ކުޅިވަރު

ސޮންގެ މައްސަލައިގައި ޓޮޓެންހަމާއި ކޮރެއާ އެއްބަސްވުމަކަށް

އޭޝިއަން ގޭމްސްގެ ފައިނަލަށް ފަހު ސޮން ރަން މެޑަލް ދައްކާލަނީ.-- ފޮޓޯ: އޭއެފްޕީ

26 ޑިސެމްބަރ 2018 - 09:36

ސޯލް، ދެކުނު ކޮރެއާ (ޑިސެމްބަރު 26) - ޔޫއޭއީގައި އަންނަ މަހު ފަށާ އޭޝިއަން ކަޕަށް ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން މިން ވީއްލުމުގައި އަމަލުކުރާނެ ގޮތަކާ މެދު އޭނާ ކުޅެމުން އަންނަ ޓޮޓެންހަމް ހޮޓްސްޕާސް އާއި ދެކުނު ކޮރެއާގެ އެފްއޭ އެއްބަސްވުމަކަށް އަތުވެއްޖެ ކަމަށް މީޑީއާ ރިޕޯޓްތައް ބުނެފި އެވެ.

މި ފަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕުގައި ދެކުނު ކޮރެއާ އިން ކަނޑައެޅި ޓާގެޓް ހާސިލްނުވުމުން ޓީމުގެ ކުޅުންތެރިން އަސްކަރީ ހިދުމަތާ ގުޅެންޖެހުމުގެ ބިރު އޮތީ ބޮޑުވެފަ އެވެ. ދެކުނު ކޮރެއާގެ ގާނޫނުގައިވާ ގޮތުން އެ ގައުމުގެ ފިރިހެނުން 28 އަހަރު ފުރުމުގެ ކުރިން ދެ އަހަރު އަސްކަރީ ހިދުމަތް އަދާކުރުން ލާޒިމެވެ. އެކަމަކު ގައުމަށް ކުޅިވަރުގެ މައިދާނާއި އެކި ރޮނގުން ރީތި ނަން ހޯދައިދޭނަމަ އަސްކަރީ ހިދުމަތާ ގުޅެން ނުޖެހެ އެވެ. އަސްކަރީ ހިދުމަތުން ސޮން ސަލާމަތްވީ އޮގަސްޓް މަހު އިންޑޮނީޝިއާގައި އޮތް އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުން ރަން މެޑަލް ހާސިލްކޮށްގެންނެވެ.

އޭޝިއަން ގޭމްސް ކުރިއަށްދިޔަ މުއްދަތުގެ ތެރޭގައި ސޮން އަށް ޓޮޓެންހަމްގެ ޕްރީ ސީޒަނުގައި ބައިވެރިނުވެވުމުގެ އިތުރުން ސީޒަނުގެ ފުރަތަމަ މެޗުތަކެއް ވެސް ގެއްލުނެވެ. އެހެންވެ ޓޮޓެންހަމަށް އޭރު މައްސަލަތަކެއް ވެސް ކުރިމަތިވި އެވެ. އަނެއްކާ ސީޒަނުގެ މުހިއްމު ހިސާބަކުން ސޮން ގައުމީ ޓީމަށް ވީއްލަން ޖެހުމުން ޓޮޓެންހަމުން ވަނީ ދާދި ފަހުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޓޮޓެންހަމްގެ ކޯޗު ޕޮޗެޓީނޯ (ކ) މެޗެއްގެ ތެރެއިން ސޮން އަށް ބުނެދެނީ. -- ފޮޓޯ: އޭއެފްޕީ

ރިޕޯޓްތައް ބުނާގޮތުން މިހާރު ޓޮޓެންހަމުން ވަނީ ސޮން ވީއްލުމުގެ ކަންތައްތަކާ ބެހޭގޮތުން ގިނަ މަޝްވަރާތަކެއް ބާއްވައި ކޮރެއާއާ އެކު އެއްބަސްވުމަކަށް އައިސްފަ އެވެ. އެ ގޮތުން ނިންމާފައިވަނީ އަންނަ މަހު ފަސް ވަނަ ދުވަހު ފަށާ އޭޝިއަން ކަޕްގެ ފުރަތަމަ ދެ މެޗަށް ސޮން ނުގެންދާ ގޮތަށެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗުގައި ކޮރެއާ ނުކުންނާނީ ފިލިޕީނާއި ކިރްގިސްތާނާ ދެކޮޅަށެވެ. ސޮން ޓީމާ ގުޅޭނީ ޖެނުއަރީ 16 ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ކުޅެން އޮތް މެޗަށެވެ.

ލީގުގައި އެންމެ ފަހުން ރަށުންބޭރުގައި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެ ލަނޑު ޖަހައި ދެ ލަނޑު ޖަހަން އެހީތެރިވި ސޮން އަންނަނީ ފަހަކަށް އައިސް މޮޅު ކުޅުމެއް ދައްކަމުންނެވެ. ގައުމީ ޓީމާ ގުޅުމުގެ ކުރިން ޓޮޓެންހަމަށް ކުޅޭނެ ފަހު މެޗަކީ އަންނަ މަހު 13 ވަނަ ދުވަހު އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ.

ސޮން ނެތި އަންނަ މަހު ޓޮޓެންހަމުން މުހިއްމު މެޗުތަކެއް ކުޅޭނެ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު މެޗަކީ ލީގު ކަޕް ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗެވެ.

އެންމެ ފަހުން 2015 ވަނަ އަހަރު އޮތް އޭޝިއަން ކަޕް ފައިނަލުގައި ކޮރެއާ ބަލިވީ މުބާރާތް ބޭއްވި އޮސްޓްރޭލިއާ އަތުން 2-1 އިންނެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި ޖަރުމަން ބަލިކުރި ކޮރެއާ އަކީ މި ފަހަރުގެ އޭޝިއަން ކަޕްގެ ފޭވަރިޓެކެވެ.

0 ކޮމެންޓް, 27 ރިއެކްޝަންސް

icon happy icon happy 89%
icon sad icon sad 7%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454