މެލޭޝިއާ އިން ޑިމާންޑް ކުރަނީ ގޯލްޑްމަން ސަކްސް އިން 7.5 ބިލިއަން ޑޮލަރު ހޯދަން.
23 ޑިސެމްބަރ 2018 - 14:05
ކުއާލަ ލަމްޕޫރު (ޑިސެމްބަރު 23) - މެލޭޝިއާގެ އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީގެ ބޮޑު ޚިޔާނާތުގައި ބައިވެރިވެފައިވާކަމުގެ ތުހުމަތުކޮށްފައިވާ އެމެރިކާގެ އިންވެސްޓްމަންޓް ބޭންކް ގޯލްޑްމަން ސޭކްސް އިން ބަދަލެއްގެ ގޮތުގައި 7.5 ބިލިއަން ޑޮލަރު ހޯދަން މެލޭޝިއާ އިން މަސައްކަތް ފަށައިފި އެވެ.
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގުގެ ވެރިކަމުގައި ހިންގި 1އެމްޑީބީގެ ކޮރަޕްޝަންގައި އެހީތެރިވި ކަމުގެ ތުހުމަތުގައި ގޯލްޑްމަން ސޭކްސްގެ މައްޗަށް މެލޭޝިއާ އިން މިހާރު ވަނީ ދައުވާކޮށްފަ އެވެ. ގޯލްޑްމަން ސޭކްސްގެ މައްޗަށް ދައުވާކުރީ 2012 އާއި 2013 ގައި 1އެމްޑީބީ އިން 6.5 ބިލިއަން ޑޮލަރުގެ ބޮންޑް ވިއްކުމުގައި ނުބައި ނިޔަތެއްގައި ގޯލްޑްމަން އިން އެހީތެރިވި ކަމަށް ބުނެ އެވެ. މެލޭޝިއާގެ އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފައި ވަނީ ބޮންޑް ވިއްކުމުގެ މުއާމަލާތުގައި ގޯލްޑްމަން އިން އަދާކުރި ދައުރާ ގުޅިގެން ފީގެ ގޮތުގައި 600 މިލިއަން ޑޮލަރު އެ ކުންފުންޏަށް ލިބުނު ކަމަށާއި އެކަމަކު އެއީ މާކެޓް ރޭޓަށް ވުރެ އެތައް ގުނައެއް ބޮޑު އަގެއް ކަމަށެވެ.
މެލޭޝިއާގެ މާލީ ވަޒީރު ލިމް ގުއާމް އެންގް ވިދާޅުވީ ބޮންޑް ވިއްކައިގެން ހޯދި 6.5 ބިލިއަން ޑޮލަރާއި ފީތަކާއި ބޮންޑުގެ ޕޭމަންޓުގެ އިންޓަރެސްޓަށް ލިބުނު އެއް ބިލިއަން ޑޮލަރު ގޯލްޑްމަން ސޭކްސް އިން މެލޭޝިއާއާ ހަވާލު ކުރަން ޖެހޭނެ ކަމަށެވެ.
ގޯލްޑްމަން ސޭކްސް އިން ދަނީ މި ތުހުމަތާ ދެކޮޅު ހަދަމުންނެވެ. އަަދި މައްސަލާގައި ކޯޓުގައި ޖަވާބުދާރީ ވާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ލަފާކުރާ ގޮތުގައި 1އެމްޑީބީގެ ޚިޔާނާތުގެ އަގު 4.5 ބިލިއަން ޑޮލަރަށް އަރާނެ އެވެ. 1އެމްޑީބީގެ ޚިޔާނާތުގެ މައްސަލަތައް ދަނީ އެހެން ބައެއް ގައުމުތަކުން ވެސް ތަހުގީގު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy