މެންޗެސްޓާ ޔުނައިޓެޑުގެ ރޮމެލޫ ލުކާކޫ (ވ) އާއި ބާންލީގެ ބެން މީ ބޯޅައަށް މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ
03 ސެޕްޓެމްބަރ 2018 - 07:51
ބާންލީ (ސެޕްޓެމްބަރު 3) – އެކަކު މަދުކޮށް ކުޅެ ބާންލީ އަތުން 2-0 އިން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑުން، ޖެހިޖެހިގެން ދެ މެޗުން ބަލިވެ ވެއްޓުނު ވަޅުގަނޑުން މިވަގުތަށް އަރައިފި އެވެ.
އެ ޓީމު ހަ ޕޮއިންޓާ އެކު 10 ވަނައިގައި އޮތީ، ވާދަވެރި ޓީމުތަކަށް ވުރެ ހަ ޕޮއިންޓުގެ ފަރަގެއްގަ އެވެ. ލިވަޕޫލުން 12 ޕޮއިންޓް ހޯދައި އެއް ވަނައިގައި އޮތްއިރު އެ އަދަދަށް ޕޮއިންޓް އެއްކޮށްގެން ލަނޑުގެ ތަފާތުން ޗެލްސީ އޮތީ ދެ ވަނައިގަ އެވެ.
ރަށުން ބޭރުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުގެ ރޮމެލޫ ލުކާކޫ ވަނީ އެ ޓީމަށް ދެ ގޯލް ޖަހައިދީފަ އެވެ. ފުރަތަމަ ލަނޑު އެލެކްސިސް ސަންޗޭޒް ދިން ބޯޅައަކުން 27 ވަނަ މިނެޓުގައި ޖެހިއިރު، ފަހު ގޯލް ވައްދާލީ ހާފުގެ ފަހު މިނެޓުގަ އެވެ.
ދެ ވަނަ ހާފުގައި، 69 ވަނަ މިނެޓުގައި މާކަސް ރަޝްފޯޑަށް ބާންލީގެ އާރޮން ލެނޮން ފައުލްކުރުމުން ޕެނަލްޓީއެއް ލިބި ޔުނައިޓެޑަށް ލީޑު ފުޅާކޮށްލަން ފުރުސަތު ލިބުނެވެ. އެކަމަކު ޕައުލް ޕޮގްބާ ފޮނުވާލި ޕެނަލްޓީ މެންޗެސްޓާ ސިޓީގެ ކުރީގެ ގޯލްކީޕަރު ޖޯ ހާޓް މަތަކުރި އެވެ.
އޭގެ މިނެޓެއް ފަހުން ޒުވާން ފޯވާޑް ރަޝްފޯޑަށް ވަނީ ސީދާ ރަތްކާޑެއް ދައްކައިފަ އެވެ. އެއީ ބާންލީގެ ފިލް ބާޑްސްލީއާ ހިނގި ޒުވާބެއްގެ ތެރެއިން އޭނާގެ މޫނުމަތީގައި ނިތްކުރި ޖައްސާ ކޮއްޕާލުމުންނެވެ. އެކަކު މަދުވުމުގެ ސަބަބުން މެޗުގެ ފަހުބައިގައި ޔުނައިޓެޑަށް ކޮންމެވެސް ވަރަކަށް ހާސްބޮޑުވި އެވެ.
ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ އޭނާގެ ޓީމަށް ވަރަށް ގިނަ ގޯލް ޖެހެން ޖެހޭނެ ކަމަށާއި މިއީ މެޗުގެ ފަހުކޮޅާ ހަމަޔަށް ދިޔައިރު ނަތީޖާ ބަދަލުވެދާނެ ފަދަ ހާލަތެއްގައި އޮންނަން ޖެހޭ މެޗެއް ނޫން ކަމަށެވެ. މި މެޗުން ބަލިވި ނަމަ މޮރީނިއޯގެ މަގާމް ގެއްލޭނެ ކަމަށް އަޑުތައް އޮތީ ފެތުރިފަ އެވެ.
މެޗުގެ ކުރިން ޔުނައިޓެޑުގެ އެގްޒެކެވެޓިވް ވައިސް ޗެއާމަން އެޑްވުޑަށް އަމާޒުކޮށް ސަޕޯޓަރުންތަކެއް ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އެގޮތުން އޭނާ އަކީ ފެއިލްވުމުގެ މާހިރެއް ކަމަށް ލިޔެފައިވާ ބެނާއެއް، ކުޑަ މަތިންދާބޯޓެއްގައި ހަރުކޮށް ވަނީ ދަނޑުގެ މަތިން އުދުއްސައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޗެލްސީ
03 September 2018
ރޭގަ ޓޮޓްނަހަމް މެޗެއް ކުޅުނުކަން ރާއްޖޭގެ އެއްވެސް އޮންލައިން ނޫހަކަށް ނޭނގެތީ ހައިރާންވަން.. ޕުރިމިއަރ ލީގުގެ ވަރަގަދަ ޓީމެއް އެއީ. ރޭގަ ފުރަތަމަ ފަހަރަށް ޓޮޓްނަހަމް ބަލިވީ މިއަހަރު ހުރިހާ މެޗެއް ކާމިޔާބު ކުރަމުން އަންނަ ވަރޓަފޯޑު އަތުން..
ރިއަލިޓީބެ
03 September 2018
ލިވަޕޫލް އެއްވަނައިގަ އޮތީވެސް މިވަގުތައް. އެހެންވެސް ބުނެލިނަމަ ދޯ!