މި އަހަރުގެ ދުވުން އިިފްތިތާހު ކުރުމަށް ބީއެމްއެލް ހެޑް އޮފީހުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: މިހާރު
21 އެޕްރީލް 2018 - 21:19
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވާ "ބީއެމްއެލް ވާއު ކިޑްސް ރަން 2017" އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާއްވަން ހަމަޖައްސައިފި އެވެ.
މުޅިއެކު ތިން އުމުރު ފުރައަކަށް ބަހާލައިގެން ބާއްވާ މި ދުވުމުގައި ބައިވެރިވާން ބޭނުންވާ ކުދިންނަށް ޓީއެފްޖީގެ ވެބްސައިޓް މެދުވެރިކޮށް، މިރެ އިން ފެށިގެން ރެޖިސްޓަރީ ވެވޭނެ އެވެ.
ދުވުމުގައި ބައިވެރިވެވޭ އުމުރު ފުރާތަކަކީ 3-5 އަހަރާ ދެމެދު 5-7 އަހަރާ ދެމެދު އަދި 7-9 އަހަރާ ދެމެދެވެ.
"ފަހު ވަގުތަށް މަޑުނުކުރައްވައި، ޖާގަތައް ފުރުމުގެ ކުރިން އަވަހަށް ރެޖިސްޓަރީ ކުރައްވާ. މި އުފާވެރި ދުވަހު ދަރިންނާ އެކު [ދުވުމުގައި] ބައިވެރިވެލައްވާ،" މި އަހަރުގެ ދުވުން އިިފްތިތާހު ކުރުމަށް ބީއެމްއެލް ހެޑް އޮފީހުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ޓީއެފްޖީގެ ސީއީއޯ ހުސައިން ޒިނާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުރީ އަހަރު ތަކާ ޚިލާފަށް ކޮންމެ ކެޓަގަރީ އަކުން 100 ޖާގަ މި އަހަރު އިތުރުކޮށް، ކޮންމެ ކެޓަގަރީ އަކަށް 300 ޖާގަ ދޭނެ އެވެ. އެގޮތުން މި އަހަރުގެ ދުވުމުގައި 900 ކުދިންނަށް ޖާގަ ދޭނެ އެވެ. އަދި އެ ކުދިންނާ އެކު، ބެލެނިވެރިންނަށް ވެސް ދުވުމުގެ ފުރުސަތު އޮންނާނެ އެވެ.
ޒިނާން ވިދާޅުވީ މި އަހަރުގެ ދުވުމުގެ ރެޖިސްޓްރޭޝަން ފީގެ ގޮތުގައި ލިބޭ ފައިސާގެ 15 ޕަސެންޓު ކެއާ ސޮސައިޓީ އަށް ހަދިޔާ ކުރާނެ ކަމަށެވެ.
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި، ދުވުމުގައި ބައިވެރިވާ ކުދިންނަށް ޚާއްސަ ޕޯޓަލްއެއް ބީއެމްއެލްގެ ވެބްސައިޓުގައި ހުޅުވާނެ އެވެ. އަދި އެ ޕޯޓަލް މެދުވެރިކޮށް ކޮންމެ ކުއްޖަކަށް ވެސް 2،000ރ. އާ ހަމައަށް ފަންޑް ރެއިޒް ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
"އަޅުގަނޑުމެންގެ މައިގަނޑު މަގުސަދަކީ [ޕޯޓަލް މެދުވެރިކޮށް ކުރެވޭ] ފަންޑްރެއިޒިން އިން ލިބޭ ފައިސާ ކެއާ ސޮސައިޓީ އަށް ހަދިޔާ ކުރުން. ކެއާ ސޮސައިޓީގެ ވަރަށް މުހިންމު ދެ ކަމަކަށް އެ ބޭފުޅުން މި ފައިސާ ޚަރަދު ކުރާނީ،" ސައީދު ވިދާޅުވި އެވެ.
ބީއެމްއެލް އިން ހުޅުވާލާ ޕޯޓަލް އިން ލިބޭ ފައިސާ އަކީ، ރެޖިސްޓްރޭޝަން ފީގެ ގޮތުގައި ލިބޭ ފައިސާގެ 15 ޕަސެންޓްގެ އިތުރުން ކެއާ ސޮސައިޓީ އަށް ހަދިޔާ ކުރާ ފައިސާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
މިއީ ބީއެމްއެލް އާއި ޓީއެފްޖީ ގުޅިގެން ކިޑްސް ރަން ބާއްވާ ތިން ވަނަ އަހަރެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިއްސެ/ހުޅުމާލެ
22 April 2018
މިކަހަލަ ކަންކަން ބީއެމްއެލް އިން އަބަދުވެސް ކުރާކަމީ ރައްޔިތުންނަށް އިތުރަށް ލިބޭ ހިންހަމަޖެހުމެއް. ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުގައިވެސް މިކަންކުރާ ފެންވަރަށް ބޭންކުން ކުރުމަކީ ބޭންކު ކުރިއަރާފައިވާ މިންވަރު ދައްކުވައިދޭ އަލިގަދަ ހެއްކެއް. ކޮމިޔުނިޓީ އަށް އަބަދުވެސް ބޭންކުންކޮށްދެވޭނެ ހުރިހާކަމެއް ބޭންކުން އނަނަނީ ކުރަމުން. އެކަމަށްޓަކައި ބޭންކުގެ ހިންގުންތެރި ވެރިންނަށް ވަރަށް އިޙުލާސްތެރިކަމާއި އެކު ޝުކުރުދަންނަވަން. ހަމަ އެހެންމެ މިފަދަކަންކަން ރޭވުންތެރިކަމާއި އެކު ކުރެވޭނީ އެތަނެއްގެ ހީވާގި މުވައްޒަފުންގެ މިންނެތް މަސައްކަތުންކަމީ ޤަބޫލުކުރަންޖެހޭ ހަޤީގަތެއް. ޝުކުރިއްޔާ ބޭންކް އޮފް މޯލްޑިވްސް " އަަހަރެންގެ ބޭންކް ދިވެހިންގެ ބޭންކް"