29 ޖޫން 2018 - 10:40
ސައޮ ޕައޮލޯ، ބްރެޒިލް (ޖޫން 29) - މި ފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ބްރެޒިލް ކުޅޭ މެޗުތަކުގައި ގިނަ ބަޔަކަށް ތަރިއެއްގެ ގޮތުގައި ފެންނަނީ ނޭމާ ކަމަށާއި އެކަމަކު އޭނާ ހުރުމުން ނަތީޖާ ނެރުމުގައި ތަފާތު ދައްކަނީ ފިލިއްޕޭ ކުޓީނިއޯ ކަމަށް ބްރެޒިލްގެ ކުރީގެ ތަރި ރޮބާޓޯ ކާލޮސް ބުނެފި އެވެ.
ގްރޫޕް ސްޓޭޖުގައި ބްރެޒިލް ކުޅުނު ތިން މެޗުގައި ވެސް ޓީމުގެ ނަތީޖާ ތަކުގައި ކުޓީނިއޯގެ ދައުރު ބޮޑެވެ. ފުރަތަމަ މެޗުގައި ސްވިޒަލެންޑު ކޮޅަށް ބްރެޒިލްގެ ހަމައެކަނި ލަނޑު ޖެހީ ކުޓީނިއޯ އެވެ. ދެ ވަނަ މެޗުގައި ކޮސްޓަ ރިކާ ކޮޅަށް އިތުރު ވަގުތު ތެރޭގައި ބްރެޒިލްގެ ފުރަތަމަ ގޯލުގެ ޖެހީ ވެސް ކުޓީނިއޯ އެވެ. ފަހު މެޗުގައި ސާބިއާ ކޮޅަށް ޕައުލީނިއޯ ޖެހި ގޯލަށް ފުރުސަތު ތަނަވަސްކުރީ ކުޓީނިއޯ އެވެ.
"އެންމެން ވާހަކަ ދައްކަނީ ނޭމާއާ ބެހޭގޮތުން. އެކަމަކު އަހަރެންގެ ނަޒަރުގައި ކުޓީނިއޯ ތަފާތު ދައްކަނީ. ހުރިހާ ޑިފެންޑަރުން ނޭމާ އަށް ސަމާލުކަން ދޭއިރު ކުޓީނިއޯ ހުރިހާ ކަމެއް މި ކުރަނީ. މިއީ ނޭމާގެ ބައިވެރިވުމެއް އެންމެ ބޮޑަށް ނުފެނި ވެސް އޭނާ ހުރުމުން އެހެން ކުޅުންތެރިންނަށް ކުރާ ފައިދާ،" 2002 ވަނަ އަހަރު ބްރެޒިލާ އެކު ވޯލްޑް ކަޕް ކާމިޔާބުކުރި ކާލޮސް ބުންޏެވެ.
އޭނާ ބުނީ ކުޓީނިއޯ މިހާރު ބޭނުންކުރާ ރޯލުގެ ގޮތުން މުސްތަގުބަލުގައި ބްރެޒިލަށް ވަރަށް ފައިދާކުރާނެ ކަމަށެވެ.
"ބްރެޒިލްގައި ކުޓީނިއޯ މުޅިން ކަހަލަ ގޮތަކަށް ކުރިން ކުޅުނީ ވިންގް އަށް. އެކަމަކު މިހާރު ކުޓީނިއޯ ބްރެޒިލްގައި އެ ކުޅެނީ އެޓޭކިން މިޑްފީލްޑަރެއްގެ ރޯލުގައި. ޕްލޭމޭކަރަކަށް ކަހަލަ ގޮތަކަށް. މިއީ އޭނާ ބާސެލޯނާ އަށް ދިއުމުގެ ކުރިން ލިވަޕޫލްގައި ހުރެ ތަފާތު ދެއްކި މަގާމެއް. މި މަގާމަށް ކުޓީނިއޯ ކުޅުވާނަމަ ބްރެޒިލަށް ވަރަށް ފައިދާކުރާނެ،" ކާލޮސް ބުންޏެވެ.
ގްރޫޕް ސްޓޭޖުގެ މެޗުތަކުގެ ތެރެއިން ބްރެޒިލްގެ ފުރަތަމަ އެގާރަައިގައި ކުޅުނު ދެ ފުލްބެކުންނަށް ވަނީ އަނިޔާވެފަ އެެވެ. ޑަނީލޯ އަށް ފުރަތަަމަ މެޗުގައި އަނިޔާވިިއިރު، އެންމެ ފަހުން ސާބިއާއާ ދެކޮޅަށް ކުޅުނު މެޗުގެ 10 މިނިޓަށް ފަހު މާސެލޯ ވެސް ވަނީ ބަދަލުކޮށްފަ އެވެ. ކާލޮސް ބުނީ ބަދަލުގައި އަރާ ކުޅުންތެރިންނަށް އެހެން ކުޅުންތެރިން އެހީތެރިވެދޭނަމަ އެ ކަމުން މައްސަލައެއް ކުރިމަތިނުވާނެ ކަމަށެވެ.
ވޯލްޑް ކަޕްގެ ދެ ވަނަ ބުރުގައި ބްރެޒިލް ކުޅޭނީ މެކްސިކޯއާ އެވެ. އެންމެ ފަހުން ބޭއްވި ހަ ވޯލްޑް ކަޕުގައި ވެސް ބްރެޒިލް ވަނީ ދެ ވަނަ ބުރުގެ މެޗުން މޮޅުވެފަ އެވެ. މެކްސިކޯ އިން ވަނީ އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނުގެ މައްޗަށް މި ފަހަރުގެ ވޯލްޑް ކަޕުގައި ކުރި ހޯދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަދީފުބަދީއު
29 June 2018
ނޭމާއަށް އެންމެ ރަނގަޅީ ބޮލީވުޑް ޑްރާމާ ކުޅެން
ޗެލްސީ
29 June 2018
އަހަރެމެން ޓީމުގެ މޮޅުކުޅުން ނުފެންނަނީ ނޭމާގެ ސަބަބުން... ލިބޭ ބޯޅައެއް މީހަކަށް ދެނީކީނޫން.. އަބަދު ޑުރިބުލްކުރަން އުޅެނީ.. ހުރިހާވެސް މީހަކީ ނޭމާކަމަށް ކުޅުންތެރިންނަށްވެސް ވިސްނޭގޮތަށް ކޯޗުގެ ވާހަކަ ހުންނަނީ.. ވިލިއަމް ބަދަލުގަ ޑަގްލަސް ކޯސްޓާއަށް ފުރުސަތު ދީފައި ޖީސަސްއަށް ކުޅޭ ބޯޅަ ގިނަކުރާނަމަ ބުރެޒިލް މާބޮޑަށް ތަފާތުވާނެ..
ކަމަނަ ގޯތި އާދަނު
29 June 2018
ޚަބަރު ލިބޭގޮތުގަ ޑަގްލަސް ހުރީ އިންޖަރީގަ.
ބުރަޒިލް
29 June 2018
ޗެލްސީ އަށް މާބޮޑައް ތި އެނގެނީ..
ތިއޭ އެއްކަލަ
01 July 2018
ޗެލްސީ ކައޭއަށް އިނގޭ ދޯ ތިކިޔާ މީހުންނަށް ކުޅެވެނީ ކީއްވެގެން ކަން؟ ހުރިހާ ޑިފެންސް އިންވެސް ބަލަނީ ނޭމަރ ހުއްޓުވޭތޯ. އޭނަ ކައިރީގަ އެންމެން ހުންނާތީ ކުޓީނިއޯ މެންނަށް ކުޅެވެނީ. އަހަރުމެން ޓީމް އޭ ކިޔާއިން އަގަ ހުޅުވާއިރު ގައުމު މީހުންނަށް އިހުތިރާމް ކުރަން ދަސްކޮށްބަލަ. ސްވިޒެލޭންޑް މެޗް ގަ އޭނަ ތިބުނި ގޮތަށް އެއްވެސް ކުޅުމެއް ނުދެއްކޭ. ވަރަށް ވައި ކޮށް ކުޅުނީ. އެކަމަކު އޭގެ ފަހުން އޭނަ އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނަސް މީހުންނަށް ޕާސްދީ މޮޅު ކުޅުމެއް ދެއްކި. ދެން ސާބިއާ ކޮޅަށް ގޯލް ނުޖެހުމަކީ މުޅިން އެހެން ކަމެއް. މީހަކަށް ހަމަ ގޯލް ނުޖެހިވެސް ހިނގައިދާނެ. ޑަގްލަސް އިންޖަރީ އިން ފިޓު ކޮއްދިނީ ކައޭތަ އޭނަ އަރުވަން؟ ތަންދޮރު ބަލާފަ ވާހަކަ ދައްކަބަލަ