މިސްރުގެ ރައީސް އަބްދުލް ފައްތާހު ސީސީ. --ފޮޓޯ:އޭއެފްޕީ
27 ޑިސެމްބަރ 2018 - 13:19
ގާހިރާ (ޑިސެމްބަރު 27) - މިސްރުގެ ރައްޔިތުން ހިކެން ރައީސް އަބްދުލް ފައްތާހު ސީސީ ގޮވާލެއްވުމުން އޭނާ އަށް ފާޑުކިޔުންތައް އަމާޒުވާން ފަށައިފި އެވެ.
ސިއްހީ މަޝްރޫއެއް އިފްތިތާހުކޮށްދެއްވުމަށް މި މަހު 15 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ސީސީ ވަނީ މިސްރުގެ ރައްޔިތުން ހިކުމަށާއި ގިނަގިނައިން ކަސްރަތު ކުރުމަށް ގޮވާލައްވައިފަ އެވެ.
"މިތިބީ ކޮން ބައެއް؟ މި މީހުންގެ އަމިއްލަ ހަށިގަނޑާ މެދު ސަމާލު ނުވަނީ ކީއްވެ؟" ގައުމީ ޓީވީން ދުރަށް ދެއްކި ތަގްރީރުގައި ސީސީ ވިދާޅުވި އެވެ.
ސީސީ ވަނީ ޓީވީތަކުގެ ޕްރެޒެންޓަރުންގެ ގޮތުގައި ފަލަ މީހުން ނޭރުވުމަށް ވެސް އެދިވަޑައިގެންފަ އެވެ.
ސީސީގެ ވާހަކަތަކަށް ގިނަ ބަޔަކު ވަނީ ނުރުހުން ފާޅު ކުރަން ފަށައިފަ އެވެ. ބައެއް މީހުން ބުނި ގޮތުގައި ސިއްހަތަށް ރަނގަޅު ކާނާއިން ޓެކްސް ކަނޑާލުމަށް ފަހު ހެޔޮ އަގުގައި ކާނާ ލިބޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސަން ޖެހޭ ކަމަށެވެ. އެކަން ނުކޮށް ރައްޔިތުން ފަލަވާ ވާހަކަ ދައްކަވާނެ ކަމެއް ނެތް ކަމަށް ވެސް ބައެއް މީހުން ބުންޏެވެ. އަނެއް ބަޔަކު ބުނީ ސަރުކާރުން ސަބްސިޑީ ދީފައި ވަނީ ކެލެރީ މަތީ ކާބޯތަކެއްޗަށް ކަމަށާއި އެހެންވެ އެ ބާވަތުގެ ކާނާ ކާން ފަގީރު އާއިލާތަކަށް މަޖްބޫރު ކަމަށެވެ.
ފާޑުކިޔުންތައް އިތުރުވުމުން ސީސީ ވިދާޅުވެފައި ވަނީ އެއީ ރައްޔިތުންނަށް މަލާމާތް ކުރުމުގެ ގޮތުން ވިދާޅުވި ބަސްތަކެއް ނޫން ކަމަށެވެ.
"އަޅުގަނޑުގެ އާއިލާއާ ދިމާލަށް ބަދު ބަހެއް ބުނާނީ ކިހިނެއް؟ މިސްރުގެ ރައްޔިތުންނަކީ އަޅުގަނޑުގެ އާއިލާގެ މީހުން،" ސީސީ ވިދާޅުވި އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނި ގޮތުގައި މިސްރުގެ ބޮޑެތި މީހުންގެ އާބާދީގެ 63 ޕަސެންޓަކީ ފަލަ މީހުންނެވެ. މިއީ ފަލަ މީހުންގެ ނިސްބަތް އެންމެ މަތީ އެއް ގައުމެވެ.
އަސްކަރީ އިންގިލާބެއްގައި 2014 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ސީސީގެ ސަރުކާރުން ވަނީ ސޯޝަލް މީޑިއާ ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިމިނާ
28 December 2018
ސީސީވިޔަސް ކޮންމެމީހަކުވިޔަސް އެއީ ހެޔޮ ރަނގަޅުވާހަކައެއް. އަޅުގަނޑުގެ މުޅިހަޔާތުގައިވެސް މިހާރަނގަޅު ނަސޭހަތެއް ރައީސަކު ދެއްވިތަނެއް ނުދެކެން. ހެލްުތުގެ ބަޖެޓަށްވެސް އަދި އާއްމުމީހާގެ އަމިއްލަ ގޭގެ ބަޖެޓައްވެސް ވަރަށްބޮޑު ލުޔެއްލިބޭނެ ކަމެއް. ހިކިގެން ފުރިހަމަސިއްހަތެއްގަހުރުންމީ
ސޯލްޓް
27 December 2018
މިރާއްޖޭގައި ވެސް އަގު ހެވީ ކެލެރީ ގިނައިން ހުންނަ ކާ އެއްޗިހި. މެޓާ ފާޑުފާޑުގެ ސޮޑާ ޖޫސް، އެނާޖީ ޑްރިންކްސް .މިސަރުކާރުންވެސް ޓެކްސް ކަޑާލަންވީ ތަރުކާރީހެ ހުރިހާ ބާވަތަކުން ،ތާޒާމޭވާ.