އަންހެން ގައުމީ ވޮލީ ބޯޅަ މުބަރާތުގައި ބައިވެރިވި ދެ ޓީމެއް ކުޅެނީ: ގައުމީ ޓީމުތަކުގައި ކުޅެމުން އަންނަ ކުޅުންތެރިންގެ އެލަވަންސްގެ ފަރަގު ވަނީ ނައްތާލާފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
04 ޑިސެމްބަރ 2018 - 19:00
އެކި ކުޅިވަރުތަކުގައި ރާއްޖެ ތަމްސީލުކުރާ ޓީމުގައި ހިމެނޭ ކުޅުންތެރިންނަށް ދެމުން އަންނަ އެލަވަންސްގެ ފަރަގު ނައްތާލައި ހުރިހާ ކުޅުންތެރިންނަށް 5000ރ. ދޭން ސްޕޯޓްސް ކައުންސިލުން ފާސްކޮށްފި އެވެ.
ޔޫތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުުނިޓީ އެމްޕަވަމެންޓް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވީ، ގައުމީ ފެންވަރުގައި ކުޅިވަރު ކުޅެމުން އަންނަ ކުޅުންތެރިންނަށް ދޭ އެލަވަންސްގައި ހުރި ފަރަގުތައް ނައްތާލާފައިވާ ކަމަށެވެ. އެއީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނުނު ކަމެއް ކަމަށް ވިދާޅުވި އެވެ.
ފުޓުބޯޅައިގެ ގައުމީ ޓީމަށް އެލަވަންސް ދެމުން އަންނަތާ އަހަރުތަކެއް ވެއްޖެ އެވެ. ނަމަވެސް އެހެން ކުޅިވަރުތަކުގައި ގައުމު ތަމްސީލުކުރަމުން އަންނަ ކުޅުންތެރިންނަށް އެލަވަންސް ދޭން ފެށީ 2015 ވަނަ އަހަރުން ފެށިގެންނެވެ.
ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް އެލަވަންސް ދޭއިރު، އެއް ކުޅިވަރެއް ކުޅުނު ނަމަވެސް އަންހެން އަދި ފިރިހެން ކުޅުންތެރިންނަށް ދޭ އެލަވަންސްގައި ތަފާތުތަކެއް ހުރެ އެވެ. އެހެންވެ އެ ފަރަގުތައް ނައްތާލުމުން، ކޮންމެ ކުޅިވަރެއް ކުޅުނު ނަމަވެސް ގައުމީ ޓީމުގައި ހިމެނޭނަމަ އަންނަ އަހަރުން ފެށިގެން ލިބޭނީ 5000ރ. އެވެ.
ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް ކޮންމެ އަހަރަކު ވެސް މަދުވެގެން 500،000 ރުފިޔާގެ ބަޖެޓެއް ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވި ނިންމެވުމަށް ވެސް ކުޅިވަރުގެ ގައުމީ މަޖިލީހުން ވަނީ މިިދިޔަ މަހުގެ 21 ވަނަ ދުވަހު ރުހުން ދީފަ އެވެ.
އާ ސަރުކާރުން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމި ކަންކަމުގެ ތެރޭގައި އޮލިމްޕިކް ސައިޒުގެ ސްވިމިން ޕޫލް ކޮމްޕެލްސްއެއް އެޅުން ހިމެނެ އެވެ. މިނިސްޓަރު ވިދާޅުވީ އެކަމާ ގުޅޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރޫމީ
05 December 2018
ޤައުމީ ޓީމުތަކުގަ އުޅޭ މީހުންނަކީ އެހެން ވަޒީފާ ތަކުގައިވެސް ބޮޑު މުސާރަ ނަގާ މީހުން. ޢަނެއްކާ އިތުރަށް 5000. ޢަދި އޮފީހުންވެސް ލީވް ނަގައިން އަބަދު ތިކަމުގަ އުޅޭ ބައެއް. ޢެކަމަކު އެހެން މަޤާމުތަކުގައި އުޅޭ މީހުންނަށް ދެ ވަޒީފާ އަދާކުރުން މަނާ
ބޮޑާބެ
04 December 2018
ވ.ރަނގަޅު ނިންމުމެއް! ހަމަ މިއާއެކު ކުޅިވަރު އެސޯސިއޭޝަންތަކަށް ދަޢުލަތުން ކަނޑައަޅާ ބަޖެޓުގެ ތަފާތުވެސް ކުޑަކޮށްލާނެނަމަ ކިހާ ރަނގަޅު! ބައެއް ކުޅިވަރުތަކަށް މިލިޔަނުން ޚަރަދުކުރާއިރު އަނެއްބައި ކުޅިވަރުތަކަށް އޭގެ ހަތަރުބައިކުޅަ އެއްބައިވެސް ނުލިބޭ ފަހަރު ގިނައީ! އުންމީދު ކުރަނީ ހެޔޮ ބަދަލު ތަކަކަށް!