ކުޅިވަރު

ޔޫވީ ބަލިކޮށް ވެލެންސިއާ އަށް ހިތްހަަމަޖެހުމެއް

ޔުވީ ކުޅުންތެރިއަކު ކައިރިން ވެލެންސިއާގެ އަންކޮ (ކ) ބޯޅަ ހޯދަން މަސައްކަތްކުރަނީ.-- ފޮޓޯ: އެފްއޭއެމް

އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން 3-1 އިން ހޯދި މޮޅާ އެކު ވެލެންސިއާ އިން ރެލިގޭޝަނުގެ ކުރިން ހިތްހަމަޖެހުމެއް ހޯދައިފި އެވެ.

މި މެޗުން މޮޅުވި ނަމަވެސް ވެލެންސިއާ ލީގު ނިންމާލީ އެންމެ ފުލުގައި އޮވެ އެވެ. އެ ޓީމަށް ހަތް ޕޮއިންޓް ލިބުނުއިރު، ހަތް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ އަށް ވަނީ ނުވަ ޕޮއިންޓް ލިބިފަ އެވެ.

ޔުނައިޓެޑް ވިކްޓަރީ މި މެޗަށް ނުކުތްއިރު، އެ ޓީމުގެ ތަޖުރިބާކާރު ދެ ޑިފެންޑަރުން ކަމަށްވާ ފަރުހާދު އިސްމާއިލް (ފަރޭ) އާއި އަލީ ޝަރީފް (އައްޔަ) ތިބީ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޝަނުގަ އެވެ. ޔުނައިޓެޑް ވިކްޓަރީން މި މެޗުގައި އެ ޓީމުގެ ބްރެޒިލް ކުޅުންތެރިޔާ ރަފީނިއާ ބޭނުންކުރީ ޑިފެންޑަރެއްގެ ގޮތުގަ އެވެ.

މި ދެ ޓީމަކީ ވެސް މި ފަހަރު ރެލިގޭޝަނުގައި ކުޅެން ޖެހިފައިވާ ދެ ޓީމެވެ. އެހެން ކަމުން މި މެޗަކީ ރެލިގޭޝަނަށް ދިއުމުގެ ކުރިން ދެ ޓީމަށް ވެސް ތައްޔާރުވެލަން ރަނގަޅު ފުރުސަތެކެވެ. ދެ ޓީމުން ވެސް ވަނީ މި މެޗުގައި ގިނަ އާ ކުޅުންތެރިންނަށް މި މެޗުގައި ފުރުސަތު ދީފަ އެވެ.

ފުރަތަމަ ބުރުގައި ވެލެންސިއާ އަތުން ޔުނައިޓެޑް ވިކްޓަރީ ވަނީ މޮޅުވެފަ އެވެ. އެކަމަކު ދެ ވަނަ ބުރުގައި އެ ޓީމު އަތުން ބަލިވި ނަމަވެސް މާ ބޮޑު މާޔޫސްކަމެއް ނެތެވެ.

ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ މެޗަށް ނުކުތްއިރު މިއީ މާ ބޮޑު ކަންތައްތަކެއް ހާސިލްކުރެވޭނެ މެޗެއް ނޫންކަން އެނގޭ ކަމަށާއި އެހެންވެ ބޭނުންވީ ފުރުސަތު ނުލިބިތިބި ކުޅުންތެރިންނަށް އެ ފުރުސަތުދޭން ކަމަށެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ވެލެންސިއާ އިން ވަނީ ގްރީން ސްޓްރީޓްސް ބަލިކޮށް ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފަ އެވެ. މި މެޗުން ވެލެންސިއާ މޮޅުވިއިރު، މިއީ އަހަރެއްގެ ތެރޭގައި އެ ޓީމުން ޖެހިޖެހިގެން ދެ މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ.

ވެލެންސިއާގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުނީ މިއީ ރެލިގޭޝަނަށް ދިއުމުގެ ކުރިން އެ ޓީމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި ކުޅުންތެރިންނަށް ވެސް ލިބިގެންދިޔަ ވަރަށް ބޮޑު އިތުބާރެއް ކަމަަށެވެ.

މިއަދުގެ މެޗު ފަށައިގެން ރަނގަޅު ކުޅުމެއް ދެއްކީ ޔުނައިޓެޑް ވިކްޓަރީންނެވެ. އެ ޓީމުގެ ޓްރިންޑާޑް ފޯވާޑް ސެމިއުލް ކޯޑެލް އަށް ލިބޭ ބޯޅަތަކުގައި ވެލެންސިއާ ފަހަތަށް ބާރު ބޮޑުވި އެވެ.

މެޗުގެ 16 ވަނަ މިނިޓްގައި ސެމިއުލް ދިން ބޯޅަ އަކުން އެ ޓީމުގެ އިބްރާހިމް ނޫރައްދީން ފޮނުވާލި ޝޮޓްދިޔައީ އަރިމަތިން ބޭރުންނެވެ.

ކައުންޓަ އެޓޭކުގައި ވެލެންސިއާގެ އަންސަރު އިބްރާހިމް (އަންކޮ) ވަނީ މެޗުގެ 20 ވަނަ މިނިޓްގައި ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. އޭރިއާ ތެރެއިން އަންކޮ ޖެހި ބޯޅަ ޔުނައިޓެޑް ވިކްޓަރީ ކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް) ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 32 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓަރީން ލީޑުނެގުމާ ގާތަށް ޖެހިލި އެވެ. ލިބުނު ހިލޭ ޖެހުމަކުން ހަސަން ފައިރޫޒް (ލަކީ) ޖެހި ބޯޅަ އާއި މި މެޗުގައި ކެޕްޓަން ކަން ކުރި އަލީ ހައިޝަމް (ޗުމްޕު) ފޮނުވާލި ބޯޅަތައް ގޯލު ރޮނގުމަތިން ސަލާމަތްކުރީ ވެލެންސިއާގެ ބިދޭސީ ކުޅުންތެރިއާ އައިދަރު މަމްބަޓެލެވް އެވެ.

ހާފު ނިމުމުގެ ކުރިން އޭރިއާ ތެރެއިން ވެލެންސިއާގެ ޔޫސުފް ރަމީޒު (ރަމީ) ރަނގަޅު ފުރުސަތެއް ލިބުނެވެ. ރަމީ ފޮނުވާލި ބޯޅަ އޭނާ ފަޔަށް ރަނގަޅަށް ނޭރިއިރު، ޔުނައިޓެޑް ވިކްޓަރީ ޑިފެންޑަރުން ވަނީ އެ ބޯޅަ ބްލޮކްކޮށްފަ އެވެ.

ދެ ވަނަ ހާފް ފަށައިގެން ނުވަ ވަނަ މިނިޓްގައި ވެލެންސިއާ އިން ވަނީ ލީޑުނަގައިފަ އެވެ. މެޗުގެ 54 ވަނަ މިނިޓްގައި ޑްރީގާ ސާގީ ހުސްކޮށްލާފައި ނަގައިދިން ބޯޅަ ގޯލަށް ވައްދާލީ އަންކޮ އެވެ. ވެލެންސިއާ އިިން ލީޑުނެގިތާ ހަތަރު މިނިޓް ތެރޭ ޔުނައިޓެޑް ވިކްޓަރީން ވަނީ ނަތީޖާ ހަމަކޮށްފަ އެވެ. އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ސެމިއުލް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކުޅުންތެރިއަކު ގައިގައި ޖެހިފައި ގޮހެވެ.

ވެލެންސިއާ އިން ދެ ވަނަ ފަހަރަށް ލީޑުނެގީ މެޗުގެ 64 ވަނަ މިނިޓްގައި ޑްރީގާ ޖެހި ގޯލުންނެވެ. އަންކޮ ދިން ފުރުސަތަކުން ޑްރީގާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. އޭގެ ފަހުން ލީޑުފުޅާކުރަން ވެލެންސިއާގެ ރިޝިން ވަލޭރީ ހުސްކޮށް ދެ ބޯޅަ އެއް ލިބުނުއިރު ބޭނުމެއް ނުކުރެވުނެވެ. އޭގެ ތެރެއިން އެއް ޝޮޓް ކީޕަރު ތޮލާލް ވަނީ މަތަކޮށްފަ އެވެ. އެކަމަކު އިތުރު ވަގުތުގައި ލިބުނު ބޯޅައިން ވަލޭރީ ވަނީ ވެލެންސިއާ އަށް ތިން ވަނަ ލަނޑެއް ކާމިޔާބު ކޮށްދީފަ އެވެ.

2 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާރީ

18 June 2018

ބަންސާމް ބުނާނެ ދޯ ތިމަންނަމީ އެފްއޭއެމްގެ ރައީސް އޭ.

The name is already taken The name is available. Register?

ޗެލްސީ

18 June 2018

އުއްމީދަކީ ވެލެންސިޔާ ރެލިގޭސަނުން ސަލާމަށްވުން...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454