ސޯދިގަށް ކުރީގެ ރައީސް މައުމޫން މިރޭ އެވޯޑް ހަވާލުކުރައްވަނީ. ފޮޓޯ: ނިޝާން އަލީ/ މިހާރު
11 ޑިސެމްބަރ 2018 - 22:31
ރާއްޖޭގެ ނޫސްވެރިކަމަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ލިޔުންތެރިޔާ އަދި ދިވެހި ބަހުގެ މުދައްރިސް އަބްދުﷲ ސޯދިގު (ސޯދުބެ)، ނޫސްވެރިކަމުގެ ހަޔާތީ އަރުތައިގެ އިނާމު ނުވަތަ ލައިފްޓައިމް އެޗީވްމެންޓް އެވޯޑް މިރޭ ހާސިލްކުރައްވައިފަ އެވެ.
ރާއްޖޭގެ ނޫސްވެރިކަމަށް 75 އަހަރު ފުރުމުގެ އަލިމަސްޔޫބީލް ފާހަގަ ކުރުމަށާއި ނޫސްވެރިކަމުގެ މިދިޔަ އަހަރުގެ އިނާމުތައް ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލާއި ހޯމް މިނިސްޓްރީ ގުޅިގެން މިހާރު ބާއްވަމުން ގެންދާ ޖަލްސާގައި ސޯދިގަށް އެ އެވޯޑް އެރުވީ އޭނާ ދިވެހި ނޫސްވެރިކަމަށް ބައި ގަރުނަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވާފައި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
"ހަވީރު" ނޫހުގެ ފުރަތަމަ އެޑިޓަރު ސޯދިގު ވަނީ ޓީވީ މޯލްޑިވްސް އާއި ދިވެހިރާއްޖޭގެ އަޑުގެ ނިއުސްރޫމްތަކުގެ އިތުރުން ރާއްޖޭގެ ފުރަތަމަ ނޫސް ސަރުކާރުގެ ޚަބަރުގެ ނޫސްވެރިއެއްގެ ގޮތުގަ އާއި، ވިޔަފާރި މިއަދު އަދި މޫންލައިޓް ފަދަ ނޫސްތަކުގައި ވެސް މަސައްކަތްކުރައްވައިފަ އެވެ.
ނޫސްވެރިކަމުގެ އިނާމުތައް މިދިޔަ އަހަރު ހާސިލްކުރި ނޫސްވެރިންނަށް ވެސް މި ޖަލްސާގައި މިހާރު ވަނީ އެވޯޑް ދީފަ އެވެ.
ފީޗާ ލިޔުމުގެ ދާއިރާ އިން މިދިޔަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔަކީ "މިހާރު"ގެ އާމިނަތު ޝިފްލީން އެވެ. އެ އެވޯޑަށް "މިހާރު"ގެ އާސިމާ ނިޒާރު އަދި އާސިޔަތު މުހައްމަދު ސައީދު ވެސް ވާދަކުރި އެވެ.
ސިޔާސީ ދާއިރާ އިން އެންމެ މޮޅު ނޫސްވެރިޔަކީ "އަވަސް"ގެ މޫސާ ރަޝީދެވެ. އެ ބައިން "މިހާރު"ގެ ފަޒީނާ އަހުމަދާއި "އަވަސް"ގެ ނާޒިމް ހަސަން ވެސް ނޮމިނޭޓްވެފައިވެ އެވެ.
ކުޅިވަރުގެ ދާއިރާ އިން ވާދަކުރި ދެ ނޫސްވެރިން ކަމަށްވާ "މިހާރު"ގެ އައްޒާމް އަލިފުޅާއި "އަވަސް"ގެ ހުސެން ހަބީބަށް ލިބުނު މާކްސް އެއްވަރުވުމާ ގުޅިގެން އެ އެވޯޑް ދެ ނޫސްވެރިންނަށް ވެސް ލިބުނެވެ.
ވިޔަފާރި އާއި އިގްތިސާދުގެ ދާއިރާ އިން މިދިޔަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔަކީ "މިހާރު"ގެ އަބްދުﷲ ޖަމީލް އެވެ. އެ އެވޯޑަށް ރާއްޖެ އެމްވީގެ ފާތުމަތު ޝަނާ މުހައްމަދާއި "އަވަސް"ގެ މުހައްމަދު އަފްރާހު ވެސް ވާދަކުރި އެވެ.
ޝަރުއީ އަދި ގާނޫނީ ދާއިރާ އިން އެންމެ މޮޅު ނޫސްވެރިޔަކީ "މިހާރު"ގެ މުއިއްޒު އިބުރާހީމް އެވެ. އެ ބައިން އޭނާއާ ވާދަކުރީ "އަވަސް"ގެ ނާޒިމް ހަސަން އެވެ.
އިޖުތިމާއީ ދާއިރާ އިން އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް ހާސިލްކުރީ "މިހާރު"ގެ އަހުމަދު ސާއިލް އަލީ އެވެ .އެބައިން "މިހާރު"ގެ އާމިނަތު ޝިފްލީން އާއި "އަވަސް"ގެ މޫސާ ރަޝީދު ވެސް ނޮމިނޭޓްވެފައިވެ އެވެ.
ވީޑިއޯ ޖާނަލިޒަމް އެވޯޑް ހާސިލްކުރީ ރާއްޖެ ޓީވީގެ ފާތުމަތު ޝަނާ މުހައްމަދާ ވާދަކޮށް، ޗެނަލް 13ގެ އާމިނަތު ލަޔާލް މަނިކެވެ.
ފޮޓޯ ޖާނަލިޒަމްގެ ދާއިރާ އިން މިދިޔަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔަކީ ރާއްޖެ އެމްވީގެ މުހައްމަދު ޝަރުހާން ވަހީދެވެ. އެ ބައިން އޭނާއާ ވާދަކުރީ "މިހާރު"ގެ ދެ ފޮޓޯގްރާފަރެއް ކަމަށްވާ ހުސެން ވަހީދާއި ނިޝާން އަލީ އެވެ.
މިދިޔަ އަހަރުގެ އެންމެ އުއްމީދީ ނޫސްވެރިޔާގެ އެވޯޑް ހާސިލްކުރީ އަވަސް އޮންލައިންގެ ނާޒިމް ހަސަން އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުސްޢަދު ނިޒާމް
12 December 2018
ކޮބާ ރާއްޖެޓީވީގެ ނޫސްވެރިންކުރި ބުރަ މަސައްކަތް؟ އެމީހުންނަށް އެއްވެސް އެއްޗެއް ހައްގު ނުވަނީތަ؟މިއީ އިންސާފުންކުރި ކަމެއް ކަމަކަށް ގަބޫލެއްނުކުރެވޭ..
އަލިހަންޖާ
12 December 2018
ނޫސް ވެރިކަމާ އެކްޓިވިޒްމް އާ ތަފާތު ދެ ކަމެއް.
ރަންދެލި
12 December 2018
މަރުހަބާ ސޯދުބޭ! މަރުހަބާ ދޮންސޮރުބޭގެ ދެމަފިރިންނަށްވެސް.....
ކަރީމުއްދީން ބާޝާ
11 December 2018
މަރުހަބާ ސޯދުބޭ.
ބޯބުރާންތި
11 December 2018
ސޯދުބެ ހީވަނީ މީގެ އެތައް ޒަމާނެއް ކުރިން ފެނުނު ސޯދުބެހެން. ބަދަލެއް އައިހެނެއް ހިއެއްނުވޭ.
ރެކިދިޔެ
11 December 2018
މަރުހަބާ ހުރިހާ ނޫސްވެރިންނަށް.
ސުމާޓު އަލިކޮއި
11 December 2018
ސަރުއީ ދާއިރާއަށް އަތްބާނައިގެން ހަވީރު ނޫސް ނައްތާލަން ކޮށްފައިވާ ހުކުންތައް ބާތިލުކުރުމަށް ސިޕިރިން ކޯޓށް ގޮވާލަން، ސުމޯޓޯކޮށް މިމައްސަލަ ބަލަން ފެނޭ
އަލީބަލީ
11 December 2018
ސޯދުބެއަށް ހައްގު އިނާމެއް.
ފިލިގެ
11 December 2018
ހަވީރު ނޫސް ނެތުމަކީ ވަރަށް ބޮޑު ހިތާމައެެއް، ހަވީރުގެ ފުވަސްވީ ލިޔުންތަކަށް އެކުސަސް ވެވޭނޭ މަގެއް ހޯދަން ޖެހޭ
މަގޭ / މަތިއުތުރު
12 December 2018
ވަރަށް ތާއީދު މިއީ ކުރަންޖެހޭ ކަމެއް!