އެމްއެޗް370 ގެއްލިފައި ވަނީ މާޗް 8، 2014 ގައި ކުއާލަ ލަމްޕޫރުން ބެއިޖިން އަށް ދަތުރު ކުރަނިކޮށް.
21 ޖުލައި 2018 - 11:20
ކުއާލަ ލަމްޕޫރު (ޖުލައި 21) - ގެއްލިފައިވާ މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް370އާ ބެހޭ ރިޕޯޓް މި މަހު 30 ގައި ނެރޭނެ ކަމަށް އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އެންތަނީ ލޯކް ވިދާޅުވެއްޖެ އެވެ.
މާޗު، 2014 ގައި މެލޭޝިއާ އިން ފުރައިގެން 239 މީހުންނާ އެކު ޗައިނާ އަށް ދަތުރުކުރި ބޮއިން 777 ގެ މަތިންދާ ބޯޓު ހޯދަން ކަނޑު އަޑި އެންމެ ފަހުން ބެލި އެމެރިކާގެ އަމިއްލަ ކުންފުނީގެ މަސައްކަތް މެއި 29 ވަނަ ދުވަހު ވަނީ ހުއްޓާލައިފަ އެވެ.
ބޯޓާ ބެހޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ. ބޯޓުން ދަތުރުކުރީ ޗައިނާގެ 153 މީހުންނާއި މެލޭޝިއާގެ 38 މީހުންގެ އިތުރުން އެމެރިކާ، އީރާން، ކެނެޑާ، އިންޑޮނީޝިއާ، އޮސްޓްރޭލިއާ، އިންޑިއާ، ފްރާންސް، ނިއު ޒީލެންޑް، ޔޫކްރޭން، ރަޝިޔާ، ޓައިވާން އަދި ނެދަލޭންޑްސް މީހުންނެވެ. ބޯޓުގެ 12 ކްރޫންނަކީ މެލޭޝިއާ މީހުންނެވެ.
ލޯކް ވިދާޅުވީ ބޯޓުން ދަތުރުކުރި މީހުންގެ އާއިލާތަކަށް މި މަހު 30 ވަނަ ދުވަހު ތަހުގީގު ޓީމުން މައުލޫމާތު ދޭނެ ކަމަށެވެ. އަދި އޭގެ ފަހުން ނޫސްވެރިންގެ ބައްދަލުވުމެއް އޮންނާނެ ކަމަށް ވިދާޅުވި އެވެ.
"ތަހުގީގު ޓީމުން ރެކޯޑްކުރި ކޮންމެ ލަފުޒެއް ރިޕޯޓުގައި ހިމަނާފައިވާނެ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ލޯކް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރިޕޯޓަށް އެއްވެސް އުނި އިތުރެއް ގެނެސްފައި ނުވާނެ ކަމަށެވެ. އަދި އޮންލައިންކޮށް ވެސް ރިޕޯޓް ފެންނާނެ ގޮތް ހަދާނެ ކަމަށާއި ބޯޓުން ދަތުރުކުރި އާއިލާތަކަށާއި ބައެއް މީޑިއާތަކަށް ރިޕޯޓުގެ ހާޑް ކޮޕީ ވެސް ދޭނެ ކަމަށް ލޯކް ވިދާޅުވި އެވެ.
ގެއްލުނު މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް370 އިން ދަތުރުކުރި މީހުންގެ ހަނދާނުގައި ކުއާލަ ލަމްޕޫރުގައި ބޭއްވި އިވެންޓެއްގައި މީހަކު ބައިވެރި ވަނީ. --ފޮޓޯ:އޭއެފްޕީ
އެމްއެޗް370 ހޯދުމުގެ މަސައްކަތް އެންމެ ފަހުން ކުރި އެމެރިކާގެ އޯޝަން އިންފިނިޓީން ވަނީ އިންޑިއާ ކަނޑުގެ ދެކުނުން ކުރިން ބެލި ސަރަހައްދުގެ އުތުރުން 80،000 އަކަ ކިލޯމީޓަރު (30،888 އަކަ މޭލު)ގެ ސަރަހައްދެއް ބަލައިފަ އެވެ. ނަމަވެސް ބޯޓާ ބެހޭ އެއްވެސް މައުލޫމާތެއް ނުލިބުމުން އެމްއެޗް370 ހޯދުމުގެ މަސައްކަތް އޯޝަން އިންފިނިޓީން ވަނީ ހުއްޓާލައިފަ އެވެ.
އެމްއެޗް370 ހޯދުމަށް ކަނޑުއަޑީގެ 120،000 އަކަ ކިލޯ މީޓަރު (46،000 އަކަ މޭލު) ގެ ސަރަހައްދެއް ކުރިން ވެސް ވަނީ ބަލައިފަ އެވެ. ބޯޓު ހޯދަން އިންޑިއާ ކަނޑުގެ ސަރަހައްދު ބެލުމަށް މެލޭޝިއާ، ޗައިނާ އަދި އޮސްޓްރޭލިއާ ގުޅިގެން ކުރަމުން ދިޔަ މަސައްކަތް ހުއްޓާލީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. ގާތްގަނޑަކަށް 1،046 ދުވަހަށް ފަހު މަސައްކަތް ހުއްޓާލި އިރު ވަނީ 200 މިލިއަން އޮސްޓްރޭލިއަން ޑޮލަރު ޚަރަދުކޮށްފަ އެވެ.
އޯޝަން އިންފިނިޓީ އަށް އަގު ދިނުމަށް އެއްބަސްވެފައި ވަނީ ބޯޓު ފެނިއްޖެ ނަމަ ބޯޓު ފެނުނު ސަރަހައްދަށް ބަލައިފަ އެވެ. އެ ގޮތުން 5،000 އަކަ ކިލޯ މީޓަރުގެ ސަރަހައްދަކުން ފެނިއްޖެ ނަމަ އޯޝަން އިންފިނިޓީ އަށް ދޭނީ 20 މިލިއަން ޑޮލަރެވެ. ބޯއިން 777 ބޯޓު 25،000 އަކަ ކިލޯ މީޓަރުގެ ސަރަހައްދުން ބޭރުން ފެނިއްޖެ ނަމަ ދޭނީ 70 މިލިއަން ޑޮލަރެވެ. ބޯޓު ނުފެނިއްޖެ ނަމަ އެއްވެސް ފައިސާއެއް ދޭކަށް ނުޖެހޭނެ އެވެ.
މެލޭޝިއާގެ ބޮޑު ވަޒީރު މަހާތިރު މުހައްމަދު ވިދާޅުވެފައި ވަނީ ބޯޓާ ބެހޭ އާ ހެއްކެއް ފެނިއްޖެ ނަމަ އަނެއްކާ ވެސް ބޯޓު ހޯދުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާޑުބޭ
22 July 2018
.. ކުޑަހުވަދޫ މީހުން ޔަގީން ކަމާއެކު އެބުނަނީ އެ ބޯޓު ދިޔައީ ކުލަ އިނގޭހާވެސް ތިރިންކަމުގަ... އަނެއްކާ އެންމެ މީހަކަށްނޫން ފެނުނީވެސް....ގަބޫލްކުރަންޖެހޭ ހަގީގަތަކީ ކުޑަހުވަދޫ މީހންނަށް އެދުވަހު ތިރިން ދިޔަ ބޯޓެއް ފެނުނުކަނ.... އެއީ އެމް އެޗް 370 އެކޭ ކުޑަހުވަދޫ މީހުން ނުބުނޭ .... ކުޑަހުވަދޫ މީހުން ދައްކަނީ އެ ފެނުނު ބޯޓު ފެނުނު ގޮތާއި ބޯޓު ދިޔަ މިސްރާބާއި ބޯޓުގަ ހުރި ކުލަތަކުގެ ވާހަކ...... ވަރަށް ވެދުން
ބެއްޔާ
22 July 2018
ކުޑަހުވަދޫ މީހުންގެ ލޯ ތޫނުވާނެ! އެމީހުން އަޅަނީ ވަރަށް ޓެކްނޮލޮޖީ ހައި އައިނެއް!
އައިޝާ
22 July 2018
ހާދަ އަސަރެއް ކުރެޔޭ ދޯ ! ކުޑަހުވަދޫ މަތިން އެދުވަހު ބޯޓެއް ނުދާކަމަކަށް ނުވާނެ!
ޖޯން
21 July 2018
ބޯޓު ވެއްޓިއްޖެ އެހެންނޫނީ ވައްޓާލައިފި... ބޯޓުގެ ކޮންފާރމްޑް ބައިތައް ވަނީ ފެނިފަ... ނޭންގޭހާވެސް އެއްޗަކީ ވެއްޓުނީ ނުވަތަ ވައްޓާލީ ކޮންތަނަކަށް ކަމެތް... ބެލެވޭ ގޮތުގަ ޑިއޭގޯ ގާރސީއައް... މި ސަރަހައްދު އަދި މިހާތަނައް ބެލިފައެއް ނެތް... ބޯޓުގެ ހުރިހާ ސިގްނަލެއް ވަނީ ކަނޑާލާފައި.. މީގެ ތެރޭގަ ޕައިލެޓް ކޮކްޕިޓުން ނިކުމެގެން ގޮސް މެނުއަލީ ކަނޑާލަން ޖެހޭ ސިގްނަލްތައްވެސް ހިމެނޭ... އެހެންވީމަ ބޯޓު ތެރޭގަ ނުބައެއް އުޅުންކަން ޔަގީންވޭ....
ކުޑަހުވަ
21 July 2018
ތިޔަ ރިޕޯޓުގައި ކުޑަހުވަދޫ މީހުންގެ ވާހަކަ އޮންނާނެބާ. ނެތިއްޔާ ރިޕޯޓް ފުރިހަމަވީ ކަމަކަށް ނުބެލެވޭނެ.
ފޮނިކަލޯ
21 July 2018
ތިބޯޓުގެ ޚަބަރު އެންމެ ފަހުން ހާމަ ކުރި ބަޔަކައްވަނީ ދ.އަތޮޅު ކުޑަހުވަދޫ މީހުން ކީތްވެބާ އޯޝަން އިންފިނިޓީން އެމީހުންގެ ޚަބަރެއް ނުވަތަ އެމީހުންގެ ތެރެއިން އެބޯޓު ފެނުނު މީހުންނާ ވާހަކަ ނުދެއްކީ ގައިމުވެސް އެބޯޓު ކަމައް އެމީހުން ބުނާއިރު އެމީހުންނައް އެނގޭނެ އެބޯޓު ދަތުރުކުރި މިސްރާބު!
ކުޑަހުވާދޫމަންޖެ
21 July 2018
ކުޑަހުވަދޫ މީހުން ބުނިތަ ސީދާ އެއީ އެ ބޯޓޭ ބުނީ އާދަޔާ ހިާފަށް ތިރިން ދިޔަބޯޓެއް ފެނުނޭ