ޓީއެފްޖީގެ ސީއީއޯ ޒިނާން (ވ) ހަނދާނީ ލިޔުމެއް މިއަދު ހަވާލުކޮށްދެއްވަނީ. --މިހާރު ފޮޓޯ:ނިޝާން އަލީ
29 ޖެނުއަރީ 2019 - 20:29
ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން ބާއްވާ ހަތް ވަނަ ކޮކާކޯލާ ލޯންގް ރަން އަންނަ އެޕްރީލް މަހު ބާއްވަން ނިންމައިފި އެވެ.
މާގިރި ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޓީއެފްޖީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާ އެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގައި އެމްއެމްޕީއާރްސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު އެވެ. ޓީއެފްޖީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ ހުސައިން ޒިނާނެވެ.
ޒިނާނު ވިދާޅުވީ، މިއީ ރާއްޖޭގައި ސްޕޯޓްސް ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ވެވުނު އެއްބަސްވުމެއް ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ޓީއެފްޖީގެ ހުރިހާ ހަރަކާތެއްގައި ދިވެހި ރާއްޖެ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމަށް ބޭނުންކުރާ ލޯގޯތައް ފެނިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޒިނާނު ވިދާޅުވީ، މި އަހަރު ބާއްވާ ލޯންގް ރަންގެ އެންމެ ބޮޑު ތަފާތަކީ، ހުޅުމާލޭގެ ދުވުމަށް ހަމަޖެހިފައިވާ މަގަށް އައިސްފައިވާ ބަދަލު ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެ މައުލޫމާތުތައް ހާމަކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓީއެފްޖީން މިހާރު ތަފާތު ހަތް ދުވުމުގެ ހަރަކާތް ކޮންމެ އަހަރު ބާއްވަ އެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހު ވަނީ "ކޮކާ ކޯލާ ރަން އިން ލާމު" ބާއްވައިފަ އެވެ. މާޗު މަހު އަންހެނުންނަށް ހާއްސަ ދުވުގެ ހަރަކާތެއް ބާއްވާ އިރު "ކޮކާ ކޯލާ ލޯންގް ރަން" ބޭއްވުމަށް ހަމަޖެހިފައި ވަނީ އޭޕްރީލް މަހު އެވެ. މިއީ ޓީއެފްޖީން އެންމެ ފުރަތަމަ ބޭއްވި ދުވުމުގެ ހަރަކާތެވެ. އެގޮތުން 2013 ވަނަ އަހަރު ފެށިގެން ކޮންމެ އަހަރު މި ހަރަކާތް އަންނަނީ ބާއްވަމުންނެވެ.
ޓީއެފްޖީން މިއަދު ބޭއްވި ހަރަކާތުގައި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތައްޔިބު (ވ) ހަނދާނީ ލިޔުމެއް ހަވާލުކޮށްދެއްވަނީ. --މިހާރު ފޮޓޯ:ނިޝާން އަލީ
މީގެ އިތުރުން މޭ މަހު "ބީއެމްއެލް ވައު ކިޑްސް ރަން" ބޭއްވުމަށް ހަމަޖެހިފައިވާ އިރު ޖުލައި މަހު ކަލަ ރަން ބޭއްވުމަށް ހަމަޖެހިފައިވެ އެވެ. އޮގަސްޓް މަހު "ކޮކާ ކޮލާ ރަން އިން އައްޑޫ" ބާއްވާ އިރު ނޮވެމްބަރު މަހު "ބޮޑު ހާފް" ގެ ނަމުގައި ވެސް ދުވުމެއް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.
ކޮކާ ކޯލާ ލޯންގް ރަން ބާއްވަނީ އޭޕްރީލް 19 ގަ އެވެ. މި ދުވުމުގެ ހަރަކާތުގައި 2000 މީހުން ބައިވެރިވާނެ ކަމަށް ބެލެވޭ ކަމަށް ޓީއެފްޖީން ބުނެ އެވެ. މި ދުވުމުގައި މެރެތަން އާއި ހާފް މެރެތަންގެ އިތުރުން 10 ކިލޯމީޓަރުގެ ދުވުމާއި ފަސް ކިލޯ މީޓަރަށް ދުވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ދުވުމުގައި ބައިވެރިވުމަށް ހާއްސަ ޓްރެއިނިންނެއް ވެސް ޓީއެފްޖީން ބާއްވަ އެވެ. މި ޓްރެއިނިންގައި 600 މީހުންނަށް ބައިވެރިވެވޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާރަނގާ - އައްޑޫ ސިޓީ
30 January 2019
މިނިސްޓްރީއަކުންއިއްޔެބުނި “ސިއްހަތަށް ގެއްލުންވާތީ” ސިނގިރޭޓާއިދެކޮޅަށްކެމްޕޭނެއްފައްޓާ ކަސްޓަމްސްޑިއުޓީ ރިވައިސްކުރާނެވާހަކަ. * * މިއަދުމިފެނުނީ ދައުލަތުގެކުންފުންޏަކުން ވޯލްޑް ބެސްޓް ޓްރެވަލް ޑެސްޓިނޭޝަން އިސްތިހާރުކުރުމުގެބޭނުމުގައިކަމަށްބުނެ ސިއްހަތަށްރަނގަޅުނޫންބުއިމެއްކަމުގައިވާ Coca Cola އާއިއެކުއެއްބަސްވުމެއްހެދިތަން. * * އިސްތިހާރުވަނީ މޯލްޑިވްސް ތޯ Coca Cola ތޯ؟ މޯލްޑިވްސް އިސްތިހާރުވާނަމަ ތިތަނުގައިތިބި 2 މީހުންވެސްއިސްތިހާރުވެއްޖެ.
ހެލްތޭ
30 January 2019
ކޯކާކޯލާ ބޮއެގެން ދުވަން އަދި ދުވެ ނިންމާފަވެސް ބޯންވީ. އޭރުން އޮންނާނީ ދުޅަހެޔޮ ސިއްހަތެއް ލިބިފައި. ސިއްހަތަށް ފައިދާހުރި ކަންކަން ސްޕޮންސަރ މިކުރަނީ ސިއްހަތަށް ގެއްލުންހުރިކަންކަމަށް މަގުފަހިކުރާ ކުންފުނިތަކުން.