މެލަނިއާ ޓްރަމްޕުގެ ބައްޕަ ވިކްޓަަ އާއި މަންމަ އަމަލިޖާ. --ފޮޓޯ:އޭއެފްޕީ
10 އޯގަސްޓް 2018 - 12:38
ވޮޝިންޓަން (އޮގަސްޓް 10) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަނބިކަނބަލުން މެލަނިއާ ޓްރަމްޕުގެ ސްލޮވޭނިއާގެ މަންމަ އާއި ބައްޕަ އަށް އެމެރިކާގެ ރަށްވެހިކަން ދީފި އެވެ.
ވިކްޓަ އާއި އަމަލިޖާ ކްނަވްސް އަށް އެމެރިކާގެ ރަށްވެހިކަން ދިނީ ނިއު ޔޯކްގައި ބުރާސްފަތި ދުވަހު ބޭއްވި ކުޑަ ރަސްމިއްޔާތެއްގަ އެވެ. ވިކްޓަ އާއި އަމަލިޖާ އެމެރިކާގައި ދިރިއުޅެމުން ދަނީ މެލަނިއާ ސްޕޮންސާ ކުރައްވާފައިވާ ގްރީން ކާޑުގަ އެވެ.
މެލަނިއާގެ މައިންބަފައިންނަށް އެމެރިކާގެ ރަށްވެހިކަން ދިން އިރު އެ ދެ މީހުންގެ ޅީދަރިކަލުން ޓްރަމްޕަކީ އެހެން ގައުމުތަކުން އެމެރިކާ އަށް މީހުން އެތެރެވުމަށް ވަރަށް ބޮޑަށް ދެކޮޅު ބޭފުޅެކެވެ.
CHAIN MIGRATION must end now! Some people come in, and they bring their whole family with them, who can be truly evil. NOT ACCEPTABLE! pic.twitter.com/PQGeTTdRtX
— Donald J. Trump (@realDonaldTrump) November 1, 2017
އެމެރިކާގެ އިމިގްރޭޝަން ސިޔާސަތާ ޓްރަމްޕް ދެކޮޅު
މެލަނިއާ ޓްރަމްޕަށް އެމެރިކާގެ ރަށްވެހިކަން ލިބިވަޑައިގަތީ 2006 ވަނަ އަހަރު އެވެ. އެކަމަނާ އެމެރިކާގައި 2001 ވަނަ އަހަރުން ފެށިގެން ދިރިއުޅުއްވަމުން ގެންދެވީ އާދަޔާޚިލާފު ހުނަރުވެރިންނަށް އެމެރިކާ އިން ދޭ އެއިންސްޓަން ވިސާގަ އެވެ. މެލަނިއާ އަށް އީބީ-1 ވިސާ ދިން ގޮތާ މެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދާފައިވެ އެވެ.
އެމެރިކާގެ އިމިގްރޭޝަން ގާނޫނު ބުނާ ގޮތުން މެލަނިއާގެ މައިންބަފައިން އެމެރިކާގެ ރަށްވެހިކަމަށް އެދި ހުށަހެޅުމުގެ ކުރިން އެ ގައުމުގައި ގްރީން ކާޑުގައި ފަސް އަހަރު ދިރިއުޅެން ޖެހެ އެވެ.
މެލަނިއާގެ ބައްޕަ ވިކްޓަ އަކީ ސްލޮވޭނިއާގެ ސެވްނިކާ ޓައުނުގައި ކާރުގެ ވިޔަފާރި ކުރާ މީހެކެވެ. މަންމަ އަމަލިޖާ މަސައްކަތް ކުރީ ޓެކްސްޓައިލް ފެކްޓަރީއެއްގަ އެވެ. އެ ދެ މީހުންގެ ވެސް އުމުރު އުޅެނީ 70ގެ އަހަރުތަކުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަރީ
12 August 2018
މީނަ ކުރާ ކަމަކާ އަމަލަކާ ދިމަލެއް ނުވާނެ