ނިއު އަށް މި ސީޒަނުގައި ލަނޑެއް ކާމިޔާބު ކޮށްދިނުމަށް ފަހު ސެންޓޭ އުފާފާލުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
03 އޮކްޓޯބަރ 2018 - 12:04
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ހެދި ހެޓްރިކާ އެކު ނިއު ރޭޑިއަންޓްގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އެ ޓީމަށް 100 ލަނޑު ހަމަކޮށްފި އެވެ.
ބ. ފެހެންދޫ ކޮޅަށް ހެދި ހެޓްރިކާ އެކު ސެންޓޭ ވަނީ ނިއު އަށް ޖުމްލަ 101 ލަނޑު ކާމިޔާބު ކޮށްފަ އެވެ. އުމުރުން 30 އަހަރުގެ ސެންޓޭ ވަނީ ރާއްޖޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ދެ ފަހަރާއި ރަން ބޫޓު ދެ ފަހަރު ހާސިލްކޮށްފަ އެވެ.
އެންމެ ސަޕޯޓްކުރާ ކްލަބަށް 100 ގޯލު ހަމަކުރެވޭނެ ކަމަށް މީގެ ކުރިން ސެންޓޭ އުއްމީދެއް ނުކުރެ އެވެ. އެކަމަކު ރާއްޖޭގެ އެންމެ ބޮޑު އެއް ކްލަބަށް 100 ލަނޑު ހަމަކުރުމަކީ ކެރިއަރުގައި ފާހަގަކޮށްލެވޭނެ ކާމިޔާބެކެވެ. ނިއު އަށް އެންމެ ފުރަތަމަ 100 ލަނޑު ހަމަކޮށްދިނީ މިދިޔަ ސީޒަނުގައި އަލީ އަޝްފާގު (ދަގަނޑޭ) އެވެ. ދަގަނޑޭ ވަނީ މިހާތަނަށް ނިއު އަށް 128 ލަނޑު ކާމިޔާބު ކޮށްދީފަ އެވެ.
އޯލްޔޫތުލިންކްއޭޖް (އޭވައިއެލް) އިން ވިދާލި ސެންޓޭ ވެލެންސިއާ އަށް ކުޅުމަށް ފަހު ނިއު އަށް އެންމެ ފުރަތަމަ ބަދަލުވީ 2011 ވަނަ އަހަރެވެ. އެ ސީޒަނުގައި އޭނާ ވަނީ 18 ގޯލު ޖަހައިދީފަ އެވެ. އޭނާ ދެ ވަނަ ފަހަރަށް ނިއު އަށް ބަދަލުވީ 2013 ވަނަ އަހަރު އެވެ. އެ އަހަރު އޭނާ ވަނީ 14 ގޯލު ޖަހައިފަ އެވެ. އަދި 2014 ވަނަ އަހަރު 23 ގޯލު ޖެހިއިރު، 2015 ވަނަ އަހަރު އޭނާ ވަނީ ހަ ގޯލު ޖަހައިފަ އެވެެ. ތިން އަހަރު ނިއު އަށް ކުޅުމަށް ފަހު ސެންޓޭ 2016 ވަނަ އަހަރު ކުޅުނީ ޓީސީ ސްޕޯޓްސް ކްލަބަށެވެ.
ސެންޓޭ ތިން ވަނަ ފަހަރަށް ނިއު އަށް ބަދަލުވީ މިިދިޔަ އަހަރު އެވެ. މިދިޔަ ސީޒަނުގައި ސެންޓޭ ވަނީ އެ ޓީމަށް 21 ލަނޑު ޖަހައިދީފަ އެވެ. މި ސީޒަނުގެ މިހާތަނަށް އޭނާ ވަނީ 19 ގޯލު ކާމިޔާބުކޮށްފަ އެވެ.
ސެންޓޭ ވަނީ ނިއުއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެ ގޮތުން 2013 ވަނަ އަހަރު ނިއު އިން ހުރިހާ މެޗެއް ކާމިޔާބުކޮށް ސީޒަނުގެ ހުރިހާ ތައްޓެއް އުފުލާލައި އޭއެފްސީ ކަޕްގެ ކުއާޓާ ފައިނަލަށް ދިޔައިރު ސެންޓޭ އަކީ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. އޭގެ ފަހުން 2014 އާއި 2015 ވަނަ އަހަރު ލީގު ޗެމްޕިއަންކަން ހޯދި އެވެ. އޭގެ ފަހުން މިދިޔަ ސީޒަނުގައި އަލުން ނިއު އަށް އައިސް އޭނާ ވަނީ އެ ޓީމާ އެކު ލީގާއި އެފްއޭ ކަޕް އަދި ގައުމީ މުބާރާތް ކާމިޔާބު ކޮށްފަ އެވެ.
މި ވަގުތު ކުޅެމުން އަންނަ ކުޅުންތެރިންނަށް ބަލާއިރު އެއް ޓީމަކަށް 100 ލަނޑު ހަމަކުރި އަނެއް ކުޅުންތެރިއަކީ މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އެވެ. އޭނާ ވަނީ މީގެ އަހަރެއް ކުރިން އެ ޓީމަށް 100 ލަނޑު ހަމަކޮށްދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުންއަސަރު
04 October 2018
މަރްހަބާ ސެންޓޭ. ވަރަށް އުފާވޭ ހަގީގަތުގާވެސް ނިއުރޭޑިއަންޓަށް ތިވަރުކަމެއް ކޮށްދިނީތީ. އެކަމު ހަމައެކަނި އަހަރެންނަށް ބުނެލެވޭނީ ސެންޓޭއޭ ޝުކުރިއްޔާއޭ.
ޕުތަރަދީފް
04 October 2018
މަރުޙަބާ ސެންޓޭ