27 އެޕްރީލް 2018 - 09:40
ލަންޑަން (އޭޕްރީލް 27) - ރަޝިއާގައި ޖޫން މަހު ފަށާ ވޯލްޑް ކަޕްގައި ވާދަކުރާ ސްވިޑެން ޓީމުން ތަޖުރިބާކާރު ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް ނުފެންނާނެ ކަމަށް ސްވިޑެންގެ އެފްއޭ އިން ބުނެފި އެވެ.
ސްވިޑަން 2006 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުން ޖާގަހޯދީ ޕްލޭއޮފްގައި ވަރުގަދަ އިޓަލީ ކަޓުވާލައިފަ އެވެ. ޕްލޭއޮފް މެޗުގެ ކުރިން އިބްރަހިމޮވިޗް ބުނީ ސްވިޑަން ކޮލިފައިވި ނަމަވެސް އަލުން ޓީމަށް އެނބުރި އައުމުގެ ވިސްނުން އަދި ނެތް ކަމަށެވެ. އެކަމު ފަހުން އެ ނިންމުން ބަދަލުކޮށް ދެ ވަނަ ވިސްނުމަކަށް އިބްރަހިމޮވިޗް ދިޔަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އެހެން ނަމަވެސް ސްވިޑެން އެފްއޭގެ ޗީފް ލާސް ރީޗް ވިދާޅުވީ ވޯލްޑް ކަޕް ސްކޮޑުގައި އިބްރަހިމޮވިޗް ނުހިމެނޭނެ ކަމަށެވެ.
"އަހަރެމެން އިބްރަހިމޮވިޗާ މަޝްވަރާ ކޮށްފިން. އޭނާ ބުނީ ރިޓަޔަމަންޓް ދޫކޮށްލުމަށް ފަހު އެނބުރި ގައުމީ ޓީމަށް ނާންނާނެ ކަމަށް. އޭނާ ބުނީ ނޫނެކޭ،" ވިދާޅުވި އެވެ.
އުމުރުން 36 އަހަރުގެ އިބްރަހިމޮވިޗް ވަނީ ދާދި ފަހުން މެންޗެސްޓާ ޔުނައިޓެޑާ އެކު ހަދާފައި އޮތް އެއްބަސްވުން އުވާލުމަށް ފަހު އެމެރިކާގެ ކްލަބް އެލްއޭ ގެެލެކްސީ އަށް ބަދަލުވެފަ އެވެ.
ގައުމީ ޓީމަށް 2001 ވަނަ އަހަރު ކުޅެން ފެށި އިބްރަހިމޮވިޗް ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކުރީ 2016 ވަނަ އަހަރުގެ ޔޫރޯގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބެލްޖިއަމް އަތުން 1-0 އިން ސްވިޑަން ބަލިވި މެޗަށް ފަހު އެވެ. އެ މުބާރާތުގައި އޭނާ އަށް ލަނޑެއް ޖެހިފައި ނުވި ނަމަވެސް އޭނާ ވަނީ 2004، 2008 އަދި 2012 ވަނަ އަހަރުގެ ޔޫރޯގައި ލަނޑު ޖަހައިފަ އެވެ. ގައުމީ ޓީމާ އެކު ބޮޑު ކާމިޔާބެއް ނުހޯދުނު ނަމަވެސް 116 މެޗުން 62 ގޯލް ވަނީ ޖަހައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy