ރިޔާޒް ޖުމްހޫރީ ޕާޓީން ބޭއްވި ޖަލްސާއެއްގައި-- ފޮޓޯ: މިހާރު
30 ޖެނުއަރީ 2019 - 13:03
ތ. މޭވަންޑޫގައި ސަރުކާރުގެ ބަޖެޓުން އަޅާ ފުޓްސަލް ދަނޑު ހަދަނީ އެ ރަށް ހިމެނޭ ތިމަރަފުށީ ދާއިރާގެ މަޖިލިސް ގޮނޑިއަށް މިފަހަރު ވާދަކުރައްވާ އަބްދުﷲ ރިޔާޒު ކަމަށް ދޭހަވާ ގޮތަށް ކެމްޕެއިން ކުރާ މައްސަލައެއް އޭސީސީން ބަލަން ފަށައިފި އެވެ.
ކުރީ ސަރުކާރުން ވޭމަންޑޫގައި ފުޓްސަލް ދަނޑެއް އަޅަން އެމްއާރުޑީސީއާ 2016 ގައި ހަވާލުކުރިޔަސް އެ ކުންފުނި އުވާލުމުން އެ މަސައްކަތާ ހަވާލުވީ އެފްއޭއެމުންނެވެ. އެ އެސޯސިއޭޝަނުން އެ މަސައްކަތް ވަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ނުގާ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފަ އެވެ. ދަނޑު ހަދަން ބޭނުންވާ ހުރިހާ ސާމާނެއް އެ ރަށަށް ގެންގޮސްފައި ވިޔަސް، މަސައްކަތް އަދި ނުނިމެ އެވެ.
ސަރުކާރުން އެ ރަށުގައި އަޅަން ނިންމީ 97 ފޫޓް ދިގު އަދި 76 ފޫޓް ފުޅާ ދަނޑެކެވެ. ނަމަވެސް ރިޔާޒު ފައުންޑޭޝަނުން މިހާރު ވަނީ އެ ދަނޑު 116 ފޫޓް ދިގު އަދި 82 ފޫޓް ފުޅާކުރަން ނިންމައިފަ އެވެ. ދަނޑު ބޮޑުކުރުމުގެ މަސައްކަތަށް ހޭދަވާ 231،900ރ. ދެނީ ރިޔާޒް ފައުންޑޭޝަނުންނެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ އެއީ ކުރިން ބަޔަކާ ހަވާލުކޮށްފައި މަސައްކަތެއް ނަމަވެސް އެ މަޝްރޫއު ހިންގަނީ މިހާރު ކުރިމަތިލައްވާ ކެންޑިޑޭޓެއްގެ ފަރާތުން ކަމަށް ދޭހަވާ ގޮތަށް އަމަލު ކޮށްފައިވާ ކަމަށް ބުނެ ކޮމިޝަނަށް ޝަކުވާ ލިބިފައިވާ ކަމަށެވެ.
އެ މައްސަލަ ހުށައެޅީ، "މިހާރު" އަށް އެނގިފައިވާ ގޮތުގައި، ރިޔާޒާ ވާދަކުރަައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަދި މިހާރު ވެސް އެ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާގެ ކެމްޕެއިންގެ ފަރާތުންނެވެ.
"އެ ދާއިރާއަށް ކުރިމަތިލައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ކެންޑިޑޭޓަކު ކޮށްދެއްވާ ކަމެއްގެ ގޮތުގައި އެކަން ދައްކާފައި ވާކަމުގެ މައުލޫމާތު އަޅުގަނޑުމެންނަށް ލިބިފައިވަނީ. އެއީ އިންތިޚާބަށް ނުފޫޒު ފޯރުވޭނެ ކަމަކަށް ވާތީ އެކަން ބަލަމުން މިދަނީ. އަދި ގޮތެއް ނުނިމޭ،" ރިޔާޒުގެ ނަން ވިދާޅުނުވެ، ލުތުފީ ތަފްސީލު ދެއްވި އެވެ.
ސަރުކާރު ކޯލިޝަންގެ ޕާޓްނަރެއް ކަމަށްވާ، ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ތިމަރަފުށީ ދާއިރާއަށް ވާދަކުރައްވާ ރިޔާޒު ވިދާޅުވީ ފުޓްސަލް ދަނޑު ފުރިހަމަ ކޮށްދިނުމަށްޓަކައި އެރަށުގެ ރައްޔިތުން އެދޭ ގޮތަށް ކަންތައްތަކެއް، އޭނާގެ ފައުންޑޭޝަނުން ކޮށްދޭ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
މުސްތަފާ ވިދާޅުވީ އެއީ ޔޫތު މިނިސްޓްރީން ކުރާ މަސައްކަތަކަށް ވާއިރު، ރިޔާޒު އަމިއްލަ ގޮތުން އެކަމުގެ ތެރެއަށް މި ދަނޑިވަޅުގައި ވެންނެވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.
"އެއީ ސަރުކާރުގެ ޕްރޮޖެކްޓެއް. ސާމާނު ފޮނުވާފައި ހުރި. މި ދަނޑިވަޅުގައި ޚާއްސަކޮށް ސަރުކާރުގެ މަސައްކަތެއް ނިންމައި ދިނުމަށް އަޅުގަނޑު އަމިއްލަ އަށް ހޭދަކުރުމަކީ ނުފޫޒު ފޯރުވުން ކަމަށް ބެލެވޭނެ،" މުސްތަފާ ވިދާޅުވި އެވެ.
"އެއީ ސީދާ ކެމްޕެއިނަށް ނުފޫޒު ފޯރުވުން ކަމަށް ބެލެވޭނެތީ އަޅުގަނޑު މި ހުރީ ދުރުގައި."
އެކަމަކު ވޭމަންޑޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ފަތުހީ ވިދާޅުވީ އެ ދަނޑުގެ މަސައްކަތް ރިޔާޒު ކޮށްދެއްވަނީ ނުފޫޒު ފޯރުއްވަން ނޫން ކަމަށެވެ. އެ މަސައްކަތް އަވަހަށް ނިންމޭނެ ގޮތެއް ހަމަޖައްސައި ދިނުމަށް މުސްތަފާގެ އަރިހުގައި ވެސް ތަކުރާރުކޮށް އެދުނު ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ފަތުހީ ވިދާޅުވީ މުސްތަފާއަށް އެކަން ނުކޮށްދެއްވުނު ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެޔޮއެދޭ ފަރޭ
30 January 2019
ރިޔާޒް ގެ ކެނޑިޑޭޓް ނަމްބަރެއް މުސްތަފާބެ އަޅެ ބުނެދީބަލަ؟ އެހެންވެ ބުނަނީ އީސީއަށްވުރެ ތިމާ ދޮށި ތިވީ ކުކުޅަށްވުރެ ބިސްދޮށިވާހެން . އަދި މިހާރު ތިވީގޮތުން ވޭމަންޑުން ވޯޓްދޭން ތިބި ދެތިން މީހުންވެސް ތިޔަ ރުޅި އަރުވާލީ.
ޝޮނނ
30 January 2019
ތިޔަ ފައުންޑޭޝަނުން ދަނޑުން އިތުރުވާ ބައިގެ ފައިސާގެ އިތުރަށް އިތުރުކުރާ ބައި ބެލެހެއްޓުމުގެ ހަރަދުދޭން ވާނެއެވެ.
އަލީމްބެ
30 January 2019
ޖީބުން ހަރަދުކޮށްގެން މަޖިލީހަށް ވަންނަން އުޅޭއިރު މިމީޙުނަށް އެވަރުގެ ބޮޑު މުސާރައެއް ދެނީ ކީއްކުރަން. މުސާރަ 40000 ހާހަށް ހަދަންވީ. އެވެސް ދޭންވާނީ ހާޒިރުވާ ޖަލްސާގެ ނިސްބަތުން. ފަސްއަހަރުގެ ދައުރެއްގަ މުސާރައަށް ލިބޭއަދަދުގެ ދެގުނަ ތިންގުނަ ހަރަދުކޮށްގެން މަޖިލީހަށް މިވަންނަން އުޅެނީ ރައްޔިތުންނަށްޓަކާ!!!!
ރަންރީދޫ ޓްވިޓަރޭ
30 January 2019
ތީ ކީއްކުރާ އޭސީސީ އެއް ރައްޔިތުންގެ ފައިސާ އިސްރާފްވުންނޫން ކަމެއް ތިމީހުން މިވީހާތަނަކަށް ކޮށްފައެއް ނެތް ރަނގަޅަށް ކުރެވުނުއެއްވެސް ކަމެއްނެތް ހުސްބަހަނާ ދައްކާނީ
ލުތުފީ
30 January 2019
ބަލަ ރިޔާޒަކީ އަދި ކެންޑިޑޭޓެއް ނޫނޭ...ރިޔާޒަކީ ކިނބިދޫ ދާއިރާގެ މަޖްލީސް މެމްބަރެވެ.މޮޔަ ވެގެންތަ ތި އުޅެނީ؟
ޙަބީބު
30 January 2019
މިހާރުމިއޮތީ އެމްޑީޕީ ވެރިކަމެއް މިވެރިކަމުގަ ކަމެއް ހާސިލުކުރެވޭނީ ރައްޔިތުންގެ ބޯހުރެގެން ސަރުކާރު ހިންގާމީހުންނައް ގޮނޑިދީގެން ނޫނީ ރަށުގެ އެއްކަމެއްވެސް ނުވާނެ ބޭނުންވަނީ ޒުވާންދޫހެލޭ ރަށުގެ ހާލަތު ހިފައިގެން އަމިއްލައެދުމެއްނެތި މަސަތްކަތްކުރާނެ ދަރިޔެއް މުސްތޮފާމެން ރިޔާޒުމެން މިހާރަކައް ކަމަކުނުދޭ
ނާދޫ
30 January 2019
ތިމަރަފުށީ ދާއިރާޔަށް މީހަކު ކުރިމަތިލަައިރަކަށް މުސްތަފާޔަށް މިއޮއްވާވަރެއްތާދޯ ؟؟؟މި ހީވަނީ ތަރިކަ މުދާގަނޑެއްހެން !!!!
Thanos
30 January 2019
ބަލަގަ އެއީ ޒުވާނުންގެ އެދުމަށް ކޮށްދިން ކަމެއް، ދަނޑު ބޮޑު ކޮށްދޭން އެދުނީ، އެކަމަށް އެކަނި ރިޔާޒް އެހީ ވަނީ... މުސްތަފާ އަތަށް ގޮވީ މިކަން ކޮށްގެން.، ވޭމަންޑުން އޮތް ތާއީދު ވަރަށް ބޮޑަށް ކުޑަވެއްޖެ... #ހަޖަމްނުވިފުޓްސެލްދަނޑު
އަހްމަދު
30 January 2019
މުސްތަފާއަށް ކަމެއްނުވީމަ ހަޖަމް ނުވެގެން އެއުޅެނީ. އަބްދުﷲ ރިޔާޒް ޒުވާނުންގެ އަޑުއަހާ އެޒުވާނުންނަށް ކަމެއް ފަސޭހަކޮށްދިނީމަ އެކަން ހަޖަމް ނުވާނެތާދޯ؟
ާއަލީ އަނީސް
30 January 2019
މުސްތަފާ މޮޔަވީތަ؟