ކުޅިވަރު / ދިރާގު ދިވެހި ޕްރިމިއާ ލީގު 2018

ތިމަރަފުށި އަތުން މާޒިޔާ އަށް އުނދަގޫ މޮޅެއް

ތިމަރަފުށީގެ ޓޫންޑޭ (ކ) ކައިރިން މާޒިޔާގެ ދާދު ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

07 އޮކްޓޯބަރ 2018 - 19:29

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ދެ ވަނަ ހާފުގެ ލަނޑުތަކާ އެކު ތ. ތިމަރަފުށި އަތުން 2-0 އިން މާޒިޔާ އިން އުނދަގޫ މޮޅެއް ހޯދައިފި އެވެ.

މި މޮޅާ އެކު ލީގުގެ ހަތަރު ވަނައިގައި އޮތް މާޒިޔާ ވަނީ ލީގުގެ ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފަ އެވެ. ނިއު އަށް ހަ މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، މާޒިޔާ އިން 13 ޕޮއިންޓް ހަމަކުރީ ހަތް މެޗުންނެވެ. ތިމަރަފުށި ލީގުގެ އެންމެ ފުލުގައި އޮތީ ޕޮއިންޓަކާ އެކު އެވެ.

މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ މި މެޗުގައި ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ކުޅުންތެރިން މެޗު ފަސޭހަކޮށްލުން ކަމަށެވެ.

"ހަމައެކަނި ހިތްހަމަ ޖެހުމަކީ ލިބުނު ތިން ޕޮއިންޓް. އެއްވެސް ވަރަކަށް ޕާފޯމަންސާ މެދު ހިތްހަމައެއް ނުޖެހޭ. އަޅުގަނޑުމެން ޓީމުން އިދިކޮޅަށް ނުކުތް ޓީމު މާ ބޮޑަށް އަންޑަ އެސްޓިމޭޓްކުރީ. އަޅުގަނޑުމެންގެ ކުޅުންތެރިން ވަރަށް ފަރުވާކުޑަކޮށް ކުޅުނުތަން ފެނިގެންދިޔައީ. މިއީ ކުރިން ވާގޮތެއް ނޫން. މިކަން ރަނގަޅުކޮށްގެން އަންނަން ޖެހޭނީ. ހަގީގަތުގައި މިއީ އުނދަގޫ މެޗެއް ނޫން. އެކަމަކު އަހަރެމެން އަމިއްލަ އަށް އުނދަގޫކޮށްލީ،" ހިތްހަމަނުޖެހިފައި ހުރެ އިންމަ ބުންޏެވެ.

މި މެޗަށް ނުކުތްއިރު މާޒިޔާގެ އިސްމާއިލް އީސާ (މެސީ) ވަނީ ސަސްޕެންޑްވެފަ އެވެ. އޭނާ ސަސްޕެންޑްވީ އެންމެ ފަހުން ގްރީން ސްޓްރީޓްސް އަތުން މާޒިޔާ މޮޅުވި މެޗުގައި ދެއްކި ރަތް ކާޑުގެ ސަބަބުންނެވެ.

މާޒިޔާ އިން މެޗު ފަށައިގެން ކުރިއަށް ޖެހިގެން ތިމަރަފުށި ފަހަތަށް ބާރު ބޮޑުކޮށްގެން ކުޅެން ފެށި އެވެ. އަދި ފުރަތަމަ ފަސް މިނިޓް ތެރޭ މާޒިޔާގެ ސެއިން ވިންސެންޓް ފޯވާޑް ކޮނޭލިއަސް ސްޓެވާޓް ޖެހި ދެ ބޯޅައެއް ތިމަރަފުށީ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ.

ފުރަތަމަ 10 މިނިޓަށް ފަހު ތިމަރަފުށިން ކޮންމެވެސް ވަރަަކަށް މެޗުގެ ތެރެއަށް އައިސް ހަމަޖެހިގެން ކުޅެން ފެށި އެވެ. ފަހަކަށް އައިސް ތިމަރަފުށި މެޗު ކުޅެނީ ޕްރެކްޓިހެއް ނުކޮށެވެ. ފަހުން ކުޅުނު މެޗުތަކުގައި ޓީމު ހަމަވީ ކިރިޔާ އެވެ. އެކަމަކު މި މެޗުގައި ކުރީ މެޗަށް ވުރެން ގިނަ ކުޅުންތެރިން އަ އެވެ.

މާޒިޔާ އަށް ލީޑުނަގައިދޭން މެޗުގެ 23 ވަނަ މިނިޓްގައި ކެޕްޓަން އަސަދުﷲ އަބްދުﷲ ވަނީ ރަނގަޅު ހަމަލާއެއް ފޮނުވާލައިފަ އެވެ. ސްޓެވާޓް ނަގައިދިން ހުރަހަކުން އަސަދުﷲ ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އޭގެ ފަހުން ކޯނަރަކުން ލިބުނު ފުރުސަތަކުން މާޒިޔާގެ މުހައްމަދު އިރުފާން (އިރޭ) ބޮލުން ޖެހި ބޮޅަ ދިޔައީ އަރިމަތިން ބޭރަށެވެ.

ތިމަރަފުށީގެ ސަނާހު (ކ) ކައިރިން މާޒިޔާގެ އައްމަޑޭ ބޯޅަ ހިފައިގެން. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާގެ ޔަސްފާދު ހަބީބު (މުލަކޭ) އާއި ގާސިމް ސައްމާމު އަދި އަހުމަދު ހަސަން (އައްމަޑޭ) އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއްނުވި އެވެ.

ދެ ވަނަ ހާފް ފަށައިގެން ލަނޑު ޖަހާނެ ފުރަތަމަ ދެ ފުރުސަތު ތަނަވަސްކުރީ ތިމަރަފުށިންނެވެ. އެ ޓީމުގެ ފޯވާޑް ސަމާހު ޝަރީފް އާއި ބިދޭސީ ކުޅުންތެރިއާ ފްރަންކޮއިސް ޖެހި ބޯޅަތައް މާޒިޔާ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ.

މާޒިޔާ އިން ލީޑުނެގީ މެޗުގެ 67 ވަނަ މިނިޓްގަ އެވެ. މާޒިޔާގެ އަލީ ޝާމިސް (ތޮއްޕޭ) ފޮނުވާލި ބޯޅަ ގޯލަށް ވަނީ ތިމަރަފުށީގެ ބިދޭސީ ޑިފެންޑަރު ޓޫންޑޭ ފައިގައި ޖެހިފަ އެވެ. އޭގެ ދެ މިނިޓް ފަހުން މާޒިޔާ އަށް ދެ ވަނަ ލަނޑެއް ޖަހައިދޭން ނާއިޒު ހަސަން (ދާދު) ޖެހި ބޯޅަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ.

އިތުރު ލަނޑު ޖަހަން މާޒިޔާ އިން ފޮނުވާލި ގިނަ ހަމަލާތަކެއް ތިމަރަފުށީގެ ކީޕަރު އަޑެޓުންޖީ ލޯރެންސް ވަނީ މަތަކޮށްފަ އެވެ.

ތިމަރަފުށިން ވަނީ ފަހު 15 މިނިޓަށް ބަދަލު ކުޅުންތެރިންގެ ގޮތުގައި އަބްދުﷲ ތަހުސީން އާއި މުހައްމަދު ޒަޔާން ކުޅެން އަރުވައިފަ އެވެ. ތިމަރަފުއްޓަށް ނަތީޖާ ހަމަހަަމަ ކޮށްދޭން މެޗުގެ 76 ވަނަ މިނިޓްގައި ސަމާހަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނެވެ. ނަތީޖާ އަކަށްވީ މެޗުގެ 80 ވަނަ މިނިޓްގައި ސްޓެވާޓް މާޒިޔާ އަށް ލީޑުފުޅާކޮށްދިނުމެވެ.

ތިމަރަފުށީގެ އެސިސްޓަންޓް ކޯޗު އަހުމަދު ނަދީމް ބުނީ ޓީމުގެ ހާލަތު ބަދަލުވި ވަރަކަށް ކުޅުން ރަނގަޅުވެގެންދާނެ ކަމަށެވެ.

"ކުރިން ދުވަހު ދެއްކި ވާހަކައިގައި ވެސް ބުނިން. ފައިނޭންޝިއަލީ އެ ލިބެންޖެހޭ ސަޕޯޓް ލިބުނުވަރަކަށް ރަނގަޅުވާނެއޭ. އެތަން މި ފެނުނީ. އެފްއޭއެމުން މިހާރު އަޅުގަނޑުމެންނަށް ސަޕޯޓް އެބަ ލިބޭ. އިރާދަކުރެއްވިއްޔާ ދެން ހުރި މެޗުތަކުގައި ރަނގަޅުވާނެ،" ނަދީމް ބުންޏެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 20%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454