ކުޅިވަރު / ދިރާގު ދިވެހި ޕްރިމިއާ ލީގު 2018

ތިމަރަފުށި ބަލިކޮށް ނިލަންދޫ ފުރަތަމަ މޮޅު ހޯދައިފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ތިމަރަފުއްޓާއި ނިލަންދޫ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

26 ސެޕްޓެމްބަރ 2018 - 18:50

ދެ މަހެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ދިރާގު ދިވެހި ޕްރިމިއާ ލީގު އަލުން ފަށައި މިއަދު ކުޅުނު މެޗުގައި ތ. ތިމަރަފުށި 3-0 އިން ބަލިކޮށް ފ. ނިލަންދޫ އިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

މި މޮޅާ އެކު ނިލަންދޫ ވަނީ ލީގުގެ ނުވަ ވަނަ އަށް ޖެހިލައިފަ އެވެ. އެ ޓީމަށް ފަސް މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ތިމަރަފުށި އެންމެ ފުލުގައި އޮތީ ފަސް މެޗުން އެއް ޕޮއިންޓާ އެކު އެވެ. މި މޮޅާ އެކު ލީގުގެ ގަދަ އަށް ޓީމުގެ ތެރޭގައި ހިމެނިގެން ދެ ވަނަ ބުރުގެ ފުރުސަތު ހޯދުމަށް ނިލަންދޫ އަށް ވަނީ ފުރުސަތު ފަހިވެފަ އެވެ.

ނިލަންދޫ ޓީމު ނުކުތީ ކުރީގެ ކުޅުންތެރިއާ އާދަމް އަބްދުއްލަތީފް (ލައްޗޭ)ގެ އިރުޝާދުގެ ދަށުންނެވެ. މި ސީޒަނުގެ ކުރީކޮޅުގައި ލަންޗޭ ފެނުނީ ވެލެންސިއާ އިންނެވެ. އަނެއްކޮޅުން މާލީ ދަތިކަމުގެ ސަބަބުން ތިމަރަފުށި މި މެޗަށް ނުކުތްއިރު މިދިޔަ ބްރޭކުގެ ތެރޭގައި ޓީމު ޕްރެކްޓިހެއް ވެސް ނުކުރެ އެވެ. އެ ޓީމު މި މެޗު ކުޅެން ނިންމީ ފަހު ވަގުތެވެ. ލީގުގެ ކުރީގެ މެޗުތަކުގައި ޓީމުން ފެނުނު ކުޅުންތެރިން މި މެޗުގައި ނުކުޅެ އެވެ.

މެޗު ފަށައިގެން ނިލަންދޫ އިން ކުރިއަށް ޖެހިގެން ކުޅެމުންދިޔައިރު ފުރަތަމަ 10 މިނިޓް ތެރޭގައި އެ ޓީމަށް ލީޑުނަަގައިދޭން އާދިލް އަލީ އަށް ލިބުނު ހުސް ފުރުސަތުން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެ ފަހުން ތިމަރަފުށީގެ ބިދޭސީ ކުޅުންތެރިއާ އަޔޮޑެޖީ ޓޫންޑޭ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ދެ ޓީމުގެ މެދުތެެރެއިން ގިނަ މައްސަލަތަކެއް ފެނުނު މި މެޗުގެ ފުރަތަމަ 20 މިނިޓަށް ފަހު ތިމަރަފުށިން ނިލަންދޫ ހާފު ތެރޭގައި ބޯޅަ ހިފަހައްޓައިގެން އެޓޭކްކުރަން މަސައްކަތްކޮށް ހަމަލާތަކެއް އުފެއްދި އެވެ. އެ ގޮތުން އެ ޓީމުގެ ޖަޕާނުގެ ޑިފެންޑަރު ޓަކޫ ޔަނަގިޑާޓޭ އަށް ހުސްކޮށް ލިބުނު ބޯޅައިން އޭނާ ފޮނުވާލި ހަމަލާ ނިލަންދޫ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ.

ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ނިލަންދޫ އަށް ލީޑުނަަގައިދިނީ އެ ޓީމުގެ ބިދޭސީ ފޯވާޑް ކްވޭކޫ ލޫކަސް އެވެ. އޭރިއާ ތެރެއިން ނިލަންދޫގެ ހުސެއިން ޝާރިފް ޖެހި ބޯޅަ ތިމަރަފުށީގެ ކީޕަރު އަޑެޓުންޖީ ލޯރެންސް އަތުގައި ޖެހިފައި އެ ބޯޅަ ލިބުނީ ހުސްކޮށްހުރި ލޫކަސް އަށެވެ. އޭނާ ވަނީ ފަސޭހަކަމާ އެކު އެ ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ.

ނިލަންދޫގެ ލޫކަސް (ވ) އަތުން ބޯޅަ ހޯދަން ތިމަރަފުށީގެ މަތީން ޓެކުލްކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނިލަންދޫ އިން ދެ ވަނަ ހާފް ފެށީ ވަރަށް ބޮޑަށް ކުރިއަށް ޖައްސައިގެންނެވެ. މި ހާފުގެ ކުރީކޮޅުގައި ނިލަންދޫ އިން ފޮނުވާލި ގިނަ ހަމަލާތަކެއް ކީޕަރު އަޑެޓުންޖީ ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ނިލަންދޫ އިން ވަނީ ދެ ބަދަލެއް ގެނެސްފަ އެވެ. އެގޮތުން އަހުމަދު ނަބީލް އާއި އިބްރާހިމް ފުރުގާން (ފުގޭ) ވަނީ ކުޅެން އަރުވައިފަ އެވެ. އެ ދެ ކުޅުންތެރިންނަކީ ކުރިން ހަތަރު މެޗުގައި ފުރަތަަމަ އެގާރައިގައި ކުޅުނު ކުޅުންތެރިންނެވެ.

މެޗުގެ 77 ވަނަ މިނިޓްގައި ނިލަންދޫ އަށް ދެ ވަނަ ލަނޑެއް ޖަހައިދޭން އެ ޓީމުގެ އާދިލް އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އެރިއާ ތެރެއިން މުޅިން ހުސްކޮށް ލިބުނު ފުރުސަތުން އޭނާ ފޮނުވާލި ބޯޅަ ކީޕަރު އަޑެޓުންޖީ ވަނީ މަތަކޮށްފަ އެވެ.

ނިލަންދޫގެ ދެ ވަނަ ލަނޑު ޖެހީ މެޗުގެ 83 ވަނަ މިނިޓްގައި ފުގޭ އެވެ. އެ ޓީމުގެ ލޫކަސް ހުސްކޮށްލާފައި ފުގޭ އަށް ދިން ބޯޅަ އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އޭގެ ތިން މިނިޓް ފަހުން ނިލަންދޫގެ ތިން ވަނަ ލަނޑު ޖެހީ އާދިލް އެވެ. އޭރިއާ ތެރެއިން ހުސްކޮށް ކަހަލަ ގޮތަކަށް ލިބުނު ބޯޅަ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި އާދިލް ވަނީ ފަސޭހައިން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

މެޗާ ބެހޭގޮތުން ތިމަރަފުށީގެ އެސިސްޓަންޓް ކޯޗު އަހުމަދު ނަދީމް ބުނީ މެޗަށް އައީ ވަރަށް އުނދަގޫ ހާލަތެއްގައި އޮވެފައި ކިރިޔާ ޓީމު ހަމަކޮށްލައިގެން ކަމަށެވެ. އޭނާ ބުނީ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ)ގެ އެގްރީމެންޓުގެ ދަށުން އެ ޓީމަށް އެހީވާން ޖެހޭ މިފްކޯގެ ފަރާތުން ލިބެން ޖެހޭ އެއްވެސް ފައިސާއެއް ނުލިބޭތީ ޓީމުގެ ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށެވެ.

"ޓީމުގެ ކުޅުންތެރިން ބަނޑަށް ކަހަލަ ގޮތަކަށް ތިބެފައި މި އަންނަނީ. އަޅުގަނޑުމެން މިއަދު ކުޅުނީ ޓީމުގެ މުހިއްމު ކުޅުންތެރިން ނުލައި. ފައިސާއެއް ނެތީމަ އެ ކުޅުންތެރިން ގެނެވެން ނެތް. އެސްއޯއީ އިން އަޅުގަނޑުމެންނަށް ލިބިފައި އޮތް ކުންފުންޏަކީ މިފްކޯ. މިހާތަނަށް ލިބުނީ އެންމެ ޕޭމަންޓެއް. އެއީ އެއް ލައްކަ ރުފިޔާ. އޭގެ ފަހުން އެއްވެސް ކަމެއް ހަމަނުޖެހި މިއޮތީ. އެފްއޭއެމުން ވެސް ކަންތައްތައް ހަމަޖެހިފައި އޮތް ގޮތެއް ބަލައެއްނުލާ،" އޭނާ ބުންޏެވެ.

ނިލަންދޫގެ ކޯޗު ލައްޗޭ ބުނީ އެންމެ ފަހުން ލީގު މެދުކެނޑުނު ފަހުން ނިލަންދޫ އިން އައީ ވަރަށް ރަނގަޅަށް ތައްުޔާރުވަމުން ކަމަށާއި ލީގުގައި ރަނގަޅު ނަތީޖާއެއްގެ އަޒުމުގައި އަލުން މަސައްކަތް ފަށަން މި ލިބުނީ ވަރަށް ރަނގަޅު މޮޅެއް ކަމަށެވެ.

0 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 40%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454