ފޮރިން މިނިސްޓަރު ޝާހިދު މިއަދު އާގްރާގައި. --- ފޮޓޯ: އަހުމަދު ހަމްދޫން/ މިހާރު
18 ޑިސެމްބަރ 2018 - 12:41
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާ އަށް ކުރެއްވީ އާދަޔާ ހިލާފު ކާމިޔާބީތަކެއް ލިބުނު ދަތުރުފުޅެއް ކަމަށާއި އެ ދަތުރުފުޅުގެ ސަބަބުން ރާއްޖެ އާއި އިންޑިއާއާ ދެމެދު ކުރިން އުފެދުނު ހުރަސްތައް ގިރާ ކުރެވިފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ތިން ދުވަހުގެ މުއްދަތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުން ވަނީ ރާއްޖެ އަށް 1.4 ބިލިޔަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ދޭން ނިންމައިފަ އެވެ. އެއީ ރާއްޖޭގެ ބަޖެޓުގެ ދަތި ކަމަށާއި އިޖުތިމާއީ އަދި އިގްތިސޯދީ ތަރައްގީ އަށް ދިން ބޮޑު އެހީއެކެވެ.
އިންޑިއާގެ އާގްރާގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ޝާހިދު ވިދާޅުވީ މިދިޔަ ފަސް އަހަރު ރާއްޖޭގައި އޮތް ހުދުމުހުތާރު ސަރުކާރުން ޗައިނާ އާއި އިންޑިއާއާ "ތޮޅުވަން" ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރުމުން ރާއްޖެ އާއި އިންޑިއާއާ ދެމެދު ހިސާބަކަށް ނުތަނަވަސްކަން ދިމާވި ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތާޖްމަހަލްގެ ފޮޓޯއެއް ނަންގަވަނީ. --- ފޮޓޯ: އަހުމަދު ހަމްދޫން/ މިހާރު
އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ގުޅުން ބަދަހިވެ، ދެ ގައުމުގެ ދެމެދު ހުރި ހުރިހާ ހުރަސްތަކެއް ގިރާކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއްގެ ގޮތުގައި ޝާހިދު މިސާލު ނެންގެވީ ރާއްޖެ އަށް ލިބުނު އެހީތަކުންނެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު ގާއިމު ކުރި އެއްބަސްވުންތަކުގެ ސަބަބުން ދިވެހިން އިންޑިއާ އަށް ދަތުރުކުރުމުގައި ވިސާގެ ބޮޑެތި ލުއިތަކެއް ލިބިގެންދާނެ އެވެ. އަދި އިންޑިއާގައި ދިވެހިން ތައުލީމް ހާސިލްކުރުމަށް 1000 ސްކޮލަޝިޕް ވަނީ ހަމަޖެހިގެން ގޮސްފަ އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި 1.4 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީ ބޭނުން ކުރާނީ ރާއްޖޭގެ ބަޖެޓަށް ކުރީ ސަރުކާރުން އަމަލު ކުރަމުން ދިޔަ ގޮތުގެ ސަބަބުން އައިސްފައި ހުރި "ލޮޅުންތައް" ހަމަޖެއްސުމަށެވެ. ކުރީ ސަރުކާރުގެ މާލީ އުސޫލުތައް ގޯސްކަމުން ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައި ހުރި ބޮޑެތި ގޮންޖެހުންތައް ހުރަސް ކުރުމަށް އިންޑިއާ އިން ވެފައި ވަނީ ދީލަތި އެހީއެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.
ފޮރިން މިނިސްޓަރު ޝާހިދު މިއަދު އާގްރާގައި. --- ފޮޓޯ: އަހުމަދު ހަމްދޫން/ މިހާރު
"ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެ އާއި އިންޑިއާ އަދި އަވައްޓެރި އެހެން ގައުމުތަކާއި އަޅުގަނޑުމެންނާ ރައްޓެހި، ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް ފަދަ ގައުމުތަކާ އެކު ހަރުދަނާ ގުޅުންތަކެއް ބިނާ ކުރުމުގެ ބިންގާ އެޅިގެންދިޔަ ދަތުރެއް،" "މިހާރު"ން ކުރި ސުވާލެއްގެ ޖަވާބުގައި ޝާހިދު ވިދާޅުވި އެވެ.
ޗައިނާ އަކީ ވަރަށް ދީލަތި އެހީތަކެއް ވެދީފައިވާ ގައުމެއް ކަން ފާހަގަ ކުރައްވައި ޝާހިދު ވިދާޅުވީ ޗައިނާ އަބަދުވެސް އޮންނާނީ ރާއްޖެއާ ގާތް، ރަހްމަތްތެރި ގައުމެއްގެ ގޮތުގައި ކަމަށެވެ. އަދި ރާއްޖެ، އެއް ގައުމު އަނެއް ގައުމާ ދޭތެރޭގައި ޖައްސުވަން މަސައްކަތް ކުރާ ބަޔަކަށް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކީ ހުރިހާ ގައުމުތަކާ އެކު ވެސް ވެސް ރަހްމަތްތެރިކަމުގެ ގުޅުން ގާއިމު ކުރަމުން ގެންދާނެ ސަރުކާރެއް،" ޗައިނާއާ އެކު ގާތް ގުޅުމެއް ބާއްވަވާނެ ކަމުގެ ޔަގީންކަން ދެއްވައި ޝާހިދު ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދަށް އިންޑިއާއިން ހޫނު މަރުހަބާއެއް ދެންނެވި އިރު، ރައީސްގެ ދެކަނބަލުން ތިއްބަވަނީ އިންޑިއާގެ ރިޔާސީ ގަނޑުވަރު، ރާޝްތުރަޕަތީ ވަންގަ އެވެ. ޝާހިދު ވިދާޅުވީ ރިޔާސީ ގަނޑުވަރުގައި ތިއްބެވުމުގެ ޝަރަފު ރައީސް އަށް ދެއްވުމަކީ އިންޑިއާ އިން އެމަނިކުފާނަށް ދެއްވި ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
ރައީސްގެ ދެކަނބަލުން މިއަދު ތާޖްމަހަލް ކައިރީގައި ސެލްފީއެއް ނަންގަވަނީ. --- ފޮޓޯ: އަހުމަދު ހަމްދޫން/ މިހާރު
"އެކަމުން ދޭހަކޮށްދެނީ ދެ ގައުމު ދޭތެރޭގައި އޮތް ގުޅުން އާ އުސްމިންތަކަކަށް ވާސިލްވެއްޖެކަން. ދެ ގައުމުގެ ދޭތެރޭގައި ދެކެވުނު ވާހަކަތަކުން އެނގުނީ އެއް ގައުމުން، އަނެއް ގައުމަށް އިހްތިރާމް ކުރަމުން ގެންދާ ކަން. އެއް ގައުމު، އަނެއް ގައުމާ ދޭތެރޭގައި ޔަގީންކަން އުފެދިފައިވާ މިންވަރު،" ޝާހިދު ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައެއް ސުވާލުތަކަށް ޖަވާބު ދެއްވައި، ޝާހިދު ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ދިފާއީ އެއްވެސް އެއްބަސްވުމެއް ގާއިމުކޮށްފައި ނުވާ ކަމަށެވެ. އަދި އަސްކަރީތަކުގެ ވާހަކަތައް ފިޔަވައި އިތުރު މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި، ރައީސް އަންނަ އަހަރުގެ ކުރީކޮޅު ވަޑައިގަންނަވާނީ އަބޫދާބީއަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާ އަށް ފެއްޓެވި، ދަތުރުފުޅަކީ މިދިޔަ މަހުގެ 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެން ރާއްޖެއިން ބޭރަށް ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައްތުބޭ
18 December 2018
ކަނޑު ހިއްކާލީމަނުން ހުރަސް ނެއްތޭނީ.
ރާވެރިބެ
18 December 2018
މިހާރު ކަނޑެއްވެސް ނޯނަނާނެ ... އެއްފަސްވީ
މަރޭމިތުރާ
18 December 2018
[[ރަނގަޅަށް ކަމެއްކޮށްފިއްޔާ އެކަމަކަށް ރަނގަޅޭބުނާނަން! ރަނގަޅާއި ނުބައި ވަކިކޮށް އެންމެންނަށް އަންގައިދޭނަން!]]
ޣަފޫރު
18 December 2018
އައިޖީއެމްއެޗަށް ގެނައި ލިފްޓާއި ރައީސް އޮފީހަށް ގެނައި ލިފްޓްގެ ދެމެދު ހުރި ހުރަަސްތައް ކިހިނެތްބާ ހުރީ. ޝާހިދު ރައްޔިތުންނަށް ކިޔާ ދީބަލަ.
މަރަބޫކާ
18 December 2018
ގިނަމީހުން ވެރިކަމާއި ތޮޅެންވީ. އެއީ މައްސަލެއެއްނޫން. ރައްޔިތުން ކާމިޔާބު ހޯދާނީ. ގައުމު ޖެހެނީ ވިޔަފާރިވެރިން ގެ ނުފޫޒު އާއި ޑްރަގްޑީލަރުން ގެ ކިބައިން ގައުމު ސަލާމަތްކުރަން.
ރައްޔިތުންތައް
18 December 2018
ޝައްކެއްވެސް ނެތެއްނޫންތޯ.. މިހާރު ރާއްޖެ އަކީ ސަދަން މޯލްޑިސް ސުޓޭޓް އޮފް އިންޑިޔާއެއް ނޫންތޯ..
ދީމާހު
18 December 2018
މިި ޝާޑް މިއުޅެނީ އިންޑިއާ ރުއްސައިގެން ވެރިަކަމަށް އަންނަން ތޯއްޗެއް މުސްތަގުބަލުގައި. ރައްޔިތުން ބެހެއްޓި މީހަކު ވެރިކަމުގައި ހުރެވޭނީ. އިންޑިއާގެ ހެލިކޮޕްޓަރެއްގައި އަޔަސް ވެރިަކަމެއް ނުކުރެވޭ ރާއްޖެއަކު. މަޖްލިސް ވޯޓްގައި ވެސް މިކަން ދައްކާލާނަން. ބޭރު މީހުންގެ ފޫބުޑައް ވެއްޓިގަނެގެން ނިކަމެތިވެ ގަނެގެން އުޅޭ ބައިގަނޑައް ނޫނެކޭ ބުނާނެ ރައްޔިތުން ވަރަށް ކެރިގެން
ފޮސްކަލޯ
18 December 2018
ތިމީހުން މުސްތަގުބަލަށް ކޮށާ މަގުތަކަކީ މުޅިޖީލު ވިއްކާލުންކަމަށް ވާނަމަ ދެން ފޮސްކަލޯ ބޭނުންވަނީ މިރާއްޖެ ދޫކޮށް އެމެޒަން ޖަންގަލީގައި އުޅުމެވެ.
މަރޭމިތުރާ
18 December 2018
[[މިދެގައުމުން ގެނުވީ ރަނގަޅު ބަދަލެއް! މިދެގައުމު ބައިވެރިވެގެން ހެޔޮއަމަލެއް! މިދެގައުމުގެ އެންމެންނަށް އުފަލެއް!]]
އަޝްރަފު
18 December 2018
ކަލޭ ޅެން ހަދަން ދަސްކޮށްބަލަ! އާ ސަރުކާރުން ޑިގްރީ އާއި ހަމައަށް ހިލޭ ކިޔަވާދޭ! ބޮލައް އުނދަގޫވާ ޒާތަށް ޅެން ހަދަން ނޭގުނަސް ވާނެ ޅެންބަހުން ކޮމެންޓްކުރަން!
މަރޭމިތުރާ
18 December 2018
އަޝްރަފޫ!!!!ވަޒަން ބަހުރުވަޔަކީ ވަރަށް ބާރުގަދަ ހަތިޔާރެއް! އަހަރެންގެ ބަސްމަގު ހުނަނާނީ އަހަރެން ބޭނުންވާގޮތަކަށް!
ކާޅު
18 December 2018
މިދެޤައުމުން ގެނައީ ބަދަލެއް ބައިވެރިވާ ހެޔޮ ބަދަލެއް އެންމެންނަށް ހުރި ބޮޑު އުފަލެއް
ކޮބާ
18 December 2018
އަޝްރަފަށް ހީވޭ ކަމެއްހެން؟ އެންމެ ގޮތަކުން ނޫން ހިތުހުރި ހުރިހާ ގޮތަކަށް ބޮލަށް އުނދަގޫކުރާނަމޯ... ވެރިކަން ލިބުމުން އެ ދަމަހައްޓަންވެސް ޅެން ހަދަންޖެހޭ ނޭނގުނަސް.
ކަތީއްބެ
18 December 2018
ބޭނުންވަރަކަށް އިންޑީޔާ ސިފައިންނަށް ރާއްޖޭގައި ތިބެވޭނެ، އަދި އެމީހުން ބޭނުން ތަނެއް ބަލައި ފާސްކޮށް އެމީހުންގެ ބާރުގެ ދަށުގައި ތަންތަން ބެހެއްޓޭނެ، އިންޑިޔާއިން ރުޅިވެއްޖެ މީހަކާއި ޤައުމަކާއި ރާއްޖެއިންވެސް ރުޅިވާނެ، އިންޑިޔާ ބުނާގޮތަކަށް ނޫނީ ނަހަދާނަން، ދެން އުޅޭނީ އިންޑީޔާ ބުނާހާގޮތެއް ހަދައިގެން، އެމީހުން ބޭނުމިއްޔާ އެމީހުންގެ ސަޤާފަތްވެސް ރާއްޖޭގަ ފަތުރަންވީ!