓް މިއަދު ހެނދުނު 9:20 ގައި ނިންމާލި އިރު ޖުމްލަ ހަތަރު ރޭހެއްގައި 1500 ދުވުންތެރިން ވަނީ ދުވެފަ އެވެ. އެއީ 42 ކިލޯމީޓަރުގެ ފުލް މެރެތެންގައި ދުވި 100 ދުވުންތެރިންނާއި 21 ކިލޯމީޓަރުގެ ހާފް މެރެތަންގައި ދުވި 200 ބައިވެރިންނާއި 10 ކިލޯމީޓަރުގައި ދުވި 400 ބައިވެރިން އަދި ފަސް ކިލޯމީޓަރުގައި ދުވި 800 ދުވުންތެރިންނެވެ. ދެ ޖިންސުން ހުރިހާ އުމުރެއްގެ އަދި އެކި ފަންތީގެ ބައިވެރިން ފެނުނެވެ. ދިވެހިންގެ އިތުރުން ބިދޭސީން ވެސް މެ އެވެ.

"ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ފުރިހަމަ ދުވުމުގެ އިވެންޓް މިއީ. ހުރިހާ ކަމެއް ވެސް ވަރަށް ރަނގަޅަށް އިންތިޒާމްކުރެވިފައި ހުރި މަންޒަރު ފެނުނީ. ޓީއެފްޖީ އަށް ވަރަށް ބޮޑަށް ޝުކުރިއްޔާ ދުވުންތެރިޔެއްގެ ހައިސިއްޔަތުން،" ހާފް މެރެތަން ދުވުންތެރިޔަކު ބުންޏެވެ. "ޓީއެފްޖީން މިވަނީ އަނެއްކާ ވެސް އިވެންޓްތައް ރޭވުން އެހެން ހަރުފަތަކަށް ގެންގޮސްދީފައި."

ޓީއެފްޖީ ކޮކާކޯލާ ލޯންގް ރަންގެ ރޭހެއް ނިންމި ބައިވެރިޔަކަށް މަރުހަބާ ކިޔަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ހުޅުމާލޭ ބާބަކިއޫ ސަރަހައްދުން ފަށައި ހުޅުމާލެ ވަށައި ދުވެ އެ ސަރަހައްދަށް ނިންމަން ޖެހޭ މި ރޭސް ކުރިއަށް ދިޔައިރު ކޮންމެ ކިލޯމީޓަރަކުން އެއިޑް ސްޓޭޝާނެއް ގާއިމްކޮށްފައި ހުއްޓެވެ. ފަސްޓް އެއިޑުގެ ހިދުމަތާއި ފެނާއި ދޮންކެޔޮ އަދި ކަދުރު ފަދަ ދުވުންތެރިންނަށް ބޭނުންވާނެ އެއްޗެހި ލިބެން ހުއްޓެވެ. އަދި އެހެން އިވެންޓްތަކާ ހިލާފަށް ފިނިޝިން ޕޮއިންޓުގައި ބައިވެރިންނަށް ފުޓް މަސާޖުގެ ހިދުމަތް ލިބޭނެ އިންތިޒާމް ޓީއެފްޖީން ހުރީ ގާއިމްކޮށްފަ އެވެ.

މިއަދު ރޭސް އޮތް ނަމަވެސް އިއްޔެ ހެނދުނު 9 އިން ފެށިގެން ބާބަކިއޫ ސަރަހައްދުގައި ގާއިމްކޮށްގައި ހުރި ރޭސް ވިލެޖުގައި އޮތީ ފޯރިގަނޑު ފެށިފަ އެވެ. އެގޮތުން އެ ދުވަހު ބައިވެރިންނަށް ރޭސް ކިޓް ދޫކުރުން އޮތްއިރު އެ ދުވަހުން ފެށިގެން މިއަދު ރޭސް ނިންމުމާ ހަމަޔަށް އެ ސަރަހައްދުގައި މިއުޒިކުގެ ހަރަކާތްތައް އޮތެވެ. އެހެން އިވެންޓްތަކާ އެއްގޮތަށް މިއަދު ވެސް ޑީޖޭ އުމަރުގެ ވަނީ އޭނާގެ ހިތްގައިމު ބީޓްތަކާއި މިއުޒިކްތަކުން އެންމެންގެ ލޭކައްކުވާލައިފަ އެވެ. އެހެން އަހަރުތަކާ ހިލާފަށް ބައެއް އެހެން ދިމަދިމާލުގައި ވެސް ޑީޖޭ އާޓިސްޓުން ހަރަކާތްތެރިވެ ބައިވެރިންނަށް ފޯރި ގެނެސްދެމުންދިޔަ އެވެ.

ޓީއެފްޖީ ކޮކާކޯލާ ލޯންގް ރަންގެ ރޭހެއް ނިންމުމަށް ފަހު ބައިވެރިޔަކު ޝުކުރުގެ ސަޖިދައެއް ޖަހަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"މިއީ ހަމައެކަނި ރޭހެއް ނޫން. މިއީ ބޮޑު ކާނިވަލެއް. ދުވުންތެރިން އެކަންޏެއް ނޫން. އެންމެންނަށް ވެސް ދުވުމުގެ ތެރެއިން ހިތްހަމަޖެހުން ހޯދޭ ގޮތަކަށް އޮތް އުފާވެރި ހަރަކާތެއް މިއީ،" ބައިވެރިޔަކު ބުންޏެވެ.

ރޭސް ނިންމާ ކޮންމެ ބައިވެރިޔަކަށް މެޑަލް ދިންއިރު ހަގީގަތުގައި އެންމެ ހާއްސަ މެޑަލް ލިބުނީ އިވެންޓުގައި ވޮލަންޓިއަރުންގެ ގޮތުގައި ހަރަކާތްތެރިވި ކުދިންނަށެވެ. ޓީއެފްޖީން ވަނީ އެ ކުދިން ކުރި މަސައްކަތުގެ އަގުވަޒަންކޮށްފަ އެވެ.

ޓީއެފްޖީ ކޮކާކޯލާ ލޯންގް ރަންގެ ވޮލަންޓިއަރުންނަށް މެޑަލް ދެނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"އަޅުގަނޑުމެން ދުވުންތެރިންގެ މަސައްކަތް ބަލައިގެން އެ ފަރާތްތަކަށް މެޑަލް ދީފިން. ހަމަ އެގޮތަށް އަޅުގަނޑުމެން ބޭނުންވޭ ވޮލަންޓިއަރުންގެ އަގުވަޒަންކުރުމުގެ ގޮތުން ވެސް މެޑަލެއް ދޭން. ރޭ މެންދަމުން ފެށިގެން މިއަދު ހެނދުނާ ހަމަޔަށް އެ ކުދިން އެ ތިބީ ދުވުންތެރިންނަށް ހިދުމަތްދިނުމުގައި،" ޓީއެފްޖީގެ މާސްޓާ ޓްރެއިނަރު އަދި ރޭސް އިންތިޒާމްކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ހުސެއިން ޒިނާން ވިދާޅުވި އެވެ.

ވޮލަންޓިއަރުންގެ ގޮތުގައި ހަރަކާތްތެރިވީ ސީއެޗްއެސްއީ އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ ދަރިވަރުންނާއި މޯލްޑީވްސް ރެޑްކްރެސެންޓުގެ ވޮލަންޓިއަރުންނެވެ.

ޓީއެފްޖީން އިވެންޓް ނިންމާލީ ދުވުންތެރިންނާއި ވޮލަންޓިއަރުންގެ އަގުވަޒަންކުރުމަށް ފަހު އަދި އަންނަ އަހަރުގެ އިވެންޓަށް ވެސް އެންމެންނަށް ދައުވަތު ދެމުންނެވެ. ބައިވެރިން ތިބީ އެ އިވެންޓަށް އިންތިޒާރުގަ އެވެ. އެކަމަކު އޭގެ ކުރިން އެންމެންގެ ދުލުކުރީގައި ވެސް އޮތީ އިންތިޒާމް ރަނގަޅު ފުރިހަމަ ރޭހެއް ބާއްވައިދިނީތީ ޓީއެފްޖީގެ އަށް "ޝުކުރިއްޔާ" އެވެ!

3 ކޮމެންޓް, 26 ރިއެކްޝަންސް

icon happy icon happy 58%
icon sad icon sad 4%
icon angry icon angry 38%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލޮލުން ދެކެ އަތުން ހިފި މީހާ

21 April 2018

ވެދާނެ ޓީއެފްޖީއިން އުންމީދު ކުރި ގޮތާ ޚިލާފަށް ނަތީޖާ ނިކުތީމަކަމަށްވެސް. އަނެއް ކަމަކަށް މިފަދަ ލިޔުމެއް ލިޔާއިރު ކިޔާ މީހާއަށް ވީހާވެސް ގިނަ މަޢުލޫމާތެއް ލިބޭގޮތަށް ލިޔާނަމަ ވަރަށް ރަނގަޅުވީސް. އަޅުގަނޑަށް ޔަގީން މިހާރުން ވެސް ވަރަށް މަސައްކަތް ކުރާނެކަން މަޢުލޫމާތު ހޯދަން. އެކަމަކު މަޢުލޫމާތު ދިން ފަރާތުން ކޮންމެވެސް ސަބަބަކާއި ހުރެ ދޭން ނުކެރިފަ މިއޮތީ.. އެހެން ކަމުން އަޅުގަނޑަށް ލިބިފައި ހުރި އެއްޗެއް ލިޔެލާނަން. މެރަތަންގެ 1 ވަނަ ލިބުނީ ހައްމާދު ޝަފީގަށް 2 ވަނަ ރާއްޖޭގެ އެންމެންގެ ލޯބި ލިބިފައިވާ މަޝްހޫރު ދުވުންތެރިޔާ އަޙްމަދު އާޠިފް އަދި 3 ވަނަ ލިބުނީ ނަސްރުﷲ އަޙްމަދަށް. މިވަރު ދެރަމިނުން ލިޔެލި ނަމަވެސް ވަރަށް ފުރިހަމަވީސް

The name is already taken The name is available. Register?

ލޮލުން ދެކެ އަތުން ހިފި މީހާ

21 April 2018

ދެން މެރަތަންގަ ދުވި ދުވުންތެރިން ފަހު ބުރު ނިންމާލި ގަޑިއަކީ ހާފްމެރަތަންގެ ބައިވެރިން ފެށިގަޑި ކަމަށް ވާތީ، މެރެތަންގެ ދުވުންތެރިންނަށް ދުވަން ވަރަށް ބޮޑަށް ދަތިވި، ބައެއް ދުވުންތެރިންގެ ސްޕީޑް ލަސް ކުރަންޖެހުނު. މީގެ ކުރިން މެރަތަންގަ ލީޑްނަގާ ދުވުންތެރިޔާ އަށް އެހީވެ މަގު ހުސްކޮށްދީފަ އެބަހުރި. އެކަމަކު މިފަހަރު އެއްވެސް ކަހަލަ އެހީތެރިކަމެއް ނުލިބޭ. ހަމަ ގައިމުވެސް މެރަތަންގެ ފުރަތަމަ 3 ބައިވެރިން ނިންމި އިރު އަޅުގަނޑު އެތާ ހުރިން. ތިޔަބުނާ ފޫޓް މަސާޖެއް ދިން ތަނެއް ނުފެނޭ.. ނިންމާލި ގަޑީގައި ދެރަމިނުން ފަސްޓްއެއިޑް ދޭ މީހެއް ވެސް ކައިރިވެސް ނުވޭ..

The name is already taken The name is available. Register?

ލޮލުން ދެކެ އަތުން ހިފި މީހާ

21 April 2018

ޓީއެފްޖީ އިން މިފަހަރު ތިޔަ ބޭއްވި ފުރިހަމަ އިވެންޓް ބަލައިލުމުގެ ފުރުސަތު އަޅުގަނޑަށް ވެސް ލިބުނު. ޓީއެފްޖީއިން މީގެ ކުރިން ވަނީ، ވަރަށް ރަނގަޅު އިވެންޓްތަކެއް ބާއްވާފަ. އެކަމަކު މިފަހަރު އިންތިޒާމުތައް އެހާ ފުރިހަމައެއްނޫން. ފުރަތަމަ ކަމަކަށް މެރެތަންގަ ދުވި ދުވުންތެރިންނަށް ތިޔަ ވިދާޅުވި އެއިޑް ސްޓޭޝަންސް ތަކުން ފެނާއި، ކަދުރާއި، ދޮންކޭލާއި، ކިރުތަށްޓާއި މެޓާ، ޗޮކްލޭޓް އަދި ޕުޑިންގ ދިނުމުގެ ބަދަލުގައި ދުވުންތެރިންނަށް ބޭނުންވާ އޯއާރްއެސް އާއި ފެން ހުސްނުވެ ލިބެން ހުރި ނަމަ ވަރަށް ފުރިހަމަވީސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454