ފިހާރައެއްގައި ވިއްކަން ބަހައްޓާފައި ހުރި ތަކެތި މީހަކު ބަލަނީ: މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މުދާ ވިކުނު މިންވަރު ވަރަށް ބޮޑަށް ވަނީ އިތުރުވެފައި.
09 ޖުލައި 2018 - 16:04
ފުރަތަމަ ކުއާޓަރުގައި ހޯސޭލް އަދި ރީޓެއިލް ވިޔަފާރިކުރާ ތަންތަނުން މުދާ ވިކުނު މިންވަރު މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު 56 ޕަސެންޓް އިތުރުވެއްޖެ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުނު މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ބިޒްނަސް ސާވޭގެ ރިޕޯޓުގައި ބުނެފައި ވަނީ ރާއްޖޭގެ އެންމެ ބޮޑެތި 100 ކުންފުނި ހިމަނައިގެން ކުރި ސާވޭގެ ނަތީޖާ ދައްކާ ގޮތުން މުދާ ވިކުނު މިންވަރު 56 ޕަސެންޓް އިތުރުވިއިރު، ސަޕްލަޔަރުންގެ ފަރާތުން ލިބުނު އޯޑަރުގެ މިންވަރު 62 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ.
އަހަރުގެ ފުރަތަމަ ކުއާޓަރުގެ ސާވޭ މަރުކަޒީ ބޭންކުން ކޮށްފައި ވަނީ މިދިޔަ އޭޕްރިލް މަހު އެވެ.
އެމްއެމްއޭ އިން ހެދި ސާވޭގައި ބުނެފައި ވަނީ ފުރަތަމަ ކުއާޓަރުގައި ތަކެތި ވިއްކި އަގަށް ބަދަލެއް ނާންނަ ކަމަށް 61 ޕަސެންޓް ތަންތަނުން ބުނެފައިވާ ކަމަށެވެ.
އެ ސާވޭގެ ރިޕޯޓުގައި ބުނެފައި ވަނީ މުދަލުގެ ސްޓޮކްހުރި މިންވަރު ވެސް 62 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ. އަދި 66 ޕަސެންޓް ކުންފުނިތަކުން ބުނެފައި ވަނީ އެ މުއްދަތުގެ ތެރޭގައި މުވައްޒަފުންގެ އަދަދު އިތުރުވެފައި ނެތް ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. ނަމަވެސް 28 ޕަސެންޓް ތަންތަނުން މުވައްޒަފުން އިތުރުވި ކަމަށް ބުނެފައި ވެ އެވެ.
އެމްއެމްއޭގެ ރިޕޯޓުގައި ބުނެފައި ވަނީ އެ ސާވޭގެ ނަތީޖާއަށް ބަލާއިރު މިއަހަރުގެ ދެވަނަ ކުއާޓަރުގައި މުދާ ވިއްކޭނެ މިންވަރާއި އޯޑަރު ލިބޭނެ މިންވަރު އަދި މުދަލުގެ ސްޓޮކް ވެސް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ކުންފުނިތަކުން ބުނެފައިވާ ކަމަށެވެ.
މިއަހަރުގެ ދެވަނަ ކުއާޓަރުގައި ވިޔަފާރިތައް ކުރިއަރާނެ ކަމަށް ލަފާކޮށްފައި ވަނީ، ރޯދަމަހާ ގުޅިގެން އެތެރެކުރި މުދަލާއި ވިއްކޭނެ މުދަލުގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލްޖިބްރާ
10 July 2018
މީދެން މާ މޮޅު ކަމަކަށް ހަދައިގެން ރިޕޯރޓް ނެރުނީމަ ނިމުނީތަ ؟ އަދިވެސް ރާއްޖެތެރޭގެ މީހުނާއި ދުނިޔޭގެ ލާހެއްދެވި ހުރިހާތަނަކުން މީހުން މާލެއަށް ޖަމާވީމަ މުދާވިކޭވަރުވެސް އިތުރުވާނެ ! ތަކެތީގެ އަގުބޮޑުވެސް ކުރާނެ ! ބަލިމަޑުކަންވެސް ދާނީ އިތުރުވަމުން ! މިގޮތަށް ލިއަން ނޭގުނީތަ ؟ ނުކެރުނީތަ ؟
ސްޓެޓިސްޓިކް
09 July 2018
މި ފަދަ ރިޕޯޓްތައް ކިރިޓިކަލްކޮށް ކިޔާލާ މުޖުތަމައުއަށް ރަނގަޅު ބަދަލެއް ގެނެވޭނެ ގޮތަކަށް ލިޔާނަމަ. ރިޕޯޓްގެ ސާދާ ހުލާސާ ނަކަލް ކުރުމުގެ ބަދަލުގަ.