އަންހެން ޗެމްޕިއަންކަން ހޯދި ނަބާހާ (ކ) އާއި ފިރިހެން ޗެމްޕިއަންކަން ހޯދި އަޖުފާން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
17 އޮކްޓޯބަރ 2018 - 09:03
މައިލޯ ބެޑްމިންޓަން ގައުމީ މުބާރާތުގެ ފުރަތަމަ ޑިވިޝަން ފިރިހެން ޗެމްޕިއަންކަން މުހައްމަދު އަޖުފާން ރަޝީދު އަދި އަންހެން ޗެމްޕިއަންކަން ފާތިމަތު ނަބާހާ ރޭ ހޯދައިފި އެވެ.
މިއީ އަޖުފާން މި މުބާރާތުގެ ތަށި އުފުލާލި އަށް ވަނަ ފަހަަރެވެ. އެކަމަކު މިއީ ގައުމީ ތަށި ނަބާހާ ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. އަންހެން ސިންގަލްސް ޗެމްޕިއަންކަން ނަބީހާ ހޯދިއިރު ފައިނަލް މެޗު ނުކުޅެ އެވެ. އެއީ އޭނާއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ އައިމިނަތު ޝަހުރުނާޒްގެ ފަޔަށް މުބާރާތުގެ މެޗެއްގެ ތެރެއިން ލިބުނު އަނިޔާއަކާ ހެދި ކުޅެވޭގޮތް ނުވުމުންނެވެ. ޝަހުރުނާޒްގެ އަނިޔާގެ ސަބަބުން އޭނާ ކުޅެން އޮތް އަންހެން ޑަބަލްސް ފައިނަލް ވެސް ވަނީ އިދިކޮޅު ޓީމަށް ލިބިފަ އެވެ. އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ނަބާހާ އާއި އައިމިނަތު ނަބާހާގެ ޕެއާ އެވެ.
ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި ކުޅުނު ފައިނަލް މެޗުން އަޖުފާން މޮޅުވީ ޒުވާން ކުޅުންތެރިއާ ނިބާލް އަހުމަދާ ވާދަކޮށެވެ. ނިބާލް އަކީ މިދިޔަ އަހަރުގެ ތިން ވަނަ އެވެ. އަޖުފާން މިދިޔަ އަހަރު ފައިނަލުން ބަލިވީ ޒަޔާން ޒަކީ އަތުންނެވެ. މި ފަހަރު ފައިނަލުން އަޖުފާން ފުރުސަތު ހޯދީ ސެމީގައި ޒަޔާން ބަލިކުރުމަށް ފަހު އެވެ.
ރޭގެ ފައިނަލުގެ ސެޓުތައް އަޖުފާން ވަނީ ފަސޭހަކަމާ އެކު ގެންގޮސްފަ އެވެ. އޭނާ ސެޓުތައް ކާމިޔާބުކުރީ 21-12، 21-04 އިންނެވެ. އަޖުފާން ހިތްވަރާ އެކު ޕްރެޝަރު ނެތި ކުޅެމުންދިޔައިރު، ޒުވާން ނިބާލްގެ ފުރަތަމަ ފައިނަލް ކަމަށްވުމުން އޭނާ ފެނުނީ ޕްރެޝަރުގައި ކުޅުނުތަނެވެ. ފުރަތަމަ ސެޓުގައި ނިބާލް ރަނގަޅަށް ކުޅެން މަސައްކަތް ކުރި ނަމަވެސް ދެ ވަނަ ސެޓުގައި އޭނާ އަށް ރަނގަޅު ކުޅުމެއް ނުދެއްކުނެވެ.
"ފުރަތަމަ ފައިނަލް ވީމަ ވަރަށް ބޮޑަށް ފިނިވެފައި ހުރީ އެހާ ރަނގަޅަށް ނުކުޅެވުނު. އެކަމަކު މިއީ ވެސް އެކްސްޕީރިއަންސް އެއް. ފުރަތަަމަ ދެ އަހަރު ކުރިން ދެ ވަނަ ޑިވިޝަންގައި ކުޅުނީ. މިދިޔަ ފަހަރު ތިން ވަނަ ލިބުނީ. މި ފަހަރު ރަނަރަޕް. އިރާދަކުރެއްވިއްޔާ އަދި ރަނގަޅުވާނެ،" ފައިނަލް މެޗާ ބެހޭގޮތުން ނިބާލް ބުންޏެވެ.
ފިރިހެން ޑަބަލްސް ތަށި ހަސަން އަފްޝީން އާއި އިބްރާހިމް ޝާމިއުގެ ޕެއާ ވަނީ ދިފާއުކޮށްފަ އެވެ. މި ފަހަރުގެ ފައިނަލުގައި ޝާމިއު އާއި އަފްޝީންގެ ޕެއާ ވަނީ ނަޝްފާން މުހައްމަދު އާއި ނަޝީއު ޝަރަފުއްދީންގެ ޕެއާ ބަލިކޮށްފަ އެވެ. މެޗުގެ ސެޓުތައް ދިޔައީ 21-19، 14-21، 19-21 އިންނެވެ.
މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ މިދިޔަ އަހަރުގެ ޗެމްޕިއަން ޒަޔާން އާއި ނަބާހާ ބަލިކުރުމަށް ފަހު އަހުމަދު ތޯއިފް އާއި ނަބީހާގެ ޕެއާ އިންނެވެ. މެޗުގެ ސެޓުތައް ދިޔައީ 22-20، 21-17 އިންނެވެ.
މި ފަހަރުގެ ޓީމް އިވެންޓްގެ ޗެމްޕިއަންކަން ހޯދީ ސީއެސް ސްޕޯޓްސް އެވެ. ހުރިހާ މެޗަކުން މޮޅުވެގެން ސީއެސް ތަށި އުފުލާލީ ފައިނަލުގައި ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް ކުރިހޯދައިގެންނެވެ. ޓީމް އިވެންޓުގެ ޗެމްޕިއަންކަން އެންމެ ފަހުން ހަ ފަހަރު ވެސް ހޯދީ އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އިންނެވެ. އެ ޓީމުން މި ފަހަރުގެ މުބާރާތުގައި ބައިވެރިނުވެ އެވެ.
އެހެން އަހަރުތަކުގައި ގައުމީ މުބާރާތާއި އަތޮޅު ލީގު އެއްކޮށް ކުރިއަށް ގެންދިޔަ ނަމަވެސް މި ފަަހަރުގެ ދެ މުބާރާތް ވަކިން ކުރިއަށް ގެންދަން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ވަނީ ނިންމައިފަ އެވެ. ބެޑްމިންޓަން އެސޯސިއޭޝަން އިން ބާއްވާ ޓީމް އިވެންޓް ބެޑްމިންޓަން މުބާރާތް ކަމަށްވާ ޖުމްހޫރީ މުބާރާތް މިއަދު ފަށާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެޖިކްމޭން
17 October 2018
މެޗުގެ ނަތީޖާ އެއްގޮތަކަށްވެސް ޤަބޫލެއްނުކުރެވޭ. ނިބާލް އަށް ލިބުނު ޕޮއިންޓްސްތައް ސްކޯރބޯރޑުން ފުންމާލައިގެން ދިޔަކަމަށްވަނީ. އަދި އެޕޮއިންޓައް އަޖޫއަށް ބަދަލުވެގެން ދިޔަކަމުގެ ކިތާބީ ހެކިވެސް އެބަހުއްޓޯ... ދެނޯ! ފައިން މެޗް ކެންސަލްކުރޭ!
ފަންކަ
17 October 2018
ކޮބާ އަފްނާން؟ މެލޭގަ ވަރަށް ޓްރެއިނިންގ ހަދައިގެން މިމުބާރާތައް ނިކުއް ކަމަށް ވަނީ
ތުއްތީދިބެ
17 October 2018
އަސްލުވެސް ނިބާލްގެ ކުޅުން ރޭގަ އެއްގޮތަކަށްވެސް ނުފެނޭ. އަޖޫއަކީ ހުރިހާ ގޮތަކުންވެސް ނިބާލް އަށްވުރެ މޮޅު އަދި ތަޖުރިބާކާރު ކުޅުންތެރިއެއް. އެކަމަކު އެއަށްވުރެ ވަރުގަދަ ފައިޓެއް ނިބާލްއަށް ދެވޭނެ. ދެން އެހެންވިޔަސް ޤައުމީ ފުރަތަމަ ފައިނަލްވީމަ ފިނިވުމަކީ އެއްވެސް މައްސަލައެއް ނޫންދޯ؟ ތިންވަނައިން ދެވަނައަށް ތިޔައައީ. އަންނަ އަހަރު ތަށި ނަގަންވާނެ.
ދޮންތި
17 October 2018
ފާއިތުވެދިޔަ ދެތިން އަހަރު އަޖުފާނު ފެނުނީ ތަންކޮޅެއް ބަރުހެލިކޮށް، އެކަމަކު މިހާރު އެހުރީ ވަރަށް ޕީކުގައި. ބެލެވޭގޮތުން މިމުބާރާތުގައި އަޖުފާނު ހަމައެކަނި ސިންގަލްސް އިވެންޓް ކުޅުމުގެ ބޭނުމަކީވެސް މިޓައިޓަލް ހޯދުން. އަޖުފާނަކީ ޓެކްނިކަލީގޮތުން އަދިވެސް ރާއްޖޭގެ އެންމެމޮޅު ކުޅުންތެރިޔާ. އަޖޫގެފަހުން ދެންމިހާރު މިފެންނަ ކުޅުންތެރިންގެ ތެރެއިން ނިބާލް ފެންނަނީ އެހެންކުދިންނަށްވުރެ ތަންކޮޅެއް ތަފާތުކޮށް. ސާބަސް ނިބާލް.
ޔޮނެކްސް މާސްޓަރސް
17 October 2018
މަރުޙަބާ އަޖުފާން ނަބާ އަދި ނިބާލް! އަޖުފާން ތިޔަ ދައްކުވައިދިނީ ހިތްވަރާއެކު މަސައްކަތްކުރުމުގެ ނަތީޖާ. ރާއްޖޭގައި ހުރެގެންވެސް މަސައްކަތްކޮށްފިނަމަ ކާމިޔާބުވާނެކަން. ހުރިހާ ކުދިންނަށް މަރުހަބާ.