އެމްޕީއެލްގެ ސީއީއޯ ހަލީމް (މ) މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ.-- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
27 ޖޫން 2018 - 17:34
މާލޭގެ ވިޔަފާރި ބަނދަރުން މުދާ ނެރުމުގައި ދިމާވާ މައްސަލަތައް ހައްލުކޮށް، އެމްޕީއެލްގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް އާ ސާމާނުތަކެއް ގަންނަން ނިންމައިފި އެވެ.
އެމްޕީއެލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ސީއީއޯ އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ، އަލަށް ގަންނަން ހަމަޖެހިިފައިވަނީ ހުޅުމާލެ އާއި މާލޭ ބަނދަރުން ބާޖުތަކަށް މުދާ އަރުވަން ޕެޑެސްޓަލް ކެރޭނާއި، ކޮންޓެއިނަރުތައް އުފުލަން އިތުރު އާރުޓީޖީ ކެރޭނަކާއި، އިތުރު ތިން ބާޖާއި، ޓަގެއްގެ އިތުރުން ޕައިލެޓް ލޯންޗެއް ކަމަށެވެ.
ހަލީމް ވިދާޅުވީ އެ އެއްޗެހި ގަންނަން މި މަހުގެ ތެރޭގައި ނުވަތަ އަންނަ މަހުގެ ކުރީކޮޅު އޯޑަރު ދޭނެ ކަމަށެވެ. އެ އެއްޗެހި ގަންނާނީ ފައިނޭންޝަލް ސްކީމެއްގެ ތެރެއިން ކަމަށް ހަލީމް ވިދާޅުވި އެވެ.
"އަގުތައް އަޅުގަނޑުމެންނަށް ލިބިގެން އެބަދޭ. ޓޯޓަލް އަގެއް އަޅުގަނޑަށް ދެންނެވޭނީ ހުރިހާ އަގުތަކެއް ލިބިގެން،" ހަލީމް ވިދާޅުވި އެވެ.
މީގެ ކުރިން 2016 ވަނަ އަހަރު އެމްޕީއެލް އިން ވަނީ ވިޔަފާރި ބަނދަރުގެ މަސައްކަތްތައް ހަލުވި ކުރުމަށް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްގެން، 140 މިލިއަން ރުފިޔާ ހަރަދުކޮށްގެން 22 އުޅަނދެއް ގެނެސްފަ އެވެ.
މާލޭގެ ވިޔަފާރި ބަނދަރަށް މުދާ ބޭލުން ލަސްވާތީ ކަމަށް ބުނެ އޮޕަރޭޝަން ކޮސްޓް ރިކަވަރީ (އޯސީއާރު)ގެ ނަމުގައި ސީއެމްއޭ ސީޖީއެމް ކޮންމެ ކޮންޓެއިނަރަކަށް 75 ޑޮލަރު (1،156ރ.)ގެ ފީއެއް ޓީޓީއެސް މޯލްޑިވްސް އިން މިއަދުން ފެށިގެން ނަގަން ފެށި ނަމަވެސް އެއީ އެމްޕީއެލްގެ މައްސަލައަކާ ގުޅިގެން ކުރި ކަމެއް ނޫން ކަމަށް ހަލީމް ވިދާޅުވި އެވެ.
ހަލީމް ވިދާޅުވީ، މާލޭ ވިޔަފާރި ބަނދަރަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ކުރަން ސަރުކާރުން ގިނަ ކަންތައްތަކެއް ކުރަމުން އަންނަ ކަމަށާއި ކުރިއަށް އޮތް ތަނުގައި މިހާރު ދިމާވާ ހުރިހާ ކަމެއް ހައްލުވެގެން ދާނެ ކަމަށެވެ. އަދި އޯސީއާރު ފަދަ ފީތައް ނުނެގުމަށް، ކޮންޓެއިނާ ލައިންތައް ގެންގުޅޭ އެޖެންޓުންނަށް ހަލީމް ގޮވާލެއްވި އެވެ.
"ކުރިއަށް އޮތް ތަނުގަ އަޅުގަނޑުމެންނަށް މި ކޮންޑިޝަންގެ [މި ހާލަތުގައި ދިމާވާ] ހުރިހާ މައްސަލަތަކެއް ހައްލުވެގެން ދާނެ. ޕޯޓުގެ އެފިޝިއަންސީ ވަރަށް ބޮޑަށް ރަނގަޅުވެގެން ދާނެ،" ހަލީމް ވިދާޅުވި އެވެ.
ހަލީމް ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށްގެން، ބަނދަރު ބޮޑު ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން އެ މަސައްކަތްތައް ވެސް ކުރެވެމުން އަންނަ ކަމަށެވެ. އޭގެ އިތުރުން މާލޭ ބަނދަރުން ޖާގަ ހުސް ކުރުމަށް، އެތަނުގައި ހުރި ހުސް ކޮންޓެއިނަރުތައް މިހާރު ވަނީ ހުޅުމާލެ އަށް ގެންދަން ފަށައިފަ އެވެ.
އޯސީއާރު ޗާޖު ނަގަން ފެށީ އެމްޕީއެލްގެ ސަބަބުން ނޫން ކަމަށް ހަލީމް ވިދާޅުވި އިރު، ސީއެމްއޭ ސީޖީއެމްގެ ބޯޓަކުން ވަނީ މާލޭ ބަނދަރަށް ބާލަން ޖެހޭ މުދާ ރާއްޖެ އަށް ނައިސް، ކޮލަމްބޯ ޕޯޓަށް ބާލައިފަ އެވެ. ސީއެމްއޭ ސީޖީއެމް އިން އެ ބޯޓުން މުދާ ގެންނަ ފަރާތްތަކަށް އިއްޔެ އަންގާފައިވާ ގޮތުން އެ މުދާތަށް ކޮލަމްބޯ ޕޯޓުން ރާއްޖޭ ޕޯޓަށް ރީރައުޓް ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮންމެވެސް މީހެއް
28 June 2018
ކަން ރަނގަޅުކުރުމުގެ ވިސްނުމެއް ނެތް، އެހެނަސް ގިނަގިނައިން އެއްކަމެއް ކޮށް ގިނަގިނައިން ނޫސްތަކުގެ ފަލަސުރުހީން ޖާގަހޯދުން މަގުސަދަކީ. އަނެއްހެން ބުނާނަމަ ސަރުކާރު ހިންގާ ޕާޓީ ޕްރޮމޯޓުކުރުން ވިސްނުމަކީ އަދި ޖީބަށް ބަރުކުރެވޭނެ މަގުތައް ހޯދާ އެ މަގުން ހިނގުންމަށް ނިތްއޮތްކަމަށް ފެންނަނަނީ
އަހުމަދު ނަސީރު ރ.މީދޫ
28 June 2018
އެމްޕީ އެލްގައި ވެހިކަލް ގަންނަނީ އެތަނުގައި އުޅޭ މީހުން ކަޓުނަގަން. ކޮންމެހެން ވެހިކަލް މަދުވެގެންނޫން
ޗީޗީ
28 June 2018
މަސަތް ހަލުވި ވާނެ ހުސްވަގުތު ގިނަކޮށްދީފަ ޕީޕީއެމް އަށް ކެންޕޭން ކޮށްދެން ނެރުނީމަ
އައި
27 June 2018
ބަލަ ދާދި ފަހުން 140މިލިޔަން ހަރަދު ކޮށްފަ ގެނައި އެއްޗެހި ހަލާކުވީ؟
ރެކިމަނިކެ
27 June 2018
އައްޑޫ ގައި ރައީސް އަބްދުﷲ ޔާމީނު ގެ ކެމްޕޭން މެނޭޖަރަކަށް އައިސް ސަރުކާރު ވަޒީފާގައި އުޅޭ މީހުން ޔާމީނު ކެމްޕޭން ގައި ދޮރުން ދޮރަށް ދާން މަޖުބޫރު ކުރަނީ.......ތިބުނާ ސީއީއޯ އަބްދުއްރައްޒާގް ހަލީމް މެންގެ ފެންވަރު.......
އެޑްމުންޑޯ
27 June 2018
ބަލަ ސާމާނު ނެތިގެން ނޫނޭ ލަސްވެގެން މިއުޅެނީ ، ތިޔަހަދާގެން އުޅޭ ގަޑިތަކެއްގެ ސަބަބުންނޭ ، ތިތަން ފުރާ ސާމާނު ގެނެޔެސް މިގަޑިތަށް މިގޮތައް އޮއްވާ ލާހިކު ކުޅަދާނައެއްނޫން އަވަސްކޮއްލާކަށް
ޙަސަން ކަލޯބެ
27 June 2018
މެނޭޖު ކުރަން ނޭގުނީމާ މި ގޯސްވީ ވެހިކަލް ރައް. ގަދަ އިގޭ.
މަރީ
27 June 2018
އަދި ކިރިޔާ؟ ގައިމު ތިވާހަކަ ދައްކާތާވެއްޖެ ދެތިން އަހަރު. ތިތަނަށް ވަންނަހާ ފައިސާ އަށް ކީއްތޯ މިވަނީ؟
ވައްކަން ވައްކަން ވައްކަން
27 June 2018
އަނެއްކާ އަނެއް ކަންތައް! އެމްޕީއެލް އަށް ގެންނަހާ ސާމާނު ކޮބާބާ؟؟؟ އަނެއްކޮޅުން އިހައް ދުވަހު ގެނައި ލޭންޑިން ކްރާފްޓް މައްސަލަ ތި އުޅެނީ ނުނިމިގެން. ރައްޔިތުންގެ ފައިސާއަށް ކިހިނެއް ތިޔަ ހަދަނީ؟