ހެލެން މިރެން އާއި ކެއިރާ ނައިޓްލީ: "ބާލިން، އައި ލަވް ޔޫ" އިން ފެނިގެން ދާނެ.
15 މެއި 2018 - 06:34
އެންތޮލޮޖީ ފިލްމް "ބާލިން، އައި ލަވް ޔޫ" ގެ ކާސްޓުންގެ ތެރޭގައި ހޮލީވުޑްގެ މަޝްހޫރު ދެ ބަތަލާ އިން ކަމަށްވާ ހެލެން މިރެން އާއި ކެއިރާ ނައިޓްލީ ހިމެނިއްޖެ އެވެ.
މި ފިލްމަކީ ޖަރުމަންގެ ވެރިރަށް ބާލިންގައި ހިނގާ ތަފާތު ހާދިސާތަކެއްގެ މައްޗަށް 10 ސެގްމަންޓް ހިމެނޭ ގޮތަށް ގެނެސްދޭ ފިލްމެކެވެ. "ބާލިން، އައި ލަވް ޔޫ" ގެ ސެގްމަންޓްތަކުގެ ކާސްޓުންގެ ތެރޭގައި ޖިމް ސްޓަޖެސް ވެސް ހިމެނެ އެވެ. އެކަމަކު މުޅި ކާސްޓަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ.
ފިލްމްގެ ސެގްމަންޓައް ޑައިރެކްޓް ކުރާނީ ތަފާތު ޑައިރެކްޓަރުންނެވެ.
"ބާލިން، އައި ލަވް ޔޫ" ގެ އުތުރު އެމެރިކާގެ ޑިސްޓްރިބިއުޝަން ރައިޓްސް، ފްރާންސްގައި މިހާރު ކުރިއަށްދާ 71 ވަނަ ކާންސް ފިލްމް ފެސްޓިވަލްގައި ސެބަން ފިލްމްސް އަށް ވަނީ ވިއްކާލައިފަ އެވެ. އެ ކުންފުނިން ވަނީ ކާންސްގެ ތެރޭގައި އިތުރު އެހެން ތިން ފިލްމެއްގެ ރައިޓްސް ވެސް ހޯދައިފަ އެވެ. އޭގެ ތެރޭގައި ކިއާނޫ ރީވްސްގެ "ސައިބީރިއާ" އާއި ޖެރަޑް ބަޓްލާގެ "ކީޕާޒް" އަދި ޑޭވިޑް އެލްޖީ ހިއުސްގެ "ވިކިން ޑެސްޓިނީ" ހިމެނެ އެވެ.
މި ފިލްމުގެ އުތުރު އެމެރިކާގެ ޑިސްޓްރިބިއުޝަން ރައިޓްސް ސެބަން އަށް ވިއްކައިލި ނަމަވެސް، ދުނިޔޭގެ ކަންކޮޅުތަކުގައި ފިލްމް ދައްކާނީ ހައިލޭންޑް ފިލްމް ގްރޫޕުންނެވެ. މި ފިލްމަކީ 2006 އިން ފެށިގެން ގެނެސް ދެމުން އަންނަ "ސިޓީސް އޮފް ލަވް" ފްރެންޗައިޒްގެ ދަށުން ގެނެސްދޭ ފިލްމެކެވެ.
ޖިމް: "ބާލިން، އައި ލަވް ޔޫ" އިން ފެނިގެން ދާނެ.
މީގެ ބައިތަކެއްގެ ގޮތުގައި 2006 ގައި ވަނީ 18 ސެގްމަންޓް ހިމެނޭ "ޕެރިސް، އައި ލަވް ޔޫ" އާއި 11 ސެގްމަންޓް ހިމެނޭ "ނިއުޔޯކް، އައި ލަވް ޔޫ" 2009 ގައި ގެނެސް ދީފަ އެވެ.
"ބާލިން، އައި ލަވް ޔޫ" އިން ކެއިރާ، 33، އިން ހެލެން، 72 ފެނިގެންދާ އިރު، އެ ދެ ބަތަލާ އިން ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ ނޮވެމްބަރު މަހުގެ 2 ގައި ރިލީޒް ކުރާ "ދަ ނަޓްކްރެކާ އެންޑް ދަ ފޯ ރިއަލްމްސް" އިންނެވެ.
ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy