އީގަލްސްގެ ކޯޗު މޯހަން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
25 މެއި 2018 - 13:58
އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ ބުރުގައި އީގަލްސް އަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އެ ޓީމު ކޮޅަށް ވަންނަ ލަނޑު ގިނަވުމެވެ. ލީގުގެ ކުރިއަށް އަރަން އީގަލްސް އަށް އެންމެ ބޮޑު ހުރަހަކީ ވެސް ޕޮއިންޓުގެ ގޮތުން ވާދަކުރާ ޓީމުތަކާ އެއްވަރުވާއިރު، ފައިދާ ގޯލު މަދުވުމެވެ. އެކަމަކު ދެ ވަނަ ބުރު ފެށިގެން އީގަލްސްގެ ޑިފެންސް ރަނގަޅުވެފައިވާއިރު، ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ހުރީ އެކަމާ ހިތްހަމަ ޖެހިފަ އެވެ.
އީގަލްސް ފަހަތަށް މި ބުރުގައި ކުޅެމުން އަންނަ ކުޅުންތެރިންނަކީ ޝިފާން ހަސަން، ހުސެއިން ޝިފާއު، ސޮލާހު އަލީ އަދި ހުސެން ފައިސަލް އެވެ. މީގެ ތެރެއިން ސޮލާހާއި ފައިސަލަށް ފުރުސަތު ދޭން ފެށީ މި ބުރުގަ އެވެ.
ލީގުގައި އެންމެ ފަހުން މާޒިޔާ އަތުން މޮޅުވި މެޗަށް ފަހު މޯހަން ބުނީ ފަހަތް އޮތީ ވަރަށް ބޮޑަށް ޒުވާންވެފައި ކަމަށާއި އެކަމު ކުޅުން ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށެވެ.
"ޒުވާން ކުޅުންތެރިންނާ އެކު ފަހަތް ވަރަށް ވަރުގަދަކޮށް މިހާރު މި އޮތީ. މިއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ހަގީގަތުގައި. އަޅުގަނޑުމެން ފުރަތަމަ ސީޒަން ފެށިއިރު އުއްމީދުކޮށްގެން ތިބި ފަހަތެއް ނޫން މިއީ. މުޅިން ހަމަ އެކީ ކަހަލަ ގޮތަކަށް ބަދަލުވެފައި މިއޮތީ. މި ކުޅުންތެރިންގެ ޑިސިޕްލިން އާއި ކޮމިޓްމަންޓް ފެނިފައި ވަރަށް ހިތްހަމަ ޖެހިފައި މިހިރީ،" ކުރިން ނިއު ރޭޑިއަންޓަށް ލީގު ހޯދައިދިން މޯހަން ބުންޏެވެ.
މޯހަން ބުނީ މިއީ ކުރިއަށްދާން ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
"މި ބުރުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެންމެ ގޯލެއް ވަނީ. އަނެއް ދެ މެޗު ގޯލެއް ނުވަދެ ނިމުނީ ހަގީގަތުގައި މުސްތަގުބަލަަށް ބަލާއިރު ވަރަށް ގިނަ ޕޮޒިޓިވް ކަންތައްތަކެއް މި ފެންނަނީ،" އޭނާ ބުންޏެވެ.
ލީގުގެ ދެ ވަނައިގައި މި ވަގުތު އީގަލްސް އޮތީ ކުޅުނު 10 މެޗުން ލިބުނު 18 ޕޮއިންޓާ އެކު އެވެ. ލީގުގެ ގަދަ ހަޔެއްގެ ޖާގަ ކަށަވަރުވެ، ދިވެހި ޕްރިމިއާ ލީގުގެ ޖާގަ އެ ޓީމަށް ގާތްގަނޑަކަށް ކަށަވަރުވެފައިވާ ކަމަށް މޯހަން ވަނީ ބުނެފަ އެވެ.
"ގާތްގަނޑަކަށް 90 ޕަސެންޓް ނޫނީ 95 ޕަސެންޓް ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާނެކަން ޔަގީންވެއްޖެ. އަދިވެސް އިތުރު ކުޅުންތެރިންތަކަށް ފުރުސަތުދޭން މި ބަލަނީ. ފުރުސަތު ދިނީމަ މި އިނގެނީ އެ ކުޅުންތެރިން މި ހުންނަ ވާދަކޮށްލުމުގެ ފެންވަރު،" އޭނާ ބުންޏެވެ.
ލީގުގައި ދެން އެންމެ އަވަހަށް އީގަލްސް ކުޅޭ މެޗުގައި އާދިއްތަ ދުވަހުގެރޭ ނުކުންނާނީ އެއް ވަނައިގައި އޮތް ނިއު ރޭޑިއަންޓާ ދެކޮޅަށެވެ. ފުރަތަމަ ބުރުގައި މި ދެ ޓީމު ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސްނާލީމާ
26 May 2018
މޯހަންއަށް އަހަރެމެން އިޚްތިރާމްކުރަން. އެކަމަކު އަހަރެންގެ ހުރިހާވެސް އުންމީދަކީ މޯހަންގެ އީގަލްސްގެ މައްޗަށް ނިއުރޭޑިއަންޓްއަށް ކާމިޔާބު ލިބުން.
އާރީ
25 May 2018
މަރުހަބާ މަރުހަބާ. މޯހަން ތި ހޯދާ ކާމިޔާބަށް. އެކަމް ކުރިމަތިވަމުން އައްނަ ބޮނޑް މެޗަކީ މާޔޫސްވާނޭ ދުވަހެއް. ޔަހުޔާ ކާޅުވެސް ހިފާ. ވަރަށް ވަރަށް ވާހަކަ ދެން މި ބުނީ..