މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ނޯރާ: ވަރުން އާއި ޝްރަދާއާ އެކު ރެމޯގެ ފިލްމުން ފެންނާނެ.

ވަރުން ދަވަން އާއި ޝްރަދާ ކަޕޫރް ލީޑް ރޯލް ކުޅޭ ޑާންސް ފިލްމުގެ ރޯލަކަށް ނޯރާ ފަހެތީ ވެސް ސޮއިކޮށްފައިވާކަން މި ފިލްމު ގެނެސްދޭ ޓީ ސީރީޒުން ކަށަވަރުކޮށް ދީފި އެވެ.

އެ ކުންފުނީގެ ވެރިޔާ ބުޝަން ކުމާރު ބުނީ ނެށުމުގެ ހުނަރު ވަރަށް ބޮޑަށް ލިބިފައިވާ ޒުވާން ބަތަލާ ރެމޯ ޑި ސޫޒާ ޑައިރެކްޓްކުރާ ފިލްމާ ގުޅުމަކީ މިއަށް އިތުރު ފުރިހަމަ ކަމެއް ގެނުވައި ދޭނެ ކަމެއް ކަމަށެވެ. އޭނާ ބުނި ގޮތުގައި ނޯރާ ފެނގެން ދާނީ ފިލްމުގައި ވަރުން އާއި ޝްރަދާއާ ކުރިމަތިލާ އިންޓަނެޝަލް ނެށުންތެރިއެއްގެ ރޯލުންނެވެ.

ނޯރާ ބުނީ އިންޑިއާގެ އެންމެ ވަރުގަދަ ކޮރިއޮގްރާފަރުންގެ ތެރޭގައި ވެސް ހިމެނޭ ރެމޯއާ އެކު ފިލްމެއްގެ މަސައްކަތްކޮށްލަން ލިބުމަކީ ނެށުމުގެ ދާއިރާ އިން ގިނަ އެއްޗެހި ދަސްވުމުގެ އިތުރަށް، ވަރަށް ވެސް ފުރިހަމަ ތަޖުރިބާއަކަށް ވާނެ ކަމަށެވެ.

ނޯރާ ފިލްމަށް ސޮއިކުރުމާ ގުޅިގެން ވަރުން އާއި ޝްރަދާ ވަނީ ޓްވިޓާގައި މަރުހަބާ ވެސް ކިޔައިފަ އެވެ.

މި މަހުގެ 22 ވަނަ ދުވަހު މި ފިލްމުގެ ޝޫޓިން ޕަންޖާބްގައި ފެށި ނަމަވެސް، ނޯރާ ފިލްމުގެ ގުޅޭނީ ލަންޑަނުންނެވެ. އޭނާ ފެނިގެންދާ މަންޒަރުތަކުގެ ބޮޑު ބައި ނަގާނީ އެތަނުގަ އެވެ. ޕަންޖާބުގައި ހަފުތާއަކަށް ޝޫޓްކޮށްފައިި، ފިލްމުގެ ކްރޫ އާއި ކާސްޓު މިސްރާބު ޖަހާނީ ލަންޑަނަށެވެ.

އަދި ނަން އިއުލާންކޮށްފައި ނުވާ، 3ޑީ ފޯމެޓްގައި ގެނެސްދޭ ފިލްމު ސިނަމާތަކަށް އަންނާނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 8 ގަ އެވެ.

ރާކޭޝްގެ ހާލު ރަނގަޅު

ކަރުތެރޭގެ ކެންސަރު ޖެހިގެން މިހާރު ފަރުވާ ހޯދަމުން އަންނަ ބޮލީވުޑްގެ ޑައިރެކްޓަރު ރާކޭޝް ރޯޝަންގެ ހާލު ފުރަތަމަ އޮޕަރޭޝަނަށް ފަހު ރަނގަޅު ކަމަށް އާއިލާ އިން ބުނެފި އެވެ.

އޭނާ އަށް ކެންސަރު ޖެހިފައިވާ ވާހަކަ އާއި އަންގާރަ ދުވަހު އޮޕަރޭޝަނެއް ކުރާ ވާހަކަ ދަރިފުޅު އަދި މަޝްހޫރު އެކްޓަރު ރިތިކް ރޯޝަން ހިއްސާ ކުރުމުން ވަރަށް ގިނަ ބަޔަކު ވަނީ އަވަސް ޝިފާއަކަށް އެދި ޓްވީޓްކޮށްފަ އެވެ. އޭގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ހިމެނެ އެވެ.

މޯދީގެ ޓްވިޓަށް އިޖާބަ ދެމުން ރާކޭޝް އޮޕަރޭޝަން ކުރި ޑޮކްޓަރުންނާ ހަވާލާދީ ރިތިކް ބުނީ ބައްޕަގެ އޮޕަރޭޝަން ކާމިޔާބު ކަމަށާއި ހާލު ވެސް ރަނގަޅު ކަމަށެވެ.

ރާކޭޝް އަށް ކެންސަރު ޖެހިފައި މި ވަނީ ސުޕަހީރޯ ފިލްމު "ކްރިޝް 4" ގެ މަސައްކަތް ފަށަން ތައްޔާރުވަމުން ދަނިކޮށެވެ.

"ދަބަންގް 3" ގެ ޝޫޓިން އެޕްރީލްގައި

ސަލްމާން ހާން ޗުލްބުލް ޕާންޑޭ ކިޔާ ލާނެއް ފުލުހެއްގެ ރޯލުން ފެނިގެންދާ ފްރެންޗައިޒް "ދަބަންގް" ގެ ތިން ވަނަ ފިލްމުގެ ޝޫޓިން އަންނަ އެޕްރީލް މަހު ފަށާނެ ކަމަށް ޕްރޮޑިއުސަރު އަދި ސަލްމާންގެ ކޮއްކޮ އަރްބާޒް ހާން ބުނެފި އެވެ.

މުމްބާއީ މިރާ އަށް އޭނާ ބުނީ ފިލްމުގެ މައި ޕްލޮޓް މި ވަގުތު ބޭނުން ވަނީ ސިއްރެއްގެ ގޮތުގައި ބާއްވަން ކަމަށާއި ސަލްމާން އަނެއްކާ ވެސް ހަމަ ބެލުންތެރިން ވަރަށް ލޯބިވާ ކަހަލަ ރޯލަކުން ފެންނާނެ ކަމަށެވެ. "ދަބަންގް 3" ޑައިރެކްޓް ކުރާނީ މަޝްހޫރު ނެށުންތެރިޔާ ޕްރަބޫދޭވާ އެވެ. އޭނާއަކީ 2007 ގައި ރިލީޒް ކުރި ސަލްމާންގެ "ވޯންޓެޑް" ގެ ވެސް ޑައިރެކްޓަރެވެ.

"ދަބަންގް 3" ގެ ބަތަލާގެ ރޯލުން ވެސް ސޮނާކްޝީ ސިންހާ ފެނިގެން ދިޔަ ނަމަވެސް، މި ފިލްމުން އިތުރު ބަތަލާއިންތަކެއް ވެސް ފެންނާނެ ކަމަށްވެ އެވެ. އަދި ފިލްމު މި އަހަރު ސިނަމާތަކަށް އަންނާނެ ކަމެއް އަދި ޔަގީނެއް ނޫނެވެ.

"އުރީ" އަކީ މޮޅު ފިލްމެއް

ހުކުރު ދުވަހު ރިލީޒް ކުރި ވިކީ ކޯޝަލްގެ ފިލްމު "އުރީ: ދަ ސާޖިކަލް ސްޓްރައިކް" އަކީ ޝައުގުވެރި އަދި މޮޅު ފިލްމެއް ކަމަށް ކްރިޓިކުން ބުނެފި އެވެ.

އަދިތިޔާ ދާރް ލިޔެ، ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ކަޝްމީރުގެ އިންޑިއާގެ އަސްކަރީ ބޭސްއަކަށް ޕާކިސްތާނުގެ ޓެރަރިސްޓުންތަކެއް ދިން ހަމަލާއެއްގައި އިންޑިއާ ސިފައިންގެ 19 އޮފިސަރަކު މަރުވި ހަގީގީ ހާދިސާ އަަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

"އުރީ" އާ ބެހޭ ގޮތުން ކްރިޓިކުން ބުނީ މި ހާދިސާގެ ތެރެއަށް ހިޔާލީ ވާހަކައެއް އިތުރުކޮށްގެން ޑައިރެކްޓަރު ވަރަށް ޝައުގުވެރި ފިލްމެއް ގެނެސް ދީފައިވާ ކަމަށާއި މިއީ ފެށުނީއްސުރެ ނިމެންދެން ބެލުންތެރިން ގޮނޑީގައި ތަތްކޮށްލައިފައި ބަހައްޓާ ކަހަލަ ފިލްމެއް ކަމަށެވެ.

އެގޮތުން ވިކީ އާއި އަލަށް ތައާރަފުވި އެކްޓަރު މޯހިތު ރައިނާގެ އެކްޓިން ވެސް ވަރަށް ފާހަގަ ކުރެވޭ ކަމަށާއި އެކްޝަން ފިލްމުތަކަށް ލޯބި ކުރާ މީހުންނަށް ޔަގީނުން ވެސް "އުރީ" ކަމުދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ކްރިޓިކުން ބުންޏެވެ.

ގިނަ ކްރިޓިކުން ވަނީ މި ފިލްމަށް ތިނެކާއި ހަތަރެކާ ދޭތެރޭގެ ރޭޓިންއެއް ދީފަ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454