ލައިފްސްޓައިލް / ޝާހީ ކައިވެނި

މޭގަންގެ ބޭބެ އެދެނީ ޕްރިންސް ހެރީ، މޭގަންއާ ކައިވެނި ނުކުރަން

ޕްރިންސް ހެރީ އާއި މޭގަން މާކަލް: މި މަހުގެ 20 ގައި ކައިވެނި ކުރާނެ.

އިނގިރޭސި ވިލާތުގެ ޕްރިންސް ވިލިއަމް ބަތަލާ މޭގަން މާކަލް ކައިވެނިކުރުމަކީ ޝާހީ އާއިލާއަށް ހެދޭ ބޮޑު ގޯހެއް ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް އެދޭ ކަމަށް ބުނެ މޭގަންގެ ބޭބެ ތޯމަސް މާކަލް ޖޫނިއާ، ހެރީގެ ކިބައިން އެދެފި އެވެ.

ތޯމަސް މިހެން ބުނި ނަމަވެސް މޭގަންގެ ބައްޕަ ތޯމަސް މާކަލް ބުނެފައިވާ ގޮތުގައި ޕްރިންސް ހެރީއާ ދަރިފުޅު ކައިވެނި ކުރުމަކީ ލިބޭނެ ވަރަށް ބޮޑު އުފަލަކާއި ޝަރަފެކެވެ. އެކަމަކު 36 އަހަރުގެ ބަތަލާގެ ބޭބެ ތޯމަސް މާކަލް ޖޫނިއާ ވަނީ ޕްރިންސް ހެރީ އާއި މޭގަން މި މަހުގެ 19 ވަނަ ދުވަހު ބާއްވާ ކައިވެނި ހަފުލާ އަށް ދައުވަތު ނުދޭތީ އެ ވާހަކަ ވެސް މީޑިއާތަކާ ހިއްސާކޮށްފަ އެވެ.

އޭނާ ޕްރިންސް ހެރީ އަށް އެޑްރެސްކޮށް ލިޔެފައިވާ ސިޓީއެއްގައި ތޯމަސް ބުނީ "ތި ކައިވެނި ނުކުރަން އެދޭ" ކަމަށާއި "ތިއީ ޝާހީ އާއިލާގެ ކައިވެނީގެ ތާރީހުގައި ހެދޭނެ އެންމެ ބޮޑު ގޯސް" ކަމަށެވެ.

މޭގަން މާކަލްގެ ބޭބެ ތޯމަސް މާކަލް ޖޫނިއާ.

އެ ސިޓީގައި ތޯމަސް ބުނީ އަދިވެސް ވަގުތު އެބައޮތް ކަމަށާއި މޭގަންއާ ކައިވެނި ކުރުމަކީ ޕްރިންސް ހެރީ އަށް ހެދޭނެ ގޯހަކަށްވާތީ އެކަމުން ސަލާމަތްވާން ނަސޭހަތްތެރިވާ ކަމަށެވެ.

އިންޓަޗުން އާންމުކޮށްފައިވާ ތޯމަސްގެ ސިޓީގައި، މޭގަންއާ އޮތް ގުޅުމާ ބެހޭ ގޮތުން 51 އަހަރުގެ ބޭބެ، ފާހަގަކޮށްފައިވާ ގޮތުގައި އެ ދެ މީހުން ބައްދަލު ނުވާތާ މިހާރު ހަތް އަހަރުވެއްޖެ އެވެ. އެންމެ ފަހުން ބައްދަލުވީ 2011 ގަ އެވެ. ތޯމަސް ބުނި ގޮތުގައި މޭގަން ހޮލީވުޑަށް ނުކުމެ ލިބުނު މަޝްހޫރުކަމާއި ފައިސާގެ ތަނަވަސްކަމާ އެކު "އާއިލީ ގުޅުން ކަނޑާލައި، އޭނާއަކީ ކާކުކަންވަނީ ހަނދާން ނައްތާލައިފަ އެވެ.

"އޭނަ މުޅިން ބަދަލުކޮށްލީ ހޮލީވުޑް. އެއީ މަޝްހޫރުކަމާއި ފައިސާ އިން،" މޭގަން އެއްބަފާ ބޭބެ ތޯމަސް ބުންޏެވެ.

"އެކަމަކު މޭގަންއަކީ ކުރިން އަހަރެމެންގެ އެހީ ވެސް ހޯދައިގެން އުޅުނު މީހެއް. އޭނާ މިހާރު ފިޔަ ފަޅައިގެ އުޅުނަސް މާޒީއަކީ ބަދަލުކޮށްލެވޭނެ އެއްޗެއް ނޫން. ހޮލީވުޑުން ލިބުނު މަޝްހޫރުކަމާ އެކު މެގަން އަށް އޭނާ މިހާރު ފެނިގެން އުޅުނަސް، ޕްރިންސް ހެރީ އޭނާއާ ކައިވެނިކޮށްފި ނަމަ އެއީ ޝާހީ އާއިލާގައި ޖެހޭ ލައްގަނޑަކަށް ނޫނީ ނުވާނެ. އަދި މިއީ ބޮޑު ޖޯކަކަށް ވާނީ. އެހެންވެ މިކަން ހުއްޓާލަން އަހަރެން ޕްރިންސް ހެރީގެ ކިބައިން އެދެން. އަދި ވެސް ތިކަމުން ސަލާމަތް ވާން ލަހެއް ނުވޭ. ވަގުތު އެބަ އޮތް."

މެގަން، ޕްރިންސް ހެރީ އާއި ޕްރިންސް ވިލިއަމާ އެކު.

ތޯމަސް ބުނި ގޮތުގައި މޭގަން އާއި ޕްރިންސް ހެރީގެ ކައިވެންޏަށް ދައުވަތު ނުދިނުމަކުން އޭނާގެ އެއްވެސް މައްސަލައެއް ނެތެވެ. އެކަމަކު އާއިލާއަކީ އާއިލާ ކަމަށް މޭގަން ނުދެކުމަކީ މައްސަލައެއް ކަމަށް ބުންޏެވެ.

ތޯމަސް ސިިފަކުރި ގޮތުގައި މޭގަން ވަނީ "އާއިލީ ގުޅުން ވީދާލައިފަ" އެވެ.

"އޭނައަކީ ރައްޔިތުން ދެކެ ވަރަށް ލޯބިވާ މީހެއްކަން ދައްކަން އުޅުނަސް، ލޭގެ ގުޅުން ކަނޑާލައިފައި ހުރި މީހެއްގެ ކޮން އިންސާނިއްޔަތު ކަމެއްބާ ހުންނާނީ؟" ތޯމަސް ބުންޏެވެ.

މޭގަންއާ ބެހޭ ގޮތުން ބޭބެ ތޯމަސްގެ ވާހަކަ މިގޮތަށް ހުއްޓަސް، މިހާތަނަށް ފާހަގަކުރެވިފައިވާ ގޮތުގައި ޝާހީ އާއިލާ މޭގަންއާ ވަރަށް ރުހެ އެވެ. އަދި އޭނާއަކީ ކުރިން ކައިވެންޏެއްކޮށްފައި ހުރި މީހަކަށް ވިޔަސް، އެކަން ވެސް ޝާހީ އާއިލާއަކަށް މައްސަލައަކަށް ނުވެ އެވެ.

މި މަހުގެ 19 ގައި ބާއްވާ ކައިވެނީ ހަފުލާ އަށް ޝާހީ އާއިލާ މިހާރު އޮތީ ފުރިހަމަ އަށް ތައްޔާރުވެފަ އެވެ.

0 ކޮމެންޓް, 43 ރިއެކްޝަންސް

icon happy icon happy 65%
icon sad icon sad 21%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454