ރިޕޯޓް / ކުށްވެރިން ރިހަބިލިޓޭޓްކުރުން

އަދަބެއްގެ ގޮތުން ކުށްވެރިން ހިދުމަތަށް ނެރުން، އަދިވެސް ތަންފީޒުނުކުރެވި!

މީހަކު ހައްޔަރު ކޮށްގެން ގެންދަނީ: މުޖްތަމައަށް ޚިދުމަތް ކުރުވުމުގެ އަދަބު ރާއްޖޭގައި ތަންފީޒެއް ނުކުރޭ --ފޮޓޯ/ޕޮލިސް

އާ ގާނޫނުލް އުގޫބާތަށް އަމަލު ކުރަން ފެށުމުގެ ކުރިން ޖިނާއީ އަދުލުގެ ނިޒާމުގައި އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވި އެއް ކަމަކީ ކުށްތަކަށް އަންނަމުން ދިޔަ ޒަމާނާ ނުގުޅޭ އަދަބުތަކެވެ. މި ޒަމާނާ ނުގުޅޭ އަދި ބައެއް ކުށްކުށާ އެކަށީގެންނުވާ ކުދި ޖޫރިމަނާތަކާއި އަރުވާލުން ފަދަ އެއްވެސް އަދަބަކަށް ނުވާ އަދަބުތަކަކީ ބައި ގަރުނަށް ވުރެ ގިނަ ދުވަސްވެފައި އޮތް މުސްކުޅި ގާނޫނުލް އުގޫބާތެއްގެ ސަބަބުން ނިކުތް މައްސަލަތަކެވެ.

އެކަމަށް ނިމުން އައީ އާ ގާނޫނުލް އުގޫބާތަށް 2015 ގައި އަމަލު ކުރަން ފެށުމާ އެކު އެވެ. އާ ގާނޫނުލް އުގޫބާތާ އެކު، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއަށް ޒަމާންވީ އެތައް ބަދަލުތަކެއް އުފަންވި އެވެ. ޒަމާނާ ގުޅޭ ގޮތަށް އާ ކުށްތައް އުފަންވި އެވެ. ޒަމާނާ ގުޅޭ އެކަށީގެންވާ އަދަބުތަކެއް ހިމެނުނެވެ. އަދި ޖަލަށްލުމުގެ އިތުރުން ވެސް މުޅިން އާ އަދަބުތަކެއް ތައާރަފްކުރި އެވެ.

އޭގެ ތެރެއިން އެއް ކަމަކީ މުޖްތަމައަށް ޚިދުމަތް ކުރުން އަދަބެއްގެ ގޮތުގައި ގާނޫނުލް އުގޫބާތުގައި ލިޔެވިގެން ދިއުމެވެ. އެކަމަކު މިއީ މިއަދާ ހަމައަށް އެއްވެސް މިންވަރަށް ތަންފީޒު ނުކުރެވި އޮތް އަދަބެކެވެ. މިފަދަ އަދަބުތަކެއް ގާނޫނުލް އުގޫބާތުގައި އޮތްކަން ވެސް ގިނަ ބަޔަކަށް ނޭނގެ އެވެ. އަދި އެފަދަ އަދަބުތައް ދެވެން ނުފެށި އޮތް ސަބަބާ މެދު ސުވާލު އުފެދެ އެވެ.

މުޖްތަމައަށް ޚިދުމަތް ކުރުވުމަކީ ގާނޫނުލް އުގޫބާތުގެ ދަށުން ޖަލަށްލުން ފިޔަވައި ދޭ އެހެން އަދަބުތަކުގެ ތެރޭގައި ހިމެނޭ އަދަބެކެވެ. މުޖްތަމައަށް ޚިދުމަތް ކުރުމުގެ އިތުރުން ގޭ ބަންދާއި ޖޫރިމަނާ އާއި ފަރުވާގެ ޕްރޮގްރާމްގައި ބައިވެރި ކުރުވުމާއި ޕްރޮބޭޝަންގައި ބެހެއްޓުން ފަދަ ކަންކަން ވެސް ޖަލަށްލުމުގެ ބަދަލުގައި ބޭނުންކުރެވިދާނެ އެވެ. ޚާއްސަކޮށް ކުދި ކުށްތަކުގައި މުޖްތަމައަށް ޚިދުމަތް ކުރުވުން ފަދަ އަދަބުތައް ކަނޑައަޅަން ގާނޫނުލް އުގޫބާތުގެ ދަށުން ފުރުސަތު އެބަ އޮތެވެ.

ގާނޫނުލް އުގޫބާތު ބުނާ ގޮތުން މުޖްތަމައަށް ޚިދުމަތް ކުރުމުގެ ގޮތުން ކުރަން އަންގާ ކަންކަން ވާން ޖެހޭނީ މުޖްތަމައުގެ ކުރިމަތީގައި އަދަބެއްގެ ގޮތުގައި ބަލައިގަނެވޭ ކަންކަމަށެވެ. އަދި މިފަދަ އަދަބުތައް ކަނޑައަޅާ ނަމަ، ކުށްވެރިޔާގެ ހާލަތަށާއި އޭނާގެ ހުރި ހުނަރުތަކާއި މުޖްތަމައުގެ ބޭނުންތަކަށް ވެސް ރިއާޔަތް ކުރަން ޖެހެ އެވެ. މިސާލަކަށް މުޖްތަމައަށް ފައިދާ ކުރާނެ ޚާއްސަ ޚިދުމަތެއް ފޯރުކޮށް ދިނުމުގެ ގާބިލްކަން ނުވަތަ ހުނަރު ކުށްވެރިޔާގެ ކިބައިގައި ހުރެއްޖެ ނަމަ، ޖަލަށްލުމުގެ ބަދަލުގައި އެކަންކަން އެހެން މީހުންނަށް ދަސްކޮށްދިނުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިދާނެ އެވެ.

ޖަލަށްލުން ފިޔަވައި މިފަދަ އަދަބުތައް ދޭ ނަމަ، ދެވޭނެ މިންވަރު ވެސް ގާނޫނުލް އުގޫބާތުގައި ތަފްސީލުކޮށް ލިޔެފައި އެބަ އޮތެވެ. މިސާލަށް އެއް އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅުމުގެ ބަދަލުގައި މުޖްތަމައަށް ޚިދުމަތް ކުރަން އެ މީހަކަށް އަމުރު ކުރާ ނަމަ، އެއީ 1920 ގަޑިއިރު (80 ދުވަސް) ޚިދުމަތެވެ. އެ މުއްދަތުގައި ޝަރުތަކާ ޚިލާފްވެއްޖެ ނަމަ، އެ މީހެއްގެ މައްޗަށް އަލުން ޖަލު އަދަބު ކަނޑައެޅުމުގެ ބާރު ވެސް އެ ގާނޫނުން ދީފައި އެބަ އޮތެވެ.

ގާނޫނުގައި މިފަދަ އަދަބުތައް ހިމަނާފައި އޮތަސް، މިކަންކަން ތަންފީޒު ކުރެވޭނެ އެއްވެސް ނިޒާމެއް މިއަދާ ހަމައަށް ވެސް ނެތެވެ. މިސާލަކަށް އަދަބެއްގެ ގޮތުން މުޖްތަމައަށް ޚިދުމަތް ކުރަން މީހަކަށް ކޯޓުން އަމުރު ކޮށްފި ނަމަ، އެފަދަ އަމުރުތައް ތަންފީޒު ކުރާނީ ކޮން މުއައްސަސާއަކުން ކަމެއް އަދި އަމުރާ އެއްގޮތަށް އޭނާ ޚިދުމަތް ކުރޭތޯ ނުވަތަ ނޫންތޯ ބަލައި، މޮނީޓާ ކުރުމާ ބެހޭ އުސޫލުތަކެއް ނުވަތަ ގަވާއިދުތަކެއް ވެސް ނެތެވެ. އަދި މުޖްތަމައަށް ޚިދުމަތް ކުރުމުގެ ގޮތުން ކުރުވޭނެ މަސައްކަތްތަކަކީ ކޮބައިކަން ވެސް މިހާތަނަށް ކަނޑައެޅިފައެއް ނެތެވެ.

ނަތީޖާއަކަށް ވީ ގާނޫނުލް އުގޫބާތަށް އަމަލު ކުރަން ފެށިތާ ތިން އަހަރަށް ވުރެ ގިނަ ދުވަސް ވީއިރު ވެސް، އަދިވެސް ދެވެން މި އޮތީ ޖަލަށްލުމުގެ އަދަބާއި ގޭ ބަންދާއި ޖޫރިމަނާގެ އަދަބެވެ. މުޖްތަމައަށް ޚިދުމަތް ކުރުމާއި ޕްރޮބޭޝަން ފަދަ ކަންކަމުގެ ބޭނުމެއް ނުހިފަ އެވެ.

ގާނޫނުލް އުގޫބާތުގައި ހުރި އެފަދަ އަދަބުތަކާ ބެހޭ ގޮތުން ގަވާއިދުތަކެއް ހަދަން ޖެހޭނެ ކަމަކަށް ނުވަތަ ގަވާއިދުތައް ހަދަން ޖެހޭނީ ކޮން މުއައްސަސާއަކުން ކަމެއް އެ ގާނޫނުގައި ބުނެފައެއް ނެތެވެ. އެނގިފައިވާ ގޮތުގައި އެފަދަ އަދަބުތަކާ ބެހޭ ގަވާއިދުތަކެއް ހެދުމުގެ މަސައްކަތް 2015 ގައި ހޯމް މިނިސްޓްރީން ކޮންމެވެސް ވަރަކަށް ކުރި އެވެ. އެކަމަކު އެއިން އެއްވެސް ގަވާއިދެއް އާންމުކޮށް، އަމަލު ކުރަން ފަށާފައެއް ނުވެ އެވެ.

ކްރައިމް ސީނެއްގައި ފުލުހުން ހަރަކާތްތެރިވަނީ --ފޮޓޯ/މިހާރު

މުޖްތަމައަށް ޚިދުމަތް ކުރުމާއި ޕްރޮބޭޝަން ފަދަ އަދަބުތައް ދިނުމުގެ އެންމެ ބޮޑު ބޭނުމަކީ އަލަށް ކުށުގެ ވެށީގެ ތެރެއަށް ވަންނަ މީހުން އެކަމުން ދުރުކޮށް އިސްލާހު ކުރުމެވެ. ޖަލުގެ އަދަބަކީ އޭގެ ޒާތުގައި ކުށްވެރިން އިސްލާހު ކުރަން ދޭ އަދަބަކަށް ވިޔަސް، ޖަލުގެ އަދަބަށް ފަހު މުޖްތަމައަށް ނިކުތުމުން ކުރިމަތިލާން ޖެހޭ ގޮންޖެހުންތައް ބައެއް ފަހަރު ބޮޑެވެ. ޚާއްސަކޮށް ރާއްޖެ ފަދަ ކުޑަ މުޖްތަމައެއްގައި މި ގޮންޖެހުންތައް ވަކިން ބޮޑެވެ.

ކިތަންމެ ކުޑަ ކުށެއްގައި ވެސް ޖަލުގައި މުއްދަތެއް ހޭދަކޮށް، ޖަލުން ނިކުތުމަށް ފަހު މުޖްތަމައުގެ ތެރެއިން، ކުރިމަތިވާ އެކި ގޮންޖެހުންތަކުގެ ސަބަބުން އަނެއްކާވެސް ކުށުގެ ވެށީގެ ތެރެއަށް ބައެއް މީހުން އެނބުރި ދެ އެވެ. ޖަލުގެ ނިޒާމުގެ ތެރެއަށް ވެއްދުމުގެ ބަދަލުގައި، ކުދި ކުށްތަކުގައި މިފަދަ އަދަބުތައް ދިނުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އެކަންކަން މަދު ކުރުމެވެ.

ވަކި ބާވަތެއްގެ އިސްލާހީ ޕްރޮގްރާމްތަކެއްގައި ބައިވެރިވާން ޖެހޭ ގޮތަށް ޝަރުތުތަކާ އެކު ކުށްވެރިން ދޫކުރުމަކީ ރާއްޖޭގައި ކުރިން ވެސް ކުރަމުން އައި ކަމެކެވެ. އެކަމަކު މިހާތަނަށް އެކަން ކުރަނީ ޖަލުގައި ނުވަތަ ބަންދުގައި ވަކި މުއްދަތެއް ހޭދަކުރުމުން ދޫކުރާ ފަދަ ގޮތަކަށެވެ. އެކަމަކު ގާނޫނުލް އުގޫބާތުގެ ދަށުން ހަމަޖައްސާފައި އޮތީ ޖަލުގެ ނިޒާމުގެ ތެރެއަށް އެފަދަ މީހުން އެއްވެސް ވަރަކަށް ނުވައްދައި، ކޯޓުގެ އެކަނި ބާރުގެ ތެރެއިން މުޖްތަމައަށް ޚިދުމަތް ކުރުވާ ނުވަތަ ރިހެބިލިޓޭޝަންގައި ބައިވެރިކުރުވާ ނިޒާމެކެވެ.

މީގެ އިތުރުން ދައުލަތުން އުފުލަން ޖެހޭ ބުރަތައް ވެސް މިިފަދަ ނިޒާމުތަކުގެ ސަބަބުން ކުޑަވެ އެވެ. ރާއްޖޭގެ ޖަލުތަކުގައި ގައިދީންނަށް އަހަރަކު ގާތްގަނޑަކަށް 100 މިލިއަނަށް ވުރެ ވެސް ގިނަ ރުފިޔާ ޚަރަދުވާނެ ކަމަށް ބެލެވެ އެވެ. މިއީ ރާއްޖޭގެ ނިސްބަތުން ކުޑަ އަދަދެއް ނޫނެވެ. އެހެންވެ، ސީރިއަސް ނޫން ކުށްތަކުގައި އަދި އަލަށް ކުށަށް އަރައިގަންނަ މީހުން ޖަލަށްލުމުގެ ބަދަލުގައި މުޖްތަމައަށް ޚިދުމަތް ކުރުމާއި ޕްރޮބޭޝަން ފަދަ ނިޒާމެއްގެ ތެރެއިން ގެންދާ ނަމަ، ދައުލަތަށް ލުއިވާނެ އެވެ.

އަދަބެއްގެ ގޮތުން މުޖްތަމައަށް ޚިދުމަތް ކުރުމަކީ ގިނަ ގައުމުތަކުގައި ކުރީއްސުރެން ފެށިގެން ތަންފީޒު ކުރަމުން އަންނަ ކާމިޔާބު ނިޒާމެކެވެ. އެކި ކުށްތަކާ ގުޅިގެން މަޝްހޫރު ލަވަކިޔުންތެރިންނާއި ފިލްމީ ތަރިންގެ މައްޗަށް ވެސް އެފަދަ އަދަބުތައް ކަނޑައަޅާފައި އެބަ ހުއްޓެވެ.

ގާނޫނީ ބައެއް ބޭފުޅުންގެ ނަޒަރުގައި މުޖްތަމައަށް ޚިދުމަތް ކުރުމާއި ޕްރޮބޭޝަން ފަދަ އަދަބުތައް ތަންފީޒު ނުކުރެވި އޮތީ އެކަންކަން ކުރެވޭނެ ނިޒާމްތަކެއް ރާއްޖޭގައި މިވަގުތު ނެތުމުންނެވެ. ގާނޫނުލް އުގޫބާތުގައި އެފަދަ އަދަބުތައް ލިޔެފައި އޮތަސް، އެ އަދަބުތައް ތަންފީޒު ކުރުމާއި އެކަންކަމުގައި އަމަލު ކުރާނެ ގަވާއިދުތަކެއް ނުވަތަ އުސޫލުތަކެއް އެކުލަވާލެވިފައި ނެތް ކަން އެ ބޭފުޅުން ވެސް ފާހަގަކުރައްވަ އެވެ.

"ގާނޫނުލް އުގޫބާތުގައި އޮވޭ ޖަލަށްލުން ފިޔަވައި އަދަބެއްގެ ގޮތުން ކޯޓުން ކުރާ އެހެން އަމުރަކާ ޚިލާފްވެގެން ދައުލަތުން ހެއްކާ އެކު އެކަން ކޯޓަށް ހުށަހަޅައިފި ނަމަ، އަލުން ޖަލު އަދަބެއް ކަނޑައެޅޭނެ ކަމަށް. އެކަމަކު އަދަބެއްގެ ގޮތުން ޖޫރިމަނާ ކުރުމުން އެ ޖޫރިމަނާ ނުދެއްކީމަ ވެސް ދައުލަތުން އެކަން ކޯޓަށް ހުށަހެޅުމުގެ މެކޭނިޒާމެއް ނެތް އަދިވެސް." ގާނޫނީ ދާއިރާގެ ބޭފުޅަކު ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ޖަލު އަދަބުގެ ނިޒާމުގެ ތެރެއިން ކުރިމަތިވާ އެހެން މައްސަލަތަކަށް އޮތް އެންމެ ބޮޑު ހައްލަކީ ޕްރޮބޭޝަނާއި މުޖްތަމައަށް ޚިދުމަތް ކުރުން ފަދަ އަދަބުތައް ދެވެން ފެށުމެވެ. އެފަދަ އަދަބުތައް ކަނޑައެޅުމުގެ ބާރު ގާނޫނުލް އުގޫބާތުގައި ދީފައި އޮތަސް، އެފަދަ އަދަބުތައް ކޯޓުތަކުން އާންމުކޮށް ކަނޑަނާޅަނީ ތަންފީޒު ކުރެވޭނެ ނިޒާމެއް މިހާރު ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަބަދުވެސް މިފެންނަނީ ޖަލު ހުކުމްތައް ތަންފީޒު ކުރެވޭތަން،" އޭނާ ވިދާޅުވި އެވެ.

މިހާރު ކޮންމެވެސް ވަރަކަށް ގޭ ބަންދާއި ޖޫރިމަނާގެ އަދަބުތައް މަދުން ނަމަވެސް ކަނޑައެޅެނީ އެފަދަ ނިޒާމުތަކެއް ގާނޫނުލް އުގޫބާތު އައުމުގެ މާ ކުރިން ވެސް ރާއްޖޭގައި އޮތުމުންނެވެ. އެކަމަކު އަދަބެއްގެ ގޮތުން މުޖްތަމައަށް ޚިދުމަތް ކުރުމަށް ކަނޑައަޅާ ނަމަ، އެ މީހަކު ކުރަން ޖެހޭނެ މަސައްކަތްތައް ވެސް ކުރިއާލާ އެނގިފައި އޮތުން މުހިންމެވެ.

"ކޮމިއުނިޓީ ސާވިސްގެ އަދަބަކަށް އެދޭކަށް ވެސް މީހަކަށް ނުކުރޭނެ ދެއްތޯ އޭގައި ކުރަން ޖެހެނީ ކިހާ ވަރެއްގެ ކަމެއް ނުވަތަ މަސައްކަތެއް ކަން ކަން އެނގެން ނެތީސް؟. އެހެންވީމަ ގަވާއިދުތަކެއް ނުވަތަ އުސޫލުތަކެއް މީގައި ބޭނުންވަނީ" ގާނޫނީ ދާއިރާގެ އެހެން ބޭފުޅަކު ވިދާޅުވި އެވެ.

ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ ޚިޔާލު ތަފާތެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ގާނޫނުލް އުގޫބާތުގައި ހުރި އެފަދަ އަދަބުތައް އެއްވެސް ވަރަކަށް ކަނޑަނޭޅި އަދި ތަންފީޒު ނުކުރެވި އޮތީ ގާނޫނުލް އުގޫބާތާ މެދު މުއައްސަސާތަކުގެ މެދުގައި ހޭލުންތެރިކަން ކުޑަވުމުންނެވެ.

އޭނާ ވިދާޅުވި ގޮތުގައި މުޖްތަމައަށް ޚިދުމަތް ކުރުމާއި ޕްރޮޮބޭޝަން ފަދަ އަދަބުތަކާ ބެހޭ ގޮތުން އިތުރު ގަވާއިދުތަކެއް ނެތަސް، އެއީ ގާނޫނުލް އުގޫބާތުގެ ދަށުން މިހާރު ވެސް ކުރެވެން އޮތް ކަމެކެވެ.

"ގާނޫނުލް އުގޫބާތުގައެއް ނޯންނާނެ ވަކި ގަވާއިދެއް ހަދާކަށް. އެހެންވީމަ އެ ގަވާއިދެއް ނެހެދިގެން އެކަން ތަންފީޒު ނުވާންވީ ސަބަބެއް ނެތް،" ޝަމީމް ވިދާޅުވި އެވެ.

ޖަލަށްލުމަކީ ދެވޭ ހަމައެކަނި އަދަބު ކަމަށް ދެކެމުން އައި ޒަމާން މިހާރު ފާއިތުވެއްޖެ އެވެ. ކުދި ކުށްތަކުގައި ނުވަތަ އަލަށް ކުށް ކުރާ މީހުންގެ މައްސަލަތަކުގައި ޖަލު އަދަބުގެ ސަބަބުން ކުށްވެރިން އިސްލާހުވުމަށް ވުރެ ބޮޑަށް ކުށުގެ ވެށީގެ ތެރެއަށް ދާ މީހުން އިތުރުވުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން އެ ނޫން ގޮތަކަށް ކަން ކުރަން ގާނޫނުލް އުގޫބާތުގައި ކަނޑައަޅާފައިވާ އުސޫލު ވީހާވެސް އަވަހަކަށް ތަންފީޒުކުރަން ޖެހެ އެވެ.

12 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 0%
icon angry icon angry 40%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަޒީމް

02 January 2019

ކުއްވެރީންތައް ނެރެ މާލޭގެ ބެދިފަހުރި ޖަންކުޝަންތަކާއި ކާނުތައް ސާފުކުރުވަބަލަ.. އަދި ފީނުވައިގެން ހާބަރުތެރޭ އަޅާފަ ހުރި ކުނިތައް ނަގުވާ ޕޭމަންޓުގާތައް އެއްވަރު ކުރުވާ.. ސަރުކާރުގެ އިމާރާތްތަކުގެ ކުލަލައުވާ.. ވެހިކަލް ދޮވެ ސާފުކުރުވާ.. ސުކޫލު ތަކުގެ މޭންޓެނަންސް މަސައްކަތް ކުރުވާ.. ޕާކުތަކުގެ ގާރޑަނިން ކުރުވާ.. މަގުމަތީ ބައްތިތައް މަރާމާތު ކުރުވާ.. މަދިރި މަރާ ބޭސް ޖަހުވާ..މިހިރީ ހައްތާވެސަ ކުރުވިދާނެ މަސައްކަތް..

The name is already taken The name is available. Register?

Haruge

02 January 2019

ޝުކުރިއްޔާ މުއީޒް އިބްރާހީމް. ތިޔަކުރެއްވި ރަގަޅު މަސައްކަތަށް. ރާއްޖޭގެ އެއްވެސް ސިޔާސީ ވެރިޔަކު ނުވަތަ ވެރިން ރާއްޖޭގައި ހުރި މައްސަލަ ތަކުގެ ވާހަކަދައްކާކަށް ބޭނުމެއްނުވެ. ނަޝީދު ވިދާޅުވި 6 މީހުން ބަންކޮއްލީމަ ރާއްޖޭގެ މަސްތުވާތަކެތީގެ މައްސަލަ ހައްލުވާނޭ. އެ 6 މީހުން އެމްޑީޕީ އާ ގުޅި އެވިފާރި ހުއްޓާލީމަ ކަންނޭގެ 6 މީހުން ބަންދުނުކުރެ. މަސްތުވާ ތަކެތި ބޭނުންކުރާމީހުންވީގިނަ.

The name is already taken The name is available. Register?

ގާބުރި ސަލީމް

02 January 2019

މިރާއްޖޭގެ ވެރިކަމަށް އަދި ނާދޭ ސަހަލު އެކަކުވެސް! ނާސިރު، މައުމޫނު، ނަޝީދު، ވަހީދު، ޔާމީނު، މިއެންމެންވެސް ސިޔާސީ ސަބަބުތަކަށް މީހުން ހައްޔަރު ކުރި. އަދި ސިޔާސީ އެކްޓިވިސްޓުން ލައްވައި ފުލުހުންގެ އިދާރާއަށް އަދި ޖުޑީޝަރީއަށް ނުފޫޒު ފޯރުވި! އުންމީދު ކުރަން އިބޫ އެހެން ނަހަދާނެ ކަމަށް! އަމިއްލަ އެދުމަށް ވުރެ ގައުމުގެ މަސްލަހަތު އިސްކުރާނެ ކަމަށް! އިބޫ އައްޔަނު ކުރާ ކޮއިލިޝަން އަދި އެމްޑީޕީ ސިޔާސީ މީހުން ތަކުން މިހުރީ ހިތް މަރުވެފަ! ދެރަ!

The name is already taken The name is available. Register?

ނޫސަންގު

02 January 2019

ކޮމިއުނިޓީ ސަރވިސް ރަނގަޅަށް ތަންފީޒު ކޮށްފިނަމަ ރާއްޖެކަހަލަ ކުދި އެކަކު އަނެކަކު ދަންނަ ކޮމިއުނިޓީ އެއްގައި ވަރަށް ކާމިޔާބު ވާނެ. އެއި އިޖްތިމާޢީ ޕްރެޝަރ އަކީ ކުށްތަކަށް އަރާ ގަތުން ހުއްޓުވުމަށް ނުހަނު ކާމިޔާބު ހަތިޔާރަކަށް ވާތީވެ. މިސާލަކަށް ފިހާރައަކުން ވައްކަން ކުރުން ނުވަތަ ލައިސަންސް ނެތި އިންޖީނުލީ އުޅަނދު ދުއްވުން ކަހަލަ ކަންކަން

The name is already taken The name is available. Register?

ައެޑަމް

02 January 2019

ތިކަމަކީ ކުރަން ވަރައް ރަގަޅު ކަމެއްސަރުކާރައް ތިކަން ރަގަޅައް މޮނިޓަރކޮއްބެލެހެއްޓޭނީ ސަރުކާރައްބިދޭސިންގެނެސްގެންކުރާ ހުރިހާމަސައްކަތެއް މުސާރަދެންޏާއެމީހުންއުފަލުންކުރާނެ މަގުހެދުން އޮފީސްތައްފޮޅާސާފުކުރުން ޕޯޓްގެމަސައްކަތް މިހިރީ ގިނައަދަދެއްގެބިދޭސީން ކުރާމަސައްކަތް.

The name is already taken The name is available. Register?

މަރޭމިތުރާ

02 January 2019

ކޮމެންޓާއިގުޅޭ]... ދެން އަޅުގަނޑުގެ ހަމަ އެއްވެސް ކުށެއްނެތި ކަސްޓޯޑިއަލްގެ ވަކިން ރޫމެއްގައި 3 ދުވަހު ހޭދަކުރަންޖެހުނު، ފުލުހުން އަޅުގަނޑާއި މެދު އަމަލުކުރީ ވަރަށްގޯސްކޮށް. އަޅުގަނޑު ސޮކޭންކުރުމަށް 3 ދުވަސް ހޭދަކޮށް އެމީހުން އަޅުގަނޑު ދޫކޮށްލީ ކުށެއްނެތޭ ބުނެ ބަޔާނެއް ލިޔެފައި. މިގޮތައް ކިތައްމީހުން ނުހައްގުން ތިބޭނެ ޖަލުގައި.

The name is already taken The name is available. Register?

މަރޭމިތުރާ

02 January 2019

[[ކުށެއް ނެތަކަސް ޟިހުން ކުއްވެރިކުރާތީ ދެރަވޭ! ކުށެއްނެތް ބަޔަކު ގޮޅީގައި ތިބޭތީ އެހާދެރަވޭ!]]............ އަނެއްކާވެސް ދިމާވިކަމެއް ހިއްސާކޮށްލާނަން. ރާއްޖެއިން ބޭރުން އައިތަނުން ކުއްލިއކަށް ހައްޔަރުކޮށް ގެންދަނީ ކަސްޓަމު ބަހުގައި އަޅގަނޑު!އެމީހުން ބުނަނީ ކަލޭގެ ބަނޑުގައިޑޑުރަގު އެބަހުއްޓޭ! އަލުގަނޑު އަޖައިބުވެފައި ބުނިން ހަމަ މިހާރު ސްކޭންކޮށް ބަލައިދޭށޭ! އަަަަަަޅުގަނޑު ދުވަހަކު ސިނގިރެޓެއްވެސް އެކަހަލަ ކަމެއް ހިތައްވެސް ދުވަހަކުނާރާމީހެއް.

The name is already taken The name is available. Register?

މަރޭމިތުރާރާ

02 January 2019

[ކުށެއް ނެތސް މީހުން ކުއްވެރިކުރާތީ ދެރައީ.] ރަނގަޅުކޮށްފައި

The name is already taken The name is available. Register?

ޝިޔަނި

02 January 2019

ބެރިކޭޑެއް ހުރަސްކޮށްގެން 4 މަހަށް ޖަލަށް ލައި ރައްޔިތުންގެ ޓެކްސް ފައިސާއިން ދުވާލަކަށް އެތައް ސަތޭކަ އެ މިހާއަށް ޚަރަދުކުރުމަށްވުރެ އޭނަ ލައްވާ މަގު ސާފުކުރުން، ކުނި ނެގުން ކަހަލަ ކަމެއް ކޮންމެ ދުވަހަކު ތަންފީޛީ އިދާރާގެ ބެލުމުގެ ދަށުން ކުރާގޮތަށް ހުކުމް ކުރާނަމަ ދައުލަތަށް ލުއިވެ އަދަބުވެސް ދެވޭނެ. ޖަލަށް ލައިގެން މެނުވީ އަދަބު ނުދެވޭނެކަމުގެ ވިސްނުން ދޫކޮށްލަންޖެހޭ. ޚާއްސަކޮށް ނުރައްކާތެރި ނޫން ކުށްތަކުގައި.

The name is already taken The name is available. Register?

ވެށި

02 January 2019

ކުދި ކުށް ކުރާ މީހުން ގެންގުޅެނީ ސިޔާސީ ބޭނުމަށެވެ.

The name is already taken The name is available. Register?

ޔާނު

02 January 2019

އެއްޗެއްގެ ބޭނުން ކިހިނެތް ހިފޭނީ ޔާމީނުމެން ކަހަލަ ވެރިން ވަލިއްޔުލް އަމުރަކަށް ލައިގެން. އޭނަ ހިތް އެދޭ ބަޔަކަށް ޙުކުމް ކުރަން ފަނޑިޔާރުން ލީމަ ވާނެގޮތް މިވަނީ. މި ދިމާޤުރާތީ ނިޒާމުގަ މިނޫންގޮތެއް ނުވެސް ވާނެ.

The name is already taken The name is available. Register?

ދެން އަތް ޖަހާ

02 January 2019

ތިބުނީ ޔާމީނު ހިތް ނޭދުނު ކޮންމެ މީހަކު ޖަލަށް ލަމުން އޭނަ ދުވި ވާހަކަ ދޯ؟ އަސްލުވެސް އެވަރު ކަޑަ މީހެއް މަ ނުދެކެން. ސޯ ހޭޓެޑް ހީ އިޒް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454