ހުޅުމާލެ. ބްރިޖުން ދަތުރުކޮށްފައި ހުޅުމާލެ އަންނަ ވެހިކަލްތަކުން އެ އަވަށް ތޮއްޖެހުމުގެ ފުރުސަތު ނެތް ކަމަށް އެޗްޑީސީން ވަނީ ބުނެފައި.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
19 އޯގަސްޓް 2018 - 13:36
މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖުން ދަތުރުކޮށްފައި ހުޅުމާލެ އަށް ދާ ވެހިކަލްތަކުން އެ އަވަށް ތޮއްޖެހުމުގެ ފުރުސަތެއް ނެތް ކަމަށް އެޗްޑީސީން އިއްޔެ ބުނެފި އެވެ.
ބްރިޖުގައި މިހާރު ކުރަމުން އަންނަނީ ތާރުއަޅައި، ލައިޓް ހަރުކުރުމުގެ މަސައްކަތެވެ. ބްރިޖުގައި ވެހިކަލްތަކަށް ޖުމްލަ ހަތަރު ލޭން އޮންނާނެ އެވެ. އެއީ ހުޅުލޭ ކޮޅަށް ޚާއްސަ ދެ ލޭނާއި މާލޭ ކޮޅަށް ދެ ލޭނެވެ. އޭގެ އިތުރުން، ދެ ފަރާތުން ބައިސްކަލް ދުއްވޭވަރުގެ ލޭނެއް ވަނީ ހަދައިފަ އެވެ. ބްރިޖުން ދަތުރުކުރާ ވެހިކަލްތަކުން ފީއެއް ނުވަތަ ޓޯލްއެއް ބެހެއްޓުމަށް އޮޓަމެޓިކް ޓޯލް ސިސްޓަމެއް ގާއިމުކުރާނެ އެވެ.
ބްރިޖު: އަންނަ މަހުގެ ތެރޭގައި ރަސްމީކޮށް ބްރިޖު ހުޅުވާ ގޮތަށް ވަނީ ނިންމާފައި. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
މީގެއިތުރުން، މާލެ-ހުޅުލެ ބްރިޖުގެ ދަތުރުތަކަށް ތާރު އަޅައިގެން ހަދާ މަގުތަކުގެ މަސައްކަތް، ބްރިޖް ހުޅުވެން ވާއިރަށް ނިންމަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ބްރިޖުގެ އެންމެ ފަހު މަރުހަލާގެ މަސައްކަތްތައް ކުރިއަށް ދާއިރު، އަމާޒަކީ މި މަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު ބްރިޖް ހުޅުވުމެވެ.
ހުޅުމާލޭގައި ހިނގަމުން އަންނަ ތަރައްގީގެ މަޝްރޫއުތަކާއި ކުރިއަށް ހުރި މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް ފެހިވެނި ކޮމިއުނިޓީ ސެންޓަރުގައި ބޭއްވި ސެޝަންގައި އެޗްޑީސީގެ އާބަން ޑިޒައިނާ އަހުމަދު ޝާހިދު ވިދާޅުވީ ބްރިޖު އާންމުންނަށް ހުޅުވުމާއެކު، މާލެ އިން ދާ ހުރިހާ ވެހިކަލަކަށް ހުޅުމާލެ އެރޭނެ ކަމަށެވެ.
ހުޅުމާލެ ތަރައްގީ ކުރުމުގެ ބޭނުމަކީ މާލެ އަށް ދިމާވެފައި އޮތް ތޮއްޖެހުމުގެ މައްސަލަ ހައްލުކޮށް ދިނުން ކަމަށް ޝާހިދު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ހުޅުމާލޭގެ ބޮޑެތި ހުރިހާ މަގުތަކެއް ތަރައްގީ ކުރަމުން ދަނީ ވެހިކަލްތައް ތޮއްނުޖެހޭ ގޮތަށް ވަރަށް މަގުތައް ފުޅާކޮށްގެންނެވެ.
ހުޅުމާލޭގައި ހިނގަމުން އަންނަ މަޝްރޫއުތަކާއި ރޭވިފައި ހުރި މަޝްރޫއުތަކާއި ނިމިފައި ހުރި މަޝްރޫއުތައް ދައްކައިދޭ ޗާޓު.
"މާނައަކީ ކިތަންމެ ބައިވަރު ވެހިކަލެއް އެރި ނަމަވެސް، ހުއްޓުމެއް ނެތި (ވެހިކަލްތަކަށް) ދެވޭނެ. ކިތަންމެ ބައިވަރު ވެހިކަލެއް އަޔަސް، ތޮއްޖެހުމެއް ނާންނާނެ،" ޝާހިދު ވިދާޅުވި އެވެ.
އެޗްޑީސީން ބުނި ގޮތުގައި މާލެއަށް ޓްރެފިކް މައްސަލަ ދިމާވަނީ، އެއް ވެހިކަލް މަގުގައި މަޑު ކުރީމަ، ދެން ފަހަތުން އަންނަ ވެހިކަލްތައް ހުއްޓޭތީ އެވެ. އެކަމަކު، ހުޅުމާލޭގައި ޑިޒައިންކޮށްފައި ހުރީ އެއް ވެހިކަލެއް އެއް ފަރާތަކަށް ޖެހުނީމަ، ދެން ހުރި ވެހިކަލްތަކަށް ދެވޭ ގޮތަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
ނަމަވެސް، އެޗްޑީސީން ބުނީ ހުޅުމާލޭގައި ޕާކް ކުރުމުގައި ދަތިތަކެއް ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެކަމަށް ހައްލު ގެނައުމުގެ ގޮތުން ވާޓިކަލް ޕާކިން ސިސްޓަމްތަކެއް ގާއިމުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ހައުސިން ޔުނިޓްތަކެއް.
ޝާހިދު ވިދާޅުވި ގޮތުގައި ހުޅުމާލޭގެ މާސްޓަ ޕްލޭން ހަދާފައި ވަނީ ސިންގަޕޫރުގެ ކޮންސަލްޓޭޝަން ޓީމަކާއި އާބަން ޑިވެލޮޕްމަންޓް ޓީމެއް ގުޅިގެންނެވެ. ބްރިޖާއެކު، ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށާއި އާންމު ދަތުރުފަތުރުގެ ނިޒާމު އިތުރަށް ފުޅާ ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭރުން ކޮންމެ ކޮންމެ މީހަކު ނުޖެހޭނެ ސައިކަލެއް، ކާރެއް ގަންނާކަށް. އެހެން ސިޓީތަކަށްވުރެ، ރައްކާތެރިވާނެ،" ހުޅުމާލެ ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ ދުނިޔޭގެ ފެންވަރުގެ ސިޓީތައް ތަރައްގީ ކުރާ ފެންވަރަށް ކަން ފާހަގަ ކުރައްވައި ޝާހިދު ވިދާޅުވި އެވެ.
ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ހިނގަމުން އަންނަ ހުޅުމާލޭގައި ޔޮޓް މެރީނާ އާއި ކްރޫޒް ޓާމިނަލަކާއި ވޯޓާ ތީމް ޕާކަކާއި ޓެކްނޮލަޖީ ޕާކަކީ އަންނަ ހުރި ބޮޑެތި މަޝްރޫއުތަކެވެ. ހުޅުމާލޭގައި ކުރިއަށް ގެންދާ މަޝްރޫއުތަކުން ބޮޑެތި ފުރުސަތުތަކެއް އެކި ސިނާއަތްތަކަށް ލިބޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ. އެގޮތުން، މި މަޝްރޫއުތަކުން އެކަނި ވެސް، 90،000 އަށްވުރެ ގިނަ ވަޒީފާ އުފެދޭނެ ކަމަށް އެޗްޑީސީން ލަފާކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަންދީ
20 August 2018
100% ހުރިހާ ގޮތަކުން ބާރުބޮޑުވާނެ ހުޅުމާލެތެރޭގައި ނުރައްކާތެރި އެތައްކަމެއް ހިންގާނެކަމީ ޝައްކެއްނެތް ކަމެއް...
ރަށި ކަލޯ
20 August 2018
މިހާރުވެސް ދިރާގުފުރަސް މަގު ވަރަށްގިނައިން ތޮއްޖެހޭ. މަގުގަ ސައިކެއް އިނަސް ކާރަކަށްނުދެވޭހާ ހަނިމަގެއް
ޢަލި
19 August 2018
އެޗްޑީސީ ގެ އަޅުވެތިކަމުން ހުޅުމާލެ ސަލާމަތް ކުރޭ!
ފޫޅު
19 August 2018
ތިޔަހުރިހާ ކަމަކުން ދިވެހިންނަށް އޮތީ ކޮން ފައިދާއެއް. އޮތީ ކުލީގެ ކުޑަ އެޕާޓްމެންޓެއް. ހުރިހާ ފައިދާއެއް ބޭރުމީހުންނަށް.
ޥިސަނާ
19 August 2018
ބްރިޖު އެޅީމަ މާލެއިން ގިނަމީހުން ހުޅުމާލެއައް ދާނެ. ޙާއްސަކޮ ރޭސްޖަހާ ކުދިންކޮޅު. ޢެތަންވެސް ހަމަވާނީ މާލެއައް. މަގުތައް ތޮއްޖެހުމާ ކުނި އެޅުމާ ބަރުގަޑު އެޅުމާ. ޙަމަމާލެ. ޢެތާ ދިރިއުޅޭ މީހުންނަ އުދަގޫޥާނީ. ޢެކަމަކު ފަސޭހަތާ މާލެ އަންނަން ހުޅުމާލެއިން.ދެކޮޅުވެސް އެބައޮއި
ޢިބަ
19 August 2018
މާލޭ ސިޓީ އަކީ ބޮޑު "އާބަން މެސް" އެއް.ދުރުވިސް ނުމެއް ހަމައެއް ލަމަޔެއް ނެތި އެއް ވެސް ޕޮލިސީ އެއް ނެތި ބާރުގަދަ ފައިސާގިނަ މީހާ ބޭނުން ވާގޮތައް ކަންތައްތައް ކޮށް ބޮއްސުންލާފަ ވާ ސިޓީ އެއް މަލެ އަކީ.ހުޅުމާލެވެސް މިހާރު އެދަނީ އެމިސްރާބަށް.މަގުތަކުގެ ދެފަރާތަކީ މުއްސަދިންގެ ޕާކިން ގަރާޖު.މާލޭގެ ޕާކިން މައްސަލަ އަށް އޮތް ހައްލަކީ ކޮމާސަލް އިމާރާތް ތަކާއި 6 ބުރިއަށް ވުރެ އުސް ކޮށް ހަދާ މީހުން ދިރިއުޅޭ އިމާރާތް ތަކުގަ ބޭސްމަންޓް ޕާކިން ހެދުން.އަލަށް ހަދާ އިމާރާތް ތަކުގަ ބޭސް މަނަޓް ޕާކިން ނެތި ހުއްދަނުދިނުން.ހުޅުމާލޭގަ ހަދާ 25 ބުރީގެ ޓަވަރުތަކުގެ ފުރަތަމަ ދެބުރި ޕާކިން އަށް ހުސްކުރުން.ހުޅުމާލޭގެ ފްލެޓްކުަގަވެސަ ބޭސްމަންޓް ޕާކިންނެތި އިމާރަތް ނުކުރުން.ސިންގަޕޫރުގެ މޮޅުކޮން ސަލްޓަންޓުން ޕްލޭން ހެދިނަމަވެސް ފެންނަނީ ސުމެއްގެ ސިޓީއެއް.މެލޭސިއާ ސިންގަޕޫރުގަ ހަދާއިމާރާތް ތަކުގެ ފުރަތަމަ 2 ފްލޯ ހާއްސަކުރެވިފަ ހުންނަނީ ޕާކިންއަށް.
މަހަށްދޭދޭ
19 August 2018
ބްރިޖާ ހެދި ހުޅުމާލެއަށް ބާރު ބޮޑެއް ނުވާނެއޭ ތަމެންނަށް ނޭގޭނެއޭ މަމެން ޕިންކީން އެކަން ހަމަޖައްސާލާނެ ބިއުޓިފުލް ގޮތް ތަކެއް ތަމެން ދެން މަހަށް ދޭބަލަ މަހަށް ދޭބަލަ..
އަލިފް
19 August 2018
ބްރިޖް އިން ހިނގާފަ ދެވޭނެތޯއެވެ.؟ ސާފު ކޮށްލަން ބޭނުމެވެ.
ކިއްލިބާޝާ
19 August 2018
އެހެންވެއްޖިއްޔާ ދެން ތޮއްޖެހޭނީ މާލެ.
މަކުނުދޫ ހަސަންމަނިކު
19 August 2018
ތި ބުރީޖު ނުވެއްޓުނީޔާ ރަންގަޅު.
ރާއްޖެ
20 August 2018
ހަސަން މަނިކާ. މިތާ މިދައްކަނީ ހިޔާލީ ވާހަކައެއް. ބްރިޖެއް ނާޅާ. އެކަން ކުރެވޭ ވަރުގެ އިންޖިނޭރުންނާއި ފައިސާ ނެތިގެން.