ކުޅިވަރު / ސްޕެއިންގެ ގައުމީ ޓީމް

ސްޕެއިން ބަލިކޮށް އިންގްލެންޑަށް އުއްމީދެއް

ލަނޑު ޖެހުމަށް ފަހު އިންގްލެންޑް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

16 އޮކްޓޯބަރ 2018 - 09:35

ސެވިލް، ސްޕެއިން (އޮކްޓޫބަރު 16) - ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ސްޕެއިން އަތުން 3-2 އިން ހޯދި މޮޅާ އެކު އިންގްލެންޑުން މުބާރާތުގެ ފައިނަލް ބުރަށް ދިއުމުގެ އުއްމީދު އާކޮޮށްފި އެވެ.

ނޭޝަންސް ލީގުގެ ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި އިންގްލެންޑް ވަނީ ސްޕެއިން އަތުން ބަލިވެފަ އެވެ. ދެ ވަނަ މެޗުން ރަށުންބޭރުގައި ކްރޮއޭޝިއާއާ އެއްވަރުވުމުން ރޭގެ މެޗުގައި ސްޕެއިނާ ދެކޮޅަށް ނުކުތްއިރު، ރެލިގޭޓްވުމުގެ ބިރުން ސަލާމަތްވެ ފައިނަލު ބުރަށް ދިއުމުގެ އުއްމީދެއް ހޯދަން ނަތީޖާއެއް ނެރެން އޮތީ މަޖުބޫރުވެފަ އެވެ.

ނޭޝަންސް ލީގުގެ ފުރަތަމަ ކެޓަަގަރީގެ ގްރޫޕް ހަތަރެއްގެ އެއް ވަނައިގައި ސްޕެއިން އޮތީ ތިން މެޗުން ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އިންގްލެންޑް އޮތީ ތިން މެޗުން ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. ގްރޫޕުގެ ފުލުގައި އޮތް ކްރޮއޭޝިއާ އަށް ތިން މެޗުން ލިބިފައިވަނީ އެއް ޕޮއިންޓެވެ. ކޮންމެ ޓީމަކަށް ބާކީ ދެ މެޗު އޮތްއިރު ފައިނަލް ބުރަށް ކޮލިފައިވާނީ އެއް ވަނަ އަށް ދާ ޓީމެވެ. އެންމެ ފުލަށްދާ ޓީމެއް ދެ ވަނަ ކެޓަގަރީ އަށް ރެލިގޭޓްވާނެ އެވެ.

ރޭ ރަށުންބޭރުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އިންގްލެންޑުން ވަނީ ތިން ގޯލު ޖަހައިފަ އެވެ. މެޗުގެ ފުރަތަމަ މިނިޓް ތެރޭގައި ސްޕެއިނުގެ މާކޮސް އަލޮންސޯ އަށް ލަނޑު ޖަހަން ލިބުނު ފުރުސަތު އޭނާ އަށް ގެއްލުނުއިރު އޭގެ ފަހުން އެ ޓީމަށް ފުރަތަމަ ހާފު އެހާ ރަނގަޅު ފުރުސަތެއް ނުލިބެ އެވެ. އަނެއްކޮޅުން އިންގްލެންޑުން ވަނީ ލިބުނު ތިން ފުރުސަތުގެ ބޭނުން ވެސް ހިފައިފަ އެވެ.

އިންގްލެންޑަށް މެޗުގެ 16 ވަނަ މިނިޓްގައި ލީޑުނަގައިދިނީ ރަހީމް ސްޓާލިން އެވެ. މާކަސް ރެޝްފޯޑް ހުސްކޮށްލާފައި ދިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ސްޓާލިން ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. ކެޕްޓަން ހެރީ ކޭން ޖައްސާލި ބޯޅަ އަކުން މެޗުގެ 29 ވަނަ މިނިޓްގައި އިންގްލެންޑްގެ ލީޑުފުޅާކޮށްދިނީ ރެޝްފޯޑް އެވެ. އިންގްލެންޑްގެ ތިން ވަނަ ގޯލު ޖެހީ ކޭން ދިން ބޯޅަ އަކުން ސްޓާލިން އެވެ.

ދެ ވަނަ ހާފް ފަށައިގެން ސްޕެއިނުން ކުރިއަށް ޖެހިގެން އިންގްލެންޑް ފަހަތަށް ބާރުބޮޑުކުރަމުންދިޔަ އެވެ. ސްޕެއިންގެ ފުރަތަމަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޕަކޯ އަލްކަސޭއަ އެވެ. މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި އަލްކަސޭއަ މި ލަނޑު ޖެހީ ކޯނަރަކުން ބޮލުންނެވެ.

އޭގެ ފަހުން ސްޕެއިނަށް ދެ ވަަނަ ލަނޑެއް ޖަހައިދޭން ރޮޑްރީގޯ އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑަށް ހެދުނު ގޯހެއްގެ ފައިދާނަގައި ރޮޑްރީގޯ އަށް އެ ބޯޅަ ގޯލަށް ފޮނުވާލެވޭ ގޮތެއްނުވި އެވެ. އެ ބޯޅަ ރޮޑްރީގޯ އަށް ފޮނުވާލެވޭ ގޮތް ނުވީ އޭނާ އަށް ޕިކްފޯޑް ހުރަސް އެޅުމުން ކަމަށް ބުނެ ޕެނަލްޓީ ހޯދަން ސްޕެއިނުގެ ކުޅުންތެރިން އެޕީލްކުރި އެވެ.

މެޗުގެ އިތުރު ވަގުތުގައި ސްޕެއިނުގެ ދެ ވަނަ ލަނޑު ޖެހީ ކެޕްޓަން ސާޖިއޯ ރާމޯސް އެވެ. އޭގެ ކުރިން ސްޕެއިނުގެ ތިއާގޯ އާއި މާކޯ އަސެންސިއޯ ފޮނުވާލި ބޯޅަތައް ދިޔައީ ގޯލާ ސީދާނުވެ އެވެ.

0 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 40%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454