ކުޅިވަރު / މެންޗެސްޓާ ޔުނައިޓެޑް

ސިޓީ އަނެއް ބުރަށް، ޔުނައިޓެޑް ކަޓައިފި

ލަނޑު ޖެހުމަށް ފަހު ޑާބީ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (ސެޕްޓެމްބަރު 26) - އިނގިރޭސި ލީގު ކަޕްގައި ރޭ ފްރާންކް ލަޕްމާޑްގެ ކޯޗުކޮށްދޭ ޑާބީ ކައުންޓީ އަތުން ޕެނަލްޓީ ޖަހައިގެން 8-7 އިން ބަލިވެ މެންޗެސްޓާ ޔުނައިޓެޑް ކެޓިއިރު، ރަށުން ބޭރުގައި 3-0 އިން އޮކްސްފޯޑް ޔުނައިޓެޑް އަތުން މޮޅުވެ މެންޗެސްޓާ ސިޓީ މުބާރާތުގެ އަނެއް ބުރަށް ދަތުރުކޮށްފި އެވެ.

ގިނަ ބަދަލުތަކެއް ކޮށްގެން ކުޅުނު ސިޓީ ޓީމުގައި ރޭ ވިދާލީ އިނގިރޭސި ޒުވާން މިޑްފީލްޑަރު ފިލް ފޯޑެން އެވެ. ފުރަތަމަ ހާފުގައި ގަބްރިއެލް ޖީސޫސްގެ ލަނޑުން ސިޓީ ލީޑުނެގިއިރު، ދެ ވަނަ ހާފުގައި ރިޔާދު މާރޭޒް އެ ޓީމުގެ ދެ ވަނަ ގޯލު ޖެހީ ފޯޑެން ދިން ބޯޅައަކުންނެވެ. ސިޓީގެ ފަހު ގޯލު ޖެހީ ފޯޑެން އެވެ.

މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ އެ ޓީމުގެ ކުޅުންތެރިން ދެއްކި ހިތްވަރަށް ތައުރީފް ކޮށްފަ އެވެ. އަދި ފުރުސަތުތަކުގެ ބޭނުން ހިފައި ފޯޑެން އާއި މާރޭޒް ދައްކަމުންދާ ކުޅުން ރަނގަޅު ކަމަށާއި އެ ދެ ކުޅުންތެރިންނަށް އިތުރު ފުރުސަތު ހައްގުވާ ކަމަށް ބުންޏެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ރޭ ކުޅުނު މެޗުގައި އެ ޓީމަށް ތިން ވަނަ މިނިޓްގައި ލީޑުނަގައިދިނީ ހުއާން މަޓާ އެވެ. ދެ ވަނަ ހާފުގައި ޑާބީ އަށް އެއްވަރުކޮށްދިން ލަނޑު ޖެހީ ލިވަޕޫލްގެ ލޯން އެއްބަސްވުމެއްގެ ދަށުން ކުޅެމުން އަންނަ ޒުވާން މިޑްފީލްޑަރު ހެރީ ވިލްސަން އެވެ. ހިލޭ ޖެހުމަކުން ވިލްސަން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

ޔުނައިޓެޑަށް މައްސަލަތައް ދިމާވީ މެޗުގެ 67 ވަނަ މިނިޓްގައި އެ ޓީމުގެ ގޯލްކީޕަރު އޭރިއާބޭރުން ބޯޅައިގައި އަތްލުމުން ސާޖިއޯ ރޮމޭރޯ އަށް ރަތް ކާޑު ދެއްކުމުންނެވެ. ކުޅުންތެރިއަކު މަދުކޮށް ޔުނައިޓެޑުން ކުޅެމުން ދަނިކޮށް މެޗުގެ 85 ވަނަ މިނިޓްގައި ޑާބީ އަށް ލީޑުނަގައިދިނީ ޖެކް މެރިއޮޓް އެވެ. ޔުނައިޓެޑަށް އެއްވަރުކޮށްދިން ލަނޑު ޖެހީ އިތުރު ވަގުތުގައި މަރުއާން ފެލައިނީ ޖެހި ގޯލުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 2-2 އިން އެއްވަރުވެގެންނެވެ.

ޑާބީގެ ކޯޗު ލަމްޕާޑް (ކ) އާއި މޮރީނިއޯ ވާހަަކަދައްކަނީ. -- ފޮޓޯ: އޭއެފްޕީ

ޕެނަލްޓީގައި ޔުނައިޓެޑްގެ ހަމައެކަނި ނާކާމިޔާބުވީ ފިލް ޖޯންސް ފޮނުވާލި ޕެނަލްޓީ އެވެ. އެ ޕެނަލްޓީ ހުއްޓުވީ ޕްރިމިއާ ލީގުގެ ގިނަ ކްލަބްތަކަށް ކުރިން ކުޅުނު ސްކޮޓް ކާސަން އެވެ. މެޗަށް ފަހު މޮރީނިއޯ ވަނީ ޖޯންސް ޕެނަލްޓީ ޖަހަންދިޔައިރު ވެސް އޭނާއާ މެދު އިތުބާރެއް ނެތް ކަމަށް ބުނެފަ އެވެ.

ލީގު ކަޕްގެ އެންމެ ފަހުގެ 10 މުބާރާތުން ހަތް ފަހަރު ޔުނައިޓެޑް ކެޓީ ދަށް ޑިވިޝަން ޓީމުތަކާ ކުޅެގެންނެވެ. މިއީ 2001 ވަނަ އަހަރަށް ފަހު ޔުނައިޓެޑް ދަނޑުގައި ޑާބީ އަށް ލިބުނު ފުރަތަމަ މޮޅެވެ.

މެޗަށް ފަހު ޑާބީގެ ކޯޗު ލަމްޕާޑް ބުނީ އޭނާގެ ޓީމުގެ ފަރާތުން ފެނުނު ހިތްވަރަށް ގިނަ ބަޔެއްގެ ތައުރީފް ހައްގުވާ ކަމަށެވެ.

"ފުރަތަމަ ޔުނައިޓެޑް ލަނޑެއް ޖަހާފައި އޮއްވައި ފަހަތުން އަރައި މި ވަރުގެ ހިތްވަރެއް ދެއްކޭނީ މަދު ޓީމަކަށް. އަހަރެން މިހުރީ މި ކުޅުންތެރިން ދެއްކި ހިތްވަރުގެ ސަބަބުން ފަހުރުވެރިވެފައި. މިއީ މި ޓީމަށް ވަރަށް ގިނަ އިބްރަތްތަކެއް ހާސިލްވާނެ މެޗެއް،" ކުރިން މޮރީނިއޯގެ އިރުޝާދުގެ ދަށުން ޗެލްސީ އަށް ކުޅުނު ލަމްޕާޑް ބުންޏެވެ.

ލީގު ކަޕްގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ލެސްޓާ ސިޓީ ވަނީ ޕެނަލްޓީ ޖަހައިގެން ވުލްވްސް ބަލިކޮށްފަ އެވެ. ވެސްޓް ބްރޮމްގެ މައްޗަށް ކްރިސްޓަލް ޕެލަސް ވަނީ 3-0 އިން ކުރި ހޯދައިފަ އެވެ.

1 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 56%
icon sad icon sad 44%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕުތަރަދީފް

26 September 2018

އިނގެރޭސި މީޑިއާއިން ޕޮގްބާއާ އަޅައިގަނެގެން ނެއްޓެން ނޭގިގެން އުޅޭއިރު ޖޯންސް ފަހަތުން ފާޑުފާޑުގެ ވާހަކަދައްކަމުން ނުދުވަނީ ކީއްވެބާ؟ ލީގުކަޕް ފުރަތަމަބުރުން މެންޔޫ ކެޓީ ޖޯންސްއާހެދި، މިދިޔަ ސީޒަނުގެ އެފް.އޭކަޕް މެންޔޫއަށް ގެއްލުނީ ޖޯންސްއާހެދި އަދި މިސީޒަނުގަ މެންޔޫ ބަލިވި ހުރިހާ މެޗަކުން ބަލިވީ ޖޯންސްގެ ފީކަޅާ ކުޅުމުގެ ސަބަބުން. އެހެންވީމާ ފާޑުފާޑުގެ ތާކުންތާކު ނުޖެހޭ ވާހަކަ ހަދައިގެން އިނގެރޭސި މީޑިއާ ދުވަންވީ ޖޯންސް ފަހަތުން ނޫންބާ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454