08 މެއި 2018 - 12:24
ދިވެހި ކުޅިވަރަށް އޭނާ ކޮށްދިން ހިދުމަތުގެ އަގު "މިހާރު" އެވޯޑްސްގައި ވަޒަންކުރުމާ އެކު، ހަޔާތުގެ ބާކީބައި ވެސް ދިވެހި ކުޅިވަރަށް ހާއްސަކުުރުމަށް ވަރަށް ބޮޑަށް ހިތްވަރެއް ލިބިއްޖެ ކަމަށް "ޒާހިރު ނަސީރު އެވޯޑް" ގެ ހާސިލްކުރި ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ) ބުނެފި އެވެ.
ހޮނިހިރު ދުވަހުގެރޭ ބޭއްވި "މިހާރު" އެވޯޑްސްގައި ހީނާ އަށް "ޒާހިރު ނަސީރު އެވޯޑް" ދީފައިވަނީ ދިވެހި ކުޅިވަރަށް އޭނާ ކޮށްދިން ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. ހީނާ އަކީ، ދިވެހި ކުޅިވަރުގެ ބާނީ މަރްހޫމް މުހައްމަދު ޒާހިރު ނަސީރުގެ ނަންފުޅުގައި ދިން މި އެވޯޑް ހާސިލްކުރި ފުރަތަމަ ޝަހުސިއްޔަތެވެ.
"އުމުރުދުވަހުގެ ހިދުމަތަށް ދޭ ޒާހިރު ނަސީރު އެވޯޑް ލިބޭ ފުރަތަމަ މީހާ އަށް އަހަރެން އިހުތިޔާރުކުރީތީ މިހާރު އެވޯޑްސް އަށް ޝުކުރުއަދާކުރަން. އެއްވެސް ޝައްކެއް ނެތް ގޮތެއްގައި ދިވެހި ކުޅިވަރު ބައްޕަ ކަމުގައިވި އަދި އަހަރެން ދުށް އެންމެ މޮޅު (ކުޅިވަރު) މުދައްރިސް މަރްހޫމް މުހައްމަދު ޒާހިރު ނަސީރުގެ ޝަރަފުގައި ދޭ މި އެވޯޑް ހާސިލްކުރެވުމަކީ އަހަންނަށް ލިބުނު ޝަރަފެއްގެ ގޮތުގައި ދެކެނީ،" އެވޯޑް ލިބުމުން ފޭސްބުކުގައި އޭނާ ލިޔެފައިވެ އެވެ.
ހީނާ އަކީ 1979 ވަނަ އަހަރު އެކުލަވާކި ރާއްޖޭގެ ފުރަތަމަ ގައުމީ ފުޓްބޯޅަ ޓީމުގައި ހިމެނުނު ކުޅުންތެރިއެކެވެ. ފަހުން ދުވުންތެރިއެއްގެ ގޮތުގައި އަދި ބެޑްމިންޓަން ކުޅުންތެރިއެއްގެ ގޮތުގައި ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެ ތަމްސީލްކުރި ހީނާ ވަނީ މި އެވޯޑާ އެކު، އޭނާ މިހިސާބަށް ގެނެސްދިން ފަރާތްތަކުގެ މަތިން ވެސް ހަނދާންކޮށްފަ އެވެ.
"މިއަދު މި ފެންނަ އަހަރެން، އަހަންނަށް ހެދުމުގައި އެކި އެކި ރޯލްތައް އަދާކުރި އެކިއެކި މީހުންނާ އެކު ހަޔާތުގެ އެކި ދައުރުތަކުގައި މަސައްކަތްކުރެވުމަކީ އަހަރެންގެ ނަސީބު ކަމަށް ބަލަނީ،" ހީނާ ލިޔެފައިވެ އެވެ.
އަދި އެ ސަބަބަށްޓަކައި މި ފުރުސަތުގެ ބޭނުން މިހިފަނީ، އޭގެ ތެރެއިން ވަކިވަކި ކޮންމެ މީހަކަށް ޝުކުރުއަދާކުރުމަށް ކަމަށް ހީނާ ލިޔެފައިވެ އެވެ.
"ހާއްސަ ގޮތެއްގައި އަހަރެން ބޭނުންވޭ އެފްއޭ މޯލްޑިވްސް އާއި އެކި ދުވަސްތަކުގެ ކުޅިވަރު ވަޒީރުންނާއި ކްލަބްތަކާއި ސްކޫލްތަކާއި އެކުވެރިންނާއި އާއިލާ އަށް ޝުކުރުއަދާކުރަން. އަބަދުވެސް އަހަންނަށްޓަކައި ތިބީތީވެ އަދި މި ޝަރަފްވެރި އެވޯޑާ ދިމާލަށް އަހަރެން ގެންގޮސްދިނީތީވެ. (އެ އެންމެންނަށް) އަހަރެން މިހިރީ (ޝުކުރުގެ ހިތަކުން) ދަރަނިވެރިވެފައި،" ހީނާ ލިޔެފައިވެ އެވެ.
ކުޅުމުގެ ކެރިއަރަށް ފަހު ފުޓްބޯޅަ ރެފްރީއެއްގެ ގޮތުގައި އަދި ކޯޗެއްގެ ގޮތުގައި ހީނާ ގިނަ ހިދުމަތްތަކެއްކުރި އެވެ. އެގޮތުން ވެލެންސިއާ އާއި ނިއު ރޭޑިއަންޓަށް ބައިނަލްއަގްވާމީ ފުޓްބޯޅައިގައި ކާމިޔާބީ ހޯދައިދިނެވެ.
އެކަމަކު މީގެ 14 އަހަރު ކުރިން ފެށިގެން އޭނާ މަސައްކަތްކުރަމުން އަންނަނީ "އާލީ ޓަޗް ފުޓްބޯލް އެކަޑަމީ" ގެ ނަމުގައި އެކަޑަމީއެއް ހަދައި ކުޑަކުދިން ތަމްރީންކުރުމުގަ އެވެ. އޭނާ ވަނީ އެ މަސައްކަތުގައި ދެމި ހުންނާނެ ކަމަށް ބުނެފަ އެވެ.
"ދިވެހި ކުޅިވަރަށް އަހަރެން ކޮށްދިން ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އަހަންނަށް މި އެވޯޑް ލިބުމާ އެކު މިހާރު އަހަރެމެން މިހިރީ ދިވެހި ކުޅިވަރު ރަނގަޅު ހިސާބަކަށް ގެންދިއުމަށް، އަހަރެންގެ ހަޔާތުގެ ބާކީ ބައި އެކަމަށް ހާއްސަކުރަން ވަރަށް ބޮޑަށް ހިތްވަރެއްގައި. (އެކަމުގައި ދެމި ހުރުމަށް) އަހަރެން މާތް ﷲ ގެ ހަޒްރަތުގައި ދުއާ ދަންނަވަން ރަނގަޅު ސިއްހަތަކާއި ހަކަތަ އަހަންނަށް މިންވަރުކުރައްވާތޯ،" ހީނާ ލިޔެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭބެގޯތި އަަހަންމަދު
09 May 2018
ބަށިބޯޅައަަކީ ހަމައެކަނި ފުރަގަަހައް ހުރެގެން ދުނިޔޭގައި ކުޅޭކުޅިވަރު. ތިކަން ތަޢާރަފްކޮއްގެން އެވޯޑްދޭނަމަ މަންޑިކުޅެގެންވެސް އެވޯޑް ދޭންވީ
އާމިނަތު އަޙުމަދު
08 May 2018
ދިވެހިން އުފެއްދި ދިވެހިކުޅިވަރު " ދިވެހި ޝަޤާފީ ކުޅިވަރު ދިވެހި ބަށިބޯޅަ" މިއަދު މިދެކޭ ރަންޒަމާންގެނެސްދިން ހަޤީޤީ ބާނީ ބަށިބޯލް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް/ ޒަމާނީ ބަށިބޯލް އެސޯސިއޭޝަނުގެ ރައީސާ މެޑަމް ސިޔާމާ އަޙުމަދު މިޤައުމުގައި އެކުރައްވާ ޚިދުމަތަށް ތިޔަ އެވޯޑް ޙައްޤުނުވޭތޯ؟ އެއީ %100 ދިވެހިކުޅިވަރެއް 2010ން ފެށިގެން 9 އަހަރު ދިވެހި ކަނބަލެއް ދިވެހި ކަނޑުތަކުގައި ދުއްވައި ދިވެހިރައްތަކުގައި ދިވެހި ކަނބަލުންނާއި އެކު އުޅުއްވައިގެން މީ ހަޤީޤަތް ފެންނަންހުރި ސާފު ތެދުޙަޤީ ޤަތް ދެބަސްވެވެން ނެތް ޙަޤީޤަތެއް
ނަންކުރާ
08 May 2018
އެއްވެސް ހުނަރެއް ބޭނުންވާ ކުޅިވަރެއްނޫން. އެއްގޮތަކަށްވެސް ކުޅެން ކަމުދާ ވެސް ކުޅިވަރެއްނޫން. ކުޅިވަރެއްގެ ގޮތުގަ ބަލަިގަންނާކަށްވެސް ކަމަކު ނުދޭ.
އޭނާ
08 May 2018
ހީނާ ކުޅިވަރުގެ ދާއިރާގަ ތިކުރައްވާ މަސައްކަތަށް އައްސަރި ބަހާއި ސާބަސް. އަދި ފުޓްބޯޅަ ދިރުވާ އާލާ ކުރަން ތިކުރާ ކަންތަކުން މުސްތަގުބަލުގަ ރަގަޅު ކުޅުންތެރިން ތަކެއް ފެންނާނެ ކަމަށްވެސް އުންމީދު ކުރަން.