28 ޖެނުއަރީ 2019 - 08:07
ކޮންމެ ދުވަހަކު ހެނދުނު ހޭލައިގެން ފޯނު ބަލައިލާއިރު، އެންމެ ފުރަތަމަ ވެސް މަރުހަބާ ކިޔާނީ އެ މެސެޖެވެ. އެއީ ހަމަ ކޮންމެ ދުވަހަކު ވެސް ލިބޭ ހަދިޔާއެކެވެ. ރީތި ފޮޓޯގަނޑެއްގައި، ތާނަ، އަރަބި އަދި އިނގިރޭސި ބަހުން "ބާއްޖަވެރި ދުވަހަކަށް" އެދިފައި އޮންނައިރު ތިރީގައި އޮންނަނީ ހިތްގައިމު ޅެން ބައިތުކޮޅެކެވެ. ދުވަހާ ގުޅޭ ނުވަތަ އާއްމު އިބުރަތްތެރި ބަސްކޮޅެކެވެ.
އެއީ މަޝްހޫރު ޅެންވެރިޔާ ހަސަން ޝާކިރު މުހައްމަދު (މައުހަދު ޝާކިރު) އޭނާގެ އެކުވެރިންނަށް އާ ދުވަހެއްގެ މަރުހަބާ އާއި ހެޔޮ އެދުންތައް ފޮނުއްވާ މެސެޖެވެ. މީގެ ތިން އަހަރު ކުރިން ފެއްޓެވި އެކަން، މިހާރު ވަނީ އާދަޔަކަށް ވެފަ އެވެ. ވައިބަރުންނާއި ވަޓްސްއަޕުންނާއި ފޭސްބުކް މެދުވެރިކޮށް ވަކިވަކިންނާއި ގްރޫޕްތަކަށް ފޮނުއްވާ އެ މެސެޖް ކޮންމެ ދުވަހަކު ވެސް އެތައް ސަތޭކަ ބަޔަކަށް ރައްދުވެ އެވެ.
އޭގެ ތެރޭގައި ހިމެނެނީ އާއިލީ މެމްބަރުންނާއި އެކި ދައުރުތަކުގެ އެކުވެރިންނާއި އެއްކޮށް އެކި ދިމަދިމާލުގައި މަސައްކަތްކުރާ މީހުން އެކަންޏެއް ނޫނެވެ. ރައީސުންނާއި ވަޒީރުން ވެސް ހިމެނެ އެވެ. އަދި ބޭރުގެ ބައެއް މީހުން ވެސް އޭނާގެ "ދުވަހު މަރުހަބާ"ގައި ހިމަނާފައިވެ އެވެ.
ޝާކިރު ފޮނުއްވާފައިވާ މެސެޖްތަކެއް.
އެ މެސެޖް ކިޔާލަން ނަގާނީ ތިރީހަކަށް ސިކުންތެވެ. އެކަމަކު އެ މެސެޖް ތައްޔާރުކުރައްވަން ދެ ގަޑިއިރެއްހާ އިރު ޝާކިރު ހޭދަކުރައްވަ އެވެ.
އެޕްރީލް 2015 ގައި އޭނާގެ ފަރާތުން އެކުވެރިންނަށް ފުރަތަމަ ދިނީ ހަމައެކަނި "ބާއްޖަވެރި ދުވަހެއް"ގެ މެސެޖެވެ. އެކަމަކު ފަހުން ނަސޭހަތަކަށް، އޭގެ ފަހުން އޭނާގެ ހުނަރުވެރި ދާއިރާ، ޅެންވެރިކަމުގެ ބައެއް ހިމެނުއްވި އެވެ.
"އުތީމު އާދަމްބެ (ޅެންވެރިޔާ އާދަމް އަބްދުލްރަހްމާން) ވިދާޅުވީ ޝާކިރު ވާނީ ޅެމޭ ހަދަން. [އޭގެ ފަހުން] ދެން ހަމަ ކޮންމެ ދުވަހަކު ބައިތު ހަދަން ފެށީ،" ޝާކިރު ވިދާޅުވި އެވެ.
މިހާރު އޭނާގެ މެސެޖްގައި ހިމެނޭ ޅެންބައިތުތަކަކީ ކޮންމެ ދުވަހަކު ވެސް އެކަމަށް ހާއްސަކޮށް ހައްދަވާ އެއްޗެކެވެ. ހާއްސަ ބުނާސަބުތައް ފާހަގަކުރާ ދުވަސް ދުވަހު އެ ބައިތުތައް ހައްދަވަނީ އެ ދުވަހަކާ ގުޅުވައިގެންނެވެ.
އިންޑިއާއަށް ކުރެއްވި ދަތުރެއްގައި ޝާކިރު އެގައުމުގެ މީހަކާ އެކު ނޫސް ކިއުއްވަނީ
ޅެންވެރިކަމުގެ ރޮނގުން ގައުމީ އިނާމް ހާސިލްކުރައްވާފައިވާ ޝާކިރަށް އެއީ އުނދަގޫ ކަމެއް ނޫނެވެ. ކޮންމެ ރެއަކު ވެސް 11 ގެ ފަހުން ޅެންބައިތެއް ނުވަތަ ބައިތުތަކެއް ހައްދަވަން ފައްޓަވަ އެވެ. ދެން އެ ދުވަހު ނަންގަވާ ފޮޓޯގެ މައްޗަށް އެ ޅެންބައިތުތައް ލައްވަ އެވެ.
"[ވައިބަރުން] ވަކިވަކިން 300 އެއްހާ މީހުންނަށް ފޮނުވަން. ވަޓްސްއަޕުން އެއްފަހަރާ 30 މީހުންނަށް ފޮނުވޭނެ. އެގޮތަށް ވެސް 15 ބުރު ފޮނުވަން،" ޝާކިރު ވިދާޅުވި އެވެ.
"ގަޑިއެއްހާއިރު ހޭދަ ކުރަން މެސެޖް ފޮނުވަން ކޮންމެ ދުވަހަކު ވެސް. މިއީ ހަމަ ދިރިއުޅުމުގެ ބައެއް މިހާރު."
އޭނާގެ މެސެޖްތަކުގައި ހިމެނޭ ފޮޓޯ ވެސް ނަންގަވަނީ އަމިއްލައަށެވެ. ކޮންމެ ތަނަކަށް ވަޑައިގަތަސް، އާ ފޮޓޯ ނަންގަވަން އޭނާ މަސައްކަތްކުރައްވަ އެވެ.
ޝާކިރު ފޮނުއްވާފައިވާ މެސެޖްތަކެއް.
"މާލެ ނޫން ރަށެއްގައި ނުވަތަ އެހެން ގައުމެއްގައި ހުރެގެން މެސެޖް ފޮނުވާ ނަމަ އެ ރަށެއްގެ ފޮޓޯއަކާއި ހުރި ތަނެއް އެނގޭ ގޮތަށް މެސެޖް ފޮނުވަނީ،" އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި މަސައްކަތްކުރައްވާ ޝާކިރު ވިދާޅުވި އެވެ.
އޭނާގެ ހުރިހާ ވެސް މަގުސަދަކީ އެކުވެރިކަން ބަދަހިކުރުމެވެ. އެކަމުގެ ނަތީޖާ ވެސް ރަނގަޅެވެ.
"އޮޅިގެން ވެސް މެސެޖް ނުފޮނުވިއްޖެ ނަމަ މީހުން ގުޅާފައި އަހާ ކޮބާ މެސެޖެއް ނާދޭ، ބަލީ ހެއްޔޭ. މިހާރު މެސެޖް ނުފޮނުވައިފިއްޔާ ޝަކުވާކުރޭ،" ޝާކިރު ވިދާޅުވި އެވެ.
އޭނާ ގަބޫލުކުރައްވާ ގޮތުގައި "ބާއްޖަވެރި ދުވަހު"ގެ މެސެޖުގެ ސަބަބުން ޒަމާންވީ ގުޅުންތައް ދަމަހައްޓައިދެ އެވެ. އާއިލީ، އެކުވެރި އަދި އިހުތިރާމުގެ މައްޗަށް އުފެދޭ އެފަދަ ގުޅުންތަކުގެ އަގު އޭނާ އަށް ވަރަށް ބޮޑެވެ. އެ ގުޅުން ދަމަހައްޓަން ކޮންމެ ދުވަހަކު ދެ ގަޑިއިރެއްހާއިރު ހޭދަކުރެއްވުމަކީ އޭނާއަށް ބޮޑު ކަމެއް ނޫނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުޑޭ
21 September 2022
ކޮންމެ ހުކުރަކު އާޢިލާގެ އެންމެނަށް އިނާމުލިބޭ ސުވާލެއްވެސް ފޮނުއްވާ، މިހެން ފޮޮނުއްވާތާވެސް 6 އެއްކަ އަހަރަށް ވުރެ ގިނަ ވެދާނެ ،ހަމަ އެންމެ ހުކުރެއްވެސް ވައްޓާ ނުލާނެ ، ވާ ބޭފުޅެއް
ސަޅިބައިސާ
28 January 2019
ލޮބުވެތި އުސްތާޒަށް ބާއްޖަވެރި ހެނދުނެއް. ތިއީ އެތައް ޅެންވެރިންނެއް އުފެއްދެވި ކުޅަދާނަ ޝާއިރެއް.
ލިޔާމީހާ
28 January 2019
ދަރުމަހުރި. މެސެޖުލިބޭ މީހުންގެ ތެރޭގައި އަޅުގަނޑު ހިމެނޭކަމީ ލިބޭ ވަރަށްބޮޑު އުފަލެއް. އުސްތާޛް ޝާކިރަށް އަބަދުވެސް ހެޔޮގޮތް މިންވަރު ކުރައްވާށި!
ފުންއަސަރު
28 January 2019
އަދި ކިރިޔާ މި އެނގުނީ މިއީ ޝާކިރުގެ ކަމެއްކަން. މިހުރިހާ ދުވަހަކު ނޭނގެ. ހ.ޝ.މ މިހެން ޖަހާފަ އިނަސް މަމެންނަށް ފަހުމު ނުވަނީ. އޯކޭ ދެން. ވަރަށް ބާއްޖަވެރި ދުވަހަކަށް އެދެން.
ރަތަފަންދޫ
28 January 2019
އަހަރުން އޮފީހުގަ އުޅޭ ޝާނުވެސް ކޮންމެ ދުވަހަކު ވައިބަރ ގްރޫޕަށް ލާނެ އަމިއްލަ ފޮޓޯ މަތީ މެސެޖު ލިޔެފަ.
ހެދުނުގެބަލާ
28 January 2019
ސަބާހުއް ނޫރް. ހެދުނު އައިމަ ތަރިތަކުގެ ދުވަސް ދިޔައީ
ޔުމީ
28 January 2019
އަޅުގަނޑަށްވެސް ހަމަ ކޮންމެ ދުވަހަކު މެސެޖު ލިބޭ. އެކަމާ އުފާކުރަން. ޝާކިރު އެއީ އަޅުގަނޑުގެ ކުރީގެ ބޮސް. ވ ރަގަޅު ހިތްހެޔޮ ބޭފުޅުއް. ފުރިހަމަ ސިއްޙަތެއްގައި ލައްވާށި
ރަދީފް
28 January 2019
މާތްﷲ ހަސަން ޝާކިރު މުހައްމަދުގެ އުމުރު ދިގުކުރައްވައި ފާފަ ފުއްސަވާށީ.އާމީން.ޕާސަނަލީ މަވެސް ޝާކިރު ނުދަންނަން، ނަމަވެސް މަގުމަތީން ފެނުނަސް ހިނިތުންވުމާއިއެކު ނޫނީ މީހުންނާއި ކުރިމަތިނުލައްވާނެ.ވަރަށް އާދަޔާއި ޙިލާފް ނަމޫނާ ޝަހްސިއްޔަތެއް.ވ.ވެދުން
ޢާދަން
28 January 2019
ހަމަ ބުނާނެ އެއްޗެއްވެސް ނެތް ކޮސް ވެއްޖެ