ޓޫރިޒަމް މިނިސްޓަ އަލީ ވަހީދު މީޑިއާއާ ވާހަކަ ދައްކަވަނީ.
15 ޑިސެމްބަރ 2018 - 08:40
ގެސްޓް ހައުސް ސިމްޕޯސިއަމް މި މަހުގެ 29 ގައި ބާއްވަން ނިންމައިފި އެވެ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އއ. ރަސްދު އަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ގެސްޓް ހައުސް ސިމްޕޯސިއަމެއް ބޭއްވުމަކީ މި ސަރުކާރުގައި ޓޫރިޒަމް މިނިސްޓްރީގެ ފުރަތަމަ 30 ދުވަހުގެ ވައުދެއް ކަމަށެވެ. އެހެންވެ، ވީހާ ވެސް ގިނަ ގެސްޓް ހައުސް އަކުން އެ ސިމްޕޯސިއަމްގައި ބައިވެރިވުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.
އަލީ ވަހީދު ވިދާޅުވީ، ގެސްޓް ހައުސްތަކަށް ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމާ ގުޅޭ ގޮތުން ސިމްޕޯސިއަމްގައި މަޝްވަރާ ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ، ޓޫރިޒަމް ދާއިރާގެ ހުރިހާ ފަރާތްތަކަކުން ބައިވެރިވެވޭނެ ގޮތަށް ބާއްވާ އިތުރު ސިމްޕޯސިއަމެއް، މި ފަހަރުގެ ސިމްޕޯސިއަމްގައި އިއުލާން ކުރާނެ ކަމަށެވެ.
ޓޫރިޒަމް މިނިސްޓަރު ވިދާޅުވިގޮތުގައި، މި ފަހަރުގެ ސިމްޕޯސިއަމަށް ރަޖިސްޓަރީ ކުރާ ހުރިހާ ގެސްޓް ހައުސް އަކަށް ފުރުސަތު ލިބޭނެ އެވެ.
"މި ސިމްޕޯސިއަމްގެ ބޭނުމަކީ ރާއްޖޭގެ ގެސްޓް ހައުސްތަކަށް ދިމާވާ ކަންކަން ދެނެގަނެ އެންމެންގެ ޚިޔާލު ހޯދުން. ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓުގައި ސިމްޕޯސިއަމްއާ ގުޅޭ މައުލޫމާތުތައް ހުންނާނެ،" އޭނާ ވިދާޅުވި އެވެ.
ސިމްޕޯސިއަމްގައި، ގެސްޓް ހައުސްތަކާ ގުޅޭ ގަވައިދުތައް އެކުލަވައިލާއިރު، އެ ވިޔަފާރި ހިންގާ ފަރާތްތަކުން ބޭނުންވާ ކަންކަމަށް އޭގައި ހިމެނޭނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
ދަރުބާރުގޭގައި ބާއްވާ މި ސިމްޕޯސިއަމް އެއް ދުވަހަށް ދެމިގެންދާނެ އެވެ.
ޓޫރިޒަމް މިނިސްޓަރުކަމާ ހަވާލުވެވަޑައިގެން އަލީ ވަހީދު ގެންދަނީ ގެސްޓް ހައުސްތަކާއި ރިސޯޓުތަކުގެ އިތުރުން ސަފާރީތަކަށް ވެސް ޒިޔާރަތް ކުރައްވަމުންނެވެ. މީގެ ކުރިން އޭނާ ވަނީ ރާއްޖޭގައި އެންމެ ފުޅާކޮށް ގެސްޓް ހައުސްގެ ވިޔަފާރިކުރާ ކ. މާފުއްޓަށް ވަޑައިގެން އެ ވިޔަފާރި ކުރާ މީހުންނާ ބައްދަލުކުރައްވައިފަ އެވެ.
ޓޫރިޒަމްގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާ ބަލާއިރު މި އަހަރުގެ ނޮވެމްބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ ނިސްބަތް ވަނީ ހަތް ޕަސެންޓް އިތުރުވެފަ އެވެ. މި އަހަރުގެ ނޮވެމްބަރު މަހު ރާއްޖެއަށް އައީ 125،704 ޓޫރިސްޓުންނެވެ. މިއާ އެކު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ ނިސްބަތް ވަނީ 1.3 މިލިއަނަށް އަރައިފަ އެވެ.
ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައި ވަނީ ޔޫރަޕްގެ ގައުމުތަކުންނެވެ. އެގޮތުން ޔޫރަޕްގެ ގައުމުތަކުން 48.3 ޕަސެންޓް ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރި އެވެ. ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އައިސްފައި ވަނީ އޭޝިއާ ޕެސިފިކްގެ ގައުމުތަކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޫނިގަޑު.
17 December 2018
އެއްވެސް ވަރެއްގެ ތަޖުރިބާއެއް ނުވަތަ ކަމާގުޅުންހު އާޖުފާޖެއްނުދަންނަ މީހުންނާ ކަންކަން ހަވާލު ކުރުމުން އެކަންކަމުން ކިކުންނާނެ ނޭދެވޭ ނަތީޖާ ކުރިއަށްއޮތް ދުވަސްތަކުގާ ފެނިގެންދާނެ، މުޅި ތިދާއިރާ ބޮއްސުންދާނެ ބަލަންތިބޭ،
އަތަ
15 December 2018
ޓޫރިސްޓުން އެންމެ ގިނަވެފަ އާއަހަރަށް އެންމެ ބިސީ ވާ ހަފުތާގައި ތިކަން ރޭވުމުން އެނގޭކަމަކީ މިނިސްޓަރަށް ޓޫރިޒަމްގެ އަލިފުބާ ވެސް ނޭނގޭކަން.
ބިހާރު
15 December 2018
އެކަށީގެންވާ މުއްދަތު ނުދީ މިކަން ކޮށްގެން ނުވާނެ