މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ).-- ފޮޓޯ: ނިޝާން އަލީ/ މިހާރު
18 ޖުލައި 2018 - 11:45
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުގައި މާޒިޔާގެ ފަރާތުން ފެނުނީ މާޔޫސްވާންޖެހޭ ވަރުގެ ދަށް ކުޅުމެއް ކަމަށް އެ ޓީމުގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނެފި އެވެ.
މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގު ކާމިޔާބު ކުރަން މަސައްކަތް ކުރާ އެއް ޓީމު ކަމަށްވާ މާޒިޔާ އެންމެ ފަހުން ކުޅުނު ދެ މެޗުން ވަނީ ނިއު ރޭޑިއަންޓާއި ޓީސީ އަތުން ބަލިވެފަ އެވެ. އިއްޔެ ޓީސީ އަތުން 3-0 އިން ބަލިވިއިރު، މެޗުގެ ފުރަތަމަ 15 ވަރަކަށް މިނިޓަށް ފަހު މާޒިޔާގެ ފަރާތުން ދެން ފެނުނީ ޖުމްލަކޮށް ބަލާއިރު ދަށް ކުޅުމެކެވެ. މެޗަށް ފަހު އިންމަ ވެސް ވަނީ އެކަން ފާހަގަކޮށްފަ އެވެ.
"އެއްވެސް ވަރަކަށް ހިތްހަމައެއް ނުޖެހޭ. އަޅުގަނޑުމެން ޓީމުގެ ފަރާތުން ރަނގަޅަށް އެއް ކަމެއް ވެސް ނުދޭ. ފުރަތަމަ ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނު. ދެން އޭގެ ފަހުން އަޅުގަނޑަށް ނުފެނޭ މި ޓީމުން އެއްވެސް ކަމެއް ކުރާ ތަނެއް. ދެ ޕްލޭޔަރެއް އެބައުޅޭ ކުޑަކޮށް ހިއްލާލާފައި (ރަނގަޅަށް ކުޅުނު). ދެން މުޅި ޓީމު އެއްްކޮށް ވަރަށް ދަށް ކުޅުމެއް ފެނުނީ. ހާއްސަކޮށް އިންޑިވިޖުއަލް ޕްލެޔަރުންގެ ޓީމެއްގެ ގޮތުގައި ފެނުނީ،" އިންމަ ބުންޏެވެ.
އިއްޔެގެ މެޗުން މާޒިޔާ ބަލިވިއިރު، އެ ޓީމު އޮތީ ލީގުގެ ފަސް ވަނައިގަ އެވެ. މިރޭ ވިކްޓަރީއާ ދެކޮޅަށް ކުޅޭ މެޗުން އީގަލްސް މޮޅުވެއްޖެ ނަމަ ލީގުގެ ހަ ވަނަ އަށް މާޒިޔާ ވެއްޓޭނެ އެވެ. މާޒިޔާ އާއި ލީގުގެ އެއް ވަނައިގައި އޮތް ޓީސީއާ ދެމެދު އަށް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.
މާޒިޔާ އަށް ލީގު ހޯދިދާނެތޯ ސުވާލުކުރުމުން އިންމަ ބުނީ މިހާރު މި އޮތް ހާލަތު އެއްކޮށް ބަދަލުކުރަން ޖެހޭ ކަމަށެވެ.
"ވަރަށް މާޔޫސް. މި ސީޒަނުގައި ކުޅުނު އެންމެ ދަށް އެއް މެޗު މިއީ. މި މެޗު އަޅުގަނޑުމެން ހަނދާނުގައި ބަހައްޓައިގެން ހާސިލްވާނެ އެއްވެސް އެއްޗެއް ނެތް. މި ގޮތަށް ދައްކޮށް ކުޅެގެން އަޅުގަނޑަށް ހިއެއްނުވޭ މިކަން ވާނެހެނެއް. ކޮންމެ މެޗަކީ ވެސް މުހިއްމު މެޗެއް. މި މެޗުގައި މި ފެނުނީ އެވްރެޖަށް ވުރެން ވެސް ދަށް ކުޅުމެއް،" އިންމަ ބުންޏެވެ.
މާޒިޔާއާ އިންމަ ހަވާލުވީ މިދިޔަ ނޮވެމްބަރު މަހު އެވެ. އޭނާ ހަވާލުވިއިރު ވެސް ޓީމުގެ މުހިއްމު ގިނަ ކުޅުންތެރިން އަނިޔާގައި ތިބުމުން މިދިޔަ ސީޒަނުގެ ފަހު ދެ މުބާރާތުގައި މާ އެދެވޭ ނަތީޖާތަކެއް ނުނެރެވުނެވެ.
މި ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ އެސްޓީއޯ މާލޭ ލީގުގައި މާޒިޔާ ކުޅުނު 14 މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވިއިރު، ތިން މެޗުން ވަނީ އެއްވަރުވެފަ އެވެ. އަދި ހަތަރު މެޗުން ބަލިވިއިރު އެ ޓީމުން ލީގު ނިންމާލީ ތިން ވަނައިގަ އެވެ. ލީގު ޗެމްޕިއަންކަން ހޯދި ނިއު އާއި މާޒިޔާއާ ދެމެދު 13 ޕޮއިންޓުގެ ފަރަގެއް އޮތެވެ.
ޖުލައި 26 ގެ ހަރަކާތްތައް ގަލޮޅު ދަނޑުގައި ކުރިއަށްދާތީ ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިރެއަށް ފަހު މެދުކަނޑާލާނެ އެވެ. ބްރޭކަށް ފަހު މާޒިޔާ ދެން ކުޅޭ މެޗުގައި މި މަހު 29 ވަނަ ދުވަހުގެރޭ ބައްދަލުކުރާނީ ވިކްޓަރީއާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާބާ
18 July 2018
މާޒިއާ މިހާރު ބޭނުންވަނީ ބަދަލެއް، އާ ކޯޗިން ސްޓައިލެއް، އެހެން ކޯޗެއް. އެނޫންގޮތަކަށް ޓީމު މޮޓިވޭޓް ކުރެވޭ ވަރަށްވުރެ ކުޅުންތެރިންގެ ކޮންފިޑެންސް ވަނީ ދަށްވެފައި. އެކުޅުންތެރިން އެތިބީ މިހާރު އިންމައަށް މިކަން ކުރެވޭނެ ކަމާމެދު ޝައްކު އުފެދޭހިސާބުގައި. ދެންޖެހޭނީ މެނޭޖުމެންޓުން މިކަމަށް ހައްލެއް ހޯދަން.
ޖާން
18 July 2018
ސުޒީ އަށް ވީ ވަރުވެސް ނުވިދޯ..
އިއްސޭ
18 July 2018
ޖުލައި 26ގެ ހަރަކާތްތައް ނިންމާލާއިރު އަނެއްކާވެސް ދަނޑު އޮންނާނީ ހަރާބުކޮށްލާފަ. މުޅި ގައުމުގަވެސް ދިވެހި ޕްރިމިއަރ ލީގު ކުޅެވޭ ފެންވަރުގެ އެންމެ ދަނޑެއް އޮންނައިރު، އެތަން ސުންނާފަތިކޮށްފަ ދެންކިޔާނެ ވިނަގަނޑާހެދި އެންމެ މޮޅު ކުޅުން ނުދެއްކެނިއްޔޭ. ހަމަ ހައްތާވެސް ދިވެހިން އަމިއްލަހަށް ބޯބޮނޑި.
ރަދީފް
18 July 2018
މާޒިޔާ ރަސްކަންކުރި ޒަމާން ނިމުމަކަށް އައީ.ބައިބަލާ ކަހަލަ އެއްޗެއްގަ ކުރިއަށް ދެވިދާނެ ކަމަށް ބެލެވޭ.ގުޑް ލަކް.ވ.ވެދުން