ކުޅިވަރު

ޔޫވީ ބަލިކޮށް ވިކްޓަރީ ތިން ވަނަ އަށް

އެސްޓީއޯ މާލޭ ލީގުގައި މިރޭ ޔުނައިޓެޑް ވިކްޓަރީ އަތުން 3-1 އިން މޮޅުވެ ވިކްޓަރީން ލީގުގެ ތިން ވަަަނަ އަށް ޖެހިލައިފި އެވެ.

ލީގުގައި އީގަލްސް އިއްޔެ ކުޅުނު މެޗުން ޕޮއިންޓެއް ހޯދުމުން މިރޭގެ މެޗު ފެށިއިރު، ވިކްޓަރީ އޮތީ ފަސް ވަނައިގަ އެވެ. މިރޭގެ މޮޅާ އެކު ވިކްޓަރީ ތިން ވަނަ އަށް ޖެހިލީ އަށް މެޗުން 15 ޕޮއިންޓް ހަމަކޮށްގެންނެވެ. މި މެޗުން ބަލިވުމުން ގަދަ ހަޔަކަށް ވަނުމަށް ޔުނައިޓެޑް ވިކްޓަރީން ކުރަމުން އައި މަސައްކަތަށް ވަނީ އުނދަގޫތަކެއް ކުރިމަތިވެފަ އެވެ. އެ ޓީމު ލީގުގެ ހަތް ވަނައިގައި އޮތީ އަށް މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ.

މެޗު ފަށައިގެން ފުރަތަމަ މިނިޓް ތެރޭ ވިކްޓަރީގެ އަހުމަދު ނަޝީދު (ނައްޓޭ) ނަގައިދިން ހުރަސް ޔުނައިޓެޑް ވިކްޓަރީގެ ގޯލްކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް) ވަނީ ސަލާމަތްކޮށްފަ އެވެ. މެޗުގެ 14 ވަނަ މިނިޓްގައި ވިކްޓަރީގެ ބްރެޒިލް ފޯވާޑް ޕެޑްރޯ ހެންރީކޭ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އެވެ.

ފުރަތަމަ ހާފުގައި ވިކްޓަރީން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރަން މަސައްކަތް ކުރިއިރު، ޔުނައިޓެޑް ވިކްޓަރީ އަށް އުފެއްދުނީ މަދު އެޓޭކެކެވެ. ޔުނައިޓެޑް ވިކްޓަރީގެ ޓްރިންޑާޑް ފޯވާޑް ސެމިއުލް ކޯޑެލް ފޮނުވާލި ބޯޅަ ވަނީ ވިކްޓަރީ ކުޅުންތެރިއަކު ގައިގައި ޖެހިފައި ބްލޮކްވެފަ އެވެ.

އޭގެ ފަސް މިނިޓް ފަހުން ވިކްޓަރީގެ ޕެޑްރޯ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ކީޕަރު ތޮލާލް ވަނީ މަތަކޮށްފަ އެވެ. ވިކްޓަރީން ލަނޑު ޖެހީ މެޗުގެ 37 ވަނަ މިނިޓްގަ އެވެ. ހާފުގެ މެދު ތެރެއިން ވިކްޓަރީގެ ސައްދާމް ހުސެއިން އެ ޓީމުގެ ނައްޓޭ އަށް ދިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ އޭނާ ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

ދެ ވަނަ ހާފް ފަށައިގެން ތިން ވަނަ މިނިޓްގައި ވިކްޓަރީ އަށް ލީޑުފުޅާކޮށްދޭން ސްޕެއިނުގެ މިޑްފީލްޑަރު އެންހެލް މުނޯޒް އަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާ އަށް ނުހިފުނެވެ. އެންހެލް ފޮނުވާލި ބޯޅަ ތޮލާލް ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ހަންގޭރީގެ ފޯވާޑް ހަންގޭރީ ފޯވާޑް ސައިމަން ޓީބޯ މުޅިން ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ފުރަތަމަ ހާފަށް ވުރެ ރަނގަޅަށް ދެ ވަނަ ހާފުގައި ޔުނައިޓެޑް ވިކްޓަރީން ކުޅުނެވެ. އެ ޓީމުގެ ސެމިއުލް އަށް ލިބޭ ބޯޅަ ތަކުގައި ވިކްޓަރީގެ ޑިފެންސަށް ދިޔައީ ބާރު ބޮޑުވަމުންނެވެ.

ވިކްޓަރީގެ ދެ ވަނަ ލަނޑު ޖެހީ މެޗުގެ 61 ވަނަ މިނިޓްގައި އެންހެލް އެވެ. ކޯނަރަކުން އޭރިއާ ތެރެއިން ލިބުނު ބޯޅަ އެންހެލް ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ. އެ ބޯޅަ ސަލާމަތްކުރަން ޔުނައިޓެޑް ވިކްޓަރީގެ ޑިފެންޑަރުންނަށް މާ ބޮޑު މަސައްކަތެއް ނުކުރެވުނެވެ.

މެޗުގެ ފަހު 20 މިނިޓްގައި ޔުނައިޓޭޑް ވިކްޓަރީން ކުރިއަށް ޖެހިގެން ގިނަ އެޓޭކްތަކެއް އުފެއްދި އެވެ. ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން އެރި އަލީ ހައިޝަމް (ޗުމްޕު) އާއި އަބްދުލް ވާހިދު (ވާޑު)ގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނުއިރު، ވިކްޓަރީ ފަހަތަށް ބާރު ބޮޑުވި އެވެ. އެހެން ނަމަވެސް ލިބޭ ފުރުސަތުތަކުގެ ބޭނުމެއް ޔުނައިޓެޑް ވިކްޓަރީ އަށް ނުހިފުނެވެ.

ކައުންޓަ އެޓޭކުގައި ވިކްޓަރީ އަށް ވެސް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހީ މެޗު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް އަހުމަދު ރަޝީދު (އައްމަޑޭ) އެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް އައްމަޑޭ މި ލަނޑު ޖެހީ އެންހެލް ނަގައިދިން ހުރަހަކުން ބޮލުންނެވެ.

އޭގެ މިނިޓެއް ފަހުން ޔުނައިޓެޑް ވިކްޓަރީގެ ލަނޑު ޖެހީ ސެމިއުލް އެވެ. އޭރިއާ ތެރެއިން ސެމިއުލް ޖެހި ބޯޅަ ގޯލަށް ވަނީ ވިކްޓަރީގެ ކީޕަރު އަތްދަށުން ގޮހެވެ. ވިކްޓަރީ ކުޅުންތެރިން ނިންމައިގެން ތިބީ އިމްރާން އެ ބޯޅަ ނަގާނެ ކަމަށެވެ.

މެޗަށް ފަހު ވިކްޓަރީގެ ކޯޗު ލާޒްލޯ ކިސް ބުނީ މިއީ ކުޅުންތެރިން ވަރަށް ހިތްވަރުކޮށްގެން ވަރަށް މަސައްކަތުން ހޯދި މޮޅެއް ކަމަށެވެ. އަދި ކުރިއަށް އޮތް ނިއު ރޭޑިއަންޓް މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވާނެ ކަމަށް ކިސް ބުންޏެވެ.

ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ ބައެއް އާ ކުޅުންތެރިން ލައިގެން ކުޅެން ޖެހުނު ނަމަވެސް ޖުމްލަކޮށް ކުޅުންތެރިން ކުރި މަސައްކަތް ފާހަގަކުރަން ޖެހޭ ކަމަށެވެ.

"ހުރިހާ މެޗަކަށް ވުރެ ބޮޑަށް ކުޅުންތެރިން ލީ އެފަޓް ވެސް ރަނގަޅު. ކުޅުން ވެސް ރަނގަޅު. އަސްލު އެބަޖެހޭ ކުޅުންތެރިން ޓްރެއިނިން ތަކަށް ސީރިއަސްވާން. ކިތަންމެ މުހިއްމު ކުޅުންތެރިއެއް (ވިޔަސް) ޓްރެއިނިން އަށް ނައިސްފިއްޔާ މެޗު ގެއްލިދާނެތީއޭ ކިޔާފައި ނާރުވާނަން. ހަމަ ނުލާ ކުޅެނީ. ލިބުނު ފަހުން ތިން ހަތަރު ޗާންސެއް،" ނަޒީހު ބުންޏެވެ.

0 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 82%
icon sad icon sad 9%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454