ކޮލަމްބިއާ ކޮޅަށް ލަނޑު ޖެހުމަށް ފަހު ބްރެޒިލްގެ ނޭމާ (ވ) އާއި ލުއާން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
14 އޯގަސްޓް 2016 - 09:20
ރިއޯ ޑި ޖެނީރޯ (އޮގަސްޓް 14) - އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުގައި ރޭ ކެޕްޓަން ނޭމާގެ ލަނޑާ އެކު 2-0 އިން ކޮލަމްބިއާ ބަލިކޮށް ބްރެޒިލް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
މުބާރާތުގެ ފުރަތަމަ ދެ މެޗުން ލަނޑެއް ނުޖެހި އެއްވަރުވި ނަމަވެސް ބްރެޒިލް ވަނީ އެންމެ ފަހުން ކުޅުނު މެޗުން ބޮޑު ތަފާތަކުން ޑެންމާކް ބަލިކޮށް ރަނގަޅު ފޯމެއްގަ އެވެ. ރޭގެ މެޗުގެ 12 ވަނަ މިނިޓްގައި ނޭމާ ބްރެޒިލަށް ލީޑު ނަގައިދިނީ ލިބުނު ހިލޭ ޖެހުމަކުންނެވެ. މިއީ މި ފަހަރުގެ އޮލިމްޕިކްސްގައި ނޭމާ ޖެހި ފުރަތަމަ ލަނޑެވެ.
ބްރެޒިލަށް ސެމީގެ ޖާގަ ޔަގީންވީ މެޗު ނިމެން އަށް މިނިޓަށް ވެފައި ވަނިކޮށް ލުއާން އެޓީމުގެ ލީޑު ފުޅާކޮށްދިނުމުންނެވެ. އިތުރު ލަނޑެއް ޖަހަން ފުރުސަތު ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.
ސެމީ ފައިނަލުގައި ބްރެޒިލް ނުކުންނާނީ ހޮންޑިއުރަސްއާ ދެކޮޅަށެވެ. އަނެއް ސެމީގައި ނައިޖީރިއާ ބައްދަލުކުރާނީ ޖަރުމަނާ އެވެ. ސެމީ ފައިނަލް މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގަ އެވެ.
މި ފަހަރުގެ އޮލިމްޕިކްސް ފައިނަލުން ބްރެޒިލާއި ޖަރުމަނު ޖާގަ ހޯދައިފި ނަމަ އެ މެޗު ވެގެންދާނީ މީގެ ދެ އަހަރު ކުރިން ބްރެޒިލްގައި އޮތް ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ފަހު ބައިނަލްއަގްވާމީ މުބާރާތެއްގައި މި ދެ ޓީމު ބައްދަލުކުރާ ފުރަތަމަ މެޗަށެވެ. އަނިޔާގެ ސަބަބުން ނޭމާ އަށް ގެއްލުނު އެ މެޗުން ބްރެޒިލް ބަލިވީ 7-1 އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔޫތު
14 August 2016
ބުރެޒިލް ވަރެއް ހަމަ ނެތް
ވިސްނާލީމާ
14 August 2016
ދެންވެސް ސަޕޯޓަރުން އޭނާގެ ކިބައިން މާފަށް އެދިފަ އޭނާއަށް ސަޕޯޓް އިތުރުކޮށްބަލަ! ކަމެއް ހާސިލްކުރުމަށްޓަކާ މީހަކަށް އެއްޗެހިކިޔައިގެން ކާމިޔާބެއް ނުލިބޭނެ! ހިތްވަރުދީބަލަ! -އިބްރާހީމް-