ޚަބަރު / ފާރިސް މައުމޫން

މިހާރު އެންމެ ރަނގަޅު ގޮތަކީ އަބުރާ ބެހޭ އާ ބިލެއް ހުށަހެޅުން: ފާރިސް

ދިއްގަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: އަބުރުގެ ބިލް މިހާރު އޮތް ގޮތަށް ފާސްކުރުމާ ފެށުނީއްސުރެ ދެކޮޅު---ފޮޓޯ: މަޖިލިސް

އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލް، އަނބުރާ ގެންގޮސް މުޅިން އާ ބިލެއް ހުށަހެޅުމަކީ، މިހާރުގެ ހާލަތަށް ބަލާއިރު އެންމެ ރަނގަޅު ގޮތް ކަމަށް ފެށުނީއްސުރެ އެ ބިލާ ދެކޮޅު ހައްދަވާ، ދިއްގަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އިއްޔެ ވިދާޅުވެއްޖެ އެވެ.

"އަޅުގަނޑު ތާއީދު ކުރަނީ މި ބިލް އަނބުރާ ގެންދަވައި، އަލުން ފަރުމާ ކުރައްވައިގެން [ބިލްގެ ބަހުސް] ފައްޓަވަން،" އުނގޫފާރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޖައުފަރު ދާއޫދު މަޖިލިހަށް ހުށަހެޅުއްވި ބިލާ ގުޅޭ ގޮތުން ފާރިސް "މިހާރު" އަށް ވިދާޅުވި އެވެ.

އޭނާ ފާހަގަ ކުރެއްވި ގޮތުގައި ބިލް އޮތް ގޮތަށް، "އަކުރުން އަކުރަށް" އަދި "ބަހުން ބަހަށް" މަޖިލިހުން ފާސްކުރާނެ ކަމަށް، ބިލާ އެއްކޮޅު މެމްބަރުން ތަކުރާރުކޮށް ކުރިން ވިދާޅުވި ނަމަވެސް މިހާރު ވަނީ މުޅިން އެ ހިޔާލު ބަދަލުވެ، ބިލް އިސްލާހު ކުރުމާ ދިމާލަށް މިސްރާބު ބަދަލުކޮށްފަ އެވެ.

"އަޅުގަނޑަށް މާނަކުރެވުނީ ބައެއް ބޭފުޅުން ނެންގެވި ޕޮއިންޓްތަކާ މެދު ބައެއް ބޭފުޅުން ވިސްނަވާފައި ނެތް ކަމަށް އެ ހިސާބަށް ދިޔައިރު. އަޅުގަނޑުމެން މިހަދަނީ ގާނޫނު. އެކި ފަރާތްތަކަށް ހަރުކަށި އަދަބުތައް ވެސް ކަނޑައެޅޭ ގާނޫނު. ގާނޫނު ހަދާއިރު، އެއް ދުވަހު އިށީނދެ ތިބެ ހިތަށް އަރާހާ އެއްޗެއް އޭގައި ލިޔެފައި، އަނެއް ދުވަހު ގާނޫނަކަށް ނުހެދޭނެ. އެއަށް ވުރެ އަޅުގަނޑުމެން ވެސް މިތިބީ ކުރިއަރާފައި. އަޅުގަނޑުމެން ބޭނުމެއް ނުވޭ ފެންނާނަކަށް 24 ގަޑިއިރު ތެރޭގައި ނުވަތަ 48 ގަޑިއިރު ތެރޭގައި ގާނޫނުއަސާސީ އިސްލާހު ކުރާތަން. އެއީ އަޅުގަނޑަށް ބަލައިގަންނަން ވަރަށް ދަތިކަމެއް."

އަބުރުގެ ބިލް މަޖިލިހަށް ހުށަހެޅުއްވި މެމްބަރު ޖައުފަރު، އެ ބިލް ދިރާސާކުރާ ކޮމިޓީގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ފާރިސް ވިދާޅުވީ އެތައް ބަޔަކަށް އަސަރުކުރާ ގާނޫނެއް ހަދާއިރު، މެމްބަރުންނަށް އެ ބިލް ފެންނަން ޖެހޭނީ، މަޖިލިހުގެ ތަޅުމުގައި ފުރަތަމަ ކިޔުން އިއްވާ ދުވަހު އެކަނި ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އޭގެ ބަދަލުގައި މަޖިލިހަށް ފުރަތަމަ ކިޔުން އިއްވުމުގެ ކުރިން ވެސް ބިލާ ގުޅޭ ގޮތުން "ވަރުގަދަ މަސައްކަތްތަކެއް" ކުރެވެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ އަބުރުގެ ބިލްގެ ކަންބޮޑުވުން މުޖުތަމައުގައި ހުރި މިންވަރަށް ބަލާއިރު، ގައުމީ ފެންވަރުގައި މަޝްވަރާކޮށް، އެފަދަ އާ ބިލެއް ތައްޔާރުކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑު ވެސް ބޭނުން އަބުރު ރައްކާތެރިކުރުމުގެ ގާނޫނެއް އޮންނަން. އެއީ ލަސް ކުރެވޭނެ ކަމެއް ނޫން ކަމަށް ގަބޫލުކުރަން. އެކަމަކު މިހާ އަވަސް އަރުވާލައިގެން، ބަޔަކަށް ނޭނގުމެއްގެ ތެރޭގައި މިހާ ހިސާބަށް ގެނެވޭނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އަބުރުގެ ބިލް މިހާރު އެކުލަވާލާފައިވާ ގޮތުން، ފެށުނީއްސުރެ އެ ބިލާ ދެކޮޅު ހައްދަވަމުން ގެންދަވާ ފާރިސް ވިދާޅުވި އެވެ.

މިހާރު މުޅި ގައުމުގެ ސަމާލުކަން ހުއްޓިފައިވާ އަބުރުގެ ބިލް މަޖިލިހަށް ބަލައިގަނެ ވަނީ އެ ބިލް ދިރާސާ ކުރުމަށް 11 މެމްބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުވައިފަ އެވެ. ބިލަށް މީޑިއާތަކާއި އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވުމާ ގުޅިގެން، މީޑިއާތަކާއި ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލާއި ފިލްމް އެސޯސިއޭޝަނާއި ފިގުހު އެކަޑެމީގެ ހިޔާލު ކޮމިޓީއަށް މިހާރު ވަނީ ހޯދައިފަ އެވެ. އަދި އާންމުންގެ ހިޔާލަށް ވެސް މަޖިލިހުން މިހާރު ވަނީ ހުޅުވާލައިފަ އެވެ.

އަބުރުގެ ބިލްގައި ހުރި ކަންބޮޑުވުންތައް މީޑިއާ ކައުންސިލުން، އެ ބިލް ދިރާސާކުރާ ކޮމިޓީއަށް ހުށަހަޅަނީ: މިހާރު އޮތް ގޮތުން ބިލް ބަލައިނުގަންނަ ކަމަށް މީޑީއާ ކައުންސިލުން ކޮމިޓީގައި ބުނެފައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

ބިލް މިހާރު އޮތް ގޮތަށް ފާސްކުރަން ކޮމިޓީއަށް މިހާތަނަށް ހާޒިރުކުރި ހުރިހާ މީޑިއާތަކާއި މީޑިއާ ކައުންސިލުން ދެކޮޅު ހަދާފައިވީ ނަމަވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ބިލްގައި ހިމެނޭ ގިނަ ބައިތަކަށް ތާއީދުކުރިކަން ފާހަގަކުރެވެ އެވެ. އަދި ފިގުހު އެކަޑެމީން ވަނީ ބިލް އެކުލަވާލާފައިވާ އުސޫލަށް ތާއީދުކޮށްފަ އެވެ.

ފާރިސް ވިދާޅުވީ އަބުރުގެ ބިލް ތައްޔާރުކޮށްފައި ވަނީ ރާއްޖެއަށް ގެނައި ޒަމާނީ ޑިމޮކްރެސީ އާއި އިސްލާހުތަކާ ހިލާފަށް ކަމަށެވެ. ބިލް މިހާރު އޮތް ގޮތަށް ފާސްކޮށްފި ނަމަ، އާންމުންނާއި ނޫސްވެރިންނަށް ވެސް ހިޔާލުފާޅު ކުރުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަމަ ގައިމު ވެސް އަޅުގަނޑުމެން މިހާރު ދެކެން ބޭނުންވާ ކުރިއެރުމެއް، ޑިމޮކްރެސީއެއް، ޓްރާންސްޕޭރެންސީއެއް މިތާނގައި ނޯންނާނެ. ކޮންމެ ރައްޔިތަކު ވެސް އެމީހަކު ބޭނުންވާ ހިޔާލެއް ފާޅުކުރުމުގެ މިނިވަންކަން ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އިންތަކަށް ވުރެ މާ ބޮޑަށް ހަނިކުރެވިގެންދާތަން ފެންނާނީ،" ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބިލް އޮތް ގޮތަށް ފާސްވެއްޖެ ނަމަ، ނޫސްވެރިކަމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިވާނެ އެވެ. ހާއްސަކޮށް ބިލް ފާސްވުމަށް ފަހު، މީޑިއާތަކުގައި ބައެއް ވާހަކަތައް ރިޕޯޓް ކުރެވޭނީ ޝަރީއަތަކަށް ސާބިތުކުރެވޭ ވަރުގެ ހެކި ހުރެގެން ކަމަށް ވާންޖެހޭކަން ފާރިސް ފާހަގަ ކުރެއްވި އެވެ.

މައުމޫން ފައުންޑޭޝަނުން ބޭއްވި ހަފުލާއެއްގައި ޕީޕީއެމްގެ ރައީސް މައުމޫނާއި ފާރިސް ބައިވެރިވެވަޑައިގަންނަވަނީ: އަބުރުގެ ބިލް މިހާރު އޮތް ގޮތުން ދެބޭފުޅުން ވެސް ކަންބޮޑުވެވަޑައިގަންނަވާ.---ފޮޓޯ/މިހާރު

ފާރިސް ވިދާޅުވީ ބިލް ތައްޔާރުކޮށްފައި ވަނީ ދައުލަތުގެ އެކިއެކި ބޭފުޅުންނާ "ސުވާލެއް ކުރުމުން ވެސް ކުށްވެރިވާ ގޮތަށް" ކަމަށެވެ.

"އެހެންވީމާ މީޑިއާގެ މަސައްކަތްތަކުގައި ކުރިއަށް ނުދެވޭނެ ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭ،" އޭނާ ވިދާޅުވި އެވެ.

ބިލްގައި "މީޑިއާ" މާނަކޮށްފައިވާއިރު އޭގެ ތެރޭގައި ބްލޮގްތަކާއި ވެބްސައިޓްތަކާއި ޓީވީ ފަދަ ބްރޯޑްކާސްޓް ކުރާ ކޮންމެ ވަސީލަތެއް ހިމަނާފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް ފާރިސް ފާޅުކުރެއްވި އެވެ. އެގޮތުން އޭނާ ވިދާޅުވީ ސޯޝަލް މީޑިއާގައި އާންމުކުރާ އެއްޗަކާ ގުޅޭ އޭގެ ލައިބިލިޓީ ނަގާނެ ފަރާތެއް ބިލުން ސާފުނުވާ ކަމަށެވެ.

އަބުރުގެ ބިލު ދިރާސާ ކުރާ ކޮމެޓީގެ ބައެއް މެމްބަރުން އެ ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށް ގެންދަނީ: އަބުރުގެ ބިލަށް ފުޅާދާއިރާއެއްގައި ހިޔާލު ހޯދުމަށް ވަނީ ނިންމާފައި.--- ފޮޓޯ: ނިޝާން އަލީ /މިހާރު

"އިންޓަނެޓް ސާވިސް ޕްރޮވައިޑާއަކަށް މި އޮންނަނީ އެކަނި ޕެސިވް ރޯލެއް ކަމަށް މިބެލެވެނީ. މިސާލަކަށް އިންޓަނެޓް ސާވިސް ޕްރޮވައިޑާއެއް ބަލައި ފާސްކޮށްފައެއް ނޫން އެ ހިދުމަތެއް ލިބޭ ފަރާތަކަށް ފޯރުކޮށްދޭނީ. އެކަމަކު އަބުރާ ބެހޭ އެއްޗެއް ޝާއިއުކޮށްފައި އޮތްކަން، އެ ސާވިސް ޕްރޮވައިޑާ އަށް އެންގީމާ ދެން އޭނަގެ މަސްއޫލިއްޔަތެއް އެބައޮތްތޯ އެ ކޮންޓެންޓެއް ސެންސަރުކުރުން ނުވަތަ ހިދުމަތް ނުދިނުމުގައި؟ އެހެންވީމާ ސުވާލަކީ އިންޓަނެޓް ސާވިސް ޕްރޮވައިޑާ ވެސް [ބިލުން] މިހެދެނީ ކޮންޓެންޓް ސެންސަރުކުރާ ބަޔަކަށް ތޯއޭ؟" ފާރިސް ސުވާލު ކުރެއްވި އެވެ.

"މި ކަންކަމަށް ޖަވާބު ލިބޭނީ މިކަހަލަ މައްސަލަތައް ޝަރީއަތާ ހިސާބަށް ދިޔައީމާ. ޝަރީއަތާ ހިސާބަށް ދާއިރު ބޮޑެތި ކަންބޮޑުވުންތައް އަންނާނެ. ދުނިޔޭގެ ފެންވަރުގެ ބޮޑެތި ކުންފުނިތައް މިތަނުގައި އޮޕަރޭޓްކުރޭ. އެބޭފުޅުންގެ ބިޒްނަސް ޕްލޭންތަކަށް އަސަރުކުރާނެ ކަންކަން މި ހުންނަނީ. އަދި އަޅުގަނޑުމެންގެ ޒުވާނުންނަށް ލިބެނީ ވަރަށް ބޮޑަށް ލިމިޓް ކޮށްފައިވާ އިންޓަނެޓްގެ ހިދުމަތަކަށް ވެސް ފަހަރެއްގައި ވެދާނެ."

ފާރިސް ދެކެވަޑައިގަންނަވާ ގޮތުގައި އަބުރާ ބެހުމަކީ މަދަނީ ކުށެއްގެ ގޮތުގައި ބޭއްވުމަށް ފަހު، ޖިނާއީ ކުށަކަށް ބަދަލުކުރުމަކީ ފަހަތަށް އަޅާ ފިޔަވަޅެކެވެ. އެކަމަކު ދުނިޔޭގެ ތަހުޒީބީ ބައެއް ގައުމުތަކުގައި އެއީ ޖިނާއީ ކުށެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެކަމަކު އަޅުގަނޑު ދަންނަވާނީ އަބުރާ ބެހުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅައިގެން ކުރިއަށް ގެންދަން އަޅުގަނޑުމެންގެ ހާލަތު އަދި ތަނެއް ނުދެއޭ. ހަގީގަތަކީ އެހެން ގައުމުތަކުގައި ރައްޔިތުން ވަރަށް އިތުބާރުކުރާ، މައްސަލަ ބަލާ މުއައްސަސާތަކާއި އަދުލު އިންސާފު ގާއިމްކުރާ މުއައްސަސާތަކަކީ ވަރަށް ޒަމާނުއްސުރެ ފެށިގެން ތަރައްގީވަމުން އައި ތަންތަން،" ފާރިސް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމާއި ޖޭޕީގެ ޕާލިމެންޓްރީ ގްރޫޕުން "27ގެ ދިފާއުގައި" ހަރަކާތުގެ އިސް ފަރާތްތަކާ ބައްދަލުކުރަނީ: ގާސިމް ވިދާޅުވަނީ އަބުރުގެ ބިލަކީ ކޮރަޕްޝަން ހިންގަން ހުޅުވައިލާ ދޮރެއް ކަމަށް.

"އަޅުގަނޑުމެން އާ ގާނޫނުއަސާސީއަށް ފަރިތަވުމުގެ ތެރޭގައި އެކިއެކި މުއައްސަސާތައް ބައެއް ފަހަރަށް ތަންކޮޅެއް ތަސައްރަފު ފުދިފައި، މިހާރު އަނެއްކާ ތަންކޮޅެއް ފަހަތަށް ފިޔަވަޅު އަޅައި މިކަހަލަ ގޮތަކަށް މިއުޅެނީ. އަޅުގަނޑުމެންގެ މުޅި މުޖުތަމައު އަދި ބަލައެއް ނުގަނޭ ހުރިހާ ކަމެއް ހަމަޖެހިއްޖެ ކަމަކަށް. މި ސިޔާސީ ކަންކަން ހަލަބޮލިކޮށްދާ އެއް ސަބަބު އެއީ ވެސް. މިފަދަ ދަނޑިވަޅެއްގައި ހަރުކަށި ބާރުތައް، ނޫނިއްޔާ ހަރުކަށި ފިޔަވަޅުތައް އެޅޭ ގޮތަށް ބިލެއް ފާސްކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން."

ފާރިސް ވިދާޅުވީ އަބުރުގެ ބިލަށް އިތުރު މަޝްވަރާތައް ހޯދަން، ބިލް ދިރާސާކުރާ ވަގުތީ ކޮމިޓީން ނިންމުމުން އެކަމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.

27 ކޮމެންޓް, 89 ރިއެކްޝަންސް

icon happy icon happy 93%
icon sad icon sad 2%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހާލަތު

07 August 2016

ވަރަށް ރަގަޅު ވާހަކަ ފުޅެކެވެ، ހަގީގަތުގައި މުޅި މައްސަލައިގެ ނާޒުކުކަން ގޮސް މި ހުއްޓެނީ މި ލިޔުމުގެ އެންމެ ފަހަތު ބައިގައި ފާރިޝް ވިދާޅުވެފައިވާ ބަސްފުޅާއެެވެ. މުއައްސަސާތަކާއި ފަޑިޔާރުގެ ބައެއް ފަހަރަށް ތަންކޮޅެއް ތަސައްރަފު ފުދިފައި، މިހާރު އަނެއްކާ ތަންކޮޅެއް ފަހަތަށް ފިޔަވަޅު އަޅަފައި ވުމެވެ. މިނިވަންކަމާ މުސްތަގިއްލުކަމާއި އެކު މަސައްކަތް ނުކުރެވި ބަނދެވިގެން ތިބެ މަސައްކަތްކުރާތީއެވެ.

The name is already taken The name is available. Register?

ހުދުކުލަ

06 August 2016

ތިބިލް ގާނޫނަކަށް ވުމުން ބަޔަކަށް ފައިދާވާނެ. ސަބަބަކީ އަބުރާ އަމިއްލަ އަށް ބެހިގެން ލާރި ނުދެއްކީމާ އެމީހަކު 2 އަހަރަށް ޖަލަށް ލާނެ އަދި ޒަކާތު ފައިސާއިން އަބުރު ގެއްލުނު މީހަކަށް ބަދަލުގެ ގޮތުގައި މިލިޔަނުން ރުދިޔާ ލިބޭނެ. ދެން 2 އަހަރު ކޮށްފައި ޖަލުގަ އޮތް މީހާ އައުމުން 1 މިލިއަން އޭނާ އަށް އަނެއް މިލިޔަން އަބުރު ގެއްލުނު ކަމަށް ބުނާ މީހާ އަށް ލިބުނީ. ބެންކް އޮފް މޯލްޑިވްސް އިން ލޯނު ނަގާކަށ ނުޖެހޭނެ. ސޭކުސްތާނުގައި ލޯނު ނަގާކަށް ނުޖެހޭނެ.

The name is already taken The name is available. Register?

މަގޭ

06 August 2016

އެންމެ ރަނގަޅު ގޮތަކީ މަށަށް ފެންނަ ގޮތް. ދެން ތިބި މީހުންނަކަށް ނުވިސްނޭ. ކިހާ ދެރަކަމެއް.

The name is already taken The name is available. Register?

މަރުވާން

06 August 2016

އެންމެ ރަނގަޅުގޮތަކީ ބައްޕާފުޅު ސިޔާސީ ކަންކަމުން ދުރުގައި ހުންނެވުން. އަދި ގައުމު ހިންގޭ ފަދަ ޒުވާނުން ގައުމުގައި ވެރިކަން ކުރުމުގެ ފުރުސަތު ދިނުން.މަނިކުފާނަށް އެންމެ ރަނގަޅީ ބޮޑުބޭބޭފުޅު އަރިހުގައި ހުންނެވުން. އެހެންނޫނީ ކަތިވަޅު ގެއްލި މަރިޔަބުވެސް ގެއްލިދާނެ.

The name is already taken The name is available. Register?

މިނިވަން ޚިޔާލު

06 August 2016

މިބިލާބެހޭގޮތުން ފާރިޝް ދެއްކެވިވާހަކައަށް ތާއީދު. ރައްޔިތުންނާ ސީދާގުޅުނުންހުރި މިފަދަބިލެއް ފަރުމާކުރުމުގައި، ކަމާގުޅުންހުރި ދާއިރާތަކާއެކު މަޝްވަރާކުރެވެންޖެހޭނެ. އަދި އަވަސްއަރުވާލައިގެން ނިންމަންއުޅެގެން ބިލުގެ އެންމެރަގަޅު މަގްޞަދު ހާޞިލްނުވާނެކަން މިކަންކުރައްވާ މެންބަރުންނަށްވެސް އެގޭނެ. ކޮމެޓީން ރާއްޖެޓީވީއާ އެކު ބޭއްވި މައްދަލުވުމުގެ ތަބްކޮޅެއްފެނުނު. ގެމަނަފުށީދާއިރާގެ މެންބަރު ޖަމީލް އުސްމާން ސުވާލުކުރެއްވީ ރާއްޖެޓީވީން ތިވަރަށް ތިކަންބޮޑުވަނީ އެއީ ރާއްޖެޓީވީން މުސްތަގުބަލުގަ މީހުންގެއަބުރަށް ފުޅާދާއިރާއެއްގަ އަރައިގަންނަށް ވިސްނާފައޮތީތޯއޭ! މިއީ މަޖިލީހުގެކޮމެޓީގަ ތިއްބެވި ބޭފުޅުންގެ ވިސްނުންހުރިގޮތަކީ. މިމީހުންލައިގެން މިފަދަބިލެއްގަ އޮށްޓަރުހުރި އެންމެންގެ ހައްގު ޙިމާޔަތްކުރާ ބިލެއް ކިހިނެތް ފަރުމާކުރެވޭނީ!

The name is already taken The name is available. Register?

ވައިޓްހައުސް

06 August 2016

ދެރައީ ބިލެއްނޫން... ދެރައީ އެޕާޓީއަކައް ނިސްބަތްވެ ވެރިކަން އޮވެ، އަގުލަބިއްޔަތު ލިބި ތިބިބަޔަކައް ރައްޔިތުންނައްކަންކަން ކޮއްދޭން ނޭނގި އެއްގަލައްނޭރި ޖެހޭމައްސަލަތައް ހައްލުކުރަން ނޭގުން. ދެން ފާރިސްވެސްވީ އަމިއްލައަށް ރިޔާސީ ކެނޑިޑޭޓަކައްވާން، އަމިއްލަ ބައިގަނޑެއްގެތެރޭ އެންމެން އިސްލާހުނުކުރެވި ލީޑާރސިޕެއްނެތިއްޔާ އުޅޭނީ މިހެން

The name is already taken The name is available. Register?

ދދ

06 August 2016

ވެރިން އެއީ އަހަރުމެންގެ މައްޗަށް އިސްކުރެވިފައިވާ އަހަރުމެންގެ ޙާދިމުން އެއްގޮތަކަށް އެމީހުންްް ގެ އަބުރާއި އަހަރުމެން ނުބެހެން އަހަރުމެން ބެހެނީ ބައިތުލް މާލުން މުސާރަނަގާ ވެރިން އެމީހުން ކުރާ ކަންތަކާއި އެމީހުން ގޯސްކޮށް ކަމެއް ކޮއްފިއްޔާ ފާޑު ކިޔަންވާނެ ނަސޭހަތް ތެރިވާންވާނެ އެއީ ރައްޔިތު މީހާގެ ވާޖިބެއް ހައްޤެއް!

The name is already taken The name is available. Register?

ރަށުމީހާ

06 August 2016

ދަންނަވަންތޯ އިޙުތިރާމާ އަބުރާ ލޯތްބަކީ ބިލަކުން ކަށަވަރު ކުރެވޭނެ ކަންތަކެއްނޫން ހިސާބު ބައްލަވާދުވަހު ކޮންމާއްދާއެއް ހުއްޖަތައްކާނީ ދޮގު ވާހަކަ ފަތުރާމީހުންނަށްވެސް 27 ވަނަ މާއްދާއިން ހިމާޔަތެއް އެދުވަހުން ނުލިބޭނެ މިހާރު ވައްކަން ކުރިޔަސް ނުކުރާކަނަށް ލިޔެވިދާނެ އެދުވަހުް ވާނީކިހިނެއްބާ!

The name is already taken The name is available. Register?

ދުރުމީ

05 August 2016

އަބުރުގެ ބިލްގެ އިތުރުން އަދި އެއްބިލް މަޖިލީހުން ފާސްކުރަން އެބަޖެހޭ، އެއީ ވައްކަންފޮރުވުމުގެ ބިލެވެ. އެބިލްގައި ވަރަށް ސަރީހަކޮށް ބުނެވިފައޮންނަންވާނެ ސަރުކާރުގެ އިސްމަޤާމެއްގައިހުރިމީހަކު ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ކިތަންމެބޮޑު ފައިސާގަޑަކަށް ޚިޔާނާތްތެރިވިއަސް އަދި ދައުލަތުގެ ތިޖޫރީގައިހުރި ފައިސާކޮޅު އެއްކޮށް ނެގިއަސް ނުވަތަ ދައުލަތުގެ މާލިއްޔަތު އެއްކޮށް ހުސްކޮށް ދިވެހިރައްޔިތުން ދަރަނިވެރިކޮށްލިއަސްވެސް އެއްވެސް ރައްޔިތަކަށް އެއްވެސް މީޑިއާއަކަށް އެކަމާއިބެހޭގޮތުން އެއްވެސް ސުވާލެއްކޮށް ޚިޔާލެއްފާޅުކުރެވިގެން ނުވާނެކަމަށާއި، އަދި އެއްވެސް ތަހުޤީޤީ މުއައްސަސާއަކަށް ނުވަތަ އެއްވެސް ޝަރުޢީކޯޓަކުން އެކަމެއް ތަހުޤީގުކޮށް ބަލައިގެން ނުވާނެކަމަށެވެ. މީގެ އިތުރުން ޢާމު ނިކަމެތި ރައްޔިތުންނާއި ދައުލަތުގެ ވަޒީފާގައި އުޅޭމީހުންގެތެރެއިން ޑިރެކްޓަރުންގެ ދަށުގެމީހުން މިޤާނޫން އިސްތިސްނާވާނެކަމަށާއި، އެއިންމީހަކު ކިތަންމެ ކުޑަ ޚިޔާނާތެއްވެލިއަސް އެންމެ ލޯލާރިއެއްގެ ބޭނުންކޮށްލިއަސްވެސް މަރުގެއަދަބު ނޫނީ އެންމެ ހަރުކަށި އަދަބުދީ އެމީހަކަށް ދެން އަލުންއައިސް މުޖުތަމައުގައި ނޫޅެވޭވަރުކޮށްލަންވާނެކަމަށް އެބިލްގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.

The name is already taken The name is available. Register?

ގައުމުގެހައްލު1001

05 August 2016

މިގައުމު ގައުމަކަށް ވާނީ މަޖްލިހަށް ކުރިމަތިލާ ޝަރުތުތކުގެ ތެރޭގައި މަދުވެގެން ޑިގްރީފެންފަރު ހުންނަ މީހަކަށް ކުރިމަތިލެވޭ ގޮތަށް ބަދަލުކޮށްގެން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454