ކުރީގެ މެޗެއްގެ ތެރެއިން ޒިދާން (ކ) އާއި ޑިޝޯމްޕްސް.-- ފޮޓޯ: އޭއެފްޕީ
01 ޖޫން 2018 - 14:22
ޕެރިސް (ޖޫން 1) - ފްރާންސް ގައުމީ ޓީމުގެ ކޯޗުކަން ކުރެވޭނެ ފެންވަރު ދާދި ފަހުން ރެއާލް މެޑްރިޑްގެ ކޯޗުކަމުން ވަކިވި ފްރާންސްގެ ކުރީގެ ތަރި ޒިނެދިން ޒިދާންގެ ކިބައިގައި އެބަހުރި ކަމަށް އެ ޓީމުގެ މިހާރުގެ ކޯޗު ޑިޑިއޭ ޑިޝޯމްޕްސް ބުނެފި އެވެ.
ޖެހިޖެހިގެން ތިން އަހަރު ޗެމްޕިއަންސް ލީގު ޗެމްޕިއަންކަން ރެއާލަށް ހޯދައިދީ ޒިދާން ވަނީ ތާރީހުން ޖާގަ ހޯދައިފަ އެވެ. ކުއްލިގޮތަކަށް ރެއާލްގެ ކޯޗުކަން ޒިދާން ދޫކޮށްލާފައިމިވަނީ ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލިތާ މަދު ދުވަސްތަކެއް ތެރޭގަ އެވެ.
ޑިޝޯމްޕްސް ބުނީ ޒިދާން ރެއާލް ދޫކޮށްލުމަކީ އޭނާގެ ވަޒީފާ އަށް ބިރެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ.
"ކޮންމެވެސް ދުވަހެއްގައި ޒިދާން ފެންނާނެ ފްރާންސް ކޯޗުކަމުން. އެކަން ވާން އޮތް ދުވަހަކު އެކަން ވާނެ. އެކަމަކު މި ވަގުތު އެކަން ވާނެއޭ ހިތަށް އަރުވައިގެން އަހަންނަށް އެއްވެސް ޕްރެޝަރެއް ނެތް،" ޒިދާނާ އެކު 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގެ ކެޕްޓަންކަން ކުރި ޑިޝޯމްޕްސް ބުންޏެވެ.
ޑިޝޯމްޕްސް ހުރީ 2020 ގެ ނިޔަލަށް ފްރާންސް ގައުމީ ޓީމުގެ ކޮންޓްރެކްޓުގަ އެވެ. އެކަމު އެންމެ ފަހުން އަމިއްލަ ގައުމުގައި ކުޅުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނާކާމިޔާބީ އަށް ފަހު ޑިޝޯމްޕްސް އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. އަދި މި ފަހަރުގެ ވޯލްޑް ކަޕްގައި ނަތީޖާ ނުކުންނަ ގޮތަކުން ފްރާންސްގެ ކޯޗުކަން ޑިޝޯމްޕްސް އަށް ގެއްލުމުގެ ފުރުސަތު އެބައޮތެވެ.
"ޒިދާންގެ މި ނިންމުމާ މެދު އަހަރެން ވިސްނާކަށެއް ނުޖެހޭ. މި ބުނީ ޕްރޮފެޝަނަލް ކަމެއްގެ ވާހަކަ. އަހަރެންގެ ފޯކަސް އަކީ މި ވަގުތު ފްރާންސް ގައުމީ ޓީމުގެ މަސައްކަތް. ޒިދާންގެ މުސްތަގުބަލާ ވިސްނާނީ އެހެން ވަގުތުތަކުގައި،" ޑިޝޯމްޕްސް ބުންޏެވެ.
ފްރާންސަކީ މި ފަހަރުގެ މުބާރާތުގެ އެއް ފޭވަރިޓެވެ. ކުޅުންތެރިންގެ ފެންވަރަށް ބަލާއިރު ނިސްބަތުން އެންމެ ވަރުގަދަ ސްކޮޑެއް އޮތީ ވެސް އެ ޓީމުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy