22 އެޕްރީލް 2018 - 11:08
ލަންޑަން (އޭޕްރީލް 22) - މި ފަހަރު އެފްއޭ ކަޕަށް ނުކުތްއިރު އެންމެ ބޮޑު އަމާޒަކަށްވީ މި މުބާރާތް ކާމިޔާބު ކުރުން ކަމަށް މިރޭ މުބާރާތުގެ ސެމީ ފައިނަލުގައި ސައުތެމްޓަނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
ޗެލްސީގެ ކޯޗުކަމާ މިދިޔަ އަހަރު ކޮންޓޭ ހަވާލުވުމަށް ފަހު އޭނާގެ އިރުޝާދުގެ ދަށުން ޗެލްސީން ވަނީ އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކޮށްފަ އެވެ. އެކަމަކު އެފްއޭ ކަޕް ފައިނަލުގައި އެ ޓީމު ވަނީ އާސެނަލް އަތުން 2-1 އިން ބަލިވެފަ އެވެ.
ޗެލްސީ އަށް މި ފަހަރު ލީގުގެ ގަދަ ހަތަރަކުން ޖާގަ ލިބުމުގެ ފުރުސަތު ކުޑަވެފައި އޮތްއިރު ސީޒަން ސަލާމަތްކުރެވެން އޮތީ އެފްއޭ ކަޕް ކާމިޔާބު ކޮށްގެންނެވެ. ކޮންޓޭ ބުނީ ހުރިހާ އަމާޒެއް ހުރީ މި މުބާރާތް ކާމިޔާބު ކުރުމަށް ކަމަށެވެ.
"މިދިޔަ އަހަރު ފައިނަލުގައި އަހަރެމެން ބަލިވީ. އެ ހިސާބުން މި މުބާރާތުގައި އަހަރެންނަށް މަސައްކަތެއް ނުނިންމައި ދޫކޮށްލެވިއްޖެ. މި ފަހަރު މި މުބާރާތަށް ނުކުތްއިރު އެކަން ފުރިހަމަ ކުރަން ބޭނުން،" ކޮންޓޭ ބުންޏެވެ.
އޭނާ ބުނީ ޗެމްޕިއަންކަން ހޯދަން ވިސްނާއިރު ކުރިމަތީގައި އޮތީ އުނދަގޫ ސެމީ ފައިނަލެއް ކަމަށެވެ.
"ފައިނަލުގެ ވާހަކަ އަހަންނަށް ދެއްކުނަސް އެއީ ސެމީ ޔަގީންކުރިއެކޭ އެއް ނޫން. ސައުތެމްޓަނަކީ ރަނގަޅު ކުޅުންތެރިން ތިބި މޮޅު ޓީމެއް. އަހަރެމެން ފަސޭހަކޮށްލައިފިނަމަ ގެއްލުންތަކެއް ލިބުމުގެ ފުރުސަތު އެބައޮތް،" ކޮންޓޭ ބުންޏެވެ.
ޗެލްސީ ސްކޮޑުގައި ތިބި ކުޅުންތެރިންނަށް ބަލާއިރު އެފްއޭ ކަޕް އެންމެ ގިނައިން ކާމިޔާބުކުރި ކުޅުންތެރިޔަކީ ޖެނުއަރީ ޓްރާންސްފާ މާކެޓްގައި އާސެނަލް ދޫކޮށް ޗެލްސީ އަށް ބަދަލުވި އޮލިވިއޭ ޖިރޫ އެވެ. އޭނާ ވަނީ އާސެނަލާ އެކު މި މުބާރާތް ތިން ފަހަރު ކާމިޔާބު ކޮށްފަ އެވެ. އޭނާ ބުނީ ޗެލްސީއާ އެކު މި މުބާރާތް ކާމިޔާބު ކުރަން ބޭނުންވާ ކަމަށެވެ.
ސައުތެމްޓަންގެ ކޯޗު މާކް ހިއުސް ބުނީ ޕްރިމިއާ ލީގުގައި އޭނާގެ ޓީމުން ރެލިގޭޝަން ޒޯނުގައި އޮތް ނަމަވެސް އެފްއޭ ކަޕް ސެމީ ފައިނަލަކަށް ނުކުންނާނީ ތަފާތު ރޫހެއްގައި ކަމަށާއި ސައުތެމްޓަން ކަަހަަލަ ޓީމަކަށް އެފްއޭ ކަޕް ފައިނަލުގެ ޖާގަ އަކީ ވެސް ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ.
ޗެލްސީ އާއި ސައުތެމްޓަން ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 19:00 ގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
22 April 2018
ރޭގަ އިޓާލިއަން ސެރިއާގަ މިލާން/ބެނަވެންޓޯ ބައްދަލުކުރިމެޗްގެ ވާހަކަވެސް ހަބަރުތަކުގަ ހިމަނާލިނަމަ ދޯ.މަރުހަބާ ބެނަވެންޓޯ.ވ.ވެދުން