ކުޅިވަރު

13 އަހަރަށް ފަހު ޕާކިސްތާން ސާފްގެ ސެމީ އަށް

ބޫޓާން ކޮޅަށް ލަނޑު ޖެހުމަށް ފަހު ޕާކިސްތާންގެ ރިޔާޒް އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ

ބަންގްލަދޭޝްގެ ޑާކާ އިން،  އައްޒާމް އަލިފުޅު، މިހާރު

08 ސެޕްޓެމްބަރ 2018 - 17:04

ސާފް ސުޒުކީ ކަޕްގައި މިއަދު ބޫޓާން އަތުން 3-0 އިން ހޯދި ބޮޑު މޮޅާ އެކު ޕާކިސްތާނުން 13 އަހަރަށް ފަހު މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ. މިއީ މި މުބާރާތުގެ ތާރީހުގައި އެ ޓީމުން ސެމީގައި ކުޅޭ ހަތަރު ވަނަ ފަހަރެވެ.

ޕާކިސްތާން އެންމެ ފަހުން މި މުބާރާތުގެ ސެމީގައި ކުޅުނީ 2005 ވަނަ އަހަރު އަމިއްލަ ގައުމުގައި ކުޅުނު ފަހަރު އެވެ. އޭގެ ފަހުން އެ ޓީމު ކުޅުނު ހަތަރު ސާފްގައި ވެސް ކެޓީ ގްރޫޕް ސްޓޭޖުންނެވެ. ޕާކިސްތާނުން މީގެ ކުރިން މި މުބާރާތުގައި ބޫޓާނާ ދެކޮޅަށް ކުޅުނީ އެންމެ ފަހަރަކު އެވެ. ބަންގްލަދޭޝްގައި 2009 ވަނަ އަހަރު އޮތް މުބާރާތުގައި ޕާކިސްތާނުން ވަނީ 7-0 އިން ބޫޓާން ބަލިކޮށްފަ އެވެ.

ޕާކިސްތާނުގެ ހައި ކޯޓުން އެ ގައުމުގެ ފުޓްބޯޅަ އިދާރާ އަށް 2015 ވަނަ އަހަރު ނުފޫޒު ފޯރުވަން މަސައްކަތްކުރުމުން މިދިޔަ އަހަރުތަކުގައި އެ ގައުމުގެ ފުޓްބޯޅަ އޮތީ ހުއްޓިފަ އެވެ. އެހެންވެ އެ ޓީމުން 2015 ވަނަ އަހަރުގެ ސާފްގައި ނުކުޅެ އެވެ. ތިން އަހަރަށް ފަހު ޕާކިސްތާން ފުރަތަމަ ކުޅުނު ފުޓްބޯޅަ މުބާރާތަކީ މި ފަހަރުގެ އޭޝިއަން ގޭމްސްގަ އެވެ. އަދި ސީނިއާ ޓީމުގެ ފުރަތަމަ މުބާރާތަކީ ސާފް އެވެ.

ގްރޫޕް އޭގެ އެއް ވަނައިގައި މި ވަގުތު އޮތީ ތިން މެޗުން ހަ ޕޮއިންޓާ އެކު ޕާކިސްތާން އެވެ. ދެ ވަނައިގައި ބަންގްލަދޭޝް އޮތީ ދެ މެޗުން ހަ ޕޮއިންޓާ އެކު އެވެ. ޕާކިސްތާނަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. ތިން ވަނައިގައި އޮތް ނޭޕާލަށް ދެ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ބޫޓާނުން މުބާރާތް ނިންމާލީ އެންމެ ފުލުން ޕޮއިންޓެއް ނުލިބި އެވެ.

މި ގްރޫޕުން ސެމީ އަށް ދާ އަނެއް ޓީމެއް ކަނޑައެޅޭނީ ބަންްގްލަދޭޝް އާއި ނޭޕާލް ކުޅޭ މެޗުންނެވެ. އެ މެޗުން ނޭޕާލް މޮޅުވެއްޖެނަމަ އެ ޓީމަށް ސެމީގެ ޖާގައެއް ކަށަވަރުވާނެ އެވެ. މެޗު އެއްވަރުކޮށްލައިގެން ވެސް ބަންގްލަދޭޝް އަށް ސެމީގެ ޖާގަ ލިބޭނެ އެވެ.

ޕާކިސްތާން މިއަދުގެ މެޗަށް ނުކުތީ އަނިޔާގެ ސަބަބުން ކުރީ މެޗުގައި ނުކުޅޭ ޑެންމާކު ދެ ވަނަ ޑިވިޝަނުގެ ފޯވާޑް ހަސަން ބަޝީރު ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. އަނެއްކޮޅުން ނޭޕާލް މެޗުގައި ރަތް ކާޑު ދެއްކުމުގެ ސަބަބުން ބޫޓާނުގެ ޑިފެންޑަރު ނިމާ ވަންގްޑީ ވަނީ މި މެޗަށް ސަސްޕެންޑްވެފަ އެވެ.

މެޗުގެ ނުވަ ވަަނަ މިނިޓްގައި ބޫޓާން ގޯލާ އަމާޒުކޮށް ޕާކިސްތާންގެ ފުރަތަމަ ހަމަލާ ފޮނުވާލީ ބަޝީރު އެވެ. އެ ޓީމުގެ ކެޕްޓަން ސައްދާމް ހުސެއިން ނަގައިދިން ހުރަހަކުން ހަސަން ބޮލުން ފޮނުވާލި ބޯޅަަ ބޫޓާން ކީޕަރު ގަވަން ޖެމްޕަލް ވަނީ މަތަކޮށްފަ އެވެ. އޭގެ ދެ މިނިޓް ފަހުން ހަސަން ޖެހި ބޯޅަ ދިޔައި ދަނޑިކައިރިން ބޭރުންނެވެ.

ޕާކިސްތާނުން ލީޑުނެގީ މެޗުގެ 20 ވަނަ މިނިޓްގައި މުހައްމަދު ރިޔާޒް ޖެހި ގޯލުންނެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅަ އޭނާ ވަނީ ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށްލައިފަ އެވެ. އޭގެ މިނިޓެއް ފަހުން ނަތީޖާ ހަމަހަމަ ކުރަން ބޫޓާނުގެ ތަރި ޗެންޗޯ ގެޔެސްޓެން އަށް މުޅިން ހުސްކޮށް ލިބުނު ފުރުސަތުގެ ބޭނުން އޭނާ އަށް ނުހިފުނެވެ.

މެޗުގެ 29 ވަނަ މިނިޓްގައި ޕާކިސްތާނުގެ ލީޑުފުޅާކޮށްދިނީ ހަސަން އެވެ. އެ ޓީމުގެ ކުރިއަށް ކުޅޭ މުހައްމަދު އަލީ ހުސްކޮށްލާފައި ދިން ހިތްގައިމު ބޯޅަ ހަސަން ވަނީ ފަސޭހަކަމާ އެކު ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕާކިސްތާނަށް ތިން ވަނަ ލަނޑެއް ޖަހައިދޭން މެޗުގެ 40 ވަނަ މިނިޓްގައި ރިޔާޒް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

ދެ ވަނަ ހާފުގެ ފުރަތަމަ ހަމަލާ ފޮނުވާލީ ބޫޓާނުންނެވެ. މެޗުގެ 49 ވަނަ މިނިޓްގައި އެ ޓީމުގެ ކެންޗޯ ޓޮބްގޭ ފޮނުވާލި ބޯޅަ ޕާކިސްތާންގެ ކީޕަރު ޔޫސުފް އިޖާޒް ބަޓް ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން އޭރިއާ ބޭރުން ޗެންޗޯ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

މި ހާފުގައި ޕާކިސްތާނުގެ ފަރާތުން އެންމެ ރަނގަޅު އެޓޭކްތަކެއް ނުފެނެ އެވެ. އެ ޓީމުގެ ފަހަތަށް ކުޅޭ ޒޭޝް ރެހެމާނަށް މެޗުގެ 80 ވަނަ މިނިޓްގައި ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން ކުރިން ފުލަމް އަށް ކުޅުނު ރެހެމާނަށް ލިބުނު ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ދިޔައީ އަރިމަތިން ބޭރަށެވެ.

މެޗުގެ ފަހުކޮޅުގައި ބޫޓާނުން ގިނަ އެޓޭކްތަކެއް ކުރި އެވެ. އެ ގޮތުން އެ ޓީމުގެ ޗެންޗޯ ފޮނުވާލި ބޯޅައެއް ޕާކިސްތާން ކީޕަރު ޔޫސުފް ވަނީ މަތަކޮށްފަ އެވެ. އިތުރު ވަގުތުގައި ޕާކިސްތާނުގެ ތިން ވަނަ ލަނޑު ޖެހީ އަހުމަދު ފަހީމް އެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅަ ފަހީމް ވަނީ ހަމަޖެހިލާފައި ގޯލަށް ފޮނުވާލައިފަ އެވެ.

0 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 89%
icon sad icon sad 0%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454