ސިޓީ މެޗެއްގެ ތެރެއިން ޓޫރޭ (ކ) އާއި ގާޑިއޯލާ.--
06 ޖޫން 2018 - 10:40
މެންޗެސްޓާ (ޖޫން 6) - ކުޑަ މުސާރައެއްގައި ވިޔަސް އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަޔެއްގެ ޓީމަކަށް ކުޅެން ޔާޔާ ޓޫރޭ ބޭނުންވާ ކަމަށާއި އެއީ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަށް ކަމެއް ސާބިތުކޮށްދިނުމުގެ ގޮތުން ކަމަށް އޭނާގެ އޭޖެންްޓް ޑިމިޓްރީ ސެލުކް ބުނެފި އެވެ.
މިދިޔަ ސީޒަނަށް ފަހު އުމުރުން 35 އަހަރުގެ ޔާޔާ ޓޫރޭ ސިޓިއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުން ވަނީ ސިޓީން ދޫކޮށްލައިފަ އެވެ. މިއީ ގާޑިއޯލާ ކޯޗުކޮށްދިން ޓީމަކުން ޔާޔާ ޓޫރޭ ދޫކޮށްލި ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2010 ވަނަ އަހަރު ބާސެލޯނާ އިން ޔާޔާ ޓޫރޭ ދޫކޮށްލިއިރު، އެ ޓީމުގެ ކޯޗަކީ ވެސް ގާޑިއޯލާ އެވެ.
ގާޑިއޯލާ އަށް ފާޑުކިޔަމުން ދާދި ފަހުން ޔާޔާ ޓޫރޭ ބުނީ އެފްރިކާގެ ކުޅުންތެރިންނާ މެދު ގާޑިއޯލާ ތަފާތު ކުރުން ގެންގުޅޭ ކަމަށެވެ.
ސެލުކް ބުނީ ގިނަ ޓީމުތަކުގެ ހުށަހެޅުންތަކެއް ޔާޔާ ޓޫރޭ އަށް ލިބިފައިވާ ކަމަށާއި އެހެން ނަމަވެސް ބޭނުންވަނީ ޕްރިމިއާ ލީގުގައި ކުޅެން ކަމަށެވެ.
"އަހަރެމެން ނިންމައިފިން އަންނަ ސީޒަން ގާޑިއޯލާ އަށް ހަދިޔާކުރަން. އެއީ ގާޑިއޯލާ އާއި ސިޓީ ސަޕޯޓަރުންނަށް ކަމެއް ސާބިތުކޮށްދޭން. އެއީ ޓޫރޭގެ ކެރިއަރު އަދި ނުނިމޭކަން. ފުޓްބޯޅަ ކުޅުންތެރިންނަށް ބޮޑު މުސާރަތަކެއްދޭ ދުވަސްވަރެއްގައި ޓޫރޭ ނިންމާފައިވަނީ ހަފްތާ އަކު އެއް ޕައުންޑުގެ މުސާރަ އަކަށް ވިޔަސް އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަޔެއްގެ ޓީމަކަށް ކުޅެން،" ސެލުކް ބުންޏެވެ.
އޭނާ ބުނީ ކުޑަ މުސާރައެއްގައި ކުޅެން އެއްބަސްވި ނަމަވެސް ކޮންޓްރެކްޓް ހަދާނީ ކާމިޔާބެއް ލިބިއްޖެނަމަ ބޯނަހެއް ލިބޭ ގޮތަށް ކަމަށެވެ.
"އަހަންނަށް ޔަގީންވާ ކަމަކީ ޔާޔާ ޓޫރޭ ފަދަ ކޮލިޓީ ކުޅުންތެރިއަކު ގެންގޮސްގެން އާސެނަލް، ޗެލްސީ، މެންޗެސްޓާ ޔުނައިޓެޑް، ލިވަޕޫލް އަދި ޓޮޓެންހަމް ކަހަލަ ޓީމަކަށް ގެއްލުމެއް ނެތްކަން،" ސެލުކް ބުންޏެވެ.
ޔާޔާ ޓޫރޭ އަބަދުވެސް ކްލަބް ލެވެލްގައި ބޭނުންކުރަނީ 42 ނަމްބަރު ޖޯޒީ އެވެ. ސެލުކް ބުނީ އެ ނަމްބަރުން ދޭހަކޮށްދެނީ 42 އަހަރު ވަންދެން ޔާޔާ ޓޫރޭ ފުޓްބޯޅަ ކެރިއަރު ކުރިއަށްގެންދާން ބޭނުންވާ ކަމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުންކޮ ލިވަރޕޫލް
06 June 2018
ގެނޭ ގެނޭ، ލިވަރޕޫލަށް ގެނޭ.. ގާޑިބޭއަށް ވާނެ ކުޅިސަމާ ދައްކާލަން..