ޖަރުމަނުގައި ބޭއްވި ރަސްމިއްޔާތެއްގައި ގާސިމާއި އަމީން ސަލާމް ކުރައްވާއިރު، އަލީ ވަހީދު (ވ) އާއި ޖަމީލް (ކ) ކައިރީގައި. - ފޮޓޯ: ޖޭޕީ
08 ޖުލައި 2018 - 15:42
އިދިކޮޅު ރިޔާސީ ކެންޑިޑޭޓްގެ ރަނިން މޭޓަކު ހަމަޖައްސަން ޖޭޕީއަށް ލިބުނު ފުރުސަތުގައި އެކަން ކުރުން ލަސްވާތީ ފާޑުކިއުން ބޮޑުވިޔަސް، އެ ޕާޓީން ކޮންމެ ކަމެއް ވެސް ނިންމާނީ ރައްޔިތުންނަށް ބޭނުންވާ ގޮތަށް، ހަރުދަނާކޮށް ކަމަށް ނައިބު ލީޑަރު އަމީން އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅުން ނެރުނު އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ރަނިން މޭޓަކަށް ޖޭޕީން އިޚްތިޔާރު ކުރާނެ ކެންޑިޑޭޓަކާ މެދު ކުރެވޭ ބަހުސް ވަނީ ގަދަވެފަ އެވެ. ރަނިން މޭޓަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލާއިރު، ރަނިން މޭޓަކު ކަނޑައެޅުމާ މެދު ގޮތެއް ނިންމާނީ އަންގާރަދުވަހު ބާއްވާ ޖޭޕީގެ ކައުންސިލް ބައްދަލުވުމުގަ އެވެ.
ވީޓީވީގެ "ފަސް މަންޒަރު" ޕްރޮގްރާމްގައި ސްކައިޕް މެދުވެރިކޮށް ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ޖޭޕީގެ ނިންމުންތައް ނިންމުމުގައި ފަހަތަށް ނުޖެހޭނެ ކަމާއި އެއީ ގައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ނިންމުމަށް ވާނެ ކަން ރާއްޖޭގެ ސިޔާސީ ތަޖުރިބާކާރު އެބޭފުޅުން ވެސް ގަބޫލުކުރައްވާނެ ކަމަށެވެ.
ޖޭޕީގެ ރަނިން މޭޓު ކަމަށް ވުމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އާއި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމާއި ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް ޑރ. އަބްދުﷲ މައުސޫމް އާއި ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ތިއްބެވި ޑރ. ހުސެއިން ރަޝީދު ހަސަން އާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން އެވެ.
ރަނިން މޭޓަކު ކަނޑަނާޅައި ލަސްކުރަމުން އަންނަ ކަމަށް ބުނެ، ބައެއް މީހުން ދައްކާ ވާހަކަތަކާ ގުޅިގެން އަމީން ވިދާޅުވީ ރަނިން މޭޓަކު ކަނޑައަޅަން ގިނަ މަސައްކަތްތަކެއް ކުރަން ހުރި ކަމަށެވެ. އެއްވެސް ސިޔާސީ ލީޑަރަކު ރިޔާސީ ރޭހަށް ނިކުމެވަޑައިގަތުމުގެ ފުރުސަތު ދޭން ސަރުކާރުން ބޭނުންނުވާ އިރު ޖޭޕީގެ ކެންޑިޑޭޓް ކަނޑައަޅާނީ އެކަން ކަމަށް ވިސްނުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންނާ ގުޅިފައި ހުރި ކަންތައްތަކާއި ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި އަބަދުވެސް ޖޭޕީން އިސްކުރާނީ ގައުމީ މަސްލަހަތު. ރައްޔިތުންގެ މަސްލަހަތު،" އަމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުރީގެ އިންތިހާބުތަކުގަ އާއި ސިޔާސީ މަސްރަހަށް ބެލި ކަމަށް ވިޔަސް ރައްޔިތުންނާއި ގައުމަށް ފައިދާ ހުރި ގޮތް، ޖޭޕީން އިހްތިޔާރުކުރީ ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރުމަށް ފަހު އެވެ.
ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑުކިޔައި، އަމީން ވިދާޅުވީ ސެޕްޓެމްބަރު 23 ގައި އޮންނަ އިންތިހާބުގައި އެމަނިކުފާނަށް 30 ޕަސަންޓަށް ވުރެ އިތުރަށް އެންމެ ވޯޓެއް ވެސް ލިބިވަޑައިނުގަންނަވާނެ ކަމަށެވެ.
އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގައި މިހާރު އުޅުއްވާ އަމީން ވިދާޅުވި ގޮތުގައި އިދިކޮޅު ޕާޓީތައް ގުޅިގެން، ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެންނަން ކުރާ މަސައްކަތުގައި ސާބިތުވެ ތިބޭ ނަމަ، ސަރުކާރު ބަލިވެގެން ދާނީ ވަރަށް ބޮޑަށް ބޭޒާރުވާނެ ހާލަތެއްގަ އެވެ.
"ރައީސް ޔާމީންގެ ލޯކަލް ޓީމުތައް މެދުވެރިކޮށްގެން، ރާއްޖޭގައި ތިއްބެވި ބައެއް ބޭފުޅުން މެދުވެރިކޮށްގެން ނެގި ދިރާސާތަކުން ލިބެނީ 25 ޕަސަންޓު. އެކަން ގަބޫލު ނުކުރެވިގެން ބޭރުގެ ބައެއް ހޯދައިގެން ދިރާސާ ކުރީމަ އެއަކުން އަރައެއްނުގަތް،" އަމީން ވިދާޅުވި އެވެ.
އެ މައުލޫމާތުތަކުން އެނގޭ ގޮތުގައި، އަމީން ވިދާޅުވީ، ރައީސް ޔާމީން 30 ޕަސަންޓަށް ވުރެ ގިނަ ވޯޓު ހޯއްދަވަން "ލާހިކު ކުޅަދާނަ" ނޫން ކަމަށެވެ.
ވެރިކަން ކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވެފައިވާ ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ރައީސް ޔާމީން ކާމިޔާބުކުރައްވާނީ 52 ޕަސަންޓު ވޯޓު ހޯއްދަވައިގެންނެވެ. އެކަމަކު ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް، މިދިޔަ ހުކުރު ދުވަހު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް 60 ޕަސަންޓު ވޯޓު ލިބިވަޑައިގަންނަވާނެ ކަމަށެވެ.
އަމީން ވިދާޅުވި ގޮތުގައި ރައީސް ޔާމީނަށް ތާއީދު އޮތް މިންވަރު ހޯދަން އެމަނިކުފާނުގެ ކެމްޕެއިން ޓީމުތަކުން ފޯނުން ގުޅުމުން ކޮންމެ 10 މީހުންގެ ތެރެއިން ތިން މީހަކު ނޫނީ ޖަވާބު ދޭން ވެސް ބޭނުމެއް ނުވެ އެވެ. ދެން ތިބި މީހުން ރައީސް ޔާމީނާ މެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ، ފޯނު ކަނޑާލަނީ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް އެނގޭ [ރައީސް ޔާމީން] ތައްޔާރުވެވަޑައިގަންނަވާނެ ކަން އިންތިހާބުގެ ނަތީޖާ މިހާރު ފެނިވަޑައިގަންނަވާތީ މިކަން ރީތި ގޮތަކަށް ނިންމާލާފައި ބޭރަށް ވަޑައިގަންނަވަން،" އަމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ މިދެކެނީ، ތާރީހު ދުށް އެންމެ އަނިޔާވެރި ވެރިކަމެވެ. އަނިޔާވެރިކަން އިންތިހާއަށް ގޮސް، ކުށެއް ނެތި އެތައް ބަޔަކަށް ބޮޑެތި އަނިޔާތައް ލިބެމުންދާ އިރު، ގައުމާއި ރައްޔިތުންނަށް ހެޔޮއެދޭ ބަޔަކު އަދާވަތްތެރިކަން އިސްކޮށްގެން ނުވާނެ ކަމަށް ވެސް އަމީން ވިދާޅުވި އެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްލާ
09 July 2018
ގާސިމަށް ރަނުގެ ފުރުސަތެއް ، ސަހީމް އާއެކުވެ ވަޑައިގަންނަވާ
މުހައްމަދު އަލީ
09 July 2018
ޤައުމަށް މިއައި ހުރިހާ ހަލަބޮލި ކަމެއް މި އައީވެސް ޖޭޕީން ވެސް ވެރިކަން ބޭނުން ވުމާއި، ޔާމީނަށްވެސް ކަންތައް ކުރެވުނު ގޮތުން... އެކަމަކު އާޚިރު ނަތީޖާ އަކީ ޖޭޕީ އަށް އެއްވެސް އެއްޗެއް ނުލިބި ފޭލްވުން.. އެމްޑީޕީ އަށް ވެރިކަން ލިބި އަނެއްރާއްޖެ، އަނެއް ޖަޒީރާ އަށް ބަދަލުވުން... ދެންވެސް ޖޭޕީގެ ވިސްނުމެއް ހުރިއްޔާ އަލީ ހުސައިނު ނޫން އެހެން މީހަކަށް ރަނިންމޭޓްކަން ދިނުން އެންމެ ބުއްދިވެރިގޮތަކީ.
މާރިޔާ
09 July 2018
ގާސިމު ދެން ކޯލިޝަން ހަދާނީ ސަރުކާރާ އެކު. ދެން ހުންނާނީ އެމް.ޑ.ޕ އަށް ރާކަނިމަސް ރަނގަޅަށް ކެވިފަ
އިބުރާހިމް ޒާހިރު
09 July 2018
ގާސިމު ފަހަތުގައި ވިއްދައިގެން އެތިބެ ކޮންމެ މީހަކީވެސް މިނިސްޓަރުކަން ބޭނުންވެފައި ތިބި އަތޮޅުތެރޭނީހުން... ކޯލިޝަނޭ ރައްޔަތުންނޭ ކިޔައި ދިގުދަމަނީ އެމް ޑީ ޕީ އާއި އަދާލަތު އަދި ރައީސު މައުމޫނު އަށް ތާއިދު ކުރާރައްޔަތުން ވެރިކަމައް އައުމުން ބައި އަޅައިގެން ވަޒީފާބޭނުން ވެގެން އުޅޭތީވެ އެގުރިމެންޓު ތައްޔާރު ކުރަނީ... އަޅުގަނޑު ތަގީންކުރަން ގާސިމުގެ މަދު މީސްކޮޅުގެ މާބޮޑު ތާއިދެއް ނެތަސް %53.6 ރައްޔަތުން މިކަން ކުރާނެ ވީމާ ގާސިމުގެ ޕާޓީ އަދި އޭނާގެ ބައިވެރިކަން ބޭނުންނުހިފަން އަދި ހަމަ އެއާއި އެކު ރާއްޖެ އަތުވެއްހެ ކަމައްވާނަމަ ހުކުމް ތަންފީޒު ކުރުންޖަލުގައި
ޝޮކްތެރަޕީ
08 July 2018
ޤާސިމްގެ އަމިލްލަ އެދުމާހެދި ހުރިހާކަމެގޯސްވަނީ
ސަހުނާ
08 July 2018
ވޯޓު ދޭން ތިން ވަނަ ފަރާތެއް ބޭނުން.
ރާސިމު
08 July 2018
ގާސިމު ދެން ކޯލިޝަން ހަދާނީ ސަރުކާރާ އެކު. ދެން ހުންނާނީ އެމް.ޑ.ޕ އަށް ރާކަނިމަސް ރަނގަޅަށް ކެވިފަ
ނިޔާޒް
08 July 2018
ޢިބޫ މައުސޫމް އިތުބާރު ކުރެވޭ 2 ބޭފުޅުން
ކަދުރޭ
08 July 2018
ނުބަޗާނެ. ނުބޭލޭނެ. ނުހޮވޭނެ.
މުޖު
08 July 2018
އަމީން ނުކުންނަވަން ވީ ނޫންތޯ. މަގޭ ވޯޓު ކަށަވަރު