ކުޅިވަރު

ބޫޓާނާއި ބަންގްލަދޭޝް: ބަދަލުހިފުމުގެ މެޗެއް؟

ސާފް ސުޒުކީ ކަޕްގައި ބޫޓާނާއި ބަންގްލަދޭޝްގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: އިމޭޖަސް.އެމްވީ

ބަންގްލަދޭޝްގެ ޑާކާ އިން،  އައްޒާމް އަލިފުޅު، މިހާރު

04 ސެޕްޓެމްބަރ 2018 - 11:24

މީގެ ދެ އަހަރު ކުރިން އޭޝިއަން ކަޕް ކޮލިފައިން ޕްލޭއޮފް ބުރުގައި ބޫޓާނުން ވަނީ ބަންގްލަދޭޝްގެ މައްޗަށް 3-1 އިން ކުރި ހޯދައިފަ އެވެ. ދުނިޔޭގެ އެންމެ ފުލުގައި އޮތް އެއް ގައުމު އަތުން ބަލިވި ބަލިވުމަކީ ބަންގްލަދޭޝްގެ ގިނަ ސަޕޯޓަރުންނަށް ގަބޫލުކުރަން ދަތިވި ނަތީޖާއެކެވެ. އެކަން އަދިވެސް އޮތީ އެގޮތަށްކަން އެނގިގެން ދިޔައީ ސާފް ސުޒުކީ ކަޕުގެ ރަސްމީ ނޫސްވެރިންގެ ބައްދަލުވުމުގައި ބަންގްލަދޭޝްގެ ކޯޗަށް އަމާޒުވި ސުވާލުތަކާ އެކު އެވެ.

"އަހަރެން ކުރިން މިތާކު ނެތިން. އަހަރެން ބޭނުމެއް ނެތް ކުރިންވެފައި ހުރި ކަންތައްތަކުގެ ވާހަކަ ދައްކަން. އެހެންވެ އަހަރެންގެ ވިސްނުމުގައި ބުނަންޏާ ބުނާނީ މިއީ ބަދަލުހިފުމަކަށްދާން ވިސްނާ މެޗެއް ނޫން. މިއީ އަހަރެން ދެކޭގޮތް ފަހަރުގައި އެހެން މީހުން ތަފާތު ވެދާނެ،" ބަންގްލަދޭޝްގެ ކޯޗު އިންގްލެންޑްގެ ޖޭމީ ޑޭ ބުންޏެވެ.

"އެންމެ ފަހުން އަހަރެމެން އެ މީހުންނާ ދެކޮޅަށް ކުޅުނުއިރު އެ ޓީމުގައި ތިބި ކުޅުންތެރިންގެ ތެރެއިން 17 ކުޅުންތެރިން ބަދަލުވެއްޖެ. އަހަރެމެން ވެސް މި ތިބީ ކުރިން ތިބި ފެންވަރަކު ނޫން."

މި ފަހަރުގެ އޭޝިއަން ގޭމްސްގައި ބަންގްލަދޭޝްގެ ޒުވާން ޓީމުން ވަނީ ގަތަރު ބަލިކޮށްފަ އެވެ. އަދި ފުރަތަމަ ފަހަރަށް މުބާރާތުގެ ދެ ވަނަ ބުރަށް ދަތުރުކުރި އެވެ. ޑޭ ބުނީ އެ ފަދަ ނަތީޖާއާ އެކު ގިނަ ބަޔެއްގެ އުއްމީދުތައް މަތިވެފައިވީ ނަމަވެސް ކުރިމަތީގައި އޮތް ސާފަކީ ވަރަށް އުނދަގޫ މުބާރާތެއް ކަމަށެވެ.

"ގިނަ މީހުން ބުނެފާނެ އަހަރެމެން މި މުބާރާތް ކާމިޔާބު ކުރާނެއޭ. އެކަމަކު އަހަރެން ފުރަތަމަ މި ވިސްނަނީ ގްރޫޕް ސްޓޭޖު ފަހަނައަޅައިދާނެ ގޮތަކާ މެދު. އެއީ އަހަންނަށް މި ގްރޫޕުން އެބަފެނޭ އަހަރެމެންނާ ވާދަކުރަން އޮތް ވަރުގަދަ ތިން ޓީމެއް. ފުރަތަމަ ގްރޫޕް ސްޓޭޖު ފަހަނައަޅައިދާންވީ. އެއަށް ވުރެ ދުރަށް އޮތް ފުރުސަތުތަކަށް މަސައްކަތްކުރާނީ ފަހުން،" ކުރިން އާސެނަލް ޔޫތު ޓީމަށް ކުޅުނު ޑޭ ބުންޏެވެ.

ސާފަށް ތައްޔާރުވުމުގެ ގޮތުން ގިނަ ބަދަލުތަކާ އެކު ބަންގްލަދޭޝް އިން އަމިއްލަ ގައުމުގައި ކުޅުނު މެޗުން ވަނީ ސްރީލަންކާ އަތުން ބަލިވެފަ އެވެ. ޑޭ ބުނީ އެ މެޗުގެ ނަތީޖާގެ ސަބަބުން ޓީމާ މެދު ގޯސްކޮށް ދެކެންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

"އަހަރެމެން މޮޅުވެއްޖިއްޔާ އެންމެން ވަރަށް އުފާވޭ. އެކަމަކު ސްރީލަންކާ މެޗުން އަހަރެމެން ބަލިވީމަ ގިނަ ބަޔަކަށް ހީވި ދުނިޔެ ނިމުނީހެން. އެކަމަކު އެ މެޗުގައި ހަމައެކަނި ލަނޑު ނުޖެހުން އެއީ މައްސަލައަކީ. ކޮންޓްރޯލްކޮށްގެން ކުޅުނީ އަހަރެމެން. އަހަރެމެން ޖެހޭ އުފާކުރަން. އެއީ މި ޓީމު އޮތީ ރަނގަޅު ޓްރެކުގައި." ޑޭ ބުންޏެވެ.

2015 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕްގައި ބޫޓާނާއި ބަންގްލަދޭޝް ކުޅުނު މެޗުގެ ތެރެއިން. -- ފޮޓޯ: އިމޭޖަސް.އެމްވީ

ބޫޓާނުގެ ކޯޗު އިންގްލެންޑުގެ ޓްރެވާ މޯގަން އިއްޔެ ނޫސްވެރިންގެ ބައްދަލުވުމަށް އައިއިރު ވެސް ހުރީ ހިތްހަމަ ނުޖެހިފަ އެވެ. އެއީ އެ ބައްދަލުވުން ފެށުން ލަސްވުމުންނެވެ.

"އަހަރެމެންގެ ފަރިތަކުރުންތައް މިއަދު ހެނދުނު ދިޔައީ ރަނގަޅަށް. އެކަމަކު ދެންމެ އަހަންނާއި އަހަރެމެންގެ ކެޕްޓަން މިއައީ ދެ ގަޑިއިރު ބައި ވަންދެއް ނޫސްވެރިންގެ ބައްދަލުވުން ފެށެންދެން ކޮޓަރިއެއްގައި ތިބެފައި. އެހެންވެ މި މެޗަށް އަހަރެމެންގެ ކެޕްޓަން އެންމެ ރަނގަޅަށް ފިޓްވާނެ ކަމަށް ނުބެލެވޭ. އަހަރެން ނުބުނަން މިއީ ވަކި ބައެއްގެ ކުށެކޭ. މި ބުނީ އަހަރެމެންނަށް ކަންތައް ދިމާވި ގޮތުގެ ވާހަކަ،" މޯގަން ބުންޏެވެ.

އެންމެ ފަހުން މި ދެ ޓީމު ކުޅުނު މެޗުން ބޫޓާން މޮޅުވެފައި އޮތަސް މިއަދު ކުޅެން ޖެހެނީ ތަފާތު މެޗެއް ކަމަށާއި ބަލިނުވެ ފަރުޖައްސާލެވުނަސް އެއީ ރަނގަޅު ނަތީޖާއެއްގެ ގޮތުގައި ދެކޭނެ ކަމަށް ޓްރެވާ ވަނީ ބުނެފަ އެވެ.

ބޫޓާނުގެ ތަރި ޗެންޗޯ ގެޔެސްޓެން ބުނީ އަމާޒަކީ މުބާރާތުގެ ފައިނަލުގައި ކުޅުން ކަމަށެވެ. އެކަމަކު ކޯޗު ބުނީ ހަގީގަތަށް ވިސްނައިގެން ވާހަކަދައްކަން އަމާޒަކަށްވާނީ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިއުން ކަމަށެވެ.

މިދިޔަ މާޗް މަހު ބޫޓާނާ ހަވާލުވެ މޯގަން ފުރަަތަމަ ނުކުތީ ރާއްޖެއާ ދެކޮޅަށެވެ. އެ މެޗުން 7-0 އިން ބަލިވިއިރު އޭގެ ފަހުން މެލޭޝިއާ އަތުން ވެސް ވަނީ ހަމަ އެ ނަތީޖާއިން ބަލިވެފަ އެވެ. މި ފަހަރުގެ ސާފަށް ތައްޔާރުވުމުގެ ގޮތުން ބެންކޮކުގައި ބޫޓާން ކުޅުނު ތިން މެޗުން ވެސް ވީ ބައްޔެވެ.

"ލިބުނު ކުރިއެރުމާ މެދު އެއްޗެއް ބުނަން އެނގޭނީ މެޗަށް ފަހު. އަހަރެމެން މިހާތަނަށް ކުޅުނު މެޗުތަކުންވީ ބަލި. އެކަމަކު އެ ވާހަކަ ނުދައްކައި އަހަރެން ނަގާނީ ހުރިހާ ޕޮޒިޓިވް ވިސްނުންތައް. އޭގެ ބާރުގައި އަހަރެން ކަންތައްތައް ބަދަލުކުރަން ވިސްނާނީ." މޯގަން ބުންޏެވެ.

ބޫޓާނައި ބަންގްލަދޭޝް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން އިރުއޮއްސި 6 ޖަހާއިރު އެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454