ކުޅިވަރު

ރާއްޖެ އާއި އިންޑިއާ ވަރަށް ވަރުގަދަ: ޕާކިސްތާން ކޯޗު

ޕާކިސްތާނުގެ ކޯޗު ހޯސޭ އެންޓޯނިއޯ ނޮގޭރާ.-- ފޮޓޯ: އިމޭޖަސް.އެމްވީ

ބަންގްލަދޭޝްގެ ޑާކާ އިން،  އައްޒާމް އަލިފުޅު، މިހާރު

08 ސެޕްޓެމްބަރ 2018 - 17:59

1 comments

ތޭރަ އަހަރަށް ފަހު ސާފް ސުޒުކީ ކަޕްގެ ސެމީ ފައިނަލުން ޕާކިސްތާނަށް ފުރުސަތު ލިބުމުން އަދި ތަށި ހޯދާ ވާހަކަ ނުދައްކާނެ ކަމަށާއި މި ވަގުތަށް ބަލާއިރު އިންޑިއާ އާއި ރާއްޖެ އޮތީ ވަރަށް ވަރުގަދަކޮށް ކަމަށް ޕާކިސްތާންގެ ކޯޗު ބްރެޒިލްގެ ހޯސޭ ނޮގޭރާ ބުނެފި އެވެ.

ޕާކިސްތާނަށް ސެމީ ފައިނަލުގެ ޖާގައެއް ޔަގީންވީ މިއަދު ބޫޓާން އަތުން 3-0 އިން ހޯދި މޮޅާ އެކު އެވެ. އެ ޓީމަށް ތިން މެޗުން ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ.

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕާކިސްތާނުގެ ކޯޗު ނޮގޭރާ ބުނީ މި ވަގުތު ހަމައެކަނި ވިސްނަންވީ ސެމީ ފައިނަލުގައި ރަނގަޅު މެޗެއް ކުޅުމަށް ކަމަށެވެ.

"އިންޑިއާ އާއި ރާއްޖެ އޮތީ ވަރަށް ވަރުގަދަކޮށް. މި ވަގުތު އެ ގްރޫޕުގައި އިންޑިއާ ތިން ޕޮއިންޓާ އެކު އެއް ވަނައިގައި ދެ ވަނައިގައި ރާއްޖެ އޮތީ އެއް ޕޮއިންޓް ހޯދައިގެން. އެކަމަކު އެކަން ބަދަލުވެދާނެ. ރާއްޖެ އިންޑިއާ ބަލިކޮށްފައި އެއް ވަނަ އަށް ވެސް ގޮސްފާނެ. އެ ދެ ޓީމު ވަރަށް ވަރުގަދަ. އިންޑިއާ އަކީ ދުނިޔޭގެ ރޭންކިންގެ 90 ގައި އޮތް ޓީމެއް. ރާއްޖޭގައި އޮވޭ ބައިނަލްއަގްވާމީ ކުޅުންތެރިންނާ އެކު ކުޅޭ ވަރުގަދަ ލީގެއް. އެ ދެ ޓީމުން ކުރެ ޓީމަކާ ކުޅެން އަހަރެމެން ތައްޔާރު މިވަނީ." އޭނާ ބުންޏެވެ.

މި ފަހަރުގެ މުބާރާތުގެ ކުރިން ރާއްޖެ އާއި ޕާކިސްތާން ގަތަރުގައި އެކުވެރިކަމުގެ މެޗެއް ކުޅެން ރޭވި އެވެ. އެކަމަކު ގަތަރަށްދާން ޕާކިސްތާނަށް ވިސާ ލިބުން ލަސްވުމުން އެ މެޗު ޖެހުނީ ކެންސަލްކުރާށެވެ. އެ މެޗު ނުކުޅެވުމުން ހިތްހަމަ ނުޖެހުން ފާޅުކޮށް ރާއްޖޭގެ ކޯޗު ޕީޓަ ސެގާޓް ވަނީ މުބާރާތުގައި ޕާކިސްތާނާ ކުޅެން އުއްމީދުކުރާ ކަމަށް ބުނެފަ އެވެ.

ޕާކިސްތާން އެންމެ ފަހުން މި މުބާރާތުގެ ސެމީގައި ކުޅުނީ 2005 ވަނަ އަހަރު އަމިއްލަ ގައުމުގައި ކުޅުނު ފަހަރު އެވެ. އަދި މި މުބާރާތަކީ ޕާކިސްތާނުގެ ސީނިއާ ޓީމު 2015 ވަނަ އަހަރުގެ މާޗް މަހަށް ފަހު ކުޅުނު ފުރަތަމަ ބައިނަލްއަގްވާމީ މުބާރާތެވެ. އެންމެ ފަހުން 2015 ވަނަ އަހަރު އިންޑިއާގައި އޮތް ސާފްގައި ޕާކިސްތާން ނުކުޅެ އެވެ. ޕާކިސްތާނުގެ ހައި ކޯޓުން އެ ގައުމުގެ ފުޓްބޯޅަ އިދާރާ އަށް ނުފޫޒު ފޯރުވަން މަސައްކަތްކުރުމުން އެ ގައުމުގެ ފުޓްބޯޅަ އޮތީ ހުއްޓިފަ އެވެ.

ނޮގޭރާ ބުނީ މި ކާމިޔާބީ ހާއްސަކުރާނީ މުޅި ޕާކިސްތާނަށް ކަމަށެވެ.

"އަހަރެން މި މޮޅު، މި ކާމިޔާބީ ހާއްސަކުރާނަން މުޅި ޓީމަށް. މުޅި ޕާކިސްތާން ފެޑެރޭޝަނަށް. އެންމެންގެ ނަން ކިޔާކަށެއް ނެތިން. މިއީ އަހަރެމެން އެކުވެގެން ކުރި މަސައްކަތުގެ ނަތީޖާ،" އޭނާ ބުންޏެވެ.

މި މެޗަށް ޕާކިސްތާން ކުޅުންތެރިން ނުކުތީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށާއި މެޗުގެ 60 މިނިޓްގައި ވަރަށް މޮޅަށް ކުޅުނު ކަމަށާއި އޭގެ ފަހުން އެ ޓީމަށް ވަރުބަލިކަން އިހުސާސްވެ ބޫޓާނުން ވެސް ކޮންމެވެސް ވަރަކަށް ކުޅުނު ކަމަށް ބުންޏެވެ.

ބޫޓާނުގެ ކޯޗުކަމާއި މިދިޔަ މާޗް މަހު ކުރިން އިންގްލެންޑްގެ ބޯންމައުތަށް ކުޅުނު ފޯވާޑް ޓްރެވާ މޯގަން ހަވާލުވީ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާގެ އިރުޝާދުގެ ދަށުން މިހާތަނަށް ބޫޓާން ކުޅުނު ފަސް މެޗުން ވެސް ބަލިވިއިރު، އެއްވެސް މެޗަކު ލަނޑެއް ވެސް ނުޖެހެ އެވެ.

"އަހަރެން ނުބުނާން މިއީ އެންމެ ރަނގަޅެކޭ. އެކަމަކު މި ޓީމު ހޯދާ ކުރިއެރުން އަހަންނަށް އެބަފެނޭ. މިއީ ވަރަށް ޒުވާން ޓީމެއް ތަޖުރިބާގެ އެއްވެސް ކަމެއް ނެތް މި ޓީމުގައި. މި މެޗުގައި ވެސް ފުރަތަމަ ހާފުގައި ފެނުނީ ވަރަށް ބޮޑެތި ބަޔަކާއި ކުޑަކުދިން ކުޅުނު މެޗެއް. ހުރިހާ ދިމާލަކުން ޕާކިސްތާން ފެނުނީ. އެކަމަކު ދެ ވަނަ ހާފުގައި އަަހަރެމެން ކޮންމެވެސް ވަރަކަށް ކުޅުނު،" ޓްރެވާ ބުންޏެވެ.

އޭނާ ބުނީ ބޫޓާން ފުޓްބޯޅައިގައި ގިނަ ކަންތައްތަކެއް ބަދަލުކުރަން ޖެހޭ ކަމަށާއި މި މުބާރާތް ނިންމުމަށް ފަހު މަޝްވަރާގެ މޭޒަށް އެންމެން އައިސް އެ ގައުމުގެ ފުޓްބޯޅަ އަށް ހެޔޮގޮތްތަކެއް ހޯދުމަށް ވަރަށް ރަނގަޅަށް ވިސްނަން ޖެހޭ ކަމަށެވެ.

1 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 77%
icon sad icon sad 15%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮން ބަބުރު ސޮރު

08 September 2018

ކަލޭ ހިނދުކޮޅުގަތޯ؟ އިންޑިއާ ބަލި ކޮއްގެން ލިބޭ އެއްވަނަ އެއް ވިއްޔާ ހަނދާން ނައްތާލަ ހީހީ ހަލާކު! 6ލަނޑު ހިނދުސްތާނުން ޖަހާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454