27 ސެޕްޓެމްބަރ 2018 - 10:59
މެންޗެސްޓާ (ސެޕްޓެމްބަރު 27) - އަންނަ ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ވިއްކާލަން އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އިނގިރޭސި ލީގު ކަޕްގައި އަމިއްލަ ދަނޑުގައި ޑާބީ ކައުންޓީ އަތުން ޕެނަލްޓީ ޖަހައިގެން ޔުނައިޓެޑް ބަލިވި މެޗަށް ފަހު މޮރީނިއޯ ވަނީ އޭނާ އެ ޓީމުގައި ހުއްޓައި ޕޮގްބާ ކެޕްޓަން ބޭންޑް އަޅައިގެން ދެން މެޗެއް ނުކުޅޭނެ ކަމަށް ބުނެފަ އެވެ. އޭގެ ފަހުން އިއްޔެ އޮތް ޔުނައިޓެޑްގެ ފަރިތަކުރުންތަކުގެ ތެރެއިން މޮރީނިއޯ އާއި ޕޮގްބާއާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރާ ވީޑިއޯ އެއް އާންމުވި އެވެ.
މި ސީޒަން ފެށުމުގެ ކުރިން ޕޮގްބާ ހޯދަން ސްޕެއިނުގެ ބާސެލޯނާ އިން މަސައްކަތްކުރި އެވެ. އަދި ޕޮގްބާ އެ ޓީމަށް ބަދަލުކުރަން އޭނާގެ އޭޖެންޓް މިނޯ ރައިއޯލާ ވެސް ވަރަށް މަސައްކަތްކުރި އެވެ. އެކަމަކު އޭރު ޔުނައިޓެޑުން އޭނާ ނުވިއްކާނެ ކަމަށް ބުންޏެވެ.
ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑްގެ ބޯޑުން ކުރިން ނިންމާފައި އޮތީ މި ސީޒަން ނިންމާފައި ޕޮގްބާ އަށް 100 މިިލިއަން ޔޫރޯ އަށް ވުރެން ބޮޑު ހުށަހެޅުމެއް ލިބިއްޖެނަމަ އޭނާ ވިއްކާލުމަށެވެ. އެކަމަކު މިހާރު މޮރީނިއޯގެ އެދުމުގެ މަތިން ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި ވެސް ޔުނައިޓެޑުން އޮތީ ޕޮގްބާ ވިއްކާލަން ތައްޔާރަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މޮރީނިއޯ އާއި ޕޮގްބާގެ މައްސަލަތައް ފެށުނީ މިދިޔަ ސީޒަނުގެ މެދުތެރެއިންނެވެ. އޭގެ ފަހުން މީޑިއާގައި އެ ދެ މީހުންގެ ގުޅުމާ ބެހޭގޮތުން ގިނަ ވާހަކަތަކެއް ވަނީ ދެކެވިފަ އެވެ. އެ ގުޅުން އިތުރަށް ގޯސްވާން ފެށީ މި ފަހަރުގެ ވޯލްޑް ކަޕްގައި މޮރީނިއޯ ރަޝިއާގެ ޓީވީއެއްގެ ޝޯއެއްގައި ޕޮގްބާ އަށް ފާޑުކިޔުމާ ގުޅިގެންނެވެ. އެކަމާ ހެދި ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ވެސް ހިތްހަމަ ނުޖެހުން ފާޅުކުރި އެވެ.
ޔުނައިޓެޑަށް ކުރިން ކުޅުނު ބަލްގޭރިއާގެ ފޯވާޑް ޑިމިޓާ ބާބަޓޯވް ބުނީ މޮރީނިއޯ އާއި ޕޮގްބާއާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކަށް ހައްލެއް ހޯދަން އެ ދެ މީހުން ވެސް މަސައްކަތްކުރަނީ މީޑިއާގެ ޒަރިއްޔާއިން ކަމަށާއި އެކަމަކު އޭގެން އެއްވެސް ހައްލެއް ނުހޯދި މައްސަލަ އިތުރަށް ގޯސްވަމުން އަންނަ ކަމަށެވެ.
ޔުނައިޓެޑުގެ އެކަޑަމީން ތަމްރީންވި ޕޮގްބާ ހިލޭ ޓްރާންސްފާއެއްގެ ދަށުން ޔުވެންޓަސް އަށް ބަދަލުވެ ދުނިޔޭގެ ފެންވަރުގެ މިޑްފީލްޑަރަކަށްވި އިރު، އޭނާ ދުނިޔޭގެ ރެކޯޑް އަގަކަށް 2016 ވަނަ އަނބުރާ ޔުނައިޓެޑަށް ގެންދިޔައީ ރައިއޯލާ އެވެ. އެކަމަކު ޕޮގްބާ އަށް ޔުނައިޓެޑުގައި އަދިވެސް ހަމަޔަކަށް ނޭޅެ އެވެ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންދީ
28 September 2018
މޮރީނިއޯ މީ ހަމަ ބުރަންޗެއް... މީނަ ލައިގެން މިކަމެއް ނުވާނެއް... ޕޮގްބާ އަށްވެސް ކުރިއެރުން ލިބޭނީ އެހެން ކްލަބަކަށް ބަދަލުވެގެން...
ޕުތަރަދީފް
27 September 2018
އިނގިރޭސި ލީގު ކަޕްގަ އަމިއްލަ ދަނޑުގައި ޑާބީ ކައުންޓީ އަތުން ޕެނަލްޓީ ޖަހައިގެން ޔުނައިޓެޑް ބަލިވި މެޗުގަ ޕޮގްބާ ނުވެސް ކުޅޭ އަދި އެމެޗަށް ނެގި ސްކޮޑްވެސް ޕޮގްބާއެއް ނުހިމެނޭ، އެމެޗުގަ ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް އެޅީ އޭޝްލީ ޔަންގް. އިނގެރޭސި މީޑިއާއިން ޕޮގްބާއާ އަޅައިގަނެގެން ނެއްޓެން ނޭގިގެން އުޅުމުގެ ބަދަލުގަ ފާޑުފާޑުގެ ވާހަކަ ހަދައިގެން ފިލް ޖޯންސް ފަހަތުން ދުވިއްޔާ މާތާހިރުވާނެ.