މަގާމުން ދުރުކުރި ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ ސަޕޯޓަރުން ރޭ ހިމޭން މުޒާހަރާއެއް ކުރަނީ. --ފޮޓޯ:އޭއެފްޕީ
12 ނޮވެމްބަރ 2018 - 11:13
ކޮލަމްބޯ (ނޮވެމްބަރު 12) - ރައީސް މައިތުރިޕާލާ ސިރިސޭނާ ސްރީ ލަންކާގެ ޕާލަމެންޓް އުވާލި މައްސަލަ ބޮޑެތި ޕާޓީތަކުން މިއަދު ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ތިން ޕާޓީއެއް ގުޅިގެން ހުށަހެޅި މައްސަލައިގައި ވަނީ ޕާލަމެންޓުގެ ބައްދަލުވުންތައް ފެށުމަށް ސުޕްރީމް ކޯޓުން އަމުރުކޮށް ދިނުމަށް ވެސް އެދިފަ އެވެ. މީގެ އިތުރުން ބޮޑު ވަޒީރުގެ މަގާމުން މިދިޔަ މަހު 26 ވަނަ ދުވަހު ރަނިލް ވިކްރަމަސިންހަ ވަކިކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ނިންމައިދިނުމަށް ވެސް އެދިފައިވެ އެވެ.
ރަނިލް ދުރުކޮށް އެ މަގާމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ހަމަޖެއްސި ފަހުން ސްރީ ލަންކާ ވަނީ ގާނޫނީ ބޮޑު މައްސަލަ ގަނޑެއްގެ ތެރޭގަ އެވެ.
ޕާލަމެންޓް އުވާލުމަށް ފަހު އާ އިންތިޚާބު ބޭއްވުމަށް މިހާރު ހަމަޖައްސާފައި ވަނީ އަންނަ ޖެނުއަރީ މަހު 5 ވަނަ ދުވަހު އެވެ. އަދި ޖެނުއަރީ 17 ވަނަ ދުވަހު ޕާލަމެންޓުގެ ޖަލްސާތައް ފަށަންދެން ބޮޑު ވަޒީރުކަމުގެ މަގާމުގައި ހުންނަވަނީ ރާޖަޕަކްސާ ކަމަށް ވަނީ ހަމަޖައްސައިފަ އެވެ.
ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ރަނިލްގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އާއި އެންމެ ބޮޑު ތަމަޅަ ޕާޓީ، ޓަމިލް ނޭޝަނަލް އެލަޔަންސް (ޓީއެންއޭ) އާއި ޖޭވީޕީ ނުވަތަ ޕީޕަލްސް ލިބަރޭޝަން ފްރަންޓް އިންނެވެ.
ކޯޓުގެ އޮފިޝަލަކު ވިދާޅުވީ މައްސަލަ ބަލައިގެންފައިވާ ކަމަށާއި އަޑުއެހުންތައް ތާވަލް ކުރާނެ ދުވަހެއް ނިންމަވާނީ އުއްތަމަ ފަނޑިޔާރު ކަމަށެވެ.
ޕާލަމެންޓް އުވާލީ އަންނަ ބުދަ ދުވަހާ ހަމައަށް ޕާލަމެންޓް ސަސްޕެންޑް ކޮށްފައި ބޭއްވުމަށް ފަހު އެވެ. ޕާލަމެންޓުގެ ޖަލްސާތައް ފަށާ ދުވަހު އޮތީ ރާޖަޕަކްސާ އަށް އިތުބާރު އޮތްތޯ ބަލަން ވޯޓު ނެގުމެވެ. ޕާލަމެންޓް އުވާލި ސަބަބު ސާފުކޮށް ދެއްވަމުން ސިރިސޭނާ ވިދާޅުވީ ޕާލަމެންޓުގެ ބައްދަލުވުމެއް ބާއްވައިފި ނަމަ ވާދަވެރި ޕާޓީތަކުގެ މެދުގައި ހަމަނުޖެހުން އުފެދި އެންމެ ފަހުން އެ ހަމަނުޖެހުންތައް ގައުމުގެ އެކި ކަންކޮޅުތަކަށް ފެތުރިދާނެތީ ކަމަށެވެ. އަދި ޕާލަމެންޓުގައި ވޯޓަށް އަހާ ވަގުތު މެންބަރުންގެ މެދުގައި ހަމަނުޖެހުން އުފައްދަން ރާވާފައިވާ ކަމަށް މީޑީއާތަކުން ރިޕޯޓްކޮށްފަައިވާ ކަމަށް ވެސް ސިރިސޭނާ ވިދާޅުވި އެވެ.
"ނޮވެމްބަރު 14 ވަނަ ދުވަހު ޕާލަމެންޓް ފެށުމުގެ ހުއްދަ އަޅުގަނޑު ދީފި ނަމަ ހަމަނުޖެހުން އުފެދިގެން ދާނެ. އަދި އެ ހަމަނުޖެހުން އަވަށްތަކާއި ޓައުންތަކަށް ފެތުރިގެން ދާނެ،" ގައުމީ ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ސިރިސޭނާ ވިދާޅުވި އެވެ. "އަޅުގަނޑު މަސައްކަތް ކުރީ އެފަދަ ހަމަނުޖެހުމަކަށް ފުރުސަތު ނުދޭން."
Copyright © 2024 Mihaaru · Terms and Conditions · Privacy Policy