ބެކަމް އާއި ވިކްޓޯރިއާ ޕްރިންސް ހެރީ އާއި މޭގަންގެ ކައިވެނީގެ ހަފުލާ އަށް ހާޒިރު ވަނީ.
11 ޖޫން 2018 - 08:09
މިދިޔަ މަހުގެ 19 ވަނަ ދުވަހު އޮތް ޕްރިންސް ހެރީ އާއި ބަތަލާ މޭގަން މާކަލްގެ ކައިވެނީގެ ހަފުލާގައި ޑޭވިޑް ބެކަަމް އާއި އޭނާގެ އަންހެނުން ވިކްޓޯރިއާ ބެކަމް ލައިގެން ހުރި ހެދުން ނީލަމެއްގައި ވިއްކައިލާ ގޮތަށް ނިންމައިފި އެވެ.
އިނގިރޭސިވިލާތުގެ ގައުމީ ފުޓްބޯޅަ ޓީމްގެ ކުރީގެ ކެޕްޓަނާއި ކުރީގެ ބޭންޑް ސްޕައިސް ގާލްސްގެ ތަރި އިސްޓަގްރާމްގައި ބުނި ގޮތުގައި ދެ މީހުންގެ ހެދުން ނީލަމަށްލީ މިދިޔަ އަހަރު މެންޗެސްޓާ އަށް ދިން ޓެރަރިސްޓްގައި ހަމަލާގައި ގެއްލުންވި އާއިލާތަކަށް މާލީ ގޮތުން އެހީވުމަށެވެ.
އެގޮތުން ދެ މީހުން ހެދުން ވިއްކާލައިގެން ލިބޭ ފައިސާ ހަދިޔާކުރަން ނިންމާފައި ވަނީ "ދަ ވީ ލަވް މެންޗެސްޓާ އިމަޖެންސީ ފަންޑް" އަށެވެ.
#DavidBeckham & @victoriabeckham are giving you the clothes off their back... literally! YOU could win their gorgeous outfits from the #RoyalWedding! ENTER: https://t.co/ub34K2ysor pic.twitter.com/Ia0ja5SVgI
— Omaze (@omaze) June 7, 2018
އޮމޭޒްގެ ޓްވީޓެއް.
އެމެރިކާގެ ލަވަކިޔުންތެރިޔާ އެރިއާނާ ގްރަންޑޭ މެންޗެސްޓާގައި މެއި، 22، 2017 ގައި ބޭއްވި ކޮންސަަޓް ތެރޭގައި ދިން ބޮމުގެ ހަމަލާގައި 22 މީހަކު މަރުވެ، 800 އެއްހާ މީހުންނަށް އެކި ވަރުގެ ޒަހަމްތައް ލިބުނެވެ.
ޕްރިންސް ހެރީ އާއި މޭގަންގެ ކައިވެނީގެ ހަފުލާގައި ބެކަމް ލައިގެން ހުރީ ޑިއޯ ހޯމްގެ ސޫޓެކެވެ. ފެޝަން ޑިޒައިނަރެއްގެ ގޮތުގައި މިހާރު މަޝްހޫރު ވިކްޓޯރިއާ ލައިގެން ހުރީ އަންނަ އަހަރުގެ ހޫނު/ބަހާރު މޫސުމާ ދިމާކޮށް އޭނާ ފަރުމާކޮށް ނެރޭ ކަލެކްޝަންގެ ތެރެއިން ނޭވީ މިޑީއެކެވެ.
ދެ މީހުންގެ ހެދުން ހޯދުމުގެ ފުރުސަތު އޮމޭޒް.ކޮމްގައި މިހާރު ކުރިއަށް ގެންދާ އޮންލައިން ޑްރޯއަކުން ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. އެންމެ 7.50 ޕައުންޑުން މީގައި ބައިވެރި ވެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy